ގޯޖަސް. ބުރުގާ އެޅީމަ ހާދަ ހާދަ ލޯތްބޭ" ޒިޔާން ބުނެލިއެވެ. މަގަށް މަޑުކުރި ޓެކްސީ ފެނުމާއެކު އަހަރެމެން އެދިމާލަށް ހިނގައިގަތީމެވެ. ޒިޔާނާ ބަހުގެ ހަމަލާ ބަދަލުކުރަން ހުންނަން އަހަރެންނަށް ވަގުތެއް ނެތެވެ. އަހަރެންގެ ލޯބި މިހާރު އަހަރެންނަށް އިންތިޒާރު ކުރާނެއެވެ. އެހެންނަމަވެސް އަހަރެންނަށް ކުރިއަށް ނުދެވުނެވެ. ޒިޔާން އަހަރެންގެ އަތުގައި ބާރަކަށް ހިފަހައްޓައިފިއެވެ.
"ބައްޔެއްނު. މަގުމަތީގައި މިތިބަ އެންމެންގެ ކުރިމަތީގައި ބޭޒާރުވާންތަ ބޭނުންވަނީ؟" ޒިޔާންގެ އަތް ދުރަށް ފޮޅުވާލަމުން އަހަރެން ބުނީމެވެ. އޭރު އަހަރެންގެ އަނެއް އަތުގައި ހިފައި ރީޝަމް ދަމަމުން ދިޔައެވެ.
"ހަނދާންކުރާތި އަހަރެންގެ ގައިގައި ދެން އިނގިލީ ކުރި ޖައްސައިލިޔަސް ކަލޭ ހޭއަރުވާލާނަން" ޒިޔާން ރައްދުނުދީ ހުރުމުން ހިތުގައި ހުރި ހުރިހާ އެއްޗެއް ގޮވައިލަން އަހަރެންނަށް ހިތްވަރު ލިބުނެވެ. ޒިޔާން ހުރީ ސައިޒުގައޭ އަހަރެންނަށް ހީވިއެވެ. އެހެންނަމަވެސް ކުރިއަށް ފިޔަވަޅެއް ނޭޅުނެވެ. ދާން އެނބުރިލުމާއެކު އަހަރެންގެ އަތުގައި ހިފައި ފަހަތަށް ދަމައިގަތެވެ. އެއާއެކު އަހަރެން ގޮސް ޖެހުނީ ޒިޔާންގެ މޭގައެވެ. ލިބުނު ކުއްލި ސިހުމުގައި އަހަރެންގެ އަނގަ ހުޅުވިގެން ދިޔައެވެ. ޒިޔާންގެ އެ އަމަލުން ހިނދުކޮޅަކަށް އަހަރެންގެ ހިތުގައި ބިރުވެރިކަމުގެ ރާޅުބާންޏެއް ދުވެލިއެވެ. އެހެންނަމަވެސް ޒިޔާނަށް ދޫދޭން އަހަރެން ބޭނުމެއްނުވިއެވެ. އަތުގައި އޮތް ފޯނަށް މަންމަ ގުޅަމުން ދިޔައެވެ. އެގުޅަނީ އަހަރެން ލަސްވެގެންކަން އަހަރެންނަށް އިނގުނެވެ.
"ޕޮލިސް" އަހަރެންގެ ދުލުން އެ ލަފްޒު ބޭރުވުމާއެކު ޒިޔާން އަހަރެންގެ ގައިން ދޫކޮށްލައިފިއެވެ. އަހަރެން ކައިރިއަށް އައީ ހިންޏެވެ.
"ދެން ފަހަރަކުން ތި ފިނޑިކަން ކަނޑުވައިގެން އަންހެންކުއްޖެއް ކުރިމައްޗަށް ދާތި" އަހަރެން ބުނީމެވެ. ބޭނުންވީ އަހަރެންގެ ބަސްތަކުން ޒިޔާން ދެރަކޮށްލާ މަލާމާތް ކޮށްލާށެވެ. ރީޝަމް އަތުގައި ހިފައިގެން އަހަރެން ހިނގައިގަތްއިރުވެސް ޒިޔާނަށް އިތުރަށް އެއްޗެއް ނުބުނެވުނެވެ. އަހަރެން ހީކުރީ ޒިޔާން ފަހަތުން އަޅުވާލާނެ ކަމަށެވެ. އެހެންނަމަވެސް ހުރިތަނުން ގުޑާލިހެންވެސް ހިއެއް ނުވެއެވެ.
މަގު ކޮޅަށް ދެވުނު އިރުވެސް އަހަރެމެންނަށް ޓެކްސީއެއް ނުލިބުނެވެ. އެހެންކަމުން ދެކުދިން ވިސްނީ ހިނގާލާފައި ދާށެވެ. އޭގެކުރިން މަންމައަށް ގުޅާފައި އަހަރެމެން މަގުމަތީގައި ތިބި ވާހަކަ ބުނީމެވެ.
"އަހަރެން ހިއެއް ނުކުރަން މަލް ތިހާ ގަޓުވާނެކަމަށް" ތަންކޮޅަކަށް ގޮސްފައި ރީޝަމް ބުނެލިއެވެ.
