ބޮލީވުޑްގެ އެކްޓްރެސް ޔާމީ ގޯތަމް އާއި ފިލްމު ''ޔޫރީ''ގެ ޑައިރެކްޓަރު އަދިއްތިޔަ ދާރް ކައިވެނިކޮށްފިއެވެ.

ކައިވެނި ކުރިކަން އިއުލާންކޮށް ޔާމީ ވަނީ ކައިވެނީގެ ފޮޓޯތައް އިންސްޓަގުރާމުގައި ހިއްސާކޮށްފައެވެ. އެ ފޮޓޯތަކާއެކު ޔާމީ ބުނެފައި ވަނީ ކައިވެނީގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައި ވަނީ ހަމައެކަނި އާއިލާގެ މީހުންނާއެކުގައި ކަމަށެވެ.

ޔާމީ އާއި އަދިއްތިޔަ ކައިވެނި ކޮށްފައި މިވަނީ ތިން އަހަރު ވަންދެން ރައްޓެހިވެގެން އުޅުމަށްފަހުއެވެ. ނަމަވެސް އެކަން ގިނަ ބަޔަކު ނޭނގެއެވެ. ހާއްސަކޮށް ޔާމީގެ ގިނަ ރައްޓެހިންނަށާއި ޔޫރީގެ ޓީމުގައި ހިމެނޭ ގިނަ މީހުންނަށްވެސް މި ދެމީހުން ލޯބީގެ ގޮތުން ގުޅިގެން އުޅޭކަން އެނގިފައެއް ނުވެއެވެ. އެހެންކަމުން މި ހަބަރާއެކު ގިނަ ބަޔަކަށް ވަނީ ޝޮކެއް ލިބިފައެވެ.

ޔާމީގެ ކުރިއަށް ހުރި ފިލްމުތަކުގެ ތެރޭގައި އޭނާ ދެން އެންމެ އަވަހަށް ފެނިގެންދާނީ ސައިފް އަލީ އާއި ޖެކޮލިން ފެނާންޑޭޒް އަދި އަރުޖުން ކަޕޫރުއާއެކު ފިލްމު ''ބޫތު ޕޮލިސް'' އިންނެވެ. މީގެ އިތުރުން ވިކީ ކޯޝަލްއާއެކު ކުޅުމަށް ހަމަޖެހިފައިވާ ''ދި އިމޯޓަލް އަޝްވަތައްމާ'' ހިމެނެއެވެ.