(31 މެއި ގެ އަދަދާ ގުޅޭ)
سعد ދެކަކޫފުޅު ޖައްސަވައިގެން ކުރިޔަށް ވަޑައިގަންނަވަމުން ބައްލަވައިލެއްވިއިރު ޙަމަލަދޭ މީހުން ހިލަތަކުގެ ބިއްދޮށުން ބިންމަތީގައި ބަނޑުޖައްސައިގެން ލޫދެމުން ފަރުބަދަމައްޗަށް އަރަމުން އާދެއެވެ. سعد އާއި صـدّيـق އާ ދެބޭފުޅުން ދުނިޖައްސަވައި ދެމީހަކު ޒަޚަމުކޮށްލެއްވުމުން ދެންތިބި މީހުން ހިލަތަކުގެ ނިވަލުގައި ފިލައިފިއެވެ. ޙަމަލަދޭ މީހުން އިރުކޮޅަކުން ކުއްލިޔަކަށް ކަނާތްފަރާތުންނާއި ވާތްފަރާތުންނާއި ކުރިމަތީން އެއްފަހަރާ މައްޗަށް އަރާންފަށައިފިއެވެ. سعد އާއި صـدّيـق އާ ދެބޭފުޅުންވެސް ތިންފަރާތަށް ޙަމަލަދެއްވޭފަދަ ތަނެއްގައި އިށީނދެވަޑައިގެންފިއެވެ. سعد ދުނިއުއްކަވަމުން ގެންދަވާއިރު ބައެއްފަހަރު ވާދީއާ ދިމާޔަށް ބައްލަވައިލައްވައެވެ. އަސްވާރުންގެ ގެމަ ކައިރިވަމުން އަންނާތީ އޭނާއަށް ހިތްވަރު ލިބިވަޑައިގަންނަވައެވެ. ކުއްލިޔަކަށް ހަތްމީހަކު ހިލަތަކުގެ ބިއްދޮށުން ނުކުމެ ފަރުބަދަމައްޗަށް ޙަމަލަދީފިއެވެ. سعد ދުނި ޖައްސަވައި އޭގެތެރެއިން ދެމީހަކު ތިރާކޮށްލެއްވިއެވެ. އެކަމަކު ތިންމީހަކު ފަރުބަދަމައްޗަށް އަރައިފިއެވެ. އެކަކު ކަނޑި ދަމައިގަނެގެން سعد އާ ޙަމަލަދޭން މަސައްކަތް ކުރިއެވެ. އެކަމަކު سعد ދޫކޮށްލެއްވި ތީރު ހެރުނީ އޭނާގެ މެޔަށެވެ. އެމީހާ ބިރުވެރި ހަޅޭކަކާއެކު ފަރުބަދަމަތީން ވެއްޓިއްޖެއެވެ. صـدّيـق ދުނިދަނޑި އެއްލައިލައިފައި ކަނޑި ދަމައިގެންފިއެވެ. އޭނާގެ ފަހަތުން އަންނަ ދެމީހުނާ ޙަމަލަދީފިއެވެ. صـدّيـق އެދެމީހުންގެ ކަންތައް ނިންމައިލާއިރަށް އަނެއްކާ ދެމީހަކު ކުރިމަތީން ފަރުބަދަމައްޗަށް އަރައިފިއެވެ. سعد ކުއްލިޔަކަށް ހިތްވަރުފުޅާއެކު ތެދުވެވަޑައިގެން އެދެމީހުންނާ ޙަމަލަ ދެއްވައިފިއެވެ. އޭގެތެރެއިން އެކަކު ފަހަތަށް ކޮއްޕަވަމުން ވަޑައިގެން ހިލަގަނޑުގެ ކަނަކަށް ގެންދަވައިފިއެވެ.