"ގަޓު ހުރެގެނެއްނޫން. އެކަމަކު ބޭނުންނުވީ ޒިޔާނަށް ދޫކުރަން" އަހަރެން ބުނީމެވެ.
"ނަސީބެއްނު ބޮޑު ކަންތައްގަނޑެއް އެތަނުގައި ނުހިނގިކަން" ރީޝަމް ބުންޏެވެ.
"ކަންތައްގަނޑެއް ހިނގި ނަމަވެސް އޭގަ އަހަރެން ކުއްވެރިނުވާނެ. އެހެންނޫނަސް ރީޝަމްއަށް ފެނިއްޖެއްނު އަންހެނެއްހެން ފިނޑިވިވަރު. ޕޮލިސް ދެކެ ހާދަ ބިރެކޭ ގަތީ" އަހަރެން ބުނީމެވެ.
"އާއެނކޭ ދޯ. އަހަރެންނަށް ހީވީ ކުރިމަތިން ރީކް ސިފަވިހެން. ކާންދޭން އުޅޭ ގަޑީގަ ރީކް ނުކާން ބޮޑާހާކަން ފެށީމަ އަހަރެންވެސް ޕޮލިސްގެ ނަން ކިޔާލާއިރަށް މައިތިރިވާނެ. ދެން ކާނެ ދިންވަރަކަށް. އަހަރެން ޖެހޭނީ ހުއްޓާލަން. ބައެއްފަހަރު ދެރަވެސްވޭ" ރީޝަމް ވާހަކަދެއްކިއެވެ. މަޖާ ވާހަކަތައް އަހަރެމެންނަށް ނިންމައިލެވުނީ ހޮސްޕިޓަލާ ހަމައިންނެވެ.
އައިސީޔޫ އާ ހަމައަށް ދިޔައިރު މަންްމަ އާ މާމަ އައިސީޔޫ ދޮރުމަތީގައި ތިއްބެވެ. އާލިމް ތަންކޮޅެއް ދުރުގައި ފޯނެއްގައި ހުއްޓެވެ. އެހެން ދުވަސްތަކާ ޚިލާފަށް މަންމަ އާ މާމަގެ މޫނުމަތިން އަހަރެންނަށް ފެނުނީ އުފާވެރިކަމެކެވެ.
"ވިއާން ހޭއަރައިފި" އަހަރެންގެ އަތުގައި ހިފައިލަމުން މަންމަ ބުނެލިއެވެ. އަހަރެންގެ ހިތަށް ލިބުނު ހިތްހަމަޖެހުން ދެގުނަވެގެން ދިޔައެވެ. ފުރަތަމަ އުފަލަކީ މަރުގެ ތުންފަތްމަތިން މާތްﷲ ގެ ތަނަވަސް ރަހްމަތްފުޅާއެކު ވިއާން ސަލާމަތްވުމެވެ. ދެވަނަ އުފަލަކީ ދުވަސްތަކަކަށްފަހު މަންމަގެ ތުންފަތްމަތިން އެފެނުނު ހިނިތުންވުމެވެ. މާމަގެ ތުންފަތުގައިވެސް ހަމަ އެ ހިނިތުންވުމެވެ. އެހުރިހާކަމަށްޓަކައި އަހަރެންނަށް ހެއްދެވިފަރާތަށް ޝުކުރު ދެންނެވުނެވެ.
"އެތެރެއަށް ވަދެފިންތަ؟" އަހަރެން އެހީމެވެ.
"އިރުކޮޅަކުން ގޮވާލާނަމޭ ބުނީ" މާމަ ބުނެލިއެވެ.
"ބުނިތަ ވިއާން ވާހަކަދެއްކިއޭ" އަހަރެން އެހީމެވެ. ވިއާން ދެލޯ ހުޅުވައިގެން އޮށްވާ ދެކިލާހިތުން އަހަރެން ހުރީ މޮޔަވާވަރު ވެފައެވެ.
"އެހެނެއް ނުބުނޭ" ފޯނު ނިންމާލާފައި ކައިރީގައި އައިސް ހުއްޓުނު އާލިމް ޖަވާބުދިނެވެ. ރީޝަމްގެ މޫނަށް އަހަރެންނަށް ބަލައިލެވުނީ ހިިނިތުންވުމަކާއެކުގައެވެ.
"އިނގޭތަ ދެންމެ..." ރީޝަމް ވާހަކަދެއްކިއެވެ. ރީޝަމް އުޅުނީ ޒިޔާންގެ ވާހަކަދައްކަން ކަން ވަގުތުން އަހަރެންނަށް އިނގުނެވެ. އިޝާރާތުން އަހަރެން އެކަން މަނާކުރީމެވެ. އެއްވެސް މީހަކަށް ނުފެންނާނެ ހެންނެވެ. ހާލަތާ ނުގުޅޭ މީހުންގެ ވާހަކަތައް ދައްކައިގެން ތަނުގެ އުފާވެރިކަން ގެއްލުވާލަން އަހަރެން ބޭނުމެއްނުވެއެވެ. ލިބުނު އުފާވެރިކަން އިހުސާސްކުރަން މަންމަ އާ މާމައަށް ފުރުސަތު ލިބިއްޖެއެވެ.
