ކެންސަރަށް ފަރުވާ ހޯދައި ރަނގަޅު ވެފައިވާ ކްރިސްޓީ ލަމް ޗިޓް މިވަނީ އޭނާގެ ހުރި އުއްމީދު ތަކެއްގެ ވާހަކަ ކިޔައިދީފަ އެވެ. އަދި އެވާހަކަތަކަށް މީޑިއާގެ ސަމާލުކަން ވަނީ ލިބިފަ އެވެ. ކްރިސްޓީ ބުނެފައިވާ ގޮތުގައި އޭނާގެ އެންމެ ބޮޑު ހުވަފެނަކީ ރާއްޖެއަށް އައިސް ރާއްޖޭގެ މޫދުތަކުގައި ވެލާ ތަކާ އެކު ޑައިވް ކޮށްލުމެވެ.

ކެންސަރަށް ފަރުވާ ހޯދަމުން އަންނަ ކުދީންގެ ހުވަފެންތައް ހަގީގަތަކަށް ހަދައިދިނުމަށް މަސައްކަތް ކޮށްދޭ ޖަމިއްޔާއެއް ކަމަށްވާ މޭކް އަ ވިޝް ފައުންޑޭޝަން ހޮންކޮންގުން ލިބުނު ފުރުސަތެއްގައި ކްރިސްޓީ ލަމް ވަނީ އޮސްޓްރޭލިއާގެ ކުއީންސްލޭންޑަށް ގޮސް ވެލާތައް އުޅޭ މާހައުލު ބަލައިލުމުގެ ތަޖުރިބާކޮށްފައެވެ.

ހޮންކޮންގަށް އުފަން ކްރިސްޓީ ލަމް ވަނީ އުމުރުން 8 އަހަރުގައި ކެންސަރަށް ފަރުވާކުރަން ޖެހިފައެވެ. ޕްރިންސް އޮފް ވޭލްސް ހޮސްޕިޓަލުން 13 މަސް ވަންދެން ސޮފްޓް ޓިޝޫ ކެންސަރަށް ފަރުވާ ކޮށް އެމުއްދަތުގައި ރޭޑިއޯތެރަޕީ އަދި ކީމޯތެރަޕީ ވެސް ނަގަން ޖެހުނެވެ.

ކްރިސްޓީގެ ސައިނަސް އަށް ރެބްޑޮމަޔޮސާކޯމާ ކެންސަރު ޖެހި ގިނަ ވަގުތު ބަލި އެނދުގައި އޮންނަން ޖެހުނު ކަމަށާއި، ނޭފަތުން ވަރަށް ގިނައިން ލޭ އައިސް ކާ އެއްޗެތި ނުކެވޭ ކަމަށާއި އަދި ގިނަ ފަހަރު ކާ އެއްޗެތި އެތެރެކުރަން ޖެހެނީ ހޮޅި ލައްވައިގެން ކަމަށް، މިހާރު ބަލިން ރަނގަޅުވެފައިވާ 15 އަހަރުގެ ކްރިސްޓީ ލަމް ވަނީ ކިޔައިދީފައެވެ.

ބަލީގައި އެންމެ ހާލު ބޮޑުވެގެން ދިޔަ ދުވަސްވަރު ލަމްގެ ބަރުދަން 17 ކިލޯއަށް ލުއިވެގެންދިޔައެވެ. ލަމްގެ މަންމަ ވަނީ ލަމް ގާތުގައި ހުރުމަށް ވަޒީފާ ދޫކޮށްލުމަށްފަހު ހުރިހާ ވަގުތެއް ދަރިފުޅަށް ހުސްކޮށްފައެވެ. ކްރިސްޓީ ހޮސްޕިޓަލުގައި އޮތް ދުވަސްކޮޅު ފޫހިވެގެން އެންމެ ގިނައިން ބަލާފައިވަނީ އެ އަހަރުގެ 2014 ވަނަ އަހަރުގެ ވިންޓާ އޮލިމްޕިކްސް އަދި ޑޯރެމަން ކާޓޫން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. ނަމަވެސް ހޮސްޕިޓަލުގައި މަސައްކަތްކުރަމުން ދިޔަ ސޯޝަލް ވޯކަރެއްގެ ފަރާތުން މޭކް އަ ވިޝް ހޮންކޮންގު ޖަމިއްޔާގެ މަސައްކަތްތައް އެނގި އިތުރު ހިތްވަރެއް ކްރިސްޓީއަށް ލިބިގެން ދިޔަކަމަށް އޭނާ ވަނީ ބުނެފައެވެ.