سعد ގެ ކަނޑިކޮޅުން ދޫކޮށްލެއްވި އެތިފަހަރު އެރީ އޭނާގެ ކޮނޑަށެވެ. އޭނާ ފަރުބަދަމަތީން ފަހަތަށް ވެއްޓިއްޖެއެވެ. ދެވަނަ މީހާ سعد ގެ ހަށިކޮޅަށް ކަނޑި އެތިފަހަރެއް އަރުވައިލިއެވެ. އެ އެތިފަހަރު سعد ގެ މުލައްދަނޑިފުޅުގައި ޒަޚަމެއް އުފެއްދުމަށްފަހު ތިރިޔަށް ސޮހިގެން ހިނގައްޖެއެވެ. ނަމަވެސް سعد ގެ އިސްތަށިފުޅު އަނބުރައިގަތުމުގެ ސަބަބުން ފަހަތަށްފަހަތަށް ވަޑައިގެން ހިލައެއްގެ މައްޗަށް ވެއްޓިވަޑައިގެންފިއެވެ. ޙަމަލަދިން މީހާ سعد ގެ ގައިކޮޅުގައި ދެވަނަ އެތިފަހަރެއް ޖަހަން މަސައްކަތްކުރިއެވެ. އެކަމަކު އޭރު صـدّيـق އޭނާ ޙަމަލަދިން މީހާ ޤަތުލުކޮށްލުމަށްފަހު ވިދުވަރެއްފަދަ ހަލުވިކަމާއެކު މިފަރާތަށް ސަމާލުކަން ދީފިއެވެ. ދެމީހުން ކަނޑި އެތިއެތިފަހަރު ބަދަލުކުރާން ފަށައިފިއެވެ. އެކަމަކު ބަސްބުނާހައި ކުޑައިރުކޮޅެއްގެ ތެރޭގައި صـدّيـق އޭނާގެ ކަނޑި އެމީހާގެ މެޔަށް ކޮއްޕައިލައިފިއެވެ. ޙަމަލަދޭ މީހުންކުރެ ބާކީތިބި މީހުން މައްޗަށް އެރުމުގެ ބަދަލުގައި ހަޅޭއްފަޅޭއްލަވަމުން ތިރިޔަށް ފައިބާން ފަށައިފިއެވެ. އޭގެތެރެއިން ކޮންމެވެސް މީހެއް ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. "ބަރުބަރީން އަތުވެއްޖެ! އަވަހަށް ފިލަމާ ހިނގާ! ފިލަމާ ހިނގާ!"
صـدّيـق ގާތްގަނޑަކަށް ބައިގަޑިޔެއްހައިއިރު ފަހުން سعد ހޭފުޅުއަރާތޯ މަސައްކަތް ފަށައިފިއެވެ. އޭނާ ބުނަމުން ގެންދިޔައެވެ. "ޤުދުރަތުން އަޅުގަނޑުމެންނަށް ފަތަޙަ ދެއްވައިފި! އަޅުގަނޑުމެންގެ ކިއްލާގެ ސިފައިން އަތުވެއްޖެ. ދުޝްމިނުން ފިލައިގެން ހިނގައްޖެ. ބައްލަވާ! އަޅުގަނޑުމެންގެ މީހުން ފަރުބަދަމައްޗަށް އެބައަރާ!"
سعد ހޭފުޅުއަރައިގެން ލޯފުޅު ހުޅުއްވައިލެއްވިއެވެ. އޭނާ ކަނދުރާފުޅު އުފުއްލައިލައްވައިފައި ފަރުބަދައިގެ ތިރިޔަށް ބައްލަވާން ފައްޓަވައިފިއެވެ. ކިއްލާގެ ސިފައިންގެ ބަޔަކު ފަރުބަދަމައްޗަށް އެބައަރައެވެ.
سعد ގެ ލޯފުޅު ކުއްލިޔަކަށް މީހެއްގެ މޫނަށް ހުއްޓިއްޖެއެވެ. އެއީ ميـمــونـة އެވެ. سعد ވިދާޅުވިއެވެ. "صـدّيـق! صـدّيـق އަހަރެން އަދި މަރެއްނުވޭތަ؟"
صـدّيـق ހީނލިއެވެ. "ކަލާ އަވަހާރައެއް ނުވޭ! ކަލާ ދިރިހުންނަވަން ޖެހިވަޑައިގަންނަވާނެ. ކަލާގެ ޤައުމަށް ކަލާ ބޭނުން!"
