އިސްލާމީ ތާރީޚު

ޔޫސުފު ބިން ތާޝްފީން 97

އަބްދުﷲ ފާރޫގް ހަސަން

2

(29 މެއިގެ އަދަދާ ގުޅޭ)

سعد ވަލުހިނގާ މަގުގެ އެއްފަރާތަކަށް އަރައިވަޑައިގެން ގަސްތަކެއްގެ ތެރޭގައި ހުއްޓިވަޑައިގެންފިއެވެ. އޭނާއަށް ޙަމަލަދެއްވޭ ހިސާބަށް ދެސަވާރުން ކައިރިޔަށް އައުމާއެކު އޭނާ ތީރެއް ދޫކޮށްލައްވައިފިއެވެ. އެތީރު ހެރުނީ އެންމެ ކުރިޔަށްއިން ސަވާރުގެ މެޔަށެވެ. އޭނާ މަރުވެގެން ވެއްޓުމާއެކު އަނެކަކު އަވަސްއަވަހަށް އަސް އަނބުރައިލައިފައި ފިލައިގެންދާން މަސައްކަތް ކުރިއެވެ. ނަމަވެސް

سعد ދޫކޮށްލެއްވި ދެވަނަ ތީރު ހެރުނީ އޭނާގެ އުނަގަނޑަށެވެ. އޭނާ ފިލައިގެންދާން އަސް ދުއްވަނިކޮށް އަސްމަތީން ވެއްޓިއްޖެއެވެ.

سعد އަސްމަތީން ފައިބައިވަޑައިގެން ވަލުހިނގާ މަގުގައި އޭނާގެ ކަނޑިކޮޅުން ނިޝާނެއް ކުރައްސަވައިލެއްވިއެވެ. ގަހެއްގެ ގޮފިގަނޑެއް ކަނޑުއްވައިފައި އެނިޝާނުގެ ކައިރީގައި ބޭއްވެވިއެވެ. އެއަށްފަހު އޭނާގެ އަހަށް ސަވާރުވެވަޑައިގެންފިއެވެ. އަނެއްކާވެސް ފަންސާހަކަށް ގަޒުގެ ދުރަށް ވަޑައިގެންފައި ގަހެއްގެ ގަސްގަނޑަށް އޭނާގެ ޚަންޖަރު ހަރުއްވައިލައްވައިފައި ހިލަގަނޑުގަނޑާއި ގަސްގަހުގެ ނިވައި ހޯއްދަވަމުން ފަރުބަދަމަތީން ފައިބައިވަޑައިގަންނަވާން ފައްޓަވައިފިއެވެ. سعد ވަށައިގެން ހޯއްދަވައިލެއްވިއިރު އޭނާގެ

ދެ އެކުވެރީންކުރެ އެކަކު ދިޔައީ އަހުގެ ފުރިހަމަ ދުވެލީގައި ޖަންގައްޔާ ދިމާޔަށް މިސުރާބު ޖަހަމުންނެވެ. އަނެކަކުގެ އަހުގެ ދުވެލި ދިޔައީ އިރުކޮޅަކަށްވުރެ އިރުކޮޅެއް މަޑުވަމުންނެވެ.

سعد އޭނާގެ ބަރުބަރީ އެކުވެރިޔާއަށް ގޮވައިލައްވައިފައި ސުވާލު ކުރެއްވިއެވެ. "صـدّيـق! ކަލޭގެ އެކުވެރިޔާ ކޮބައިތަ؟"

صـدّيـق އޭނާގެ އަސްމަތީގައި سعد ގެ އަރިހަށް އައިސް ދެންނެވިއެވެ. "އޭނާ ސަލާމަތްވެއްޖެ. ކަލާ އޭނާއާމެދު ވިސްނައިވަޑައިނުގަންނަވާ! إنشـاءاللّـه އޭނާއަށް ޙިޞްނުއްލައިޠަށް ފޯރާނެ. މިފަރާތް ބައްލަވާ! އެމީހުން އެބައާދޭ!"

