"އައި ޕްރޮމިސް. މިހާރު ހުރިހާކަމެއް ހަމަޖެހިއްޖެ. އަހަރެންގެ ކޮއްކޮގެ ލަޝްކަރަށް އަހަރެންނާ އަހަރެންގެ ލޯތްބާ ދެމެދަށް ނުވަދެވޭނެ" ވިއާން ބުނެލިއެވެ. ވިއާންގެ އަޑުގައި ޔަގީންކަމެއް ވިއެވެ. އަހަރެންގެ ދެލޮލުން ކަރުނަ ނީރައިލީ ހިތަށް ލިބުނު ހިތްހަމަޖެހުމަކުންނެވެ. އެވަގުތުން ފެށިގެން އަހަރެންގެ ހިތް ކެތްތެރިކަމެއް ނެތި ވިއާންގެ އަންބަކަށް ވާނެ ވަގުތަށް އިންތިޒާރު ކުރަން ފަށައިފިއެވެ.

"އެންމެން ކައިރީގައި ބުނެފިންތަ؟" ވިއާންގެ އަތުތެރެއިން ދުރަށް ޖެހިލަމުން އަހަރެން އެހީމެވެ.

"އާނ. ކާކު ކައިރީގަ އެވާހަކަ ނުދައްކަނީ. މަށަށް ހީވަނީ މިހާރު ނުބުނެވެނީ މިތާ އުޅޭ މަސައްކަތު މީހުން ކައިރީގަހެން" އެތެރެއަށް ވަން އާލިމްގެ އަޑު އިވުނެވެ. އޮރެންޖެއް ނޮޅަން ހުރެފައި އަހަރެންނަށް އަޑު އައި ދިމާލަށް ބަލައިލެވުނެވެ. އޭރު އާލިމް އާ ރީޝަމް ވަދެގެން އައިސް ވިއާން ކައިރީގައި ހުއްޓިއްޖެއެވެ.

"މިހާރު ކިހިނެއް؟" ރީޝަމް އެހިއެވެ.

"އަލްހަމްދުލިއްލާހް. ވަރަށް ރަނގަޅު" ވިއާން ޖަވާބުދިނެވެ.

"އަހަރެންނަށް ކޮލެޖް ކައިރިއަށް ދެވުނީ ކިރިޔާ. އެސޮރު ހުންނަނީ ވަގުތަކަށް ބަލަބަަލައޭ" ހުދު ކުލައިގެ ޕްލާސްޓިކް ގޮނޑިއެއްގައި އިށީންނަމުން އާލިމް ބުންޏެވެ. އެވަގުތު އަހަރެންނަށް ބަލައިލެވުނީ ވިއާންގެ މޫނަށެވެ. ހިނދުކޮޅަކަށް ވިއާންގެ މޫނުމަތިން ނުތަނަވަސްކަމެއް އަހަރެންނަށް ފެނިލިއެވެ. އެހެންނަމަވެސް ހަމަ އެހިނދުގައި އޭނާ ހީލައިފިއެވެ.

"އަހަރެންގެ ކޮއްކޮއަށް އަދި ވިސްނޭނެ" ވިއާން ބުނެލިއެވެ.

"ކޮބާ މިއަދު މާމައާ މާޖިދާއްތަ؟ ނާންނަ ދުވަހެއްތަ؟" ރީޝަމް އެހިއެވެ.

"ސައިބޯން ދިޔައީ. ނުދާން އުޅުނީ. އަހަރެން ގަދަކަމުން ފޮނުވީ" ވިއާން ބުނެލިއެވެ.

އޮރެންޖް ތަށި ވިއާން އަތަށް ދީފައި އަހަރެން ހިނގައިގަތީ ވަޅި ދޮވެލަން ފާހާނާއަށް ދިޔުމަށެވެ. ކުއްލިއަކަށް ހުއްޓެން ޖެހުނީ އަހަރެންގެ އަތުގައި ވިއާން ހިފެހެއްޓުމުންނެވެ. ފަހަތް ބަލައިލިއިރު ވިއާން އަހަރެންނަށް ބަލަހައްޓައިގެން އިނީ ހިނިތުންވެފައެވެ.

"މި އަންނަނީ ވަޅި ދޮވެލައިގެން" ރީޝަމް އާއި އާލިމް ބަލަން ތިބި ގޮތުން އަހަރެން ލަދުގަތެވެ. ބޭނުމީ އަވަހަށް ވިއާންގެ ކުރިމަތިން ދުރަށް ދާށެވެ.

"މަ ދޮވެލަފާނަމޭ ތި ވަޅި. މަލް ނިކަން ވިއާން އެދޭ ގޮތަށް ތި އަތް ވަކިކޮށްނުލާ ހުރެބަލަ" ރީޝަމް އައިސް އަހަރެންގެ އަތުގައި އޮތް ވަޅި އަތުލިއެވެ. އަދި އަހަރެންގެ ދެކޮނޑުގައި ހިފައިގެން ގޮސް ވިއާން ގައިގައި ޖެއްސިއެވެ.