ވިއާންގެ ނަމުން ގޮވައިލި އަޑު ކަންފަތުގައި ޖެހުމާއެކު އަހަރެންނަށް ތެޅިގަނެވުނެވެ. ވަގުތުން އެތެރެއަށް ވަންނަން ދުއްވައިގަންނަން ހިތްއެދުނެވެ. އެހެންނަމަވެސް އަހަރެން ހިތުގައި އުފެދުނު އިހުސާސްތަކުގެ މައްޗަށް ގަދަވެގަތީމެވެ. ވިއާން ކައިރިއަށް އެންމެ ފުރަތަމަ ވަންނަން ޖެހޭ މީހަކީ އަހަރެން ނޫންކަން އަމިއްލަ ހިތަށް ވިސްނައިދިނީމެވެ.
"މަންމަ ދާންވީނުން" މަންމަ މާމައަށް ބުނެލިއެވެ.
"ނޫނޭ. މަންމަ ހިނގައިދާނަން ފަހުން. އިހަށް ދަރިފުޅުމެން ވަދެ އެސޮރާ ބައްދަލުކޮށްލާ" މާމަ ބުނެލިއެވެ. ހީލާފައި މަންމަ އެތެރެއަށް ވަދެގެން ހިނގައްޖެއެވެ. ދެކޮޅަށް ހިނގަން އަހަރެންނަށް ފެށުނެވެ. އަހަރެން ވަންނަންޖެހޭ ގަޑިއަކީ ސީދާ ކޮން ގަޑިއެއްކަން ނޭނގުނަސް އެގަޑިއަށް ކެތްތެރިކަމެއްނެތި އަހަރެންގެ ހިތް އިންތިޒާރުކުރަމުން ދިޔައެވެ.
"ރަނގަޅުތަ؟" ބޭރަށް ނިކުތް މަންމަގެ ތުންފަތްމަތީގައިވި ހިނިތުންވުން އިތުރަށް ފުޅާވެފައި ހުރިހެން އަހަރެންނަށް ހީވިއެވެ. މަންމަ ނިކުތުމާއެކު މާމަ މަންމަގެ އަތުގައި ހިފައިފިއެވެ. ޔަގީނެވެ. މަންމަގެ ތުންފަތްމަތީގައިވި ހިނިތުންވުން ފެނި މާމަގެ ހިތަށްވެސް ތަސައްލީއެއް ލިބިއްޖެއެވެ. މަންމަގެ ބުރަކަށީގައި ފިރުމާލާފައި މާމަ ބަލައިލީ އަހަރެންނަށެވެ. ހީވީ އަހަރެން ކައިރީގައި ދެން އަހަރެން ވަންނާށޭ ބުނެލި ހެންނެވެ. އެކަމަކު އެ ފުރުސަތު އަހަރެން ދިނީ މާމައަށެވެ.
"ވާހަކަދެއްކިތަ؟" އަހަރެން އެހީމެވެ. މަންމަ ބޯޖަހައިލިއެވެ.
"ކީކޭ ބުނީ؟" އަހަރެން އެހީމެވެ.
"މަންމަ އެންމެ އަޑުއަހާލަން ބޭނުންވާ ލަފްޒު ބުނެލީ" މަންމަ ބުނެލިއެވެ. އަހަރެންނަށް ނުވިސްނުނެވެ. އެހެންކަމުން އަހަރެންގެ ދެބުމަ ގޮށްޖެހުނެވެ.
"އަހަރެން ފެނުމާއެކު މަންމާ އޭ ކިޔާ ގޮވާލީ" ރޮވިފައި މަންމަ ބުންޏެވެ. މަންމަގެ ލޮލުން ކަރުނަތިއްކެއް ފައިބައިގެން ދިޔައެވެ. ޔަގީނުންވެސް އެއީ އުފާވެރިކަމުގެ ކަރުނައެކެވެ.
"މަންމާ، ވިއާން އަހަރެންގެ ވާހަކަ އެހިތަ؟ އަހަރެން މަތިން ހަނދާން އެބަހުރިތަ؟" އެހުރިހާ ސުވާލުތަކެއް ވީ އަހަރެންގެ ހިތުގައެވެ. މަންމަގެ ފަރާތުން އެއީ އަހަރެން އޮޅުންފިލުވަން ބޭނުންވާ ސުވާލުތަކެކެވެ. އެހެންނަމަވެސް ދުލާ ހަމައަށް ގެންނަން ނުކެރުނެވެ.
"އެ ނިކުތީ މާމަ" ރީޝަމް ބުނެލިއެވެ. އަހަރެންނަށް ބަލައިލެވިއްޖެއެވެ.
"އަލްހަމްދުލިﷲ" ނިކުމެފައި މާމަ ބުނެލިއެވެ.
