ޑިފެންސް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު ހަސަން ޒަމީލް، ރައްޔިތުންގެ މަޖިލީހުގެ އިމްތިޔާޒަށް އަރައިގަތް ކަމަށް ވިދާޅުވެ، މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އިމްތިޔާޒާއި ސުލޫކު ކޮމިޓީއަށް ހުށަހެޅުއްވި މައްސަލަ ބޭރުކޮށްލައިފިއެވެ.

އިމްތިޔާޒު ކޮމިޓީއަށް ނަޝީދު އެ މައްސަލަ ހުށަހެޅުއްވީ އެމަނިކުފާނު އަވަހާރަކޮށްލުމަށް ދިން ޓެރަރިސްޓް ހަމަލާއާ ގުޅިގެން މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ކުރިއަށްގެންދާ އިންކުއަރީއަށް ވަކިވަކި ސިފައިން ހާޒިރުނުކުރެވޭނެ ކަމަށް އަންގައި، ފޮނުވި ސިޓީއާ ގުޅިގެންނެވެ. އެ ސިޓީގައި ޑިފެންސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޒަމީލެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި މިރޭ ބޭއްވި ބައްދަލުވުމުގައި އިމްތިޔާޒު ކޮމިޓީން އެ މައްސަލަ ބަލަން ނުފެންނަ ކަމަށް ދަނގެތި ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (ކާނަލް ނާޒިމް) ވަނީ ހުށަހަޅުއްވައިފައެވެ. ކޮމިޓީ ބައްދަލުވުމުގައި ނާޒިމް ވިދާޅުވެފައިވާ ގޮތުގައި އެ މައްސަލައަކީ އިމްތިޔާޒާއި ސުލޫކާ ގުޅޭ މައްސަލައެއް ނޫނެވެ.

ކާނަލް ނާޒިމްގެ އެ ހުށަހެޅުމަށް ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު ފިޔަވައި، އެހެން ހުރިހާ މެންބަރުން ވަނީ ތާއީދުކުރައްވައިފައެވެ. އޭގެ ތެރޭގައި އެމްޑީޕީއަށް ނިސްބަތްވާ މަޖިލިސް މެންބަރުން ވެސް ހިމެނެއެވެ.

ބައްދަލުވުމުގައި ކޮމިޓީ މެންބަރުން ފާހަގަކުރައްވާފައިވަނީ އެ މައްސަލައަކީ ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން ބަލަމުން އަންނަ މައްސަލައަކަށްވެފައި، އެއީ އިމްތިޔާޒު ކޮމިޓީގެ މެންޑޭޓުގެ ތެރޭގައި ހިމެނޭ މައްސަލައެއް ވެސް ނޫން ކަމަށެވެ.

މަޖިލީހުގެ އިމްތިޔާޒާއި ހުރުމަތާއި ގަދަރަށް އަރައިގެންފައިވާ ކަމަށް ބުނެ ޑިފެންސް މިނިސްޓްރީގެ ނައިބު ހަސަން ޒަމީލުގެ މައްޗަށް ޖިނާއީ ދައުވާކޮށްދޭން މަޖިލީހުން ވަނީ ޕްރޮސިކިއުޓާ ޖެނަރަލް (ޕީޖީ)ގެ އޮފީހުގައި ވެސް އެދިފައެވެ. ނަމަވެސް އެ މައްސަލައިގައި ޕީޖީ އޮފީހުން ދައުވާކުރުމަށް ނިންމިކަން އަދި ކަށަވަރުވެފައެއް ނުވެއެވެ.