"އަހަރެން ބޭނުމެއްނޫން މި މައްސަލައިގައި ދައުވާ ކުރާކަށް" ވިއާން ބުނެލިއެވެ. ވިއާންގެ ބޮލާ ދިމާލުން ސްވިޗްތަކާ ދިމާލަށް އުފުލައިލި އަތް ތިރިކޮށްލަން ޖެހުނީ ލިބުނު ހައިރާންކަމަކުންނެވެ. ވިއާންގެ މޫނަށް ބަލައިލެވުނީ ހިތުގައި އުފެދުނު ސުވާލަކުންނެވެ. މިހުރިހާއިރު ވިއާންގެ ފިކުރުތަކާ ގުޅިފައިވީ ކޮންކަމެއްކަން އަހަރެންނަށް ވިސްނުނެވެ.

"ކީކޭ ތިބުނީ؟" އަހަރެން އެހީމެވެ.

"އާދެބަލަ. މިތަނުގައި އިށީނދެބަލަ" އަހަރެންގެ އަތުގައި ހިފަމުން ވިއާން ބުނެލިއެވެ. ކުޑަކޮށް އެއްފަރާތަކަށް ޖެހިލާފައި އެނދުން ބައެއް އަހަރެން އިށީންނަން ދެއްކިއެވެ.

"ކީއްވެ ތިހެން ތިބުނީ؟ ނުބުނާތި އެއީ ކޮއްކޮއަށް ވީމައޭ. އަހަރެން އަޑުއަހާކަށް ބޭނުމެއްނޫން" އަހަރެން ވާހަކަދެއްކީމެވެ.

"ރަނގަޅަށް ތިބުނީ. އަހަރެންނަށް އިނގޭ ޒިޔާން ކުރީ ބޮޑު ފާފައެއްކަން. އެއްވެސް ނަފްސެއް މަރައިލުުގެ ހައްގެއް އެއްވެސް އިންސާނަކަށް ނެތްކަން. އެކަމަކު އެއީ އަހަރެންގެ ކޮއްކޮ. އެކަން އަހަރެން ކިހިނެއް ބަދަލުކުރާނީ؟" ވިއާން ވާހަކަދެއްކިއެވެ.

"ވިއާންގެ ތި ވިސްނުން ކަމަކުނުދޭ. ފުލުހުންގެ ބެލުމުގެ ދަށަށް އޭނަ ގެންދަނީ މަރާލާކަށްނޫނޭ. ކުރި ކުށުގެ އަދަބުދޭން. އާޚިރަތުގެ އަޒާބު އޭނާއަށް ލުއިވާނީ ކުރި ފާފައަށް މިދުނިޔެމަތީގައި އަދަބު ލިބިގަނެގެން" އަހަރެން ބުނީމެވެ.

"އެހެންވިޔަސް. އަހަރެން ދައުވާއެއް ނުކުރާނަން. އަހަރެން ޒިޔާނަށް މަޢާފްކޮށްފިން" ވިއާން ބުނެލިއެވެ.

"ތި ވިސްނުން ރަނގަޅެއްނޫން. މަޢާފްދީފަ އޭނަ މުޖްތަމަޢަށް ދޫކޮށްލިއްޔާ ދެން ނޭނގެ ކާކު ކަމެއްވެސް އޭނަގެ އަތްދަށުވާނީ. އެންމެ ފުރަތަމަ އެނިކުތީ ތިމާގެ ލެއިން އުފަންވެފައި ހުރި ބޭބެ މަރައިލަން. ވިސްނަބަ ދުރުހިލޭ މީހަކު މަރައިލަން އޭނައަށް އުނދަގުވާނެތަ؟ އޭނަ ދޫކޮށްލާފަ ހުރިއްޔާ ދުވަހަކުވެސް އަހަރެންނަށް މިނިވަންކަންމަތީގައި ނޫޅެވޭނެ. ދުނިޔެއަށް ނޭވާލާހާ ހިނދެއްގައި ހުންނަންޖެހޭނީ ސިހިސިހި" އަހަރެން ވާހަކަދެއްކީމެވެ.

"މަލް ތިދައްކާ ވާހަކަތައް އަހަރެން ދޮގެއް ނުކުރާނަން. އެކަމަކު... އަހަރެން ޒިޔާން ރަނގަޅުކުރަން ބޭނުން. އަހަރެންނަށް އިނގޭ މަންމަވެސް ބޭނުންވާނީ މިގޮތްކަން" ވިއާން ވާހަކަދެއްކިއެވެ. ވިއާންގެ ވިސްނުން ބަދަލުނުކުރާނެކަން އަހަރެންނަށް އިނގެއެވެ. އެނދުން ތެދުވެގެން އަހަރެން ވިއާނާ ދުރަށް ހިނގައިގަތީ ހިތްހަމަނުޖެހިފައި ހުރި ވަރުންނެވެ.