"އަވަހަށްދޭ. މާމަ ކައިރީގައި އަަހައިފި މަލް ކޮބާހޭ" ހީލައިގެން ހުރި މާމަ ބުނެލިއެވެ.
"ނިކުންނަން އުޅެނިކޮށް އަހަރެން ކައިރީގައިވެސް އެހި" މަންމަ ބުނެލިއެވެ. ހިތަށް ލިބިގެން ދިޔައީ ބަޔާންކުރަން ދަތި ހިތްހަމަޖެހުމެކެވެ. ވިއާން އަހަރެން މަތިން ހަނދާނެއް ނުނެތެއެވެ. ހިތްއަވަސްވެފައި ހުއްޓެއްކަމަކު އެތެރެއަށް ވަންނަން އަހަރެންނަށް ފައި ނެގުނީ ލަސްލަހުންނެވެ. ކިތަންމެ ލަހުން ވަނަސް އަހަރެންގެ ވިއާން އިންތިޒާރުގައި އޮންނާނޭ ހިތް ބުނެލި ކަހަލައެވެ.
ވިއާންގެ އެނދާ ކައިރިވަމުން ދިޔަ ވަރަކަށް އަހަރެންގެ ހިތުވެ ތެޅުން އަވަސްވަމުން ދިޔައެވެ. އަހަރެން ވިއާންގެ ކައިރީގައި ހުއްޓުނުއިރު ވިއާން އޮތީ ދެލޯ މަރާލައިގެންނެވެ. އަހަރެން ހުއްޓުނުކަން އިނގުމާއެކު ލަސްލަހުން ދެލޯ ހުޅުވާލައިފިއެވެ. އަހަރެން ފެނުމާއެކު ވިއާންގެ ތުންފަތުން ހިނިތުންވުމެއް ފާޅުވެއްޖެއެވެ. ހޮޅިތައް ނައްޓާފައި ހުރުމުން އަހަރެންނަށް ވިއާންގެ މޫނުމަތި ފެނުނީ ކުރިއަށް ވުރެ ތާޒާކޮށެވެ. އަނގައިގެ އެއް އަރިމަތިން ހޮޅި ނެގިތަނުން ނިޝާނެއް ފެންނަން ހުއްޓެވެ. ދެލޮލުގައިވާ ދުޅަކަން ފިލައި މޫނުމަތި ދޮންވެއްޖެއެވެ. ކުރިއަށް ވުރެ މޫނުމަތި ދެމިލާފައި ހުރިހެން ހީވެއެވެ.
"ތިވަރަށް ނުބަލާ އަހަރެންނަށް ގޮވައިލަބަލަ" އަހަރެން ބުނީމެވެ. ވިއާން ހީލިއެވެ. ވަގުތުން އަހަރެންގެ ދެލޯ ފުރިގެން އައެވެ. މަޑުމަޑުން ވިއާން އުފުލައިލި އަތުގައި އަހަރެންނަށް ހިފިއްޖެއެވެ. އެ އަތްތިލައިގައި އަހަރެން ބޮސްދިނީމެވެ. ލޯތްބާއެކު ވިއާންގެ އަތްތިލަ އަހަރެންގެ ކޯތަފަތުގައި ޖައްސާލައިގެން ހުރެ ހިތްފުރެންދެން ރޯލީމެވެ.
"މަލް...،" ދުވަސްތަކަކަށްފަހު ވިއާންގެ އަޑު އަހަރެންގެ ކަންފަތަށް އިވިގެން ދިޔައެވެ. އެހިނދު ކަރުނަތަކާއެކު އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވެއްޖެއެވެ. އެހާ ދުވަސްފަހުން ވާހަކަދެއްކިއިރު ވިއާންގެ އަޑަށް ވަނީ ވަރަށް ބޮޑު ބަދަލެއް އައިސްފައެވެ. ކުރީގައި ހުންނަ ބަރު އަޑު ވަނީ މުޅިން ކުރަކިވެފައެވެ. އިރުއިރުކޮޅުން ކަރުކެހިލައެވެ. ކަރުތެރެއިން ނޭވާ ހޮޅިއަށް ލައްވާފައިވާ ހޮޅި ދުވަސްތަކަކަށްފަހު ނެގުމުން އައިސްފައިވާ ބަދަލެކެވެ.
"އަދި އެއްފަހަރު ގޮވާލަބަލަ" އަހަރެންނަށް ބުނެވުނެވެ.
"މަލް... ހެހެ..." ވިއާން ހީލެވޭތޯ މަސައްކަތް ކުރިއެވެ.
"ބް..ބުރުގާ އަޅާފައި ހުންނައިރު ވަކިން ލޯބި" ވިއާން ބުނެލިއެވެ. ހިނދުކޮޅަކަށް އަހަރެންނަށް ލަދުވެތިކަމެއް އިހުސާސްވިއެވެ. އެހެންކަމުން އަހަރެންނަށް އިސްއޮބައިލެވުނެވެ.
