ބަލިމީހާއަށް ލިބެން ޖެހޭ ހިދުމަތެއް އަވަސްމިނެއްގައި ފޯރުކޮށް ނުދެވިގެން ފުރާނައެއް ނެތިދިއުން ކުށްވެރި ކުރާ ކަމަށާއި ކަން ހިނގައި ދިޔަ ގޮތް ބަލާނެ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފި އެވެ.

އެޗްއާރުސީއެމުން އެހެން ބުނެފައިވަނީ، ކޮވިޑަށް ޕޮޒިޓިވް ވެގެން ގޭގައި ކަރަންޓީނުގައި ހުރި 10 އަހަރުގެ ކުއްޖެއްގެ ހާލު ދެރެވެގެން އިތުރު ފަރުވާއަށް އެދުމުން ފަރުވާ ލަސްވި ކަމަށް އައިލާއިން ތުހުމަތުކޮށްފައިވާތީ އެވެ. އަދި އެ ކުއްޖާއަށް ފަރުވާ ދެމުންދަނިކޮށް ރޭ ވަނީ ދުނިޔެ ދޫކޮށްފަ އެވެ.

ކޮވިޑް-19 ގެ މި ހާލަތުގައި ސިއްހީ ފަރާތްތަކުން ދޭން ޖެހޭ ފަރުވާ ވީހާވެސް އަވަހަކަށް ދެއްވުމަށް މަސައްކަތް ކުރެއްވުމަށް އެޗްއާރުސީއެމުން ވަނީ އިލްތިމާސް ކޮށްފަ އެވެ. އަދި ބަލިމީހާއަށް ލިބެން ޖެހޭ ހިދުމަތް އަވަސްމިނެއްގައި ފޯރުކޮށް ނުދެވިގެން ފުރާނައެއް ނެތިދިއުން ވަނީ ކުށްވެރި ކޮށްފަ އެވެ.

"މިކަން ހިނގާފައިވާ ގޮތް މި ކޮމިޝަނުން ބަލާނެ ވާހަކަ ދަންނަވަމެވެ،" އެޗްއާރުސީއެމުން ބުންޏެވެ.

ރޭ އައިޖީއެމްއެޗް އިމަޖެންސީ ރޫމްގައި ފަރުވާ ދެމުން އައި އުމުރުން 10 އަހަރުގެ ކުއްޖަކު މަރުވުމާއި ގުޅިގެން އެ ކުއްޖާ ހޮސްޕިޓަލަށް ގެންދިއުމަށް އެމްބިއުލެންސް ދިއުން ލަސްވެފައިވާ ކަމަށް އާއިލާއިން ވަނީ ބުނެފަ އެވެ. އަދި އެ މައްސަލަ މިހާރު އަންނަނީ ހެލްތު މިނިސްޓްރީން ވެސް ބަލަމުންނެވެ.