ކްރިސްޓީގެ ހުވަފެނަކީ ވެލާތައް އޭގެ މާހައުލުގައި އުޅޭތަން ދެކިލުން ކަމަށާއި، ވެލަޔަށް ޝައުގުވެރިކަމެއް އުފެދިފައިވަނީ އުމުރުން ހަތަރު އަހަރުގައި ''ޓު ދަ ޓާޓަލް ކިންގްޑަމް'' ކިޔާ ވާހަކަ ފޮތަކަށް ފަހުގައި ކަމަށް އޭނާ ވަނީ ބުނެފައެވެ. ނެޝަނަލް ޖޯގުރަފީންވެސް ވެލަޔާ ބެހޭ ގިނަ ޑޮކިއުމެންޓަރީތައް ބެލުމަށް ޝައުގު ހުންނަ ކްރިސްޓީ ބުނީ އެއެއްޗެތި އުޅޭތަން ހަމަ ލޮލުން ބަލައިލަން ފުރުސަތު ލިބިދާނެކަން އެނގުމުން ވަރަށް އުފާވިކަމަށެވެ.

2016 ވަނަ އަހަރު ކްރިސްޓީގެ ހުވަފެން ހަގީގަތަކަށް ވެ އޮސްޓްރޭލިއާގެ ކުއީންސްލޭންޑަށް ދިއުމުގެ ފުރުސަތު މޭކް އަ ވިޝް އިން އޭނާއަށް ލިބުނެވެ. އާއިލާއާއެކު ކުއީންސްލޭންޑަށް ދަތުރުކޮށް ވެލާތައް ބިސްއަޅާތަން އޭނާ ވަނީ ބަލައިފައެވެ. އެސޮރުމެންގެ ހާލިން ނުކުމެ، މޫދާއި ހަމައަށް ވަރަށް މަސައްކަތް ކޮށްގެން ރޭގަނޑު ދާތަނާއި އެސޮރުމެން ދިރި ތިބުމަށް ކުރާ ބުރަ މަސައްކަތް ފެނި އޭނާއަށްވެސް އާ އުއްމީދެއް ލިބުނު ކަމުގައި ކްރިސްޓީ ވަނީ ބުނެފައެވެ.

މިހާރުވެސް 10 ވެލާ ގެންގުޅޭ ކްރިސްޓީ ވަނީ ހޮންކޮންގުގެ މެރީން ތީމް ޕާކަށް ޒިޔާރަތް ކޮށްފައެވެ.

ކްރިސްޓީ ބުނާގޮތުގައި މިހާރު އޭނާ އެންމެ ކޮށްލަން ބޭނުންވާ ކަމަކީ ވެލާތަކާއެކު ދިވެހިރާއްޖޭގެ ކަނޑުގައި ޑައިވެއް ކޮށްލުމެވެ. ކްރިސްޓީ ބޭނުންވަނީ ވެލާތަކަށް އެހީވުމަށް ވޮލަންޓިއަރެއްގެ ގޮތުގައި މަސައްކަތް ކުރުމަށް ކަމަށް ވެސް އޭނާ ވަނީ ބުނެފައެވެ. އަދި މިކަމަށްޓަކައި ކްރިސްޓީ މިވަނީ ޖޫނިއާ ޑައިވިން ކޯހެއްވެސް ފުރިހަމަ ކޮށްފައެވެ.