"މަންމަވެސް މާމަވެސް ބޭނުންވާނީ ކުއްވެރިޔާއަށް އަދަބު ލިބެން. އަނެއްކޮޅުން އެ މައްސަލައިގައި ދައުވާނުކޮށް ވިއާން ދޫކޮށްލިޔަސް ދައުލަތުން ދައުވާކުރާނެ. ހަގީގީ ކުއްވެރިޔަކީ ޒިޔާންކަން މިއަދު ސިއްރުވެފައި އޮތަސް ތަހުގީގު އަދިވެސް ދަނީ ކުރިއަށް. މާދަމާ ނޫނީ އަނެއްދުވަހު ޒިޔާން އިންސާފުގެ ކުރިމައްޗަށް ގެންނާނެ" އަހަރެން ވާހަކަދެއްކީމެވެ. އެހީތެރިޔާއަށް ހާއްސަޮށްފައި ހުރި އެނދުގައި ފޮތިގަނޑު އަޅާލާފައި އަހަރެން އިށީނީމެވެ. ވިއާނަށް ނުބަލަންވެގެން އަހަރެން އިނީ ދުރަށް ނަޒަރު ހުއްޓާލައިގެންނެވެ. އެއްވެސް މީހަކު ދެން ބަހެއް ނުކިޔައެވެ. އެންމެފަހަރަކުވެސް އަހަރެން ވިއާނަށް ބަލައެއްނުލަމެވެ. ވިއާން އަހަރެންނަށް ބަލަމުންދާކަން އަހަރެންނަށް އިހުސާސްވިއެވެ. އިރުކޮޅަކުން ތެދުވެގެން ގޮސް ލައިޓް ނިއްވާލާފައި އެނަދަށް އަރައި އޮށޯވެ އޮތީ ވިއާންގެ އެ ނިންމުމާ މެދު ވިސްނާށެވެ. ކޮންމެގޮތެއްވިޔަސް ވިއާންގެ ބަސްތައް ކަޓުވާލާފައި ޒިޔާންގެ އެއްވެސް މައްސަލައެއް ފުލުހުންނާ ހަމައަށް ގެންދަން އަހަރެން ބޭނުމެއްނުވެއެވެ.

"މަލް،" އިރުގަނޑެއްގެ ހިމޭންކަމަށްފަހު ވިއާންގެ އަޑު އިވުނެވެ.

"ހޫމް" ހަމައެކަނި އަހަރެން ބުނީ އެވަރަށެވެ.

"ނިދީތަ؟" ވިއާން އެހިއެވެ.

"ނިދެނީ..." އަހަރެން ބުނީމެވެ.

"އަހަރެން ވާހަކަދައްކަން ބޭނުން ނިންޖެއްނާދޭ" ވިއާން ބުނެލިއެވެ.

"އަހަރެން ވަރަށް ނިދި އާދޭ އެބަ" އަހަރެން ބުނީމެވެ. ހަމަ ގަސްތުގައި ވިއާނަށް ވާހަކަދައްކަން ފުރުސަތު ދޭން އަހަރެން ބޭނުންނުވީއެވެ.

އަހަރެންނަށް އިނގުނެވެ. އަހަރެން އޮތީ ހިތްހަމަނުޖެހިފައި ކަން އިނގުުން ވިއާނަށް އުނދަގުވަނީއެވެ. އަހަރެންގެ ހިތް ރުއްސަން އޭނާ ބޭނުންވަނީއެވެ. އެހެންވިޔަސް ވިއާން ދެއްކި ވާހަކަތަކަށް ބަދަލުގައި ހީލުމަކުން އަހަރެންނަށް ނިންމައެއް ނުލެވޭނެއެވެ. އަހަރެން އެދެނީ ވިއާންގެ ވިސްނުން ބަދަލުކުރާށެވެ. ޒިޔާނަށް އަދަބު ލިބޭށެވެ. ޒިޔާން މިނިވަނެއް ފަދައިން ދޫވެފައި ހުރެއްޖެނަމަ ވިއާނާއެކު އަހަރެންނަށް އުފާވެރި ހަޔާތެއް ނުލިބޭނެއެވެ. ވިއާންގެ އުނދަގު ކޮންމެވެސް ސިފައެއްގައި އަހަރެމެންގެ ދިރިއުޅުމަށް ފޯރާނެއެވެ. ވިއާން ޖެހޭނީ އެ ވިސްނުން ބަދަލުކުރާށެވެ.

"އަހަރެން ހިތަށް އަރައި އަމިއްލައަށް ތެދުވެގެން ގޮނޑިއަށް އަރައިގެން މަލް ތިއޮތްހިސާބަށް ދެވޭނެ ނަމައޭ" ހިނދުކޮޅެއް ފަހުން އަނެއްކާވެސް ވިއާން ބުނެލިއެވެ. އަހަރެން ހަމަ ބަހެއްވެސް ނުކިޔާ އޮތީއެވެ. އެންމެފަހުން އަހަރެމެން ދެމީހުން ކުރެ ކުރިން ނިދުނީ ކާކަށް ކަމެއްވެސް ނޭނގެއެވެ.

