ކުދި ބަސްތަކެއް ބޭނުންކޮށްގެން މާލެ ސަރަހައްދަށް ދޭން ނިންމާފައިވާ ޕަބްލިކް ޓްރާންސްޕޯޓްގެ ހިދުމަތް ފެށިފައި ނުވަނީ، އެކަމަށް ބޭނުންވާ ބަޖެޓް ނެތިގެން ކަމަށް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ޓެކްސީ ޑްރައިވަރުންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯދައިދިނުމަށް މިނިސްޓްރީން ކުރަމުންގެންދާ ކަންތައްތަކާ ބެހޭ މައުލޫމާތު ހޯދުމަށް، ރައްޔިތުންގެ މަޖިލީހުގެ އިގުތިސާދީ ކޮމިޓީން ޓްރާންސްޕޯޓް މިނިސްޓަރާއެކު އޮންލައިންކޮށް މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީގެ މެންބަރުން ކުރެއްވި ސުވާލުތަކުގެ ތެރެއިން، ޕަބްލިކް ޓްރާންސްޕޯޓް ހިދުމަތާ ބެހޭގޮތުން މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، މިނީ ބަހުގެ ކަންތައްތަަކަކީ ވަރަށް ބޮޑު އިސްކަމެެއްދޭ ކަމެއް ކަމަށެވެ.

އެފަދަ ބަސްތަކެއް ބޭނުންކޮށްގެން ޕަބްލިކް ޓްރާންސްޕޯޓުގެ ހިދުމަތް ދޭން ކުރަމުން އަންނަ މަސައްކަތްތަކަށް އެހީ ހޯދުމަށް، ފޮރިން މިނިސްޓްރީގެ ސަމާލުކަމަށް އެކަން ގެނެސް އދ. އާއި އިންޑިއާގެ އެހީތެރިކަމަށް އެދިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

"ބަޖެޓް ނުލިބިގެން އެކަން ނުކުރެވިފައި އޮތީ، ތަކުރާރުކޮށް އެކަމަށް ބަޖެޓުން ގޮތެއް ހަމަަޖައްސަން އެދިފައިވާނީ. ރައީސް އޮފީހާއި ރައީސުލްޖުމްހޫރިއްޔާއާވެސް އެކަން ވަނީ ހިއްސާކޮށްފައި،" ނަހުލާ ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އެކަމަށް ބަޖެޓުން ފައިސާ ހޯދުމަށް ކުރި މަސައްކަތުން މިއަހަރު އެކަމަށް 16 މިލިއަން ރުފިޔާ ބަޖެޓުގައި ހިމަނައިދިން ކަމަށެވެ.

ނަމަވެސް "ޓްރާންސްޕޯޓް ސިސްޓަމެއް ހަމަޖައްސާއިރު ދެ ބަސް ނުވަތަ ތިން ބަސް ގެނެސްގެން އެ ހިދުމަތް ނުފެށޭނެތީ އެކަން ނުވާނެތީ ބަޖެޓް ބަހައްޓައިގެން މިއުޅެނީ،" ކަމަށް ނަހުލާ ވިދާޅުވިއެވެ.

އެހެންކަމުން ހިލޭ އެހީގައި އެކަން ވޭތޯ މަސައްކަތްކުރަމުން އަންނަ ކަމަށްވެސް ވިދާޅުވިއެވެ.