ސަރުކާރުގެ ފަރާތުން ތުޅާދޫ ދާއިރާގެ މެންބަރު އަދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ ރައީސް، ހިސާނުް ހުސެއިން ހުށަހެޅުއްވި އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބިލު އޮތްގޮތުން މުޖުތަމައުގެ ހަމަޖެހުން ގާއިމުކުރުމަށް ދަތިތަކެއް ކުރިމަތިވާނެ ކަމަށް އަދާލަތު ޕާޓީން ބުނެފިއެވެ.
ސަރުކާރު ހިންގާ ކޯލިޝަނުގައިވެސް ހިމެނޭ އަދާލަތު ޕާޓީން ބުނީ، ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި ދުނިޔެއަށް އައިސްފައިވާ ބަދަލުތަކާއެކު ދިވެހި ރައްޔިތުންގެ އެއްބައިވަންތަ ކަމަށް ނުރަނގަޅު އަސަރުކޮށްފައިވާހިނދު، އޭގެ ތެރޭގައި މާތްވެގެންވާ އިސްލާމްދީން ނިކަމެތިކޮށް ކުޑައިމީސްކުރުމަށްޓަކައި އިސްލާމް ދީނާ ދެކޮޅަށް ހިންގާ ހަރަކާތްތަކާއި އިސްލާމް ދީނުގެ ނަމުގައި ހަރުކަށިކަން އިސްކޮށް، އިސްލާމް ދީނުގެ ސައްހަ އުނގަންނައިދިނުންތަކާ ހިލާފަށް ދީނުގެ ނަމުގައި ހިންގާ ހަރަކާތްތައްވެސް ހިމެނޭކަން ގަބޫލުކުރާ ކަމަށެވެ.
ނަފްރަތުގެ އަމަލު ހުއްޓުވަން ޖެހެނީ އޭގެ ސަބަބުން މުޖުތަމައުގައި ފިތުނަ ފަސާދަ އާއި ބައިބައިވުން އުފެދި އިޖުތިމާއީ ހަމަތައް ގެއްލިގެން ދާތީ، މުޖުތަމައުގެ ވިލުންވެރިކަމާއި މަސަލަސްކަން އިތުރުކޮށް، އިސްލާމީ މުޖުތަމައުތަކުގައި ހިފަހައްޓަން ޖެހޭ ރިވެތި އަހުލާގީ ހަމަތައް ހިފަހައްޓަން ކަމަށާއި ނަމަވެސް އިސްލާމްދީނާ ދެކޮޅު މީހެއް ކަމަށް ތުހުމަތު ކުރުން ކުށެއްގެ ގޮތުގައި ކަނޑައަޅާފައިވާ ބިލުން މުޖުތަމައުގައި ހަމަޖެހުން ގާއިމުކުރުމަށް ހުރަސް އެޅޭ ކަމަށް ފެންނަ ކަމަށް އެ ޕާޓީން ބުންޏެވެ.
އެހެންކަމުން އަދާލަތުން ބުނީ ދީނީ އިލްމުވެރިންނާއި ޖަމިއްޔާތަކާއި ދީނާ ގުޅުން ހުރި ކަންކަމުގައި ބަސް ބުނުމުގެ ފުރުސަތު ގެއްލޭނެ ކޮންމެ ފިޔަވަޅަކީ ރާއްޖޭގެ އިސްލާމީ ޝަހުސިއްޔަތަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ.
އަދާލަތުން އިތުރަށް ބުނީ އެ ބިލާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ސަރުކާރާ ހިއްސާކޮށް، ހައްލު ހޯދުމަށާއި ބައިނަލްއަގުވާމީ ޖަމާއަތްތަކުން ބަލައިގެންފައިވާ ހަމަތަކަށް އެކަން ކުރަން މިހާރު އެދިފައިވާނެ ކަމަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު