އިމްތިޔާޒުގެ މައްސަލައިގައި ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އަމަލު ކުރެއްވި ގޮތަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީ (241 ކޮމެޓީ) ގެ މުގައްރިރު، ހިތަދޫ ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ފާޑުވިދާޅުވެއްޖެ އެވެ.
ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް މައްސަލައެއް ހުށަހަޅުއްވާފަ އެވެ. އެއީ، އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އަންގައި، ފޮނުވި ސިޓީއާ ގުޅިގެންނެވެ. އެ ސިޓީގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޒަމީލެވެ.
އެހެން ނަމަވެސް އެ ކޮމެޓީގެ ފަރާތުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮމެޓީގެ މުގައްރިރު އަދި ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމް ވިދާޅުވީ، ކޮމެޓީއަށް ހާޒިރު ކުރުމަށް މިހާތަނަށް މަސައްކަތް ކުރެއްވި ހުރިހާ ފަރާތަކުން ހާޒިރުވެފައިވާ ކަމަށާއި އެއްވެސް ފަރާތަކުން އެ މަސައްކަތަށް އެއްބާރުލުން ނުދެއްވަން އުޅުއްވާކަން ފާހަގަވެފައި ނުވާ ކަމަށެވެ.
"އިމްތިޔާޒުގެ މައްސަލައިގެ އިޝޫގައި މިޔަށް ވުރެން ފުޅާ ދާއިރާއެއްގައި މަޖިލީހުގައި ބަހުސް ކުރެވެން ޖެހޭނެ ކަމަށް އަޅުގަނޑު ދެކެނީ. އިމްތިޔާޒަށް އަރައިގަނެފި ތޯ ނުވަތަ ނޫން ތޯ އިމްތިޔާޒުގެ މައްސައެއް އެބައޮތްތޯ ނުވަތަ ނޫން ތޯ މިއަށް ވުރެން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެވިގެން ކަމުގައި އަޅުގަނޑަށް ގަބޫލު ކުރެވެނީ،" އަސްލަމް ވިދާޅުވި އެވެ.
ކޮމެޓީތަކަށް މައްސަލަ ހުށަހަޅަން ޖެހޭ ތަރުތީބާއި އުސޫލަށް ހުރިހާ ފަރާތްތަކުން ވެސް އަމަލު ކުރަން ޖެހޭނެ ކަން ފާހަގަކުރައްވައި އަސްލަމް ވިދާޅުވީ، ކުއްލިއަކަށް ދަންވަރު ކޮމެޓީއެއް ބާއްވައި މައްސަލަ ރައްދު ވަނީ ކޮން ފަރާތަކަށް ކަން ރަނގަޅަށް ނުބަލައި ގޮތް ނިންމުމަކީ ކުރަވިގެން ވާނެ ކަމެއް ނޫން ކަމަށެވެ.
"އިމްތިޔާޒުގެ މައްސަލައެއް އޮތް ކަމަކަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީއަކުން އަދި ފާހަގަކޮށަފައެއް ނުވެއް ވޭ. އަދި ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމެޓީން އެފަދަ ހުށަހެޅުމެއް ވެސް އެހެން ކޮމެޓީއަކަށް ފޮނުއްވުމަށް ވެސް މި ހިސާބަށް ނިންމާފައެއް ނުވޭ," އަސްލަމް ވިދާޅުވި އެވެ.
އަސްލަމް އެހެން ވިދާޅުވެފައިވާއިރު، ރައީސް ނަޝީދު ހުށަހެޅުއްވި އެ މައްސަލަ އިމްތިޔާޒު ކޮމެޓީން ރޭ ވަނީ ބޭރުކޮށްލާފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު