ޔޫރޯ 2020 އަށް އެންމެ ފަހުގެ ތައްޔާރީތައް ވުމަށް ބޮޑެތި ޓީމުތަކުން ކުޅެމުން އަންނަ އެކުވެރިކަމުގެ މެޗުތަކުގެ ތެރެއިން ސްޕެއިންއާއި ޕޯޗުގަލް ކުޅުނު މެޗު އެއްވަރު ވެގެން ނިމިއްޖެއެވެ.
އެ މެޗަކީ ގައުމީ ޓީމު ބަދަލުކުރި އެމެރިކް ލަޕޯޓް ސްޕެއިންއަށް ކުޅުނު ފުރަތަމަ މެޗެވެ. ފްރާންސަށް އުފަން ލަޕޯޓް ދާދި ފަހުން ސްޕެއިންގެ ރަށްވެއްސަކަށް ބަދަލުވެފައިވާއިރު، އޭނާ ގައުމީ ޓީމު ބަދަލުކުރީ ފީފާގެ ހުއްދައާ ވެސް އެކުގައެވެ. ފްރާންސްގެ ޒުވާން ޓީމުތަކަށް ލަޕޯޓް ކުޅެފައިވެއެވެ. އެހެންނަމަވެސް އެގައުމުގެ ސީނިއާ ޓީމަށް މިހާތަނަށް ނުކުޅެ އޮތުމުން ލަޕޯޓަށް ފީފާއިން ވަނީ ސްޕެއިންއަށް ކުޅުމަށް ހުއްދަ ދީފައެވެ.
އިނގިރޭސި ކްލަބު މެންޗެސްޓާ ސިޓީގެ ޑިފެންޑަރު ލަޕޯޓް ސްޕެއިން ގައުމީ ޓީމަށް ފުރަތަމަވެސް ނަގާފައި ވަނީ ކުރިއަށް އޮތް ޔޫރޯއަށެވެ. ޔޫރޯ ސްކޮޑުގައި ލަޕޯޓް ހިމަނަން ޖެހުނު އެންމެ މުހިއްމު ސަބަބަކީ ރެއާލް މެޑްރިޑްގެ ކެޕްޓަން، އަދި ސްޕެއިންގެވެސް ކެޕްޓަން ސާޖިއޯ ރާމޯސްއަށް އަނިޔާ ވެ ޔޫރޯ ނުކުޅޭނެކަން އެނގުމާއެކުއެވެ. ސްޕެއިނުން ޒުވާން ޓީމަކާއެކު ޔޫރޯއަށް ނުކުންނައިރު، އެންމެފަހުގެ ޗެމްޕިއަން ޕޯޗުގަލްއާ ދެކޮޅަށް ރޭ ކުޅުނު މެޗު ނިމުނީ 0-0 އިން އެއްވަރު ވެގެންނެވެ.
މެޗުގައި ރަނގަޅު ހަމަލާތައް އުފެއްދީ ސްޕެއިންއިން ނަމަވެސް އެޓީމުގެ ކުރިއަށް ކުޅުނު އަލްވާރޯ މޮރާޓާއާއި ފެރަން ޓޮރެސް ފެނުނީ ގިނަ ފުރުސަތުތަކެއް ބޭކާރު ކޮށްލި ތަނެވެ. ހާއްސަކޮށް މެޗުގެ ފަހު މިނެޓުގައި ސްޕެއިނަށް މޮޅުވާން ލިބުނު ހުސް ފުރުސަތުގައި މޮރާޓާ ފޮނުވާލި ބޯޅަވެސް އަމާޒުވީ މަތީ ދަނޑިއަށެވެ.
ކްރިސްޓިއާނޯ ރޮނާލްޑޯ އާއި ޕޯޗުގަލް ފެނުނީ އެޓޭކް މަދުކޮށެވެ. ޑެނީލޯ ޕެރޭރާ އާއި ރޮނާލްޑޯ ބޮލުން ފޮނުވާލި ހަމަލާ ނޫން އިތުރު ފުރުސަތެއް އެޓީމަށް ތަނަވަސް ކުރެވިފައެއް ނުވެއެވެ.
ޔޫރޯއަށް ތައްޔާރުވަމުން އަންނަ އިޓަލީން ވަނީ ރޭ ޗެކް ރިޕަބްލިކްވެސް ފަސޭހަ ކަމާއެކު ބަލިކޮށް، އެޓީމުން ދަމަހައްޓަމުން އަންނަ ވަރުގަދަ ރެކޯޑު ދަމަހައްޓާފައެވެ. ރޮބާޓޯ މަންޗިނީގެ އިޓަލީ ޓީމުން ރޭގެ މެޗުގައި ޗެކް ބަލިކުރީ 4-0 ގެ ނަތީޖާއަކުންނެވެ. އެ މެޗުގައި ގޯލްތައް ޖަހައިދިނީ ސީރޯ އިމޯބިލޭއާއި ނިކޮލޮ ބަރޭލާގެ އިތުރުން ލޮރެންޒޯ އިންސީނިއާ އަދި ޑޮމެނިކޯ ބެރާދީއެވެ. އިޓަލީން އެންމެފަހުން ކުޅުނު އަށް މެޗުންވެސް އެޓީމު މޮޅުވީ ކޮޅަށް ގޯލެއް ނުވަދެއެވެ. އިޓަލީން އެންމެފަހުން މެޗަކުން ބަލިވީ 2018 ވަނަ އަހަރުއެވެ.
ކުޅިވަރު
ކުޅިވަރު
ކުޅިވަރު
ކުޅިވަރު