ދުނިޔެ

ޓްރަމްޕުގެ ފޭސްބުކް އެކައުންޓް ދެ އަހަރަށް ސަސްޕެންޑުކޮށްފި

އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕުގެ ފޭސްބުކް އެކައުންޓް ދެ އަހަރަށް ސަސްޕެންޑުކޮށްފިއެވެ.

ފޭސްބުކްގެ ގްލޯބަލް އެފެއާޒްގެ ނައިބު ރައީސް ނިކް ކްލެގް ވިދާޅުވި ގޮތުގައި، 2023 ވަނަ އަހަރުގެ ނިޔަލަށް ޓްރަމްޕު ފޭސްބުކް އެކައުންޓު ބޭނުންކުރުން މަނާކުރަން ޖެހުނީ ފޭސްބުކްގެ ގަވާއިދުތަކާއި ފުށުއަރާ ގޮތަށް އަމަލު ކުރައްވާފައިވާތީ ކަމަށެވެ.

މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ބޭއްވި އެމެރިކާގެ ރިޔާސީ އިންތިހާބުގައި ލިބިވަޑައިގެން ނާކާމިޔާބީއަށްފަހު، ޓްރަމްޕުގެ ސަޕޯޓަރުން އެމެރިކާގައި ހިންގަމުންދިޔަ ހަމަނުޖެހުންތަކަށް ޓްރަމްޕު ވަނީ ފޭސްބުކް މެދުވެރިކޮށް ފާޅުގައި ހިތްވަރު ދެއްވައިފަ އެވެ. އެމައްސަލަ ބެލުމަށްފަހު ފޭސްބުކުން ވަނީ ޖެނުއަރީ ހަތަކުން ފެށިގެން ޓްރަމްޕުގެ ފޭސްބުކް އެކައުންޓުތައް ހިފަހައްޓައިފައެވެ.

ނަމަވެސް ވަކި މުއްދަތެއް ނެތް ގޮތަށް ފޭސްބުކް ބޭނުން ކުރުން މަނާކުރުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް އެ މައްސަލަ ބެލުމަށް އެކުލަވާލި ޕެނަލުން އޭރު ފާހަގަކުރިއެވެ.

އެ ޕެނަލުގެ ކޯ-ޗެއާ މައިކަލް ކޮނެލް ވިދާޅުވި ގޮތުގައި، ގަވާއިދުތަކަށް ފުށުއަރާ ގޮތަށް އެކައުންޓު ބޭނުން ކުރުމުން ޓްރަމްޕުގެ އެކައުންޓު ދެ އަހަރު ދުވަހަށް ސަސްޕެންޑު ކުރަން ނިންމި ނިންމުމަކީ ހަމަނުޖެހުމަށް ގޮވާލައި އެކަމަށް މަސައްކަތް ކުރާ ފަރާތްތައް ދުރުކުރުމަށް ރަނގަޅު މުއްދަތެއް ކަމަށެވެ.

އަދި އެކައުންޓު ބޭނުންކުރުމުގެ ހުއްދަ ދޭ ފަހުން އެފަދަ އަމަލެއް ތަކުރާރުކޮށްފިނަމަ، އިތުރު ހަރުކަށި ފިޔަވަޅު އެޅުމަށް ވިސްނާނެ ކަމަށާއި އޭގެ ތެރޭގައި ފޭސްބުކް އެކައުންޓުތަކާއި ޕޭޖުތައް ދާއިމީކޮށް މަނާކުރުންވެސް ހިމެނޭ ކަމަށް ވިދާޅުވިއެވެ.

ފޭސްބުކްގެ މި ނިންމުމާ ގުޅިގެން ޓްރަމްޕު ވިދާޅުވީ، މިއީ މިދިޔަ ރިޔާސީ އިންތިހާބުގައި އޭނާއަށް ވޯޓު ދިން 75 މިލިއަން މީހުންނަށް ކުރި މަލާމާތެއް ކަމަށެވެ. އަދި އޭނާގެ އަޑު ކަނޑުވާލުމަށް ކުރަމުންދާ މަސައްކަތްތައް ކާމިޔާބުވިޔަ ދީގެން ނުވާނެ ކަމަށާއި އެމެރިކާއިން އެފަދަ ޖަރީމާތައް ބަލައިގަނެގެން ނުވާނެ ކަމަށްވެސް ވިދާޅުވިއެވެ.