ފަތިސްނަމާދުކޮށް ނިމުނުތަނާ ވިއާން ހޭލައިފިއެވެ.

"ފާހާނާއަށް ދާން" ވިއާން ބުނެލިއެވެ. އަހަރެން ވިއާނާ ގާތަށް ޖެހިލާފައި އެނދުން ފައިބަން ވިއާނަށް އެހީތެރިވެދިނީމެވެ. މަޑުމަޑުން ވިއާން ގޮވައިގެން ފާހާނާ އާ ދިމާލަށް ހިނގައިގަނެފައި ބަލައިލެވުނީ އެނދުމަތީގައި އޮތް އަހަރެންގެ ފޯނަށެވެ. ރިންގުވާ އަޑު ނީވުނަސް ފޯނު ދިއްލިފައި އޮތުމުން އެއަށް މީހަކު ގުޅާކަން އިނގުނެވެ. ވިއާން ފާހާނާއިގައި ބަހައްޓާފައި ކުޑަކޮށް ދޮރު ކައިރިކޮށްލުމަށްފަހު އަހަރެން އައިސް ފޯނު ބަލައިލިއިރު ގުޅަނީ މާމައެވެ. ވަގުތުން އަހަރެން ފޯނު ނަގާފައި ކަންފަތުގައި ޖެހީމެވެ.

"ހޭލާތަ؟ ނަމާދު ކުރިންތަ؟" މާމަ އެހިއެވެ.

"ލައްބަ. ނަމާދުކުރިން" އަހަރެން ބުނީމެވެ.

"ވިއާން ކޮބާ؟ އެސޮރު ކައިރީގައި ބުނާތި ނަމާދުކުރާށޭ. ތިކުދިންގެ މަންމަ ތައްޔާރުއެބަވޭ ދާން. މާމަ ދާނީ މަލް ގެއަށް އައިމަ" މާމަ ބުނެލިއެވެ.

ވިއާން ފާހާނައިން ނިކުތީ އަހަރެން މާމަގެ ފޯނު ބެއްވިތަނާއެވެ. އަހަރެން ގޮސް ވިއާންގެ އަތުގައި ހިފަން އުޅުމުން ވިއާން އަހަރެންނަށް ބަލައިލިއެވެ.

"ނަމާދުކުރަން ބޭނުމީ" ވިއާން ބުނެލިއެވެ. އަހަރެން ވިއާން އެނދު ކައިރީގައި ކޮޅަށް ބަހައްޓާފައި އޭނައަށް ނަމާދުކުރެވޭނެ ގޮތަށް ގޮނޑި ތައްޔާރުކޮށްލަދީފައި، ވިއާން ގޮނޑީގައި އިށީންނަންދެން މަޑުކޮށްލައިގެން ހުރީމެވެ. ވިއާން ނަމާދުކުރަންދެން އެނދުގައި އިނދެފައިވެސް އަހަރެންނަށް އިރުކޮޅަކާ ވިއާންގެ ހަރަކާތަށް ބަލައިލެވެއެވެ. ނަމާދުކޮށް ނިމި ދުއާ އަށް އަތް ނެގިފަހުން އިރުތަކެއް ވެއްޖެއެވެ. ފުރަގަހަށް އިން ވިއާނަށް އަހަރެންނަށް ބަލަހައްޓައިގެން އިނދެވުނުއިރު އަހަރެންގެ ހިތުގައިވީ އެންމެ އެދުމެކެވެ. ހެއްދެވިފަރާތުގެ ހަޒްރަތުން ވިއާން އެދެމުންއެދާ އެދުން ލަހެއްފަހެއް ނުވެ އޭނާއަށް ހިންމަވައިދެއްވުމެވެ.

ރޭގައި ދެކެވުނު ޒިޔާންގެ ވާހަކަތަކަށްފަހު އަހަރެން ވިއާނާ މާގިނައިން ވާހަކައެއް ނުދައްކަމެވެ. އެކަމަކު ވިއާން އަނގަ ހުއްޓައިވެސްނުލައެވެ. އަހަރެން ވާހަކަދެއްކިޔަސް އަދިވެސް ހިތުގައި އެ ހިތްހަމަނުޖެހުން އޮތެވެ.

"މިއަދު ކިހާ އިރަކު އަންނާނީ؟" ވިއާން އެހިއެވެ. ވިއާން އޮށޯވެގެން އޮތްއިރު އަހަރެން އިނީ ވިއާންގެ ބޮލާ ދިމާލުން ހުރި ގޮނޑީގައެވެ. ވިއާންގެ ނަޒަރު އަހަރެންނަށް ހުއްޓިފައި ވިޔަސް އަހަރެންގެ ނަޒަރު ހުއްޓިފައިވަނީ އަތުގައި އޮތް ފޯނަށެވެ.

