ވަކި ވަކި ސިފައިން ރައްޔިތުންގެ މަޖިލީހަށް ހާޒިރު ކުރުމަށް މަސައްކަތް ކުރާތީ ސިފައިން ކަންބޮޑު ވާ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު އަވަހާރަ ކޮށްލަން ޓެރަރިސްޓު ހަމަލާ ދިން އިރު، އެމަނިކުފާނަށް ދެމުންދިޔަ ސެކިއުރިޓީ ފޫދިޔަ ގޮތުގެ ޕާލިމަންޓަރީ އިންކުއަރީ އަށް ވަކިވަކި ސިފައިން ހާޒިރު ނުކުރެވޭނެ ކަމަށް އެމްއެންޑީއެފުން މީގެ ކުރިން ވަނީ ބުނެފަ އެވެ.
ރާއްޖެޓީވީގެ ޕްރޮގްރާމެއްގައި ރޭ ވާހަކަ ދައްކަވަމުން މިނިސްޓަރު މާރިޔާ ވިދާޅުވީ، ރައްޔިތުންގެ މަޖިލީހަށް ސަފައިންގެ ފަރާތުން ފުރިހަމައަށް އެއްބާރުލުން ދެއްވާނެ ކަމަށާއި އެކަމަކީ ގާނޫނުގެ ތެރެއިން ޑިފެންސް މިނިސްޓަރަށް މަތިކޮށްފައިވާ މަސްއޫލިއްޔަތެއް ކަމަށެވެ.
"އަޅުގަނޑަށް އަދި އަންގާފައެއް ނުވޭ ދިއުމަކަށް. އެހެން ނަމަވެސް އަޅުގަނޑަށް އަންގައިފި ކަމުގައިވަނީ ނަމަ އަޅުގަނޑު ދާނަން. އެއީ އަޅުގަނޑަށް ހަމަ ގާނޫނީ މަސްއޫލިއްޔަތެއް އަދި އަޅުގަނޑުގެ ގާނޫނީ ވާޖިބުވެސް މެ. އަޅުގަނޑަކީ ރައްޔިތުންގެ މަޖިލީހުގައި އައްސަވާ ކޮންމެ ސުވާލަކަށް ޖަވާބުދޭ ގޮތަށް ހުންނާނެ މީހެއް ވެސް މެ،" މިނިސްޓަރު މާރިޔާ ވިދާޅުވި އެވެ.
މަޖިލީހުން އިންކުއެރީއެއް ހަދަން ނިންމި ހިސާބުން އެކަމަށް މަރުހަބާ ވިދާޅުވެފައިވާނެ ކަން މިނިސްޓަރު މާރިޔާ ފާހަގަކުރެއްވި އެވެ. އަދި ވިދާޅުވީ، މަޖިލީހުން ދެއްވާ ރިކޮމެންޑޭޝަނާއި އިރުޝާދުތައް ތަންފީޒު ކުރައްވާނެ ކަމަށެވެ.
"އެ ބޭފުޅުން މި ވިދާޅުވަނީ އެ ބޭފުޅުންގެ ލަފާދޭ މަޖިލީހުން އެމީހުންގެ ވަކިވަކި މީހުންނަށް ނަން ޖަހާފައި ސިއްރު ޖަހާފައި ސިޓީއަކުން އެމީހުން ރައްޔިތުންގެ މަޖިލީހަށް ހާޒިރުވާން އަންގައިފިކަމުގައި ވަންޏާ މި ކުދިން އެބަ ކަންބޮޑުވުމާއި އެކީގައި އާދޭ،" މާރިޔާ ވިދާޅުވި އެވެ.
އެކަމުގެ ކަންބޮޑުވުން ސިފައިން އުފުލާފައިވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ހުރިހާ ޖެނަރަލުންނާއި ކާނަލުން ހިމެނޭ ގޮތަށް ސިފައިންގެ އެންމެ މަތީ ފަންތީގައި ތިއްބަވާ ބޭފުޅުން ހިމެނޭ ސިފައިންގެ ލަފާދޭ މަޖިލީހުން ނިންމާފައިވަނީ އެކަމުގައި ޖަވާބުދާރީ ވާނީ ވަކިވަކި ސިފައިންގެ ބަދަލުގައި މުޅި މުއައްސަސާ ކަމަށް ކަމަށެވެ.
"ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާގައި އެބަ ބުނޭ ސިފައިންނަށް ލިބިފައިވާ މައުލޫމާތެއް ހާމަކުރަން ވާނީ ހަމައެކަނި ސިފައިންނަށާއި ސިފައިންގެ ލީޑާރޝިޕަޝާއި މިނިސްޓަރަށާއި ނެޝަނަލް ސެކިއުރިޓީ ކައުންސިލަށާއި ރައިސުލްޖުމްހޫރިއްޔާއަށް ކަމަށް. އެހެން އެކަން އޮންނައިރު އަދި މަޖިލީހުން ވެސް ހަމަ ވަރަށް ފަހުން ބަޔާނެއް ނެރުއްވައި ސިފައިންގެ ގާނޫނުގެ 24 ވަނަ މާއްދާ ފާހަގަކުރައްވާފައިވާއިރު އެކުދިންނަށް އަމިއްލަ ފަރުދެއްގެ ގޮތުން ސިއްރު ޖަހާފައި އަންނަ ސިޓީއެއްގައި ރައްޔިތުންގެ މަޖިލީހަށް ހާޒިރު ވެ އެކުދިން ފަރުދީ ގޮތުން ޖަވާބުދާރީވުން އެއީ އެމީހުނަށް ފެންނަ ގޮތުގައި ގާނޫނީ ކުށަކަށް ވެދާނެތީ އެކުދިން ސިފައިންގެ ލީޑާޝިޕަގެ ފަރާތުން ލަފައެއް ބޭނުންވީ މިކަމުގައި އަމަލުކުރާނެ،" މާރިޔާ ވިދާޅުވި އެވެ.
ދިވެހި އަސްކަރިއްޔާ އަކީ 129 އަހަރުވީ އަސްކަރިއްޔާއެއްކަން ފާހަގަކުރައްވައި މިނިސްޓަރު މާރިޔާ ވިދާޅުވީ، އެތަނުގައި ރަނގަޅު ކުރަން ހުރި ކަންކަން ރިކޮމެންޑޭޝަނެއްގެ ގޮތުގައި މީގެ ކުރިން ވެސް މަޖިލީހުން ވަނީ ފޮނުވާފައިވާ ކަމަށާއި އަދި އެކަންތައްތައް ރަނގަޅު ކޮށްފައި ވާނެ ކަމަށެވެ. އަދި ދެންވެސް އެގޮތަށް ފޮނުވާ ރިކޮމެންޑޭޝަންތަކަށް އިޖާބަދެއްވާނެ ކަމަށް އެކަމަނާ ވިދާޅުވި އެވެ.
"މުއައްސަސާގެ ފަރާތުން މުއައްސަސާއަށް ހާޒިރުވާން އަންގައިފި ކަމުގައި ވަނީ ނަމަ މުއައްސަސާއިން ފުރިހަމައަށް ޖަވާބުދާރީ ވާނެ ކަން ހަމަ އަބަދުވެސް ދަންނަވަމުން ދިޔައީ،" މާރިޔާ ވިދާޅުވި އެވެ.
ޚަބަރު
ޚަބަރު
ޚަބަރު