ޚަބަރު

މާހައުލީ ނިޒާމުތަކަށް ދިރުން ގެނެސް އާލާކުރުމަށް ކޮންމެ ފަރުދަކަށްވެސް މަސައްކަތްކުރެވިދާނެ: މިނިސްޓްރީ

އަލީ ޔާމިން

މާހައުލީ ނިޒާމުތަކަށް ދިރުން ގެނެސް އާލާކުރުމަށް ކޮންމެ ފަރުދަކަށްވެސް މަސައްކަތް ކުރެވިދާނެ ކަމަށް އެންވަޔަރަމަންޓް، ކްލައިމެޓް ޗޭންޖު އެންޑް ޓެކްނޮލޮޖީ މިނިސްޓްރީން ބުނެފި އެވެ.

މިއަދު ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބާގައި އެ މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ގަސް އިންދުމާއި މޫދަށާއި ތަންތަނަށް އަޅާފައިވާ ކުނި ނަގައި ސާފުކޮށް، ވެށި ސާފުކޮށް ބެލެހެއްޓުމަކީ ކޮންމެ ފަރުދަަކަށް ވެސް ކުރެވިދާނެ ކަންކަން ކަމަށެވެ.

އެގޮތުން ގުދުރަތީ ރީތިކަން ދެމެހެއްޓުމަށްޓަކައި އެންމެންނަށްވެސް ބާރު އެޅުން ފަދަ ކަންކަމަކީ ކޮންމެ މީހަކަށްވެސް ފަރުދީ ފެންވަރުގައާއި ރަށު ފެންވަރުގައިވެސް ކުރެވޭނެ ކަންކަން ކަމުގައި މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ، ގުދުރަތީ ނިޒާމުތައް އިޔާދަކުރުމަށް ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ގުދުރަތީ ގޮތުން ހާއްސަ ސިފަތައް ލިބިފައިވާ ސަރަހައްދުތައް ހިމާޔަތްކުރުމާއި ނެތެމުންދާ ދިރޭތަކެތި ހިމާޔަތްކުރުމުގެ އިތުރުން މޫސުމީ ބަދަލުތަކުން ލިބޭ ގެއްލުންތައް ކުޑަކުރުމުގެ މަސައްކަތްތައް ހިމެނޭ ކަމަށެވެ.

ކޮންމެ އަހަރެއްގައިވެސް ޖޫން މަހުގެ 5 ވަނަ ދުވަހަކީ ބައިނަލްއަގުވާމީ ފެންވަރުގައި ފާހަގަކުރާ ދުނިޔޭގެ ތިމާވެށީގެ ދުވަހެވެ. މިދުވަސް ރަސްމީގޮތެއްގައި ފާހަގަކުރަން ފަށާފައިވަނީ 1974 ވަނަ އަހަރެވެ.

މިދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ ތިމާވެށީގެ މުހިއްމު ކަމާއިމެދު އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމެވެ. މިއަހަރުގެ ތިމާވެށީގެ ދުވަހުގެ ޝިއާރަކީ، "Ecosystem Restoration” ނުވަތަ މާހައުލީ ނިޒާމުތައް އިއާދަކުރުމެވެ.

މާހައުލީ ނިޒާމު އިއާދަކުރުމަކީ ހަލާކުވެފައިވާ އަދި ހަލާކުވަމުންދާ ދިރޭތަކެތީގެ މާހައުލުތައް އެ ހާލަތުން ސަލާމަތް ކުރުމަށް މަސައްކަތްކުރުމާއި ގެއްލުމެއް ލިބިފައި ނުވާ ގުދުރަތީ ނިޒާމުތައް ރައްކާތެރިކޮށް ބެލެހެއްޓުމެވެ

މިއަހަރުގެ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ތިމާވެށި ހިމާޔަތްކުރުމާއި ގުޅޭ ވަރަށް މުހިއްމު ކަންތައްތަކެއް ކުރުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން މިދުވަހާއި ގުޅިގެން މިއަދު 14:30 ގައި ބާއްވާ އޮންލައިން ރަސްމިއްޔާތެއްގައި މި މަސައްކަތްތައް ފެށިގެންދާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.