ވިއާންގެ މުޅި ހަށިގަނޑު ނިވާކޮށްފައިވާ ހުދު ކުލައިގެ ބެޑްޝީޓަށް އަހަރެންނަށް ނަޒަރު ހިންގައިލެވުނެވެ. އެފޮތިގަނޑުގެ ދަށުގައި ފޮރުވިފައިވަނީ އޭނާއަށް ލިބިފައިވާ ޒަހަމްތަކެވެ. މަރުގެ ތުންފަތްމައްޗަށް ވިއާން ފޮނުވާލި މިޔަ ތޫނު ޚަންޖަރެއްގެ ނިޝާންތަކެކެވެ. ފޮތިގަނޑު މަތިން އަހަރެންނަށް ވިއާންގެ މޭގައި އަތްހިންގައިލެވުނެވެ.
"އަދިވެސް ވަރަށް ތަދުވޭދޯ" އަހަރެން އަހައިލީމެވެ.
"އުނހު. މަލް ތިހާ ލޯބިން ފިރުމައިލީމަ އެއްކޮށް ފަސޭހަވެއްޖެ" ވިއާން ބުނެލިއެވެ. އެހިނދު އަހަރެންނަށް ހެވުނެވެ.
"މަލް، އެހާ އަވަހަށް މިތަނުން ނުދައްޗެ" ވިއާން ބުނެލިއެވެ. އަހަރެން ބޯޖަހައިލީމެވެ. އަހަރެން ހިފައިގެން ހުރި ވިއާންގެ އަތްތިލައަށް އޭނާ ފިއްތަމުން ދިޔައެވެ. ވިއާންގެ ނަޒަރު ސީދާ އަހަރެންގެ މޫނަށް ހުއްޓިފައިވިއެވެ. ކަޅިޖަހައިލަންވެސް އޭނާ ބޭނުންނުވާ ކަހަލައެވެ.
"މަލް، އަހަރެންގެ މޫނާ ގާތަށް އާދެބަލަ" ވިއާން ބުނެލިއެވެ. އަހަރެން ކުޑަކޮށް ގުދުވެލާފައި ވިއާންގެ މޫނާ ގާތަށް ޖެހިލީމެވެ.
"ތިއަށް ވުރެވެސް ގާތަށް" ވިއާން ބުނެލިއެވެ.
"އަހަރެން އެއަށް ވުރެވެސް ގާތަށް ޖެހިލީމެވެ.
"އަދިވެސް ދުރު. ތިއަށް ވުރެވެސް ގާތް" ވިއާން ބުނެލިއެވެ. އަހަރެން ކަންބޮޑުވީ އެހިސާބުންނެވެ. މުޅި ސަރަހައްދަށް އަހަރެންގެ ނަޒަރު ދަތުރުކޮށްލިއެވެ. އެއްވެސް ނަރުހެއްގެ ނަޒަރު އަހަރެންނަށް ހުއްޓިފައި ނެތްކަން އިނގުމުން ކުރިއަށް ވުރެބެސް ބޮޑަށް ވިއާންގެ މޫނާ ގާތަށް އަހަރެން ޖެހިލީމެވެ.
"ދެޓްސް ޕާފެކްޓް" ވިއާން ބުނެލިއެވެ. އަހަރެންނަށް ހެވުނެވެ.
"ދެން ދައްކަބަ ކަންފަތް" ވިއާން ބުނެލިއެވެ. މަޑުމަޑުން އަހަރެންގެ ކަންފަތް ވިއާންގެ އަނގަ އާ ދިމާވާނެހެން އަނބުރާލާފައި ދެލޯ މަރައިލެވުނެވެ. ވިއާންގެ ހޫނު ނޭވާތައް ބުރުގާ ތެރެއިން ފުރޭނިގެން ގޮސް އަހަރެންގެ ކަންފަތާ ހަމައަށް ފޯރައިފިއެވެ. އެ ނޭވާގެ ހޫނުކަން އިހުސާސް ވަމުންދާ ކޮންމެ ސިކުންތަކު އަހަރެންގެ މުޅި ހަށިގަނޑުން ހީބިހި ނަގައިގެންދެއެވެ.
"ވަރަށް ލޯބިވޭ މަލް. މަލް ކުރިން ދުވަހު އެހީމެއްނު. އިނގޭހޭ އަހަރެމެންގެ ދެމީހުންގެ ކައިވެނި އަދި ނުކުރެވޭކަން. އަހަރެންނަށް އިނގޭ. މަލްގެ އަޑުވެސް އިވުނު. ވާހަކަދައްކަން ބޭނުންވެސްވި. ކައިރިން ދިޔަކަންވެސް އިނގޭ. މިތަނުގެ ތެރޭގައި އަހަރެން ހޭދަކުރި ކޮންމެ ސިކުންތެއް ކޮންމެ މިނިޓެއް އަހަރެން ހޭދަކުރީ މަލްއާއެކު. އެހެންވެ އަހަރެން އެކަންޏެއްނުވޭ" ވިއާން ވާހަކަދެއްކިއެވެ. އަހަރެން ބޯހިއްލާލާފައި ވިއާންގެ މޫނަށް ބަލައިލީމެވެ. އަހަރެންގެ ދެލޮލުން ވެއްޓުނު އުފާވެރިކަމުގެ ކަރުނަތިކި ގޮސް މަތަވީ ވިއާންގެ ކޯތާފަތުގައެވެ. އެހިނދު ވިއާންގެ ދުރުގައި އޮތް އަތްތިލައިން މަޑުމަޑުން ކަރުނައިގެ ތެތްކަން ހުރި ހިސާބުގައި ޖައްސާފައި ބަލައިލިއެވެ.