"އޭ ދެކުދިން އެކުގައި ވަގުތުކޮޅެއް ހޭދަކޮށްލާ އިނގޭ. މި އަންނަނީ ރީ ގޮވައިގެން ބުރެއް ޖަހާލާފަ" އާލިމް ހިނގައިގަތެވެ.

ކޮޓަރި ތެރޭގައި އެކަނިވުމާއެކު އަހަރެންނަށް ވިއާނަށް ބަލައިލެވުނެވެ. އަދި މަޑުމަޑުން ވިއާންގެ އަތްތިލައިގެ ތެރެއިން އަތް މިނިވަންކޮށްލީމެވެ.

"ސޮރީ މަލް. އަހަރެން ހަމަ ބޭނުންވަނީ މަލްގެ ކޮންމެވެސް ތަނެއް އަހަރެންގެ ގައިގައި ޖެހިފަ ހުންނަން. ހީވަނީ މަލް އާ ނުލައި އަހަރެންނަށް ވަރަށް ގިނަ ވަގުތު ހޭދަކުރެވިއްޖެހެން" ވިއާން ވާހަކަދެއްކިއެވެ.

"އެހާ ގިނަ ދުވަހެއް ނުދޭ. އަލްހަމްދުލިއްލާހް. އެކަމަކު ވިއާނަށް ތިކުރެވޭ އިހުސާސް ހަމަ އަހަރެންނަށްވެސް ކުރެވޭ. އަހާބަލަ ވިއާން އެންމެ ކްރިޓިކަލް ދުވަސްތަކުގައި އަހަރެން އުޅުނު ގޮތް" އަހަރެން ވާހަކަދެއްކީމެވެ.

"މާމަ ކިޔައިދިން. މަލް އަހަރެން ދެކެ ހަމަ އެހައި ލޯބިވޭތަ؟" ވިއާން އެހިއެވެ.

"ހޫމް. ދެން އިނގެއެއްނު. އަހަރެން މީހެއް ދެކެ ލޯބިވިއްޔާ ލޯބިވާނީ ހަމަ ހިތުގެ އެންމެ ފުނުން. މީހަކު ދެކެ ފޫހިވެ ނަފުރަތު ކުރަން ޖެހުނަސް ހިނގާނީ ހަމަ އެއް އުސޫލެއް" އެ ޖުމުލަ އަހަރެންގެ ދުލުން ބޭރުވެގެން ދިޔައިރު އަހަރެންގެ ލޯ ކުރިމަތީގައި ތަމްސީލުވެގެން ދިޔައީ ޒިޔާންގެ ސޫރައެވެ.

"ދެން ތި ކައިބަލަ" ވިއާނަށް އަހަރެން ބުނީމެވެ. ނަމަވެސް ވިއާން އަޅައެއް ނުލައެވެ. އިރުކޮޅަކުން އަހަރެންނަށް ބަލަން ހުރެފައި ކަނާއަތް މަޑުމަޑުން އުފުލައިލިއެވެ. ތަށީގައި އޮތް އޮރެންޖް ކޮޅުގައި ހިފައިފައިވެސް އޭނާއަށް އަނގަ އާ ހަމައަށް ނުގެންދެވުނެވެ. ކަނދުރާމަތިން ޒަހަމްވެފައި ހުރި ތަނުގެ ރިހުން އެ އަތުގެ ކޮނޑާ ހަމައަށް ހުއްޓެވެ.

"ގެނޭ އަހަރެން އަތަށް" އަހަރެން ވިއާންގެ އަތުން ތަށި އަތުލީމެވެ. އަދި ވިއާނަށް ކާންދޭން ފެށީމެވެ.

*****

އިޝާ ނަމާދުކޮށްގެން ކޮޓަރިން ނިކުތް ތަނާ ބަދިގެއިން ނިކުތް މަންމަ ގޮވާލައިފިއެވެ. ފައިވާން ހަރުގަނޑާ ދިމާލަށް ދިޔުުމުގެ ބަދަލުގައި އަހަރެން މިސްރާބު ޖެހީ ބަދިގެ އާ ދިމާލަށެވެ. އަހަރެން ފެނުމާއެކު އައިސް އަލަމާރި ކައިރީގައި ހުރި މަންމަގެ ތުންފަތަށް ފުޅާ ހިނިތުންވުމެއް ވެރިވެއްޖެއެވެ.

