ކްރިކެޓް ކޯޗުންނާއި ބޯޑާ ދޭތެރޭ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަކީ ވަރަށް ބޮޑު އަމާޒެއް ކަމަށާއި އެއާއެކު ކޯޗުންނަށް ދެވޭ މުސާރައާއި އެހެނިހެން އިނާޔަތްތައް އިތުރުކުރުމަކީ ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްއިން ވަރަށް އިސް ކަމެއް ދޭ ކަމެއް ކަމަށް ބޯޑުގެ ރައީސް މުހައްމަދު ފައިސަލް ވިދާޅުވެއްޖެއެވެ.

ކްރިކެޓް ބޯޑް އޮފް މޯލްޑިވްސްގެ ޑިވެލޮޕްމަންޓް ޕްރޮގްރާމުތަކުގައި މަސައްކަތްކުރާ ކޯޗުންގެ ކޮންޓްރެކްޓްތައް އާކޮށް، ކޮންޓްރެކްޓުތައް ހަވާލުކުރުމުގެ މަސައްކަތް ބޯޑުން ފަށާފައިވާ އިރު، ކްރިކެޓް ބޯޑުން އަލަށް ތައްޔާރުކުރާ ޑެވެލޮޕްމަންޓް ޕްރޮގަރާމުގައި ހަރަކާތްތެރިވުމަށް 15 ކޯޗަކު މިހާތަނަށް ވަނީ ހަމަޖައްސައިފައެވެ. އެގޮތުން މާލެ އަށް ނުވަ ކޯޗުން، ފުވައްމުލަކަށް ފަސް ކޯޗުން އަދި ލ. ކުނަހަންދުއަށް ދެ ކޯޗުން ހަމަޖެހިގެންދާނެ ކަމަށް ކްރިކެޓް ބޯޑުން ވަނީ މައުލޫމާތު ދީފައެވެ.

"މި ދަނޑިވަޅަކީ، ބޯޑަށްވެސް ވަރަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއް. އެހެންނަމަވެސް، ކްރިކެޓް ކުރިއެރުވުމަށްޓަކައި މިހާތަނަށްވެސް ވަރަށް ބުރަކޮށް މަސައްކަތް ކުރި ކޯޗުން ތިބުމާ އަދި، އަލަށް ފެށުމަށް ހަމަޖެހިފައިވާ ޑިވެލޮޕްމަންޓް ޕްރޮގްރާމު ފެށުމަށް ވާން ޖެހޭ ތައްޔާރީތައް ހުރުމާއެކު، މިވަގުތު ކޮންޓްރެކްޓުތައް އާކުރަން ނިންމައި އެ މަސައްކަތް ފެށީ،" ކޯޗުންގެ ކޮންޓްރެކްޓް އާކުރަން ނިންމި ނިންމުމާ ގުޅިގެން ކްރިކެޓް ބޯޑުން ނެރުނު ބަޔާނެއްގައި ފައިސަލް ވިދާޅުވިއެވެ.

ކްރިކެޓް ބޯޑު ހިނގުމާ އާ އެގްޒެކެޓިވް ބޯޑުން ހަވާލުވުމަށް ފަހު ކްރިކެޓް ތަރައްގީ ކުރުމަށް ހިންގޭ ޕްރޮގްރާމުތައް ދިރާސާކޮށް، މި ޕްރޮގްރާމު ހަރުދަނާކޮށް ނަތީޖާ ނެރެވޭނެ ފަދަ ޕްރޮގްރާމަކަށް ހެދުމަށް ގެންނަންޖެހޭ ބަދަލުތަކާ ގުޅޭ ކަންކަން މިހާރު ވަނީ ކޮށް ނިންމައިފައެވެ. ކްރިކެޓް ބޯޑުން މަސައްކަތްކުރަމުން ގެންދަނީ ކޮވިޑް ހާލަތުން ރަގަޅުވެ، ލުއިތައް ލިބުނުހާ އަވަހަކަށް ވައިޑީޕީ ހަރަކާތްތައް ފެށުމަށެވެ. އަދި ވައިޑީޕީ ޕްރޮގްރާމު ފެށިގެންދާނީ އާ ބަދަލުތަކާއެކުގައި ކަމަށްވެސް އާ ބޯޑުން ވަނީ އިއުލާން ކޮށްފައެވެ.

ފައިސަލް ވިދާޅުވީ އަލަށް ހެދުނު ކޮންޓްރެކްޓުތައް ހެދިފައިވަނީ ކޯޗުންނަށް ލިބޭ އިނާޔަތްތައް ޓްރެއިނިން ޕްރޮގްރާމްތަކާ ގުޅުވައި، ޕްރޮގްރާމުތައް ހިންގާ މިންވަރަށް ބަލައި އިނާޔަތްތައް އިތުރުވާނެ ގޮތަށް ކަަމަށެވެ.

"އަލަށް ހެދުނު ކޮންޓްރެކްޓުތައް ހެދިފައިވަނީ ކޯޗުންނަށް ލިބޭ އިނާޔަތްތައް ޓްރެއިނިން ޕްރޮގްރާމްތަކާ ގުޅުވައި، ޕްރޮގްރާމުތައް ހިންގާ މިންވަރަށް ބަލައި އިނާޔަތްތައް އިތުރުވާނެ ގޮތަށް. މިގޮތަށް ހަމަޖެހުމުން، ހުރިހާ ފަންތީގެ ކޯޗުންގެ މުސާރަވެސް ކުރިއަށް ވުރެ ބޮޑުވެގެންދާނެ. މީގެ އިތުރުން އަންހެން ކްރިކެޓް ކުރިއެރުވުމަށް ފަށާ މަސައްކަތުގެ ތެރެއިން އަލަށް ކޮންޓްރެކްޓް ހަދާ އިރު ކޮންމެ ކޯޗަކާވެސް މަދުވެގެން އެއް އަންހެން ސްކޮޑު ހަވާލުކުރެވޭނެ،" ފައިސަލް ފާހަގަކުރައްވާފައިވެއެވެ.

ފައިސަލް އިތުރަށް ފާހަގަކުރެއްވީ ބޯޑާއި ކޯޗުން ގުޅިގެން ކުރެވޭނެ މަސައްކަތްތައް އިތުރުކުރަން މަސައްކަތް ކުރައްވާ ކަމަށެވެ.

"ކްރިކެޓް ތަރައްގީ ކުރުމުގެ މަސައްކަތުގެ ނަތީޖާ ފެންނާނީ ބޯޑާއި ކޯޗުންނާ ގުޅިގެން ކުރެވޭ މަސައްކަތުން. އެހެންކަމުން، ކޯޗުންނާއި ބޯޑާ ދޭތެރޭ އޮންނަ ގުޅުން އިތުރަށް ހަރުދަނާކުރުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު މަގުސަދެއް. ހަމަ މިއާއެކު ކޯޗުންނަށް ދެވޭ މުސާރައާއި، އެހެނިހެން އިނާޔަތްތައް އިތުރުކުރުމަކީ ބޯޑުން ވަރަށް އިސްކަމެއްދޭ ކަމެއް،" ފައިސަލް ވިދާޅުވިއެވެ.