"މިހާ އަގުބޮޑެތި އެއްޗެހި އަހަރެންނަށްޓަކައި މަލްގެ ދެލޮލުން ބޭރުނުކުރޭ" ވިއާން ބުނެލިއެވެ. އަހަރެންނަށް ހެވުނެވެ. އެހިސާބުން އަހަރެންނާ ދިމާލަށް ނަރުހެއް އަންނަތަން ފެނިއްޖެއެވެ. އެތަނުގައި އަހަރެންނަށް މާގިނަ ވަގުތު ހޭދަކުރެވިއްޖެކަން ހަނދާންވިއެވެ. އެވަގުތަށް އަހަރެން ވިއާނާ ދުރަށްޖެހިލަންވީ ވަގުތު އައިސްޖެހުނީއެވެ.
"ވިއާން، ރަނގަޅުތަ؟ ހެޕީތަ މިހާރު؟" ބަލައިބެލުމަށް ގާތްގަނޑަކަށް ތިރީސްފަސް އަހަރަށްދާ ވަރުގެ ނަރުހެއް ވިއާނާ ވާހަކަދެއްކިއެވެ. ވިއާން ވަގުތުން އެ ނަރުހަށް ޖަވާބުދިނެވެ.
"ސިސްޓަރ، ގިވް މީ ޓޫ މޯ މިނިޓްސް" އަހަރެން ބުނީމެވެ. ހީލާފައި ނަރުސްކުއްޖާ ހިނގައިގަނެއްޖެއެވެ. ދެން އަހަރެން ބަލައިލީ ވިއާނަށެވެ. އަދިވެސް ވިއާން އޮތީ ލޯބިން ފުރިގެންވީ ބެލުމަކުން އަހަރެންނަށް ބަލާށެވެ.
"އައި ލަވް ޔޫ މޯރ. ވިއާން ކައިރިން ދާކަށް ބޭނުމެއްނޫން. އެކަމަކު ދާންޖެހޭނެ. ވިއާނާ ވަރަށް ބައްދަލުކުރާހިތުން އާލިމްވެސް ބޭރުގަ އެބަހުރި" އަހަރެން ބުނީމެވެ. އަހަރެން ހިނގައިގަތީ ވިއާންގެ މޫނުގައި ފިރުމާލާފައެވެ. ނިކުންނަންހިތް ނުވިޔަސް އެވަގުތަށް މަޖުބޫރެވެ.
އެދުވަހުގެ ރޭ އަހަރެން ކޮޓަރީގައި ހޭދަކުރީ ހިތްހަމަޖެހުމާއި އުފަލުގައެވެ. އެނދުގައި އަހަރެން އޮތީ އެހެންރޭތަކާ ޚިލާފަށް އެއްވެސް ހިތްނުތަނަވަސްވުމެއް ނެތިއެވެ. ހޮސްޕިޓަލުގެ އެނދެއްގައި ވިއާން އޮތަސް އޭނާގެ ކަންކަން ގައިބުގައިވާ ކަންތައްތައް އެންމެ މޮޅަށް ދެނެވޮޑިގެންވާ ކަލާނގެ ގާތުން ބައްލައިވައި ވޮޑިގެންވެއެވެ. އަހަރެން އެކަލާނގެއަށް އިތުބާރު ކުރަމެވެ. ދުވަހަކުވެސް އެ އިތުބާރު ކުޑަކޮށެއް ނުލާނަމެވެ. ކުރިއަށް ވުރެވެސް ބޮޑަށް ހިތުގައި އީމާންތެރިކަން ވަރުގަދަވެއްޖެއެވެ.
ވިއާންގެ ލޯބިވެތި ހަނދާންތައް ސިކުނޑީގައި ދެންމެ ކުޅެލި މަންޒަރުތަކެއް ފަދައިން ލޯމަތީގައި ޕްލޭވަމުން ދިޔައިރު އަހަރެންނަށް ހެވެމުން ދިޔަ ކަމެއް ނޭނގެއެވެ. އެހެން އޮވެފައި ފޮރޮޅިލާފައި އަނެއްފާރަތަށް އެނބުރިލި ވަގުތު ގައިދަށުގައި ފޯނު އޮތް ކަމުގެ އިހުސާސްވިއެވެ. ފޯނު ނަގާފައި ބަައިލިއިރު ރޭގަނޑު ބާރަޖަހައި ބޮޑުވެއްޖެއެވެ. އެވަގުތު އަހަރެންގެ ހިތަށް އެރިއެވެ. މިހާރު އަހަރެންގެ ވިއާން އޮންނާނީ އަރާމުކޮށް ނިދާލާފައެވެ. އެހެންރޭތަކަށް ވުރެ އަރާމުކޮށް މިރޭ އޭނާ ނިދާނެއެވެ. އަތަށް ގުޅާފައިވާ އައިވީ ނޫން އެއްވެސް ކައްޓެއް އޭނާގެ ގަޔަށް ހަރާފައެއްނެތެވެ.
