އޭޝިއަން ކަޕް އަދި ވޯލްޑް ކަޕް ޖޮއިޓް ކޮލިފިކޭޝަންގައި ދިވެހިރާއްޖެ އާއި ސީރިއާ ވާދަކުރާ ގްރޫޕް އޭގެ މެޗުގެ ލައިވް ކަވަރޭޖަށް "ވަން"ގެ ކިޔުންތެރިންނަށް މަރުހަބާ!

މި ގްރޫޕުގެ މެޗުތައް ސެންޓްރަލައިޒްކޮށް އަލުން ކުޅުން ފަށާފައި ވަނީ، ކޮވިޑް 19 ގެ ހާލަތާ ގުޅިގެން ގާތްގަނޑަކަށް އަހަރަކަށް މެޗުތައް ފަސްކުރުމަށްފަހު. ފުރަތަމަ މެޗުތައް ކުޅޭ ގޮތަށް އޮތީ ޗައިނާގައި ނަމަވެސް، އެގައުމަށް ބައެއް ޓީމުތަކަށް އެތެރެ ނުވެވޭތީ މެޗުތައް ވަނީ ޑުބާއީއަށް ބަދަލު ކޮށްފައި. އަލުން ކުޅުން ފެށި ފަހުން މިހާތަނަށް ކުޅުނީ ޗައިނާއާއި ގުއާމް ބައްދަލު ކުރި މެޗު. މިރޭ ރާއްޖެ ނުކުންނާނީ ސީރިއާއާ ދެކޮޅަށް.

މިވަގުތު ގްރޫޕުގެ އެއްވަނައިގައި އޮތީ ސީރިއާ. އެއީ ފަސް މެޗުން ފަސް މޮޅު ހޯދައި، 15 ޕޮއިންޓާއެކު. ދެވަނައިގައި ޗައިނާ އޮތީ ފަސް މެޗުން 10 ޕޮއިންޓާއެކު. ފިލިޕީންސް ގްރޫޕް ތިންވަނައިގައި އޮތީ ފަސް މެޗުން ހަތް ޕޮއިންޓާއެކު. ހަތަރުވަނައިގައި އޮތީ ރާއްޖެ. ރާއްޖެއަށް ލިބިފައި ވަނީ ފަސް މެޗުން ހަ ޕޮއިންޓް. ހަ މެޗުން ޕޮއިންޓެއް ނުލިބި ގުއާމް އޮތީ ތާވަލުގެ ފުލުގައި. އޭޝިއަން ކަޕަށް ކޮލިފައިވުމަށް ރާއްޖެއަށް ފިލިޕީންސްގެ މައްޗަށް ޖެހިލަން މިރޭގެ މެޗަކީ މުހިއްމު މެޗެއް.