"ކައިގެން ދާންވާނީ" މަންމަ ބުނެލިއެވެ. އަހަރެން ދެކޮޅެއް ނަހަދަމެވެ. މޭޒު ކައިރީގައި އިށިންއިރު މުޅި ބަދިގެ ތެރޭގައި ހިފާލާފައިވަނީ ފިހުނު މަހުގެ މީރު ވަހެވެ. މޭޒު މަތީގައި ހުރި އެއްޗެހިން އޭރުވެސް އާވި އަރައެވެ.

"މަންމަތަ މިރޭ ކެއްކީ" އަހަރެން އެހީމެވެ.

"އާނ. މަންމައަށް ދެން ބަދިގެއަށް ނުވަދެވޭނެ. ކިހާ ވަރަކަށް ބުނާނީ އެ އުމުރުގަ އަރާމުކުރާށޭ. ދަރިންނަށްޓަކައި ވަރަށް ގުރުބާންވެވިއްޖެ މިހާރު މަންމައަށް" މަންމަ ވާހަކަދެއްކިއެވެ.

"އަޅުގަނޑު އެންމެ ފުރަތަމަ މިގެއަށް އައި ދުވަހުވެސް މާމަ ކައިރީގައި ދެއްކީ ތިވާހަކަ. އިނގޭތަ މާމަ ބުނީ ކީކޭ ކަން. އުުމުރުން ދުވަސްވެފައި ހުއްޓަސް މާމައަށް ކޮޅަށް ހުރެވެނީ ހަތަރެސްފައި ހެލޭތީ އޯ" އަހަރެން ވާހަކަދެއްކީމެވެ.

"ދެން މަލް އާ މަންމަ އާ ދެމީހުން އުޅުނީމަ ރަނގަޅެއްނު" ހީލާފައި ދެ ބަތްކާ ތަށި ހިފައިގެން އައިސް މޭޒު ކައިރީގައި މަންމަ ހުއްޓުނެވެ. އިރުކޮޅަކުން މާމަވެސް އައެވެ. ރޭގަނޑުގެ ކެއުމަށް އިންސާފުކުރީ ތިންމައިން އެއްކޮށެވެ. އެތައް ދުވަހަކަށްފަހު އާއިލާއަށް އައި އުފާވެރި ވަގުތުކޮޅަކަށް އެވަގުތުކޮޅު ވިއެވެ. ހިތްހަމަޖެހިލައިގެން އެހެން ރޭރެއަށް ވުރެ ރަނގަޅަށް ކެވުނުހެން ހީވިއެވެ.

"ހޮޓަލުން ކާއެއްޗެހި ގެނެސްގެން އެސޮރަށް ކާންދޭކަށް މަންމައަށް ނުފެނޭ. އެހެންވެ ތަށިބަރި ތައްޔާރުކުރީ. މިރޭ މިހުރީވެސް އެސޮރަށް އެންމެ މީރު ކެއުން. ކުޑައިރުވެސް ގަރުދިޔައާ ބަތާ ވިއްޔާ މަންމަ ދިން ވަރަކަށް ކާނެ" އަހަރެން އަތަށް ތަށިބަރި ދެމުން މަންމަ ވާހަކަދެއްކިއެވެ.

"ހަނދާންކުރާތި ދަރިފުޅާ. އެކޮޓަރީގަ ތިބޭނީ ތި ދެކުދިން. ނުބައި މަގެއް ހިޔާރުނުކުރާތި. ޝައިތާނާ މަގު އޮޅުވައިލަން މަސައްކަތްކުރާނެ. ކާމިޔާބުވިޔަ ނުދޭތި. ރަނގަޅަށް ނިދާތި" މާމަގެ ނަސޭހަތެވެ. މާމަގެ އެ ހެޔޮ ބަސްތަކަށް އަހަރެން އާދަވެއްޖެއެވެ. މިހާރު އަހަރެންނަށް ނިދެނީވެސް އެބަސްތައް އަޑުއަހައިފައެވެ. އަހަރެންގެ ހަށިގަނޑުގައި އަށަގަނެފައިވާ ހެޔޮ ތަރުބިއްޔަތުގެ މުގުލުގައި ހުރި މީހަކީ މާމައެވެ.

"ހެނދުނު މިކޮޅުން ސައި ހިފައިގެން ދާނަން. އޭރުން މަލްއަށް ގެއަށް އައިސް ނިދާލެވޭނެއްނު. ނަސީބެއް މާދަމާ ހުކުރު ދުވަހަށް ވީކަންވެސް. ކިޔެވުންވެސް ނޯންނާނެއްނު" މަންމަ ވާހަކަދެއްކިއެވެ.

*****

ވިއާން ކައިރީގައި އާލިމް މަޑުކޮށްގެން އިނުމުން އަހަރެން ބަލައި އާލިމަށް ނާދެވުނެވެ. ސައިކަލުގައި އަހަރެން އެކަނި ދާން ވިއާން އެއްބަސް ނުވިއެވެ. އަމުދުން އެކަނި ޓެކްސީއަކަށް އަރަން ހިތަށް އަރުވައިގެންވެސް ނުވާނެކަމަށް ވިއާން އެންގިއެވެ. ހިނގާލާފައި ދާންވެސް ވިއާން އެއްބަހެއް ނުވިއެވެ.