"މިސްޔޫ ސޯ މަޗް" އަހަރެންނަށް ބުނެވުނެވެ. ލޮލުގައި ނިދީގެ އެއްވެސް އަސަރެއް ނެތުމުން އަހަރެން ފޯނު ހާވަން ފެށީމެވެ. މިދިޔަ ދުވަސްތަކުގައި އޭނާ ފޯނަށް އަންނަ މެސެޖަކަށް އެހެންކަމަކަށް ސަމާލުކަން ދެވިފައެއްނެތެވެ. ހަމައެކަނި އިންތިޒާރުކުރީ އާލިމްގެ ކޯލަށް އެކަންޏެވެ. ފޯނަށް މެސެޖެއް އައިސްގެން ބަލައިލިއިރު ދިރާގުންނެވެ. ބަލައިލިރު އެމެސެޖުގެ ދަށުގައި ވިއާންގެ މެސެޖެއް އަހަރެން ނުކިޔާ އިންކަމަށް ރަތްކުލައެއްގެ ތިއްކެއް ޖަހާފައި އިންތަން ފެނުނެވެ. ފުރަތަމަ ހިތަށްއެރީ އެއީ ދާދި ދެންމެއަކު ކުރި މެސެޖެކެވެ. އެކަމަކު އެކަން ދޮގުކުރީ މެސެޖް އައިސްފައި ތާރީހެވެ. އެއީ އަހަރެންގެ ކައިވެނި ހަމަޖެހިފައި އޮތް ދުވަހެވެ. މެސެޖް ހުޅުވާލިއިރު އަރާފައި އިން ގަޑިއަކީ އެދުވަހު އެހަބަރުދޭން އާލިމްގެ ފޯނުކޯލް ލިބުމުގެ ތިރީހަކަށް މިނިޓް ކުރިންނެވެ. ކުރިން އަހަރެންނަށް މި މެސެޖް ލިބިފައި އިންކަމެއް ނޭނގެއެވެ. ފޯނަށް މާބޮޑު ސަމާލުކަމެއް ނުދެވުނީތާއޭ ހިތަށް އެރިއެވެ. ހިތަށްއެރީ ކައިވެނިކުރެވެން އުޅެވޭތީ ވިއާން ކޮންމެވެސް ލާނެއް ސަމާސާއެއް ކޮށްލާފައި ފޮނުވާފައި އޮތް މެސެޖެއްކަމަށެވެ. ނަމަވެސް އަހަރެންނަށް އޮތްތަނުން ބޯހިއްލާލެވުނީ މެސެޖްގައި އޮތް ކުރު ޖުމްލައިންނެވެ. ތެދުވެފައިވެސް އެތައް ފަހަރަކު އަހަރެން އެ މެސެޖް ކިއިއްޖެއެވެ. އެންމެފަހުން ފޯނުގައި ހަލުވިކަމާއެކު އާލިމްގެ ނަންބަރު ޖަހާފައި ގުޅައިލީމެވެ. އާލިމް އޮންނާނީ ނިދާފައޭ ހިތަށް އެރި ނަމަވެސް ދެވަނަ ރިންގާއެކު އާލިމް ފޯނު ނަގައިފިއެވެ.
"ހަނދާންކޮށްފަ ބުނެބަލަ ވިއާން ގަޔަށް ވަޅިޖެހި ދުވަހު އެކަން ހިނގުމުގެ ތިރީސް ވަރަކަށް މިނިޓް ކުރިން ވިއާން އެއްވެސް ވާހަކައެއްދެއްކިތަ؟" އާލިމް ފޯނު ނެގުމާއެކު އަހަރެން އެހީމެވެ.
"އުނހު. ނުއެއްދައްކާ. އެކަމަކު ދުއްވަމުންވެސް ވަރަށް ފަހަތްބެލި. އަހަރެން އެހިން ސަމާސާއަކަށް ފަހަތުން މަލް ފެންނަނީހޭ އަނެއްކާ" އާލިމް ވާހަކަދެއްކިއެވެ.
"ދެން؟ ވިއާން ކީކޭ ބުނީ؟" ކެތްތެރިކަން ކުޑަވެފައި އަހަރެންނަށް އެހުނެވެ.
"ހިނިގަނޑެއް ޖަހާލާފައި ބުނީ ނޫނެކޭ. ބޭނުމީ އަވަހަށް ގެއަށްދާށޭ" އާލިމް ބުންޏެވެ.
"ދެން އާލިމް ބަޔާނުގަ ތިހެން ބުނެފަ އިންނާނެތަ؟" އަހަރެން އެހީމެވެ.