سعد ފަހަތަށް އެނބުރިވަޑައިގެން ބައްލަވައިލެއްވިއިރު ގާތްގަނޑަކަށް ސާޅީހަކަށް ފަންސާހަކަށް އަސްވާރުން ފަރުބަދަމަތީން ފައިބައިގެން އެބޭފުޅުންނާ ދިމާޔަށް ވަރަށް ބާރަށް އާދެއެވެ. سعد އަވަސް އަވަހަށް އޭނާގެ އަސް އަނބުރައިލެއްވިއެވެ. ނަމަވެސް ވަރަށް ކައިރީން ހިލައެއްގެ ނިވަލުން އައި ތީރެއް ހެރުނީ އޭނާގެ އުނަގަނޑުފުޅަށެވެ. صـدّيـق ވަރަށް ބާރަށް އަސް ދުއްވައިފައި ގަސްތަކާ ދިމާޔަށް ދާންފަށައިފިއެވެ. ހިލައިގެ ބިއްދަށުގައިހުރެ ދުނިއުކާ މީހާ صـدّيـق އާ ދިމާޔަށްވެސް ތީރެއް ފޮނުވައިލިއެވެ. އެކަމަކު ނަސީބަކުން އޭނާ ސަލާމަތްވެއްޖެއެވެ. ދުނިއުކާ މީހާ ހިލައިގެ ބިއްދަށުން ނުކުމެގެން ދުއްވައިގަތެވެ. ނަމަވެސް صـدّيـق ގެ ދުންޏެއް އަމާޒުވުމުގެ ސަބަބުން އޭނާ އަނގަވަތަށް ވެއްޓިއްޖެއެވެ. صـدّيـق އަނެއްކާވެސް سعد ގެ އަރިހަށް އަތުވެއްޖެއެވެ. ދެބޭފުޅުން ޖަންގައްޔަށް މިސުރާބު ޖައްސަވައިފިއެވެ. އެބޭފުޅުންގެ ދެ އަސް ވަނީ ވަރަށްބޮޑަށް ވަރުބަލިވެފައެވެ. އެބޭފުޅުން ފަހައި އަންނަ މީހުންގެ ތެރެއަށް އައު ބައިބައިގަނޑު އަންނަނީ އިތުރުވަމުންނެވެ.

* * * * * * * * * * *

ޖަންގައްޔަށް ވެދެވަޑައިގެންނެވުނުތަނާ سعد ގެ އަސް މަރުވެގެން ވެއްޓިއްޖެއެވެ. سعد ގެ އެކުވެރިޔާ صـدّيـق ވެސް އަސްމަތީން ފުންމައިލައިފައި سعد ގެ އަރިހަށް އަތުވެއްޖެއެވެ. سعد ތުރުތުރުއަޅަމުން ބިންމަތީން ތެދުވެވަޑައިގެން އޭނާގެ އެކުވެރިޔާއާ ދިމާޔަށް ހަޅޭފުޅުލައްވައިގެންނެވިއެވެ. "صـدّيـق ގޯސްނަހަދާ! ކަލޭ އަސްމައްޗަށް އަރާ! ނިކަން ބަލައިބަލަ އެމީހުން ވަރަށް ކައިރިޔަށް އަތުވެއްޖެ. އަނެއްކާ އަހަންނަކަށް މާގިނައިރަކު ކަލެޔަކާ ބައިވެރިޔެއްވެސް ނުވެވޭނެ!"

صـدّيـق ޖަވާބު ދިނެވެ. "އަޅުގަނޑުގެ އަހުގައިވެސް އިތުރަށް ދުވެވޭހައި ވަރެއްނެތް. ދެންއޮތީ ފަރުބަދަޔަށް އެރުން. އަޅުގަނޑުމެން ކުރިމަތީގައި މިހިރަ ފަރުބަދަޔަށް އަރާނަމަ އެބައިމީހުންނަކަށްވެސް އަސްމަތީން ނުފައިބައެއް އަޅުގަނޑުމެންގެ ފަހަތަކުން ފަރުބަދަޔަކަށް ނޭރޭނެ." سعد އޭނާގެ ހަށިކޮޅުގައި ބާކީހުރި ހަކަތަކޮޅު ބޭނުންކުރައްވައިގެން ފަރުބަދަޔަށް އަރައިވަޑައިގަންނަވާން ފައްޓަވައިފިއެވެ.

