އައްޑޫގައި އޭޝިއަން އެކަޑަމީ އޮފް އެރޮނޮޓިކްސް (އޭއޭއޭ) ހިންގާ ފްލައިން ސްކޫލްގެ މައްސަލަ ހައްލު ނުކުރެވި ދިގުލައިގެން ގޮސްފައި ވަނިކޮށް، ގައުމީ އެއާލައިން އޮޕަރޭޓް ކުރާ އައިލެންޑް އޭވިއޭޝަނުން، ފްލައިން ސްކޫލެއް ހިންގާނެ ބަޔަކު ހޯދުމަށް އިއުލާނުކޮށްފި އެވެ.
އައިލެންޑް އޭވިއޭޝަނުން އިއްޔެ ކުރި އިއުލާނެއްގައި ބުނީ، ސްބްސިޑަރީ ކުންފުންޏެއް މެދުވެރިކޮށް ރާއްޖޭގެ އެއާޕޯޓެއްގައި ފްލައިޓް ޓްރެއިނިން ސުކޫލެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށާއި އެފަދަ ޓްރެއިނިންތައް ހިންގުމުގެ 10 އަހަރުގެ ތަޖުރިބާ ހުރި ފަރާތްތަކަށް ފުރުސަތު ހުޅުވާލާ ކަމަށެވެ.
ކިޔަވައި ދިނުމާއި ޓްރެއިނިންގެ ކަންކަން ސަބްސިޑަރީ ކުންފުނިން ބެލެހެއްޓި ނަމަވެސް، ބޯޓުތަކުގެ މެއިންޓެނަންސް އާއި ސޭފްޓީ ރެގިއުލޭޝަންތަކުގެ ކަންކަން ބަލަހައްޓާނީ އައިލެންޑް އޭވިއޭޝަނުން ކަމަށް ވަނީ ބުނެފަ އެވެ.
ސްކޫލް ހިންގާ ފަރާތުން އެއާކްރާފްޓް ހޭންގަރަކާއި ޓްރެއިނިން ބިލްޑިންގު އަދި ދެ މަލްޓި އިންޖީންއާއި ހަތަރު ސިންގަލް އިންޖިން އެއާކްރާފްޓް ބަލަހައްޓަން ޖެހޭނެ ކަމަށް އެ އިއުލާނުގައި ވަނީ ބުނެފަ އެވެ.
ޝަރުތުތައް ހަމަވާ ފަރާތްތަކުން މި މަހުގެ 10 ވަނަ ދުވަހުގެ ކުރިން ޕްރޮޕޯސަލް ހުށަހެޅުމަށް ވަނީ އެދިފަ އެވެ.
އައްޑޫގައި ހުންނަ ފްލައިން ސްކޫލުގައި ކިޔަވަމުން އަންނަ ދަރިވަރުންނަށް ދިމާވެފައިވާ މައްސަލަތަކާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީއަށް ހާޒިރު ކުރުމުން އެކަމާ ބެހޭ މައުލޫމާތުތައް ކޮމިޓީއާ ހިއްސާކުރައްވަމުން މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވީ، އެ ދަރިވަރުންނަށް އޮތް ހައްލަކީ އާ ސްކޫލެއް ކަމަށެވެ. ނަމަވެސް އެފަދަ އިންތިޒާމެއް އަދި ހަމަޖެހިފައި ނުވާ ކަމަށެވެ.
އައްޑޫ ފްލައިން ސްކޫލުގެ ދަރިވަރުންގެ ކޯސްތައް ދިގުލައިގެން ދިއުމާއި ތަފާތު ކުރުންތައް ގެންގުޅޭ ކަމުގެ ޝަކުވާ އެ ސްކޫލުގެ ދަރިވަރުން ކުރަމުން އަންނަ އިރު، އެ ޝަކުވާތައް ބޮޑުވެ ގިނަ ކަންތައްތަކެއް އިސްލާހު ކުރުމަށް ޓްރާންސްޕޯޓު މިނިސްޓްރީންނާއި ހަޔާ އެޑިއުކޭޝަން މިނިސްޓްރީން މީގެ ކުރިން އެ ސްކޫލަށް އަންގާފައިވެއެވެ. ނަމަވެސް އެއިން އެއްވެސް ކަމެއް ރަނގަޅުކޮށްފައެއް ނުވެއެވެ. އަދި އެތަނުގެ ވެރިން ރާއްޖެ ދޫކޮށް ދިއުމުގެ ބިރު އެބައޮތް ކަމަށް ވެސް ބައެއް ފަރާތްތަކުން ވަނީ ބުނެފަ އެވެ.
ޚަބަރު
ޚަބަރު
ޚަބަރު