ޒަރޫރީ ބޭނުމަށް މާލެ ސަރަހައްދުން އަތޮޅުތަކަށް ދަތުރުކުރެވޭނެ މީހުން ކަނޑައަޅައިފިއެވެ.

މާލެ ސަރަހައްދުގައި ކޭސްތައް އިތުރުވުމާ ގުޅިގެން ރަށްރަށުގައި ކޮވިޑް ފެތުރުން ހުއްޓުވުމަށް ޓަކައި ޒަރޫރީ ބޭނުންތަކަށް ފިޔަވައި މާލެއިން އަތޮޅުތަކަށް ދަތުރުކުރުމުގެ ހުއްދަ ދިނުން ވަނީ މެދުކަނޑާލައިފައެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިއްޔެ ކުރި އިއުލާނެއްގައި ވަނީ މާލެއިން އަތޮޅު ތެރެއަށް ދަތުރު ކުރެވޭނީ ސިއްހީ ފަރުވާ ހޯދުމަށް މާލެއަށް އައިސް އެނބުރި ދާން ޖެހުމާއި އެފަދަ މީހަކާ އެކުގައި ކޮންމެހެން ދާން ޖެހޭ މީހުންނަށް ކަމަށެވެ. އަދި މާލޭގައި އަދާކުރަމުން އަންނަ ވަޒީފާގެ މަސައްކަތް ހުއްޓާލަން ޖެހުމާ ގުޅިގެން މާލޭގައި އިތުރަށް ތިބުން ދަތިވެފައިވާ މީހުންނަށްވެސް ހުއްދަ ދޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އޭގެ އިތުރުން މާލޭގައި ދިރިއުޅެވެން ނެތުމުގެ ސަބަބުން ރަށަށް ދިރިއުޅުން ބަދަލު ކުރަން ޖެހޭ މީހުންނާއި މާލެއަށް ތައުލީމު ހާސިލުކުރުމަށް އައިސް ތައުލީމު ހާސިލުކުރުން މުޅިން ނިމި، ރަށަށް އެނބުރި ދާން ޖެހިފައިވާ މީހުންނަށްވެސް ހުއްދަ ލިބޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ. މީގެ ތެރޭގައި ޗުއްޓީ ލިބުން ނުވަތަ ކިޔެވުން ވަގުތީ ގޮތުން މެދުކެނޑިފައިވާ ފަރާތްތައް ނުހިމެނެއެވެ. އަދި މައިންބަފައިން ބަލިވުމާއި އަނބިމީހާ ވިހެއުން ފަދަ އާއިލާއަށް ދިމާވާ ބޮޑެތި ކަންތައްތަކާ ގުޅިގެން ރަށަށް ދާން ޖެހޭ މީހުންނަށްވެސް ހުއްދަ ދެވޭނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އެޗްޕީއޭއިން ބުނީ ޒަރޫރީ ބޭނުންތަކަށް ދަތުރުކުރާ މީހުން ދަތުރު ކުރުމަށް އެދި މާދަމާއިން ފެށިގެން ހުށައަޅާނީ ހާލުބެލުން ޕޯޓަލް މެދުވެރިކޮށް ކަމަށާއި މިގޮތަށް އެދި ހުށަހަޅާއިރު ކައުންސިލުގެ ފަރާތުން ދޫކޮށްފައިވާ ލިޔުން ކައުންސިލް މެދުވެރިކޮށް ހާލުބެލުމުގެ ޕޯޓަލްއަށް އަޕްލޯޑް ކުރަންވާނެ ކަމަށެވެ.

ޒަރޫރީ ބޭނުންތަކަށް ދަތުރުކުރުމުގެ ހުއްދަ ދޭ މީހުންވެސް 14 ދުވަހުގެ ކަރަންޓީން ފުރިހަމަ ކުރަން ޖެހެއެވެ. އަދި ކަރަންޓީނުން ދޫކޮށްލާނީ 14 ދުވަސް ހަމަވުމުން ޓެސްޓްކޮށް ނަތީޖާ ނެގެޓިވް ވުމުން ކަމަށްވެސް އެޗްޕީއޭއިން ބުންޏެވެ.