ކޮވިޑް ޖެހިގެން ރާއްޖެއިން އިތުރު މީހަކު މަރުވެ، ބަލީގައި މަރުވި މީހުންގެ ޖުމުލަ 177 އަށް އަރައިފިއެވެ.

"ވަން"އަށް އެނގިފައިވާ ގޮތުގައި ކޮވިޑު ޖެހިފައިވާ އުމުރުން 72 އަހަރުގެ ދިވެހި އަންހެނަކަށް ވިލިމާލޭ ހޮސްޕިޓަލުގައި ފަރުވާދެމުން ދަނިކޮށް މިއަދު މެންދުރުފަހުގެ ވަގުތެއްގައި ވަނީ މަރުވެފައެވެ. އެއާއެކު މި މަރާއެކު ރާއްޖެއިން މި ބަލީގައި މަރުވި މީހުންގެ އަދަދު 177 އަށް ވަނީ އަރައިފައެވެ.

މިއީ ކޮވިޑުގައި މިއަދު މަރުވި ތިންވަނަ މީހާއެވެ. ކޮވިޑް ޖެހިފައިވާ އުމުރުން 37 އަހަރުގެ ސްރީލަންކާ މީހަކަށް އައިޖީއެމްއެޗް އީއާރްގައި ފަރުވާދެމުން ދަނިކޮށް ރޭ ފަތިހު މަރުވެފައިވާ އިރު، ދ. ބަނޑިދޫގައި ކޮވިޑް ޖެހިފައިވާ އުމުރުން 76 އަހަރުގެ ދިވެހި ފިރިހެނަކު މިއަދު ހެނދުނު ވަނީ މަރުވެފައެވެ.

ރާއްޖޭގައި ކޮވިޑު ޖެހިގެން އެންމެ ގިނަ މީހުން މަރުވީ މިމަހުގެ 25 ވަނަ ދުވަހުއެވެ. އެ ދުވަހު ބަލީގައި 13 މީހަކު މަރުވިއެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.