"ކިހާ އިރަކު އަންނަންވީ؟" އަހަރެން އެހީމެވެ.

"ހާދަ ފާޑަކަށް ތިބުނީ؟ އަދިވެސް ހިތްހަމަނުޖެހިފަތަ؟" ވިއާން އެހިއެވެ.

"ނޫން. އަހަރެން ކިހާއިރަކު އަންނަންވީ؟" އަހަރެން އެހީމެވެ.

"ކައިވެނިކުރާ ގަޑިއަކީ ހަތަރެއް ޖަހާއިރު. އޭގެކުރިން ކޯޓު މީހުން އަންނާނެ. ދެން މަލް އަންނާނެ ގަޑިއެއް މަލް އަމިއްލައަށް ކަނޑައަޅާ" ވިއާން ބުނެލިއެވެ. އަހަރެން ޖަވާބެއް ނުދެމެވެ.

"އަނެއްކާ ހިޔާލު ބަދަލުނުކުރައްޗެ. އަހަރެންނާ ނީންނާނަމޭ ނުބުނައްޗެ. އަހަރެން ބޭނުން ކޮންމެ ހާލެއްގަވެސް މަލް އާ މެރީކުރަން" ވިއާން ބުނެލިއެވެ. އަހަރެންނަށް ވިއާނަށް ބަލައިލެވިއްޖެއެވެ.

"އެހެން ބުނަންޏާ އަހަރެން އެހެން ބުނަންވީ މިއަދުތަ؟ އެވެސް މެރީކުރަން މަދު ވަގުތުކޮޅަކަށް ވީމަތަ؟" އަހަރެންނަށް އެހުނެވެ.

"އަހަރެންނަށް އިނގޭ މަލް އެހެން ނުބުނާނެކަން" ވިއާން ބުނެލިއެވެ.

އެހިސާބަށް ވާހަކަތައް ދިޔަތަނާ ދޮރުހުޅުވާލާފައި އެވަނީ މަންމައެވެ. މަންމަގެ ފަހަތުން ކަހަލަ ގޮތަކަށް ނަރުސް ކުއްޖެއް ވަނެވެ. ސަޔަށްފަހު ވިއާންގެ އެކްސްރޭ މަތިން ހަނދާންކޮށްލަދީފައި ނަރުސްކުއްޖާ ހިނގައްޖެއެވެ.

"މަންމާ! އަޅުގަނޑު ވިއާނަށް ސައި ތައްޔާރުކޮށްލާނަން. މަންމަ ދާންވީނުން މިއަށް މެމޯ ހައްދާލައިގެން އަންނަން" އަހަރެން ބުނީމެވެ.

"އެއީ ތެދެއް. މަންމައަށް އިނގޭތަ! އިއްޔެގަ މަލް މިތަނަށް އައި ގަޑީގަވެސް ކޮއްކޮ މިތަނުން މަލް އާ ދިމާކޮށްލައިފިއެއްނު. އެސޮރު އެ ހުންނަނީ ފުރުސަތަކަށް ބަލަބަލާ. މަލް އެކަނިން ދޫކޮށްލަން އަޅުގަނޑު މިހާރު ވަރަށް ބިރުގަނޭ" ވިއާން ބުނެލިއެވެ. ވިއާން އެހެން ބުނުމުން މަންމަ ހައިރާންކަމާއެކު އަހަރެންނަށް ބަލައިލިއެވެ. އުފުލައިލި އަތްތިލައިން އަހަރެންގެ މޫނުގައި ފިރުމާލައިފިއެވެ. މަންމަގެ ދެލޮލުން ފެނުނީ އަހަރެންނަށްޓަކައި ހަމްދަރުދީއެވެ.

"ދަރިފުޅާ، ވަރަށް ބަލައިގެން އުޅެއްޗެ. މަންމަވެސް ވަރަށް ކަންބޮޑުވޭ ދަރިފުޅާ މެދު. ޒިޔާން މިހާރު އެހުރި ވިސްނުމުގައި ހުރިއްޔާ އަދިވެސް ކިތަންމެ ފަދަ ބޮޑު ނުބަޔެއްވެސް ހަދައިފާނެ. މިހާރަކު އޭނަ ޖެހިލުންވާނެ ކަމެއް ނޯންނާނެ. ޔާ ﷲ ، މިއަޅާގެ ކުޑަދަރިފުޅަށް ހެޔޮ ވިސްނުން ދެއްވާށި" މަންމަ އަސަރާއެކު ވާހަކަދެއްކިއެވެ.