"ދެން ފްލައި ކުރަންވީތަ؟" ގޭ ދޮރުމަތީގައި އަހަރެން ހުރީ ވިއާނަށް ގުޅައިގެންނެވެ.

"މިހާރުވެސް އަހަރެންގެ މޮޔަ ކޮއްކޮ ހުންނާނެ މަލް ފެންނަ ހިސާބުގަ" ވިއާން ބުނެލިއެވެ. އަހަރެންނަށް ދެކޮޅު ހޯދައި ބަލައިލެވުނެވެ. ޒިޔާންގެ ނިޝާނެއްވެސް ނެތެވެ. އަހަރެން އެކަނި ހުރިތަން ފެނިއްޖެނަމަ ޒިޔާން ދުރުގައި ނުހުންނާނެއެވެ.

"މިތަން ވަރަށް އަމާން. ދެން ބުނެބަ އަހަރެން ކިހިނެއް ހަދަންވީ؟" އަހަރެން އެހީމެވެ.

"އިހަށް ފޯނު ބާއްވަބަލަ. އެބަ ގުޅަން" ވިއާން ބުނެލިއެވެ. އަހަރެން ފޯނު ބާއްވާފައި މައްޗަށް ބަލައިލިއިރު ބެލްކަނިން ތިރިއަށް ބަލަހައްޓައިގެން މަންމައާ މާމަ ހުއްޓެވެ. އަހަރެން އަތްހޫރައިލީމެވެ. އިރުކޮޅަކުން ފޯނަށް މެސެޖެއް އައި އަޑު އިވުނެވެ. ބަލައިލިއިރު ވިއާނެވެ.

"އަހަރެން ބޭނުމެއް ނޫން. މަލް އެއްވެސް ފިރިހެނެއްގެ ސައިކަލް ފަހަތަށް އަރުވާކަށް. އެކަމަކު ހާލަތު މިވަގުތު އަހަރެންނަށް މަޖުބޫރު ކުރަނީ އެހެންގޮތެއް. އިރުކޮޅަކުން ދާނެ މަލްގެ ކައިވެނީގެ ހެކިވެރިއެއް" ވިއާން ފޮނުވާލާފައި އޮތެވެ.

"ސޮރީ. ނުގުޅުނީ ޑޮކްޓަރެއް އެބަހުރި މި ކޮޓަރީގަ. އަވަހަށް އަންނައްޗެ. ލަވް ޔޫ" ވިއާން ފޮނުވާލާފައިވާ އޮތް މެސެޖުގައި ވިއެވެ. އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ.

"މާދަމާ ބޮޑު ދުވަހެއްދޯ" ހޮސްޕިޓަލް ކައިިރިއަށް ސައިކަލް މަޑުކޮށްލުމުން އަހަރެން ފޭބިތަނާ ޝާހިދު ބުނެލިއެވެ.

"އާނ ދޯ" އަހަރެން ބުނީމެވެ.

ޝުކުރު އަދާކޮށްފައި އެތެރެއަށް ވަންނަން ހިނގައިގަތްއިރު އަހަރެން ހުރީ ވިއާން ނުފެންނަތާ ގިނަ އިރުތަކެއް ވުމުން ދެކިލާހިތްވެސް ވެފައެވެ. ލިފްޓުގެ މައްސަލަ ޖެހިފައި ހުރުމުން ސިޑިން އަރައިގެން ގޮސް ވޯޑުތަކާ އަރައި ހަމަވިތަނާ އަހަރެން ސިއްސައިގެންދިޔައީ މީހަކު އަހަރެންގެ އަތުގައި ހިފެހެއްޓުމުންނެވެ. ބަލައިލިއިރު ޝައިތާނާ މިހުރީ އަހަރެންނާ ދާދި ގާތުގައެވެ. އައި ރުޅިން ޒިޔާންގެ އަތް ދުރަށް ފޮޅާލީމެވެ.