ފަހަތުން އަންނަ ސަވާރުންވެސް ފަރުބަދައިގެ ކައިރިޔަށް އައިސް އަސްމަތީން ފައިބައިގެން ފަރުބަދަޔަށް އަރަން ފަށައިފިއެވެ. سعد ގެ ހަށިކޮޅުގައި ހުރި ޒަޚަމުތަކުން ފައިބަމުންދާ ލޭގެ ސަބަބުން سعد ގެ ހަށިކޮޅުގެ ހަކަތަ ދަނީ ނެތެމުންނެވެ. ފަރުބަދައިގެ ކުރިޔާ ވިއްސަކަށް ގަޒު ދުރުން سعد ވަރުބަލިފުޅުވެގެން ހިލައެއްގެ މަތީގައި އިށީނދެވަޑައިގެންފިއެވެ. އޭރު صـدّيـق ވަނީ ތަންކޮޅެއް މައްޗަށް އަރައިފައެވެ. އޭނާ އެނބުރިއައިސް سعد ގެ އަރިހުގައި ވަރަށް ބާރަށް ދެންނެވިއެވެ. "ހިތްވަރު ދޫކޮށްނުލައްވާ. އަޅުގަނޑުމެންގެ ތުރުކަސްތައް މިހިރީ ދުނީން ފުރިފައި. އަޅުގަނޑުމެން މިފަރުބަދަމަތި އަޅުގަނޑުމެންގެ އެންމެފަހުގެ ދިފާޢީ މަރުކަޒު ކަމުގައި ހަދާނީ."

ކޮންމެއަކަސް އެތައްބަޔަކު ދުނިއުކަމުން ގެންދަނިކޮށްވެސް سعد އާއި صـدّيـق އާ ދެބޭފުޅުން މަރަށް ފުރާނަޔަށް ފަރުބަދަމައްޗަށް އަރައިވަޑައިގެންފިއެވެ. ދެބޭފުޅުން ތިއްބެވިތާނގެ ފަހަތުގައި އޮތީ ވަރަށް އަޑި ވަޅުގަނޑެކެވެ. އެހެންކަމުން އެފަރާތުން ނުރައްކަލެއް އައުމުގެ އެކަށޭނަކަމެއް ނެތެވެ.

"ކަލާގެ ހާލުކޮޅު ކިހިނަކުންތޯ؟" صـدّيـق، سعد ގެ އަރިހަށް އައިސް ހިލައެއްގެ ނިވަލުގައި އިށީންނަމުން ސުވާލުކުރިއެވެ.

سعد އޭނާގެ ކޮނޑުފުޅުގައި އަޅުއްވައިފައިއޮތް ދުނިދަނޑި ނަންގަވަމުން ވިދާޅުވިއެވެ. "އަހަރެން ރަނގަޅު!"

އޭރު ދިހަވަރަކަށް މީހުން ހަޅޭއްފަޅޭއްލަވަމުން ފަރުބަދަމައްޗަށް އަރަމުން އާދެއެވެ. سعد އާއި އޭނާގެ އެކުވެރިޔާއާ ދެބޭފުޅުން ވިދިވިދިގެން ތީރުތަކެއް ފޮނުއްވައިލެއްވިއެވެ. ވަގުތުން ފަސްމީހުން މަރުވެއްޖެއެވެ. ދެންތިބި މީހުން މައްޗަށް އަރަމުންއައި ވަރަށްވުރެ މާބާރަށް ތިރިޔަށް ފައިބާން ފަށައިފިއެވެ. صـدّيـق ހިތްހަމަޖެހިލައިގެން سعد ގެ އަރިހުގައި ދެންނެވިއެވެ. "ހުއްދަ ދެއްވައިފިނަމަ ކަލާގެ އުނަގަނޑުފުޅުގައި ތިޔަހަރަ ތީރު ލުހެލަންކަމަށް."