"މަންމަ ހާސްނުވޭ. އެއްވެސް ކަމެއް ގޯހެއްނުވާނެ. ގޯސްވާނީ އަދިވެސް މުޖްތަމައު ތެރެއަށް އޭނަ ދޫކޮށްލާފަ ބަހައްޓައިފިނަމަ. ވިއާން ބޭނުންވަނީ އަދިވެސް ޒިޔާނަށް އެފުރުސަތު ދޭން" އަހަރެންނަށް ބުނެވުނެވެ. އެހިނދު މަންމަ ވިއާނަށް ބަލައިލިއެވެ. އަހަރެމެން ދެމީހުންގެ މެދުގައި ކަމަކާ ބަހުސެއް ކުރެވިއްޖެކަން މަންމަ ދެނެގަތެވެ.

"މަންމަ އަންނާނަން މެމޯ ހައްދައިގެން. ދެން އައިސް ތިވާހަކަ ދައްކާނީ" މަންމަ ބުންޏެވެ.

ވިއާނަށް ބަލައިވެސްނުލާ އަހަރެން ގޮނޑީގައި އިށީންފަހުން އިރުކޮޅެއް ފާއިތުވެގެން ދިޔައިރުވެސް ވިއާން ބަހެއް ނުކިއިއެވެ. ކުޅެން އިން ފޯނުން ނަޒަރު ވަކިކޮށްލާފައި އަހަރެން ވިއާނަށް ބަލައިލީމެވެ. ހައިރާންވީ ވިއާންގެ ނަޒަރު އަހަރެންނަށް ހުއްޓިފައިވިތަން ފެނިފައެވެ.

"ކިހިނެއްވެގެން ތިވަރަށް ތިބަލަނީ؟" އަހަރެން އެހީމެވެ.

"ވަރަށް ނުފެންނަ މަންޒަރެއް ފެންނާތީ" ވިއާން ބުނެލިއެވެ.

"ކޮން މަންޒަރެއް؟" އަހަރެން އެހީމެވެ.

"އަހަރެންނަށް ނުފެނޭ މަލް ހިތްހަމަނުޖެހިފައި އިންދައެއް. ތިހެން އިންނައިރު ވަރަށް ލޯބި. މަޑުކުރައްޗެ" ވިއާން އެހެން ބުނުމުން އަހަރެން ކައިރިއަށް ހިނިއައެވެ. އެހެންނަމަވެސް އެކަން ވިއާނަށް ނުދައްކަމެވެ. ދެން ވިއާން ކޮށްލި ކަމަކުން އަހަރެންނަށް މާބޮޑު ހައިރާންކަމެއް ލިބުނެވެ. ފޯނު ނަގާފައި އަހަރެންނަށް އަމާޒުކޮށްފައި ފޮޓޮއެއް ނެގީ އަހަރެން ބަލަހައްޓައިގެން އިންދައެވެ.

"ބަލާބަ" އޭނާގެ ފޯނުން ނެގި ފޮޓޯ އަހަރެންނަށް ދައްކައިލަމުން ވިއާން ބުނެލިއެވެ.

"ތީ އަހަރެންގެ ފޮޓޮއެއްނު" އަހަރެން ބުނީމެވެ.

"ރަނގަޅޭ. މަލް ބަލާބަ ހިތްހަމަނުޖެހިފަ އިންނައިރު ކިހާ ލޯބި" ވިއާން ބުނެލިއެވެ. އަހަރެންނަށް ހެވިއްޖެއެވެ. އަތުގައި ދަބަހުން ވިއާންގެ އަތުގައި ބޮނޑިއެއް އެޅިއްޖެއެވެ.

"ސީރިޔަސްކޮށް ވިއާން. އަހަރެންނަށް ވިއާންގެ އެ ނިންމުން ކަމަކުނުދޭ" އަހަރެން ބުނީމެވެ.

"އަހަރެންނަށް ކަމެއްކޮށްދޭނަންތަ؟" ވިއާން އެހިއެވެ.

"ގެއަށް ގޮސް ނިދާލާފަ ފެންވަރާލައިގެން ރަނގަޅަށް ކައިގެން ހަމަޖެހިގެން ތަނެއްގައި އިނދެ ވިސްނާލަބަލަ. ދެން އޭގެފަހުން އަހަރެން ކައިރީގައި ބުނޭ މަލްގެ ހިތާ ސިކުނޑި ނިންމި ގޮތް" ވިއާން ބުނެލިއެވެ. އަހަރެން ބަހެއް ނުކިޔަމެވެ. އެހެންނަމަވެސް ވިއާން އެބުނި އެއްޗަކަށް ނޫނެކޭވެސް ނުބުނަމެވެ.

ގެއަށް ވަންއިރު ސިޓިންގރޫމު މޮޕު އަޅަން މާމަ ހުއްޓެވެ. ކޮނޑުގައި އޮތް ދަބަސް ސޯފާމަތީގައި ބާއްވާފައި އަހަރެން ދިޔައީ މާމަ އާ ދިމާލަށެވެ.

"މިދެން މާބޮޑު ކަމެއް ނޫނެއްނު. މާމަވެސް ޖެހޭނެތާ ކޮންމެވެސް ކަމެއް ކުރަން" މާމަ ބުންޏެވެ.