"އަހަރެންގެ ޤައުމު!" سعد ބެދެމުންދާ އަޑުފުޅަކުން ވިދާޅުވިއެވެ. އެއަށްފަހު ލޯފުޅު މަރުއްވައިލައްވައިފިއެވެ. ހޭފުޅު ނެތިފައި އޮންނެވިއިރުވެސް އޭނާގެ މޫނުފުޅުމަތީގައި ކުޅެކުޅެހުރީ ހިނިތުންވެވަޑައިގެންނެވުމެވެ. އުދާސް އަދި ހިތާމަވެރި ހިނިތުންވެވަޑައިގެންނެވުމެކެވެ.
* * * * * * * * * * *
أميـر يـوسف ހުކުރުވިލޭރޭގެ ފަތިސްދަމު ޙިޞްނުއްލައިޠަށް ޙަމަލަދެއްވައިފިއެވެ. މުލޫކުއްޠަވާއިފުންގެ ލަޝްކަރުތަކާ އެކުގައެވެ. ދުވަހުގެ އިރުއެރިއިރު މުރާބިޠީނުން ވަނީ ފަރުބަދައިގެ ތިރީގައިހުރި ދުޝްމިނުންގެ ދިފާޢީ މަރުކަޒުތައް ސުންނާފަތިކުރުމަށްފަހު ކިއްލާގެ ބޭރުފާރަށް ޙަމަލަދޭން ފަށައިފައެވެ. މުރާބިޠީނުން ޙަމަލަދެމުން ގެންދިޔައީ ކިއްލާގެ ހުޅަނގުފަރާތުންނާއި އުތުރުފަރާތުންނާއި ދެކުނުފަރާތުންނެވެ. މުރާބިޠީނުން ގެންދިޔައީ ކިއްލާގެ ފާރަށް ޙަމަލަދޭ ދައްބާބާތަކާއި ސިޑިތަކާއި ކަމަންދުތަކުގެ އެހީގައި ފާރުމައްޗަށް އަރަން މަސައްކަތްކުރަމުންނެވެ. އަނެއްކޮޅުން ކިއްލާގެ ފާރަވެރީން ގެންދިޔައީ ތީރުތަކުގެ ވާރޭ ވެއްސުމުންނެވެ. އޭގެއިތުރަށް ކެކިކެކިހުރި ތެލާއި، ހޫނު ކައްސައްދުވާނިވެސް އޮއްސަމުންނެވެ. މުލޫކުއްޠަވާއިފުންގެ ލަޝްކަރުތަކާއި އަންދަލުސުގެ ރިޟާކާރުން ޙަމަލަދޭން ހަމަޖެހިފައިއޮތީ ކިއްލާގެ އިރުމަތީ ފަރާތުންނެވެ. أميـر يـوسف ވަނީ ރައްކާތެރިވެވަޑައިގެންނެވުމުގެ ގޮތުން މުރާބިޠީންގެ ގެމަތަކެއްވެސް އެމީހުނާ ބައިވެރިކުރައްވައިފައެވެ. އިޝްބީލިއްޔާއާއި މާލިޤާއާއި ޣަރުނާޠާގެ ރަސްރަސްކަލުން ވަޑައިގެން ނެތުމާއެކު އެތަންތާނގެ ލަޝްކަރުތަކާ ހަވާލުވެފައިވަނީ އިޝްބީލިއްޔާގެ ސިފައިންގެ ވެރިޔާއެވެ. ޙަމަލަދޭން ހަމަޖެހިފައިވާ ވަގުތު ޖެހުނުއިރު ބައެއް އެހެނިހެން ރަސްރަސްކަލުންވެސް ގެއްލިއްޖެއެވެ. އެބޭފުޅުންގެ ލަޝްކަރުތަކަށް މަގު ދައްކަވަނީ ބިޠުލިޔޫސުގެ ސިފައިންގެ ވެރިޔާއެވެ.