"މިއަދު ތިގޮތަށް އަހަރެންގެ އަތް ހޫރާލިޔަސް އިއްޔެގަ ތިކަމަނާ އޮތީ އަހަރެންގެ މި ދެއަތުގެ ތެރޭގަ. ހަނދާނެއް ނެތްތަ؟" ޒިޔާން ބުންޏެވެ. އަހަރެން އެއްޗެއް ނުބުނަމެވެ. އެކަތި ބުނެފިއްޔާ ޒިޔާން މަސައްކަތްކުރާނީ އަހަރެންގެ އަނގައިން ދެވަނަ ޖުމުލަވެސް ބޭރުކުރާށެވެ. އެހެން ގޮސް ތިންވަނަ ޖުމުލަވެސް ހަތަރުވަނަ ޖުމުލަވެސް ބުނެވޭނެއެވެ. އޭރުން ޒިޔާން ބޭނުންވާގޮތަށް އަހަރެންނަށް އޭނާ ބުނާ ކޮންމެ އެއްޗަކަށް ޖަވާބުދެވޭނެއެވެ. ހަމަހިލާ އެގޮތެއް އަހަރެން ބޭނުމެއްނޫނެވެ. ކައިރީގައި މީހަކު ހުރިކަމަށްވެސް ހަދައިނުލައި ކުރިއަށް ހިނގައިގަތީމެވެ. ކުރިއަށް ދެތިން ފިޔަވަޅު އެޅިތަނާ ޒިޔާން އައިސް އަރައި ހަމަކޮށްފިއެވެ.

"ސީރިޔަސްކޮށް ބުރުގާ އެޅީމަ ހީވަނީ މުޅިން އެހެން މީހެއްހެން. އަރަބި މޮޑެލްއަކާ ބޮޑަށް ވައްތަރީ. އާހް... ދެން ހަމަ މަށަށް ނުލިބޭނެތަ؟" ޒިޔާން ވާހަކަދެއްކިއެވެ. އަތުގައި އޮތް ފޯނު ރިންގުވާން ފެށިއެވެ. ބަަލައިލިއިރު ޒިޔާނެވެ. އެ ގުޅަނީ އަހަރެން ލަސްވެގެންނެވެ.

"މިދަނީ. ހޮސްޕިޓަލަށް ވަތްތަނާ ކަނޑުމަތި އަޅައިފި" ފޯނު ނެގި ގޮތަށް އަހަރެން ބުނީމެވެ. ވަގުތުން ވިއާން ކަންބޮޑުވެއްޖެއެވެ. އަހަރެން ނުބުނަނީސް ޒިޔާންގެ އުނދަގުލެއް ފޯރައިފިކަން އެނގިއްޖެއެވެ. ވިއާން އެދުނީ ފޯނު ނުބޭއްވުމަށެވެ. އަދި ކުރިއަށް ނައިސް ހުރި ތަނުގައި މަޑުކޮށްގެން ހުރުމަށެވެ. ހޮސްޕިޓަލަކީ އެއްވެސް އިރެއްގައި މީހުން ހުސްވާ ތަނެއް ނޫންކަމަށް ވިއާން ބުންޏެވެ. އާލިމް އަންނާނެ ކަމަށް ބުންޏެވެ.

"އައްދެ އައްދެ... އަހަރެންގެ ނުކުޅެދޭ ބޭބެސޮރު ތަ؟" ޒިޔާން ބުންޏެވެ. އެ އަޑު ވިއާނަށްވެސް އިވޭނެއެވެ.

"މަލް، ރައްދު ނުދޭތި؟ އެކަހަލަ މީހަކު ކޮންމެ ކަމެއްވެސް ކޮށްފާނެ" ފޯނުގައި ހުރި ވިއާން ބުނެލިއެވެ. ވިއާން އެދުނު ފަދައިން އަހަރެން އިހުތިޔާރުކުރީ ހިމޭންކަމެވެ.

"ދެން ތިހާ އެކްޓް ނުކޮށްބަލަ. އަހަރެންނަށް އެނގޭ އަދިވެސް މަލް އަހަރެން ދެކެ ލޯބިވާކަން. އެހެންވެގެން ތިއުޅެނީ އަހަރެންގެ ވާހަކަ ރިޕޯޓްކުރަން ނުކެރިގެން. މަލްއަކަށް ކެތެއްނުވާނެ އަހަރެން ޖަލުގައި ހުންނަތަން ބަލާކަށް. އެހެންނު. އަމުދުން އެ އަންހެން ވިއާނުގެ...." ވިއާންގެ ޖުމުލަތައް އަޑުއަހަން އަހަރެންނަށް ކެތެއްނުވިއެވެ. ފަހަރެއްގައި ޒިޔާން ބޭނުންވަނީ އަހަރެން އަނގައިން އެއްޗެއް ބުނުވަން ކަމަށްވެސް ވެދާނެއެވެ. މިފަހަރު އޭނާ ބޭނުންވި ގޮތަށް އަހަރެން އަނގަ ހުޅުވާނަމެވެ.

"ޝަޓްއަޕް... ކަލޭގެ ތި މުޑުދާރު އަނގައިން ވިއާންގެ ނަންވެސް ކިޔައިގެން ނުވާނެ. އަންހެނަކީ ކަލޭ. އެހެންވެގެންނު ރަނޑު އަންހެނަކަށް ވެގެން އަންހެނެއް ފަހަތުން ތިއައީ" އަހަރެން ބުނީމެވެ.