"އެހެންވިޔަސް ހެޔޮ. މާމަ ދޭބަލަ މާމަގެ ގަސްތަކުގެ ހާލު ބަލައިލަން" އަހަރެން ދޫނުކޮށް ބުނީމެވެ.

"މަލް ދޭބަލަ ހެދުން ބަދަލުކޮށްލައިގެން އަންނަން" މާމަ ބުންޏެވެ.

އަހަރެން ދަބަސް ހިފައިގެން މިސްރާބުޖެހި ކޮޓަރި އާ ދިމާލަށެވެ. ހެދުން ބަދަލުކޮށްގެން އެހައި އަވަހަށް ނިކުތްއިރު މުޅި ގޭތެރެ މޮޕްއަޅާ ނިންމާލާފައި މާމަ އިނީ ސޯފާގައެވެ. އެއްފައި މައްޗަށް އަނެއް ފައި އަރުވައިގެން އެއްވަރަކަށް ތަޅުވާލަ ތަޅުވާލާ އިނީ ވަރަށް ހަމަޖެހިފައެވެ. އަހަރެންނަށް ދެފަރާތަށް ބޯހޫރާލެވުނެވެ.

"އާދެބަލަ މިތާ އިށީންނަން. މާމަ ވާހަކައެއް ދައްކަންވެގެން" ކައިރީގައި އައިސް ހުއްޓުމާއެކު މާމަ ބުންޏެވެ.

"ކޮންވާހަކައެއް؟" އަހަރެން އެހީމެވެ.

"މާޖިދާ ދެންމެގަ ގުޅި. ވިއާން ބޭނުންނުވެޔޯ ޒިޔާނު ގެ މައްސަލައިގައި ދައުވާކުރަން" މާމަ ބުނެލިއެވެ.

"މާމަ އަޅެ ބުނެބަލަ. ޒިޔާން އެގޮތަށް މިނިވަންކަމާއެކު އަނެއްމީހާގެ ކަރު ބުރިކޮށްލަންދެން ބެހެއްޓުންތަ ރަނގަޅީ" އަހަރެންނަށް ބުނެވުނެވެ.

"ދަރިފުޅާ މާމަ ބުނަންތަ ވާހަކައެއް. އެއްވެސް މީހަކާ މެދު އެމީހަކު ކަންކުރި ގޮތަކަށް ކަންތައް ކުރުމެއް ނޯވޭ. ބަދަލަށް ބަދަލު ހިފުމަކީ އަހަރެމެންގެ މާތް ނަބިއްޔާ ކުރި ކަމެއްނޫން. އޭގެ ބަދަލުގަ މަޢާފްކުރުމަކީ ރިވެތި ސިފައެއް. ވިއާންގެ އެވިސްނުމަކީ މާމަގެވެސް ވިސްނުން" މާމަ ވާހަކަދެއްކިއެވެ.

"މާމަ ތިދެއްކި ވާހަކަތަކީ ހަމަ ސަތޭކައިގެ ވާހަކަތަކެއް. އެކަމަކު ކުށެއް ކޮށްފިއްޔާ އަދަބު ލިބެންޖެހޭނެއްނު" އަހަރެން ބުނީމެވެ.

"ދައުވާ އުފުލާ ފަރާތަކީ ވިއާން ކަމަށް ވާއިރު އެ ދައުވާ ދޫކޮށްލުމުގެ އިހުތިޔާރުވެސް ލިބެގެންވާނީ ދައުވާ އުފުލާ ފަރާތަށް. އެހެންވީމާ ވިއާން އަދި އެމައްސަލަ ދޫކޮށްލިޔަސް ދައުލަތުން އެމައްސަލަ ބަލާނެހެން މާމައަށް ހީވަނީ. ވިއާން އެއްބަނޑު ކޮއްކޮއަށް ވީތީ އެގޮތަށް ނިންމީ. ކިހާ ދުވަހަކު އެކަނިވެރިކަމުގައި އެގޮތަށް ދުވަސްތައް އެސޮރު ގުނައިފި. ކޮޓަރީގެ ހަތަރުފާރުން އެތެރޭގެ ބަންދުވެފައި ކިހާ ދުވަހަކު ހުރި. އެސޮރަށް އުފަލެއް ކިރިޔާވެސް ލިބުނީ މިގެއަށް މަލް އައިފަހުން. ޒިޔާނާ މާޖިދާގެ ހަގީގަތްވެސް އިނގުނީ މަލް އެސޮރުގެ ދިރިއުޅުމަށް އައުމުން. އެހެންވީމަ އެއްބަނޑު ކުއްޖެއް ހުންނަކަން އިނގުނީމަ ކިހާ އުފަލެއްވާނެ" މާމަ ވާހަކަދެއްކިއެވެ. މާމަގެ ވާހަކަތަކާމެދު ވިސްނައިލަން ހިނދުކޮޅަކު އަހަރެންނަށް އިނދެވުނެވެ.

