ދިލިޕް ކުމާރުގެ ހާލު ބޮޑުވެ ހޮސްޕިޓަލުގައި ފަރުވާ ދޭން ފަށައިފިއެވެ.

ބޮލީވުޑުގެ ދުވަސްވީ އެއް ފިލްމީ ތަރި 98 އަހަރުގެ ދިލިޕް ކުމާރުގެ ހާލު ބޮޑު ވެ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އޭނާގެ ރަސްމީ ޓުވިޓާ އެކައުންޓުގައި އެވާހަކަ ހިއްސާކޮށް އިއްޔެވަނީ ޓުވީޓެއް ކޮށްފައެވެ.

ނޭވާލާން އުނދަގޫ ވެ ހާލު ބޮޑުވެގެން މުމްބާއީގެ ހިންދޫޖާ ހޮސްޕިޓަލުގައި އެނދުމަތިކޮށްފައިވާއިރު ދިލިޕަށް ފަރުވާ ދެމުން އަންނަނީ ކޮވިޑު ބަލިމީހެއްގެ ގޮތުގައެއް ނޫނެވެ. ނޭވާއަށް އުނދަގޫ ވާ މައްސަލަ ކޮންމެވެސް ވަރަކަށް ހުންނަ ދިލިޕުގެ ޓެސްޓުތައް ހަދައި ނަތީޖާގެ އިންތިޒާރުގައި ތިބި ކަމަށާއި އޭނާއަށް ހެޔޮ ދުއާ ކޮށްދިނުމަށް ދިލިޕުގެ އަންހެނުން އަދި ކުރީގެ ފިލްމީ ތަރި ސާއިރާ ބާނޫ ވަނީ އެދިފައެވެ.