"މަލް، ތީދެން ކޮންކަމެއް؟ އަހަރެން ނުބުނަންތަ އޭނައަށް ޖަވާބުދޭނެ ކަމެއްނެތޭ" ވިއާންގެ އަޑު އިވުނެވެ.

"އައި ލަވް ޔޫ ވިއާން. މިކަހަލަ މީހަކު އަހަރެންގެ ފިރިމީހާއާ ކިޔާއިރުވެސް އަހަރެން ހުންނަންވީތަ؟ އައިމް ސޮރީ މައި ލަވް" އަހަރެން ވިއާނަށް ޖަވާބުދިނީމެވެ. ޖުމުލަތައް އެގޮތަށް އަތުރައިލީވެސް ޒިޔާނަށް އިއްވުމަށެވެ. އަހަރެންގެ ހިތުގައި އޭނާއަށް އެއްވެސް ޝައުގުވެރިކަމެއް ނެތްކަން އަންގައިދިނުމަށެވެ. ވީވެސް އެހެންނެވެ. ބުޅާ މަސްގަނޑަށް ދަހިވެތިވެގެން ބަލަހައްޓައިގެން ހުންނަ އުސޫލުން ޒިޔާން ހުރީ އަހަރެންނަށް ބަލަހައްޓައިގެންނެވެ.

"ކޮބާ މިހާރު؟" ވިއާން އެހިއެވެ.

"އެބަހުރި. ކުއްލިއަކަށް އަނގައިން ބަސް ހުސްވެފަ" އަހަރެން ބުނީމެވެ.

ދެން ފެނިގެން ދިޔައީ އަހަރެން ހައިރާންކުރުވި މަންޒަރެކެވެ. އިތުރަށް އަހަރެންނާ ޖަދަލު ކުރުމެއްނެތި ޒިޔާން އައިކޮޅަށް އަނބުރާލައިފިއެވެ. ހިނދުކޮޅަކަށް ޒިޔާންގެ ދެލޮލުން ކަރުނައެއް ފެނުނުހެން ހީވިއެވެ. އެހެންނަމަވެސް އެއީ ހަގީގަތަކަށް ނުވާނެއެވެ. ހިތެއް ނެތް މީހެއްގެ ލޮލުން ކަރުނަ ނީރާލައިފާނެ ހެއްޔެވެ؟ ޒިޔާންގެ މޭގައި ހިތެއް ވާކަމަކަށް އަހަރެން ގަބޫލެއް ނުކުރަމެވެ. ހިތެއް އޮތްނަމަ ބިންމަތީގައި ހިނގަ ހިނގާ ހުރި އިންސާނަކު މިޔަ ތޫނު ހަންޖަރަކުން ކޮށާލާފައި ބިމަށް ތިރިކުރާކަށް ނުކެރޭނެއެވެ.

"މަލް، ކޮބާ އޭނަ؟" ދާދި ކައިރިން އާލިމްގެ އަޑު އިވުނެވެ. އޭރުވެސް އަހަރެން ހުރީ ވިއާންގެ ފޯނުގައެވެ. އަހަރެން އާލިމްއަށް ދުރަށް ހިނގަމުންދިޔަ ޒިޔާން ދައްކާލީ ލޮލުގެ އިޝާރާތުންނެވެ.

*****

ކޮޓަރިއަށް ވަނުމާއެކު އަހަރެންނަށް ވިއާން ބަލައިލީ ކަންބޮޑުވުމުގެ ނަޒަރަކުންނެވެ. ވިއާންގެ އެންމެ ނަޒަރަކުން އަހަރެންނަށް އޭނާގެ ދެލޮލުން ބުނެދޭން އުޅޭ އެއްޗެއް ވިސްނުނެވެ. ގެންދިޔަ ތަށިބަރި ކަބަޑު މަތީގައި ބަހައްޓާފައި އަހަރެން ވިއާނާ ގާތަށް ޖެހިލީމެވެ. ކަންބޮޑުވެފައި އިން ވިއާންގެ އަތުގައި ހިފައިލީމެވެ.

"އަހަރެން ކަނޑަނީ އިނގޭ. ހެނދުނު އޮފީހަށް ދާންޖެހޭނެއްނު" އާލިމް ބުނެލިއެވެ.

"އިހަށް މަޑުކޮށްބަލަ" އަހަރެން ބުނީމެވެ. އާލިމްގެވެސް ހާޒިރުގައި އަހަރެން ވިއާނާ ވާހަކައެއް ދައްކަން ބޭނުންވެގެން އުޅޭތާ އިރުތަކެއް ވެއްޖެއެވެ.

"ކިހިނެއްވީ؟ ވަރަށް ހީވޭ އެއްޗެއް ބުނަން އުޅޭހެން" ވިއާން ބުނެލިއެވެ.

