މިދިޔަ 24 ގަޑިއިރު ތެރޭ 648 މީހަކު ޕޮޒިޓިވްވެ، ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ ޖުމުލަ އަދަދު ވަނީ 66،516 އަށް އަރައިފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ބުނީ މިދިޔަ 24 ގަޑިއިރުގެ ތެރޭގައި (އިއްޔެ ހަވީރު 6:00 އިން މިއަދު ހަވީރު 6:00 އަށް) ޕޮޒިޓިވްވީ މާލެ ސަރަހައްދުން 349 މީހަކާއި އަތޮޅުތެރެއިން 270 މީހަކާއި ރިސޯޓުތަކުން 13 މީހަކާއި ރިސޯޓެއްގެ ގޮތުގައި ތަރައްގީކުރާ ރަށްތަކުން 16 މީހުން ކަމަށެވެ.

މިދިޔަ މަހުގެ 23 ވަނަ ދުވަހުން ފެށިގެން ކޮވިޑް ކޭސްތަކުގެ އަދަދު އުޅެނީ 300 އިން މަތީގައެވެ. އެ އަދަދުތައް 600 އިން މައްޗަށް އެރުމަށްފަހު، ކޭސްތައް 700 އިން މައްޗަށް ވެސް އެރިއެވެ. އަދި މިމަހުގެ އަށްވަނަ ދުވަހުން ފެށިގެން އަދަދުތައް 1،000 އިން މަތީގައި އުޅުމަށްފަހު މިދިޔަ ހުކުރު ދުވަހު ދަށްވިއެވެ. މިދިޔަ ހޮނިހިރު ދުވަހު އަދަދުތައް އަނެއްކާވެސް 1،000 އިން މައްޗަށް އެރި ނަމަވެސް، އާދީއްތަ ދުވަހުން ފެށިގެން އަދަދުތައް އުޅެނީ 800 އިން ދަށުގައެވެ. އަދި މިއަދު މިވަނީ މަހަކަށްފަހު ފުރަތަމަ ފަހަރަށް އަދަދުތައް 700 އިން ދަށަށް ގޮސްފައެވެ.

ރާއްޖޭގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހުންގެ ތެރެއިން މިދިޔަ 24 ގަޑިއިރުގެ ތެރޭގައި ބަލިން ރަނގަޅުވީ 2،180 މީހެކެވެ. އެއާއެކު ބަލިން ފަސޭހަވީ މީހުންގެ އަދަދު 43،959 އަށް އަރާފައިވާ އިރު، މިހާރު ރާއްޖޭގައި ބައްޔަށް ފަރުވާދެމުން އަންނަނީ 22،375 މީހަކަށް ކަމަށް އެޗްޕީއޭ އިން ބުނެއެވެ.

އެޗްޕީއޭ އިން ހާމަކޮށްފައިވާ މައުލޫމާތަށް ބަލާ އިރު ހޮސްޕިޓަލުތަކުގައި 213 މީހަކު އެބަ ތިއްބެވެ.

ރާއްޖޭގައި ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ ތެރެއިން 173 މީހަކު ވަނީ މަރުވެފައެވެ. އެއީ 159 ދިވެހިންނާއި 14 ބިދޭސީންނެވެ.

ކޮވިޑުގައި އެންމެ ފުރަތަމަ ރާއްޖެއިން މީހަކު މަރުވީ މިދިޔަ އަހަރުގެ އޭޕްރީލް މަހުގެ 29 ވަނަ ދުވަހުއެވެ. އެއީ އުމުރުން 83 އަހަރުގެ ދިވެހި އަންހެނެކެވެ.