ޚަބަރު

ކައިވެނީގެ ހަދިޔާއިންވެސް ޓެކްސް ނަގާ ގޮތަށް އިސްލާހު ހުށަހަޅައިފި

ކައިވެނި ކުރުމުގެ އުފަލުގައި ދޭ ހަދިޔާއިން ވެސް ޓެކްސް ނެގޭގޮތަށް އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ހުށަހަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ބިލު މަޖިލީހަށް ހުށަހެޅުއްވީ ރައްޔިތުންގެ މަޖިލީހުގެ ގައްދޫ ދާއިރާގެ މެމްބަރު އަހުމަދު ޒާހިރެވެ.

މި ބިލުގައި ބުނެފައި ވަނީ، މިއީ ޓެކްސް ނެގޭ އުޖޫރައިގެ ތެރެއިން އިސްތިސްނާ ބާވަތްތައް އިސްތިސްނާ ކުރުމަށާއި، ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކަށް ދައްކަންޖެހޭ ބޭންކް ކޮމިޝަން އިންޓަ ކަނެކްޝަން ޗާޖްސް އަދި ރީ އެޝުއަރެންސް ޕްރިމިއަމް އިން ޓެކްސް ދެއްކުމުން އިސްތިސްނާ ކުރުމަށާއި، ޓެކްސް ނަގަން ފެށި ފަހުން ގާނޫނު ތަންފީޒު ކުރުމުގައި ކުރިމަތިވެފައިވާ ދަތިތައް ހައްލުކޮށް، އާމްދަނީން ޓެކްސް ނެގުމުގެ ނިޒާމު އިތުރަށް ހަރުދަނާ ކުރުމަށް ގާނޫނަށް އިސްލާހު ގެންނަން ހުށަހަޅާފައިވާ ބިލެއް ކަމަށެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނު މިހާރު އޮތް ގޮތުން ކައިވެނީގެ މުނާސަބަތުގައި ލިބުނު އެއްޗަކުން ޓެކްސް ދެެއްކުން އިސްތިސްނާވި ނަމަވެސް ގާނޫނަށް ގެންނަން ހުށަހަޅާފައި މިވާ އިސްލާހުގައިވާ ގޮތުން، ކައިވެނީގެ ހަދިޔާއިން ވެސް ޓެކްސް ނެގިދާނެ އުސޫލެއް ގާއިމުވެގެން ދާނެއެވެ.

މި ބިލުގައި ބުނެފައިވަނީ ކައިވެނީގެ މުނާސަބަތުގައި ލިބޭ ހަދިޔާ ކަމަށް ބަލާނީ ކައިވެނިކުރާ މީހުންނަށް އެ އެއްޗެއް ލިބުނީ ކައިވެނިކުރާ ދުވަހުގެ 30 ދުވަސް ކުރިން ނުވަތަ ކައިވެނިކުރާ ދުވަހު ނުވަތަ ކައިވެނިކުރިތާ ގިނަވެގެން 30 ދުވަސް ފަހުން ހަދިޔާ ލިބުނު ނަމައެވެ.

އެހެންކަމުން އެ ނޫން މުއްދަތެއްގައި ކައިވެނީގެ ހަދިޔާ ލިބިފައިވާނަމަ އެ އެއްޗަކުން ޓެކްސް ނެގޭނެއެވެ.

ޓެކްސް ނެގޭނެ ކަންކަމުގެ ތެރޭގައި، ގާނޫނާ ހިލާފަށް ނުވަތަ ހުއްދަ ނޫން ގޮތަކަށް ލިބޭ މުދަލާއި ފައިސާ، އަދި ލިބިފައިވާގޮތް ނުވަތަ ހޯދި ގޮތް ސާބިތުކޮށްނުދެވޭ ފައިސާ އާއި، އިންވެސްޓް ކުރަން ނުވަތަ ހަރަދު ކުރަން ފައިސާ ލިބުނުގޮތް ސާބިތު ކޮށްނުދެވޭ އިންވެސްޓްމެންޓްތަކާއި އެންމެހާ މުދާ ހިމެނޭ ކަމަށް ބިލުގައި ބުނެފައިވެއެވެ.

ބައިނަލްއަގުވާމީ ދަތުރުފަތުރުގައި ކަނޑު ބޯޓް ނުވަތަ މަތިންދާ ބޯޓް އޮޕަރޭޓްކުރާ، ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ފަރާތްތަކުގެ ތެރެއިން އެ ފަރާތްތަކުގެ ދާއިމީ މަރުކަޒެއް ރާއްޖޭގައި ހުރި ފަރާތްތަކަށް، ރާއްޖޭގެ މަންޒިލަކުން ފުރައިގެންދާ ބޯޓަކަށް ފަސިންޖަރުން ނުވަތަ ލައިވް ސްޓޮކް ނުވަތަ ސިޓީ ނުވަތަ ޕާރުސަލް ނުވަތަ މާޗެންޑައިޒް، ނުވަތަ މުދާ އަރުވައިގެން ލިބޭ އާމްދަނީވެސް ހިމަނަން ބިލުގައި ހިމަނާފައި ވެއެވެ.

އާމްދަނީން ޓެކްސް ނެގޭނެ ހަރަކާތްތަކުގެ ތެރޭގައި، ރާއްޖޭގައި ފޯރުކޮށްދޭ ހިދުމަތްތަކަށް ލިބޭ ކޮމިޝަން، ރާއްޖޭގައި މުނިފޫހިފިލުވައިދޭ މީހުންގެ އާމްދަނީ އާއި، ރިސާޗްތަކަށް ލިބޭ އާމްދަނީ އާއި ރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރަކަށް ލިބޭ އާމްދަނީ ހިމެނުމަށް ވެސް ހުށަހަޅާފައިވެއެވެ.

އިސްތިސްނާ ބާވަތްތަކުގެ އާމްދަނީގެ ތެރެއިން އެހެނިހެން އެއްވެސް ގާނޫނެއްގެ ދަށުން ނަގާ ޓެކްސް ހިމެނުމާއި، ރައީސާއި ނައިބު ރައީސްގެ މުސާރައާއި އެހެނިހެން އިނާޔަތްތަކާއި ރައީސް ދިރިއުޅުއްވާ ގެކޮޅާއި، އެ ގެކޮޅަށް ހިނގާ ހަރަދާއި، ރައީސަށް ހާއްސަ ރަށާއި، ނައިބު ރައީސަށް ހާއްސަ ގެކޮޅަށް ހިނގާނެ ހަރަދު ޓެކްސް ހިސާބު ކުރުމުގައި އިސްތިސްނާ ކުރުމަށް ހުށަހަޅަންވެސް ބިލުގައި ވަނީ ހިމަނައިފައެވެ.