ކޯޗެއް ތިވިސްނަނީ؟" މާމަ އެހިއެވެ. އަދި އަހަރެންގެ ދަތްދޮޅީ ކޮޅުގައި ހިފައިލާފައި މާމަ އާ ދިމާލަށް އަނބުރައިލިއެވެ.

"އެކަމަކު މާމާ. ޒިޔާން އަހަރެން ވިއާނާއެކު ދިރިއުޅުނަ ނުދޭނެ. އޭނަ އަހަރެންގެ ދިރިއުޅުމަށް ދަތިކުރާނެ. ދެންޖަހައި އެތިފަހަރުން ވިއާން މަރައިވެސްލާފާނެ" އަހަރެންނަށް ބުނެވުނެވެ. ހަގީގަތުގައިވެސް އަހަރެން ކަންބޮޑުވިއެވެ. ޒިޔާން ހައްޔަރުކުރަން އަހަރެން އެކަނިން ބާރުއެޅިޔަސް އެކަން ނުވާނެކަން އަހަރެންނަށް އިނގެއެވެ.

"ޔާރައްބީ. އަނެއްކާ ހަނދާނުން ތި ފޮހެލީ ހެއްދެވިފަރާތެއް ވާކަން. އެކަލާނގެ އެކަމަކަށް އިރާދަކުރެއްވި ކަމެއް ވާނީ. ބަޔަކު މަސައްކަތްކޮށްފިއްޔާ ޒިޔާންގެ ވިސްނުން ބަދަލުވެސްވެދާނެއްނު. މަލް ތިއީ ފަހަރިއެއް ކަމުގައި ބަލައިވެސްގަނެފާނެއްނު. ކޮންމެ ކަމެއްވެސް މެދުވެރިވާނީ އެކަމެއްގެ ފަހަތުގައި ރަނގަޅު އެހެން ސަބަބެއް އޮވެގެން" މާމަ ވާހަކަަދެއްކިއެވެ. އަހަރެންނަށް އިނދެވުނީ މާމަގެ މޫނަށް ބަލަހައްޓައިގެންނެވެ.

"ރަނގަޅު. ތިބުނާ ސަބަބުވެސް ހަމައެކަނި އެކަލާނގެ ދެނެވޮޑިގެންވާނީ އެކަމުގައި ކޮންމެވެސް ހިކުމަތެއް އޮވެގެން. ކުރާނެކަމެއްނެތް. އެކަލާނގެ އާ ވަކީލު" އަހަރެންނަށް ބުނެވުނެވެ.

"ދެން ދޭ ކުޑަކޮށް ނިދާލަން. މެންދުރުކާން މާމަ ގޮވާނަން. ތަންކޮޅެއް އަވަހަށް ހޮސްޕިޓަލަށްވެސް ދާންޖެހޭނެއެއްނު. މިއަދު މިއީ މަލްއަށް ހާއްސަ ދުވަހެއް" މާމަ ބުނެލިއެވެ.

"މާމަ ނުދަންތަ ހޮސްޕިޓަލަށް" އަހަރެން އެހީމެވެ.

"މާމައަށް ވިއާން އަންގައިފި މަލް އެކަނި ގޭގައި ބަހައްޓާފަ ހޮސްޕިޓަލަށް ނާންނަން. މަލް ގޮވައިގެން އަންނާށޭ ބުނީ" މާމަ ބުނެލިއެވެ.

"ރޭގައި ވަރަށް ރަނގަޅަށް ނިދިން. އެހެންވެ ނިދާހިތެއް ނެތް. މާމަ ކޮޓަރިއަށް ގޮސް އަރާމުކޮށްލާ. އަޅުގަނޑު މެންދުރު ކާން ގޮވާނަން" އަހަރެން ބުނީމެވެ. މާމަ ނުދާން ހުއްޓައިވެސް އަތުގައި ހިފައިގެން ގޮސް ކޮޓަރިއަށް ވެއްދީމެވެ. އަހަރެން އެކޮޓަރިން ނިކުތީ މާމަ އެނދަށް އަރުވާފައި ގައިމަތީގައި ރަޖާ އަޅައިދީފައެވެ. އަހަރެންނަށް ޔަގީންވާކަމަކީ އެގޮތަށް ދިހަމިނިޓްވެސް މާމަ ނީންނާނެ ކަމެވެ.

ފޯނު ޗާޖްދާން ކައިރިވެފައި އޮތުމުން ކޮޓަރިއަށް ގޮސް ޗާޖަރު ހިފައިގެން ބަދިގެއަށް ވަދެފައި ޗާޖަރަށް ޖަހާފައި ބޭއްވީ އައިސްއަލަމާރި މަތީގައެވެ. މެންދުރުގެ ކެއްކުމުގެ ކަންތަކުގައި އުޅުނުއިރު އަހަރެންގެ ސިކުނޑިން ޒިޔާނާ ގުޅިގެން މާމައާއި ވިއާން ދެއްކި ވާހަކަތައް ފިލައިގެން ނުދެއެވެ. ހިތަށް އަރަމުން ދިޔައެވެ. އެ ނިންމުމަކީ އެންމެ ރަނގަޅު ނިންމުންބާއެވެ؟ ޒިޔާންގެ ފަރާތުން އިތުރު ގޯނާއެއް އަހަރެންނަށް ކުރިމަތި ނުވާނެބާއެވެ؟ ކޮށަން އިން ފިޔާއެތި މޭޒުމަތީ ބަހައްޓާފައި އަހަރެންނަށް ހަމަޖެހުމުގެ ނޭވައެއްލެވުނެވެ. ކޮންމެގޮތެއް ވިޔަސް ކުރާނެކަމެއް ނެތެވެ. އެންމެންގެ ނިންމުމަށް އަހަރެންނަށް ދެކޮޅެއް ނުވެވޭނެއެވެ. އެއިންް ކޮންމެ މީހަކު ގޮތެއް ނިންމާނީ އަހަރެންނަށް ވުރެ މާ ރަނގަޅަށް މާބޮޑަށް އެކަމާ ވިސްނާފައެވެ.

ތައްޔާރުވެގެން މާމަ ނިކުތްއިރު އަހަރެންް އިނީ ސޯފާގައެވެ. އަހަރެން ފެނުމާއެކު މާމަ ހީލައިފިއެވެ.

"މާމަ ހީކުރީ މަލްއަށް ކަމަށް ލަހުން ތައްޔާރުވެވޭނީ" މާމަ ބުނެލިއެވެ.

"އެކަމު މާމައަކަށްނު ލަހުން ތައްޔާރުވެވުނީ. އިހަށް މަޑުކުރައްޗެ މާމަ. ރީޝާމް ވެއްޖެ ފާހާނައިގަ" އަހަރެން ބުނީމެވެ.

"ތިހެދުން ލާފަ ހުންނައިރު މަލް ހާދަ ރީއްޗޭ. މާޝާﷲ. ޝައިތާނީ ހުރިހާ ލޯތަކުން މާމަގެ ތި ދަރިފުޅު ސަލާމަތް ކުރައްވާށި" މާމަ ބުނެލިއެވެ. އަދި ލޯބިން ފުރިގެންވީ ބެލުމަކުން ބަލަހައްޓައިގެން ހުރުމަށްފަހު އަހަރެންގެ އަތުގައި ހިފާލައިފިއެވެ.

"ރީޝާމް ކައިރީގައި ބުނިން އެހާ ބޮޑާށް މޭކްއަޕް ނުކުރާށޭ. ބުނީމަވެސް ގަބޫލެއްނުކުރި. އެއޮށްނިކުތީނު. ހިނގާ އަވަހަށް" އަހަރެން ވާހަކަދެއްކީމެވެ.

ހޮސްޕިޓަލަށް ވަދެގެން ގޮސް ވިއާން އޮތް ކޮޓަރި ފެންނަ ހިސާބަށް އަހަރެންނަށް ދެވުމާއެކު ހުއްޓެވިއްޖެއެވެ. އެކޮޓަރީ ބޭރު ޒީނަތްތެރިކޮށްލާފައި އޮތްވަރު ފެނިފައިވެސް އެތަނުގެ ތެރޭގައި ހާއްސަ ކަމެއް އޮތްކަން ކޮންމެ މީހަކަށްވެސް އިނގޭނެއެވެ. ރަންކުލައިގެ އަކުރުތަކަކުން ދޮރާ ދިމާލު އެލުވާފައި އޮތް ފައްޗެއްގައި 'ވިއާން ވެޑްސް މަލް' ޖަހާފައި އޮތެވެ.

"ޔަގީން އާލިމްގެ ކަމެއްކަން" އަހަރެންނަށް ބުނެވުނެވެ.

ކޮޓަރި ދޮރުހުޅުވާލުމާއެކު ފުރަތަމަވެސް އަހަރެންނަށް ފެނުނީ ހުދުކުލައިގެ އަތްދިގު ގަމީހެއްގައި އިން ވިއާނެވެ. އެތެރޭގައި މާގިނަ މީހުނެއް ނެތެވެ. ކައިވެނީގެ މަޖިލީހުގައި ކޮންމެހެން ބައިވެރިވާންޖެހޭ މީހުންގެ އިތުރުން މަންމަ އާ މާމައެވެ.

"އަވަހަށް އާދޭ ދަރިފުޅާ. މިހާރުވެސް މާ ލަސްވެއްޖެ" އަހަރެން ފެނުމާއެކު މަންމަ އައިސް އަހަރެންގެ އަތުގައި ހިފައިފިއެވެ.

(ނުނިމޭ)