"އާނ. އެހެން ބުނިން. އަނެއްކާ ކިހިނެއްވީ؟" އާލިމް އެހިއެވެ.
"މިހާރަކު ކިޔައެއްނުދެވޭނެ. މާދަމާ ބައްދަލުކުރަމާ ރީޝާމްއާވެސް އެކު" އަހަރެން ބުނީމެވެ.
އިތުރު ދެ ދުވަސް ފާއިތުވެގެން ދިޔައީ އަހަރެންގެ އިންތިޒާރަށް އުފާވެރި ނިމުމެއް ގެނުވާފައެވެ. ވިއާން ކޮޓަރިއަކަށް ބަދަލުކޮށްފިއެވެ. ހެނދުނު ހޭލިގޮތަށް ކޮލެޖަށް ދާން ޖެހުމުން ފޫހިވިއެވެ. ކައިވެންޏާ ދިމާކޮށް ސެމިސްޓަރ ބްރޭކް އައިކަން ނަސީބެކެވެ. ކޮލެޖް ނިންމާފައި ނޫނީ ހޮސްޕިޓަލަށް އައިސްގެން ނުވާނެކަމަށް ބުނީ ވިއާނެވެ. އެހެންކަމުން އަހަރެންނަށް އިތުރު ގޮތެއްނެތެވެ. ކިޔެވުންވެސް މުހިންމެވެ. ވިއާންވެސް މުހިންމެވެ.
ކޮލެޖުން ނިކުތްއިރު މަގުމަތީގައި ޒިޔާން ހުއްޓެވެ. އަހަރެން ފެނުމާއެކު އައީ އަހަރެންނާ ދިމާލަށެވެ. ހިތަށް އެރީ އަލުން ކޮލެޖަށް ވަނުމަށެވެ. އަހަރެންނާ ކުރިމަތިލުމުގެ ފުރުސަތެއް ނުދޭނަމޭ ހިތަށް އެރިއެވެ. އެހެންނަމަވެސް ކަންތައްތައް ވީ އަހަރެން އުންމީދުކުރި ގޮތަކަށް ނޫނެވެ. ވިއާން ފޮނުވައިގެން އަހަރެން ބަލައި އާލިމް އައީ ހަމަ އެވަގުތުއެވެ. ޒިޔާނަށް މަލާމާތުގެ ހިނިތުންވުމެއް ދީފައި އަހަރެން އާލިމްގެ ސައިކަލް ފަހަތަށް އަރައި އިށީނީމެވެ.
އަހަރެން ވަނުމާއެކު އެނދުގައި އިށީނދެގެން އިން ވިއާން ހީލައިފިއެވެ. އެ ހީލުން ފެނި އަހަރެންގެ ހިތް އުފަލުން ފުރުނެވެ. ކޮނޑުގައި އޮތް ދަބަސް އެނދުމަތީގައި ބާއްވާފައި ވިއާނާ ގާތަށް ޖެހިލީމެވެ.
"އެކަނިތަ؟ މަންމަމެން އަދި ނާދޭތަ؟" އަހަރެން އެހީމެވެ.
"ކެންޓީނަށް ގޮސްވީ" ވިއާން ބުންޏެވެ.
"ސައިބުއިންތަ؟" އަހަރެން އެހީމެވެ. ވިއާން ދެފަރާތަށް ބޯހޫރާލިއެވެ.
"ހިނގާ ދޯ ކޮންމެސް ކަހަލަ ފުރުޓެއް ކާލަން" ފުރިޖު ހުޅުވަން އަހަރެން ހިނގައިގަތްތަނާ ވިއާން އަހަރެންގެ އަތުގައި ހިފައިފިއެވެ. ވިއާނަށް ތަދުވެދާނެތީ ގަދަހަދާފައި ދުރަށްދާން ނުކެރުނެވެ. އަހަރެންގެ އަތުގައި ހިފައި މަޑުމަޑުން ގާތަށް ދަމައިލާފައި އަހަރެންގެ އުނގަނޑުގެ ދެފަރާތުން ދެއަތް ގެނެސް ބަނޑުގައި ވަށައިލިއެވެ.
"މާދަމާ މި ރޫމުގަ. ހަމަ މިގަޑީގަ. މަލް އަހަރެންގެ އަންބަކަށް ވާނެ. އިންޝާﷲ" އަހަރެންގެ ކަންފަތާ ގާތްވެލާފައި ވިއާން ބުންޏެވެ. އަހަރެން އެނބުރި ވިއާންގެ މޫނަށް ބަލައިލީމެވެ. އެހިނދު ވިއާންގެ ދެއަތުން އަހަރެންގެ މޫނުގެ ދެފަރާތުގައި ހިފައިލިއެވެ.
"އައި ޕްރޮމިސް. މިހާރު ހުރިހާކަމެއް ހަމަޖެހިއްޖެ. އަހަރެންގެ ކޮއްކޮގެ ލަޝްކަރަށް އަހަރެންނާ އަހަރެންގެ ލޯތްބާ ދެމެދަށް ނުވަދެވޭނެ" ވިއާން ބުނެލިއެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