މުރާބިޠީނުން ޙަމަލަދެމުންގެންދާ ތިންފަރާތުގައިވަނީ ވަރަށް ވަރުގަދަޔަކަށް ހަނގުރާމައިގެ ހުޅުފަޅައިގެން ގޮސްފައެވެ. އެފުރިކާގެ މުޖާހިދުން ގެންދިޔައީ ދުޝްމިނުންގެ ތީރުތަކާއި ލޮންސިތަކަށް ފަރުވާލެއް ނުބަހައްޓައި ވަރަށް ވަރުގަދަ ޖޯޝަކާއި ފޯރިޔަކާއެކު ޙަމަލަދެމުންނެވެ. ނަޞާރާއިންގެ ޙަމަލާތަކަށް މޭދިއްކުރަމުންނެވެ. ސިޑިތަކާއި ކަމަންދުތަކުގެ އެހީގައި ފާރުމައްޗަށް އަރަން މަސައްކަތް ކުރަމުންނެވެ. އެއްބަޔަކު ނޭވާ ހަމަޖައްސައިލަން ފަހަތަށް ޖެހިލާއިރަށް އަނެއްބަޔަކު ކުރިޔަށްއަރައި މަސައްކަތާ ހަވާލުވެއެވެ. ފާރުމަތީން ގެންދިޔައީ ދައްބާބާތައް އަންދަމުންނެވެ. ސިޑިތައް ވަރަމުންނެވެ. ތީރާއި ލޮންސީގެ ޙަމަލަތައް ހިނދުކޮޅަކަށްވެސް މައިތިރިވިޔަކަ ނުދެއެވެ. އެކަމަކު މުރާބިޠީން ގެންދިޔައީ ހިނދުކޮޅަކަށްވުރެ ހިނދުކޮޅެއް ޙަމަލަ ވަރުގަދަ ކުރަމުންނެވެ.
أميـر يـوسف بــن تـاشـفـيـن އެއްދިމާއެއްގައި މަޑުކުރައްވައިގެނެއް ނުހުންނަވައެވެ. އެމަނިކުފާނު ގެންދެވީ ހަނގުރާމަ ހިނގާ ހުރިހައި ދިމަދިމާއެއްގައި ބުރުޖައްސަވަމުން "ހިތްވަރުގަދަ މުޖާހިދުންނޭވެ! ކުރިޔަށް އަރާށެވެ! މިއަދަކީ ތިޔަބައިމީހުންގެ ފަތަޙައިގެ ދުވަހެވެ!" أميـر يـوسف މި ނަޢުރާގެ އަޑު ހީވަނީ އިސްރާފީލުގެފާނުގެ ދެވަނަ ތާޅަފިލީގެ އަޑުހެންނެވެ. މުޖާހިދުންގެ ރޫޙު ދިރިގެންދަނީ އެހައިވެސް ވަރުގަދަޔަށެވެ.
މުޖާހިދުންގެ ތެރެއިން ބޮލުގައި ކަފުން ބަނދެގެން ފާރުމައްޗަށްއަރާ މީހުންނަށް އެންމެފުރަތަމަ ކުރިމަތިލާންޖެހެނީ ކިއްލާގެ ފާރަވެރީންގެ ތެރެއިން ފާރުމަތީގައި ތިބޭ މީހުންގެ ކަނޑިތަކާއި ލޮންސިތަކާއެވެ. ދެވަނަޔަށް ކުރިމަތިލާންޖެހެނީ ފާރާ އިންވެގެން ހުންނަ ބުރުޒުތަކުގައި ތިބޭ ތީރުވެރީންގެ ދުނީގެ ވާރެއާއެވެ. ދުޝްމިނުންގެ ތީރުވެރީންގެ ބުރުޒުތަކަކީ ފަތަޙަނުކުރެވޭފަދަ މަރުކަޒުތަކެއް ފަދައެވެ. ފާރުގެ ކޮންމެ ފަންސާހަކަށް ފޫޓު ދުރުމިނުގައި އެފަދަ ބުރުޒުތައް ހުރެއެވެ. ފާރުމަތީގައި ފައިތިލަ ސާބިތުކުރުމަށްޓަކައި އެ ބުރުޒުތަކަށް ވެރިވާންޖެހެއެވެ. ބޭރުން ފާރުމައްޗަށް އެރުމަށްވުރެ ފާރުމަތީން އެބުރުޒުތަކާ ހަމަޔަށް ދިޔުން ވަކި ފަސޭހައެއް ނޫނެވެ.