"އާނ. އެދުވަހު ވިއާން ފޮނުވާފައި އިން މެސެޖް އަހަރެންނަށް ފެނުނީ ރޭގެ ކުރިން ރޭގަ. ވިއާނަށް ކިހިނެއް އެހެން ބުނަން އެނގުނީ ބަޔަކު ފާރަލާކަން" އަހަރެން އެހީމެވެ.

"ގެއިން ނިކުތީއްސުރެ ފެށިގެން އަހަރެމެންގެ ފަހަތުން އެއްބަޔަކު ފެންނަން ތިބީމަ އެނގޭނެއްނު" ވިއާން ބުނެލިއެވެ.

"ދެން ކަމެއް ގޯސްވާން އުޅޭކަން އިނގޭ އިރުވެސް އަޅާނުލީ ކީއްވެތަ؟" އަހަރެންނަށް އެހެން އެހުނީ ޝަކުވާގެ ރާގެއްގައެވެ.

"ގަންނަން ދިޔަ އެތި ލިބުނީމަ ދޯ އާދެވޭނީ. އެކަމަކު ހިތަކަށް ނާރާ ވަޅިން ހަމަލާދޭނެއެކޭ. އަހަރެންނަށް ޒިޔާނެއް ނުވެސް ފެނޭ އެތަނަކުން" ވިއާން ބުނެލިއެވެ.

"އެހެންވެގެންދޯ އެވަރަށް ފަހަތް ބެލީ" އާލިމް ބުންޏެވެ. ވިއާން އާލިމަށް ބަލައިލާފައި ބޯޖަހައިލިއެވެ.

"ވިއާން ބޭނުންތަ ތިހުރިހާ ވާހަކަތަކެއް ފުލުހުންނަށް ކިޔައިދޭން. ޒިޔާނަށް އެހެން ނުހުރެވޭނެ. ކަންކުރި މީހުން ޖަލުގަ. ރާވައި ފަންޑުކުރި މީހާ ސަލާމަތުން" އަހަރެން ވާހަކަދެއްކީމެވެ.

"ވިއާން އައިސީޔޫގައި އޮތް ރެއެއްގަ ޒިޔާން މަށަށް ގުޅި. އެކަން ކުރި ކަމަށް އެރޭ އޭނަ އިއުތިރާފުވި. އައި ހޭވް ޕްރޫފް. މާދަމާވެސް ފުލުހުންނަށް ހުރިހާ މައުލޫމާތެއްދޭންވީ" އަހަރެން ވާހަކަދެއްކީމެވެ.

"އެކަމަކު އަހަރެން ހިތަށް އަރާ ކާކު ބާއޭ ޒިޔާނަށް އެހާވަރަށް ފައިސާ ދިނީ. ޖޮބެއްގައެއްވެސް ނޫން އުޅެނީ. މާޖިދާއްތަ ބުނި ހަކުރު ވިއްކައިގެންނޭ ކިރިޔާވެސް ލާރިކޮޅެއް ލިބެނީ" އާލިމް ވާހަކަދެއްކިއެވެ.

"މަށަށް ބޮޑަށް ހީވަނީ ޒިޔާން ބައްޕަހެން. އެއީ ރިސޯޓެއްގެ ވަރަށް މަތީ މީހެއް. އެ ލަބީބު ހުރީވެސް ނުލާހިކު ގަދައަށް އަހަރެމެންނާ ޖައްސާލާފަ" އަހަރެން ބުނީމެވެ.

"ކޮންމެގޮތެއް ވިޔަސް ޒިޔާންގެ ސްޓޯރީ ދެން މި ނިމުނީ. ވިއާންގެ ބަޔާން ނަގަން އަންނައިރު ހުރިހާ ވާހަކަތަކެއް ކިޔައިދިނީމަ އެވީނު. އޭރުން އެއްވެސް ޗޮއިސްއެއް ނޯންނާނެ އޭނައަކަށް" އަހަރެން ވާހަކަދެއްކީމެވެ.

އަހަރެން ދެއްކި ވާހަކަތަކުގައި ފުރިހަމައަށް އާލިމް އެއްބައި ވިއެވެ. ލަސްވާތީ ދެން އޭނާ ނިކުތީ ގެއަށް ދިޔުމަށެވެ. ފާހާނާއަށް ވަދެފައި ނިކުތްއިރު ވިއާން ނިތްމައްޗަށް އަތް އެއްލައިގެން އޮތީ ވިސްނުމަކަށް ގެއްލިފައި ކަހަލަ ގޮތަކަށެވެ. ވިއާން އެހައި ބޮޑު ފިކުރެއްގައި ވަނިކޮށް މިނޫނީ އަދި އޭނައަށް ނުފެނެއެވެ.