މުރާބިޠީންގެ ލަޝްކަރުން ގެންދިޔައީ ކިއްލާގެ ބޭރުގައިހުރި ފަރުބަދަތަކުގެ މަތީގައި ބޮޑެތި ސާޅަނގަތައް ތިއްބައިގެން ކިއްލާއާ ދިމާޔަށް ބޮޑެތި ހިލައާއި ރޯކޮށްފައި ހުންނަ އަލިފާންގުޅަތައް އުކަމުންނެވެ. މުރާބިޠީނުން އެއްލި ވަރަށްބޮޑު ހިލައެއް ކިއްލާގެ އުތުރުފަރާތުގެ ފާރުގައި ޖެހުމާއެކު އެދިމާގައިހުރި ބުރުޒެއް ވެއްޓިއްޖެއެވެ. ހަމައެވަގުތު މުރާބިޠީންގެ ސިފައިންގެ ބަޔަކު ދޭތިން އެކައްޗަކަށް ޙަމަލަދީ ކިއްލާގެ ފާރުމައްޗަށް އަރައިގެންފިއެވެ. އެމީހުން މާގިނައިރެއްނުކޮށް ކިއްލާގެ ފާރަވެރީންތައް ޤަތުލުކުރުމަށްފަހު ބޭރުފާރުގެ ބަޔަކަށް ވެރިވެއްޖެއެވެ. އެކަމަކު ހަމައެވަގުތު ކިއްލާގެ ތެރެއިން ޢީސާއީ ސިފައިންގެ ބަޔަކު އައިސް އެމީހުންނާ ހަނގުރާމަކުރާން ފަށައިފިއެވެ. ހަމައެއާއެކު މުސްލިމުންގެ ސިފައިންގެ އިތުރު ބަޔަކުވެސް ފާރުމައްޗަށް އަރައިގެންފިއެވެ. ދެފަރާތުންވެސް ވަރަށް ހިތްވަރާއި ޖޯޝާއެކު ހަނގުރާމަ ފަށައިފިއެވެ. އިރުކޮޅަކަށްވުރެ އިރުކޮޅެއް ދެފަރާތުގެ މީހުންވެސް ދިޔައީ އިތުރުވަމުންނެވެ.
* * * * * * * * * * *
ކިއްލާގެ ތިންފަރާތުގައި އެހައި ވަރުގަދަޔަށް ހަނގުރާމަ ހިނގަމުންދިޔައިރު ކިއްލާގެ އިރުމަތީގައި މުލޫކުއްޠަވާއިފުން ގެންދެވީ އެބޭފުޅުންގެ މިއްލަތަށް ޣަދަރުވެރިވެވަޑައިގެންނެވުމާއި ބޭވަފާތެރިވެވަޑައިގެންނެވުމުގެ ތާރީޚުގެ އިތުރު ބާބެއް ލިޔުއްވަމުންނެވެ. ޙަމަލަދޭން ފެށުމުގެ ކުރީން މުރާބިޠީންގެ އޮފިސަރުންނާއި މުލޫކުއްޠަވާއިފުންގެ ލަޝްކަރުތަކުގެ ކޮމާންޑަރުން އެއްބަސްވެވަޑައިގެންފައިއޮތީ ކިއްލާގައިތިބި ނަޞާރާ ބާރުތައް ހަތަރުބަޔަށް ބަހައިލުމަށްޓަކައި ހަތަރުފަރާތުން އެއްފަހަރާ ޙަމަލަދިނުމަށެވެ. ޙަމަލާ ވަރުގަދަކުރަމުން ގެންގޮސް ހުކުރުދުވަހުގެ އަރާ އިރާއެކު ކިއްލާގެ ބޭރުފާރަށް ޙަމަލަދޭން ފެށުމަށެވެ. އެކަމަކު މުލޫކުއްޠަވާއިފުން އެތައްދުވަހެއްގެ ކުރީއްސުރެ އަޑިއަޑީން ރާއްވަވަމުން ގެންދެވި ނުބައި ރޭއްވެވުން ފުރިހަމަވި ޝެހެޒާދާ رشـيـد އަލްފާންސޫއާ ބައްދަލުކުރައްވައިފައި އެރޭ މުޢަސްކަރަށް އެނބުރިވަޑައިގެންނެވުމުންނެވެ. رشـيـد މުލޫކުއްޠަވާއިފުންނަށް ވިސްނައިދެއްވީ أميـر يـوسف އަށް ކާމިޔާބު ލިބިވަޑައިގެންފިނަމަ މުރާބިޠީންގެ ނިންމުން އޮންނާނެގޮތަކާ މެދުގައެވެ. އެހެންކަމުން ޙަމަލަދޭން ފެށުމުގެކުރީން މުލޫކުއްޠަވާއިފުންގެ ލަޝްކަރުތަކުގެ އޮފިސަރުންނަށްވަނީ އެމީހުން ހަދާންވިގޮތް ރަނގަޅަށް ކިޔައިދެވިފައެވެ. ކުރީންވެސް ދެންނެވިފަދައިން أميـر يـوسف ގެ ލަޝްކަރު އިރުއެރިއިރު ދިޔައީ ކިއްލާގެ ތިންފަރާތުން ވަރަށް ވަރުގަދަޔަށް ޙަމަލަދެމުންނެވެ. އެކަމަކު މުލޫކުއްޠަވާއިފުންގެ ލަޝްކަރުތަކަށް ކިރިޔާ ކަޑައްތުކުރެވުނީ ކިއްލާއަށްދާ މަގުގެ ދެބައިކުޅަ އެއްބައެވެ. މުލޫކުއްޠަވާއިފުންގެ ފައުޖުތައް ކުރިޔަށް ހެލިގަންނައިރަށް ކޮމާންޑަރުންގެ އަމުރު އަތުވެދެއެވެ. "މަޑުކުރޭ! ދައްބާބާތަކާއި ސާޅަނގަތައް ހުރީ މާފަހަތުގައެވެ. ސާޅަނގަތަކާއި ދައްބާބާތައް އައުމާއެކު ކޮމާންޑަރުން މަޝްވަރާކުރައްވަން ފައްޓަވަނީ ސާޅަނގަތައް ދުއްދަވާނެ ދިމަދިމާއާ ބެހޭގޮތުންނެވެ. ދެބޭފުޅަކު އެކައްޗެކޭ ވިދާޅެއްނުވެއެވެ. އެތައްއިރަކު އަރައިރުންވެވަޑައިގަތުމަށްފަހު ތަންތަނާ ބެހޭގޮތުން އެއްބަސްވެވަޑައިގެންނެވުމަކަށް އާދެވޭއިރަށް ދެން ފެށެނީ އެހިސާބުން އުކާ ހިލަ އަމާޒަށް ފޯރާނެތޯ ނުވަތަ ނޫންތޯ ކުރެވޭ ބަހުސެވެ. އެތައްއިރެއްގެ ފަހުން މަޑުމަޑުން ކުރިޔަށް ފިރުކޭން ފަށައެވެ. އާއްމު ސިފައިންގެ މީހުންނަކަށް ކޮމާންޑަރުންގެ މަޤުޞަދެއް ނޭނގެއެވެ. އެބައިމީހުން ތިބެނީ ޖިހާދުގައި ބައިވެރިވާ ހިތުންނެވެ. އެހެންކަމުން އެމީހުން ބާރަށް ކުރިޔަށްދާން ފަށައެވެ. ކޮމާންޑަރުންގެ ފަރާތުން ވަގުތުން އަމުރު އަންނަނީ މަޑުކުރުމަށެވެ. ހައިރާންވެ ފިކުރުބޮޑުވެފައި ތިބޭ ސިފައިންނަށް އަންގަނީ ސަފުތަކުގެ ތަރުތީބަށް ބަދަލުގެންނާން ޖެހިއްޖެކަމެވެ. އެހައިތަނަށް ކުރީގައި ތިބީ ތީރުވެރިން ކަމުގައިވާނަމަ އެމީހުން ފަހަތަށްގެނެސްފައި ލޮންސިހެވީން ކުރިޔަށް އަރުވައެވެ. ބައެއްފަހަރުފަހަރު ކޮންމެވެސް ކޮމާންޑަރަކު ފައިންޕުޅު ކައްސައިލައިގެން ވެއްޓިވަޑައިގަތުމުން ލަޝްކަރު ހުއްޓުވައިފައި ހުރިހާ ކޮމާންޑަރުން އެއްވެވަޑައިގެން އެބޭފުޅެއްގެ ހާލު ބައްލަވަން އެބޭފުޅަކު ވަށައިލައްވައެވެ. ވެއްޓިވަޑައިގެންނެވި ކޮމާންޑަރު ނުހަނު ގޮތްބޮޑުކުރައްވައިފައި ތެދުވެވަޑައިގަންނަވަން މަސައްކަތް ކުރައްވައެވެ. އެއާއެކު މުނާފިޤު ހިނިތުންވުމަކާއެކު ވިދާޅުވެއެވެ. "މުޖާހިދުންނޭވެ! އަހަންނާމެދު ނުވިސްނާށެވެ. ބާރަށް ކުރިޔަށްދާށެވެ!" އަނެއްކާވެސް ލަޝްކަރު ހެލިގަނެއެވެ. އަނެއްކާ ގޮވައިލެވެއެވެ. "މަޑުކުރޭ! ދައްބާބާތައްވީ ފަހަތުގައި!" އެއަޑު މުޅި ލަޝްކަރަށް އިއްވައިލައެވެ.
އަންދަލުސުގެ ރިޟާކާރުންގެ ގެމަތައްހުރީ މުލޫކުއްޠަވާއިފުންގެ ލަޝްކަރުގެ ކަނާތްފަރާތުގައެވެ. އެބައިމީހުންގެ ކޮމާންޑަރަކީ عبـدالمـنعــم އެވެ. ވާތްފަރާތުގައިތިބީ أميـر يـوسف ރައްކާތެރިވެވަޑައިގެންނެވުމުގެ ގޮތުން މުލޫކުއްޠަވާއިފުންގެ ލަޝްކަރާއެކު ފޮނުއްވައިފައިވާ ބަރުބަރީ ސިފައިންގެ ގެމަތަކެވެ. ރިޟާކާރުންނާއި ބަރުބަރީން ދުޝްމިނުންނާ ޙަމަލަދެމުން ފަރުބަދައިގެ ކުރިއާ ވަރަށް ކައިރިޔަށް އަރައިފިއެވެ. ކިއްލާގެ ފާރަށް ޙަމަލަދޭން ފެށުމަށްޓަކައި ނުލާހިކު ރުޅިއައިސް ކަންބޮޑުވެފައިތިބެ މުލޫކުއްޠަވާއިފުންގެ ލަޝްކަރަށް އިންތިޒާރުކުރާން ފަށައިފިއެވެ.
ބަރުބަރީ ގެމަތަކުގެ ކޮމާންޑަރު ދުވެވަޑައިގެންފައި عبـدالمـنعــم ގެ އަރިހަށް ވަޑައިގެންފިއެވެ. އޭނާ ތުންފަތްޕުޅު ހައްޕަވަމުން ވިދާޅުވިއެވެ. "އަޅުގަނޑުމެން އިއްތިހާދެއް އުފައްދައިގެން މިއުޅެނީ ހިޔަޅުތަކަކާއެކު. އެބައިމީހުން ގަސްތުގައި ވަގުތު ނަގައިލަނީ. އެބައިމީހުން ކުރިޔަށް ނާންނާންވީ އެއްވެސް ސަބަބެއް އަޅުގަނޑަކަށް ނުފެނޭ. ފިނޑިކަމުގައިވެސް ހައްދެއް އޮންނާންވާނެ. މާތް اللّـه އަށްޓަކައި ކަލާ ވަޑައިގެން އެބައިމީހުންނަށް ވިސްނައިދެއްވާ!"