"ވިއާން،" ކައިރިއަށް ހުއްޓިފައި އަހަރެން ގޮވައިލީމެވެ.

"ވިއާން،" ވިއާންގެ ފަރާތުން އެއްވެސް ޖަވާބެއް ނައުމުން އަހަރެން ވިއާންގެ އަތުގައި ކޮއްޓައިލީމެވެ.

" ޔާ ރައްބީ. ކޮން ވިސްނުމެއްގަ" ވިއާން ސިހުުވަރުން އަހަރެން އެހީމެވެ.

"ނުވިސްނަން" ވިއާން ބުންޏެވެ. ވިއާން އަހަރެންނަށް ކަމެއް ސިއްރުކޮށްފިކަން އަހަރެންނަށް އެނގުނެވެ. އެއީ އޭނާ ހެދި ދޮގެއް ނޫނެވެ. އެހެންނަމަވެސް ހަގީގަތް އަންގަން ބޭނުންނުވަނީއެވެ. އިތުރަށް އެވާހަކަތައް ދައްކަން އަހަރެން ބޭނުންނުވީއެވެ.

"ކާންވީނުން. މިރޭ މަންމަ ކައްކާފައި ހުރީ ވިއާނަށް އެންމެ މީރު އެއްޗެހި. ވަރަށް މީރު ފިހުނު މަސްކޮޅެއްވެސް އޮންނާނެ" އަހަރެން ބުނީމެވެ. ވިއާން ޝައުގުވެރިކަން ފާޅުކުރިއެވެ. ނޫނީ އަހަރެން އިތުރު ސުވާލެއް ކޮށްފާނެތީ އަވަހަށް މަތިޖަހައިލީއެވެ. ވިއާނަށް ނޭނގުނީ ފަހުން އަހަރެން އެ ސުވާލު ކުރާނެ ކަމެވެ.

"ސަމްސަލުންނެއް ނޫން. އަތުން ވަރަށް މީރުކޮށް މޮޑެލާފަ ދެއްޗޭ" ކާއެއްޗެހި މަތި ނަގަން ފެށުމުން ވިއާން ބުނެލިއެވެ. އަހަރެންނަށް ހީލެވުނެވެ.

"އަހަރެންގެ އަތުން ކާންދޭނީވެސް. އެންމެ ރަނގަޅުތަ؟" އަހަރެން ބުނީމެވެ. ވިއާން ބޯޖަހައިލިއެވެ.

މޮޑުނު ކާއެއްޗެހި ތަށި ހުސްނުވަނީސް ދޮރު ހުޅުވާލާފައި ނަރުސް ކުއްޖެއް ވަނެވެ. އަހަރެން ތެދުވެފައި އެކުއްޖާއަށް ތަންދެއްކީމެވެ.

"މާދަމާ ހެނދުނު އިންނާނެ އެކްސްރޭ. ތަންކޮޅެއް ކުރިން މެމޯ ހައްދާލާފައި ބައިންދާތި އިނގޭ" ނަރުސްކުއްޖާ ބުނެލިއެވެ. އަތުގައި އޮތް ރިކުއިސްޓް ފޯމް ކަބަޑުގެ ވަތްގަނޑު ދަމައިލާފައި އެއަށް ލީމެވެ. އަނެއްކާވެސް ވިއާނަށް ކާންދޭން ފަށާފައި ވިއާންގެ މޫނަށް ބަލައިލީމެވެ.

"މި ނަރުހުން ރޭގަނޑު އަހަރެން ނިދާފައި އޮންނަ ގަޑީގައިވެސް އެހެން ވަންނާނެތަ؟" އިރުގަނޑަކަށްފަހު ވިއާން އެހިއެވެ. އަހަރެން ކައިރިއަށް ހިނިއައެވެ.

"އެއީ އެމީހުންގެ ވަޒީފާއެއްނު. އެހެންނޫނަސް ކިތައް ދުވަހު އެމީހުންގެ މެދުގައި އޮވެ ނިދާފަ ތިއައީ. އެމީހުން ކޮންމެގޮތެއް ހެދިޔަސް ވިއާނަށް ނޭނގޭނެ" އަހަރެން ބުނީމެވެ. ވިއާންގެ މޫނުމަތިން ފެނުނީ ހިތްހަމަނުޖެހުމެވެ.

ފަހު ކަަމަކަށް ވިއާނަށް ފެންތަށި ދީފައި ލައިޓް ނިއްވާލަން އުޅުނު ވަގުތު އަހަރެންގެ ހަރަކާތަށް ލަސްކަމެއް އައީ ވިއާން ބުނެލި ޖުމްލައަކުންނެވެ.

"އަހަރެން ބޭނުމެއް ނޫން މި މައްސަލައިގައި ދައުވާ ކުރާކަށް" ވިއާން ބުނެލިއެވެ.

(ނުނިމޭ)