عبـدالمـنعــم ޖަވާބު ދެއްވިއެވެ. "އެމީހުނަށް އަޅުގަނޑު ވިސްނައިދިނުމަކުން ފައިދާއެއް ނުކުރާނެ! އެބައިމީހުންގެ ކަންނެތްކަމާއި ކަންފަސޭހަކަމުގެ ސަބަބަކީ ހުސްއެކަނި ފިނޑިކަމެއްނޫން. ޣަދަރުވެރިކަން. ތަންކޮޅެއްކުރީން އަޅުގަނޑު ހީކުރީ އެމީހުން ދުޝްމިނުންގެ ތީރުވެރީންނާހުރެ ރައްކާތެރިކަމާއެކު ކުރިޔަށް އަންނަނީކަމަށް. އެކަމަކު މިހާރު ދުޝްމިނުންގެ ތީރުވެރީންގެ މަރުކަޒުތައް އެހެރީ ހުހަށް. އޭގެސަބަބަކީ މުލޫކުއްޠަވާއިފުންނާމެދު ދުޝްމިނުންނަށް ކޮންމެވެސްކަހަލަ ޔަގީންކަމެއް ލިބުން. ދެނެއް އަޅުގަނޑުމެންނަކަށް އެމީހުންނަށް އިންތިޒާރު ކޮށްކޮށެއް ނުތިބެވޭނެ. އަޅުގަނޑުމެން ކިއްލާގެ ފާރަށް ޙަމަލަދޭން ފަށަނީ. އެބައިމީހުންގެ އެތެރެފުށް ރަނގަޅުކަމުގައިވާނަމަ އެމީހުން އައިސް އަޅުގަނޑުމެންނާ ބައިވެރިވާނެ. އެމީހުން ޣަދަރުވެރިވިކަމުގައިވިޔަސް އަޅުގަނޑުމެން މިފަރާތުންވެސް ކިއްލާއަށް ޙަމަލަދޭން ފެށުމުން އަނެއް ތިންފަރާތުގެ މުޖާހިދުންނަށް ލުއިކަމެއް ލިބޭނެ. ފާރުގެ ކޮންމެވެސް ތަންކޮޅަކަށް އަޅުގަނޑުމެންނަށް ވެރިވެވޭގޮތްވެ އެވަރުންވެސް މުލޫކުއްޠަވާއިފުންގެ ސިފައިންގެ ލޭގައި ހޫނުކަމެއް ނުއުފެދިއްޖެނަމަ ކަލާ أميـر يـوسف ގެ އަރިހަށް ޚަބަރު ފޮނުއްވާ. އަންދަލުސުގެ ރިޟާކާރުން މުލޫކުއްޠަވާއިފުންގެ ޣަދަރުވެރިކަމުގެ ކައްފާރާ އަދާކޮށްފި ވާހަކަ ދަންނަވާ!"
عبـدالمـنعــم ރިޟާކާރުންނަށް ޙަމަލަދޭން އަމުރުކުރައްވައިފިއެވެ. އެއާއެކު އޭނާ اللّـه أكبــر ގެ ނަޢުރާ ކުރައްވަމުން ދުވެވަޑައިގެންފައި ކުރިޔަށް ވަޑައިގެން ކިއްލާގެ ފާރަށް ޙަމަލަ ދެއްވައިފިއެވެ. عبـدالمـنعــم ހުންނެވީ ރިޟާކާރުންގެ ގެމައިގެ މެދުތެރޭގައެވެ. ރިޟާކާރުންގެ ކަނާތްފަރާތަށާއި ވާތްފަރާތަށް އިރުޝާދު ދެއްވަމުންގެންދެވީ އޭނާގެ ދެދަރިކަލުން أحمد އާއި حسن އާ ދެބެއިންނެވެ. ބަރުބަރީން ތިބީ ރިޟާކާރުންގެ ކުރީގައެވެ. ބޭރުފާރާ ތަންކޮޅެއް ދުރުންވެސް އެ މުޖާހިދުންނަށް ކިއްލާގެ ފާރަވެރީންގެ ލޮންސިތަކާއި ދުނިތަކުގެ ވާރެޔާ ކުރިމަތިލާން ޖެހިއްޖެއެވެ. އެކަމަކު އެބައިމީހުން އައްޑަނަތަކުގެ ނިވަލުގައި ދާދިއަވަހަށް ކިއްލާގެ ފާރާ ހަމަޔަށް ހިނގައްޖެއެވެ. ސިޑިތަކާއި ކަމަންދުތަކުގެ އެހީގައި ފާރުމައްޗަށް އަރާންފަށައިފިއެވެ. ކިއްލާގެ އިރުމަތީފަރާތުގައި އަނެއް ތިންފަރާތަށްވުރެ ފާރަވެރީން މަދެވެ. ކެކިކެކިހުންނަ ތެލާއި ކައްސައްދުވާނި އޮއްސުމުގެ ނިޒާމުވެސް އަނެއް ތިންފަރާތަށްވުރެ ސަހަލެވެ. އެކަމަކު މިފަރާތުގައި ތިބި ފާރަވެރީންގެ އަދަދުވެސް ހަނި ދާއިރާއެއްގައި ރިޟާކާރުންނާއި ބަރުބަރީންގެ ގެމަތައް ހުއްޓުވަން ފުދޭވަރަށްވުރެ މާގިނައެވެ.
(ނުނިމޭ)