"ނޫން. އަހަރެންވެސް އެތީރު އުފުރޭތޯ ބަލައިލިން. ތީރު ހެރިފައި މިހިރީ މާފުނަށް."

صـدّيـق ބުންޏެވެ. "މުނާފިޤުން އަބަދުވެސް ފިނޑިވާނެ. އަޅުގަނޑުމެންނަށް އިރުގަނޑަކު ހިފަހައްޓައިލެވިއްޖެނަމަ އަޅުގަނޑުމެންގެ ކިއްލާ މީހުން މިދިމާޔަށް އަތުވެދާނެ."

"އެމީހުންނަށް މަގުދައްކަން އަހަރެން އައީ ނިޝާންތަކެއް ދޫކޮށްފައި." سعد ވިދާޅުވިއެވެ.

އަނެއްކާވެސް ޙަމަލަދޭ މީހުންތަކެއް ބަނޑުލައި ލޫދެމުން ގަސްގަހާއި ހިލަހިލައިގެ ނިވާ ހޯދަމުން މައްޗަށް އަރާން ފަށައިފިއެވެ. އެބައިމީހުން ގޮވައިލިއެވެ. "ތިޔަބައިމީހުން ތިޔަތިބީ އަހަރެމެންގެ ޙިޞާރުގައި. މިހާރަކު ހަނގުރާމަ ކުރުމުގެ ބޭނުމެއް ނެތް."

سعد ވިދާޅުވިއެވެ. "އަރަހެމެންނަށް ވިސްނައިދިނުމުގެ ބަދަލުގައި އަމިއްލަޔަށް ވިސްނައިލާ! އަހަރެމެންނަށް ފުރިހަމަ ޔަގީންކަން އެބައޮތް. އަހަރެމެންގެ ލޭގެ ކޮންމެ ތިއްކަކީވެސް އަންދަލުސުގެ މިއްލަތު ވިއްކާ ޣައްދާރުގެ ކިބައިން ހިސާބު އަތުލުން އަވަސްވާނެ ލޭތިއްކެއް. ޝެހެޒާދާ رشـيـد ތިޔަބައިމީހުން ފޮނުއްވީ އަހަރެމެން ޙިޞްނުއްލައިޠަށް ދިޔަނުދީ ހުއްޓުވަން. ތިޔަބައިމީހުން ވިސްނާ. އޭނާ ވަނީ އަލްފާންސޫއަށް އަންދަލުސުގެ މިނިވަންކަން ވިއްކަވައިފައި. މިހާރު أميـر يـوسف އަށްވެސް ވާނީ އެކަން އެނގިވަޑައިގެންފައި."

ފަރުބަދަޔަށް އަރާމީހުންގެ ކޮމާންޑަރ ހިލައިގެ ނިވަލުން ނުކުމެގެން ތަންކޮޅަކަށް މައްޗަށް އަރައިފިއެވެ. އޭނާ ގޮވައިލިއެވެ. "أميـر يـوسف މިހާރު ދުނިޔޭގައި ހުންނެވިކަމުގައިވާނަމަ އޭނާ މިހާރު ޙިޞްނުއްލައިޠުގެ ޙިޞާރު ދޫކޮށްލައްވައިފައި މުރާކިޝާ ދިމާޔަށް އެތައް މަންޒިލެއްގެ ދުރަށް ވަޑައިގެންފާނެ!" سعد ޖަވާބު ދެއްވުމުގެ ބަދަލުގައި ދުންޏެއް ދޫކޮށްލެއްވިއެވެ. ކޮމާންޑަރުގެ މުލައްދަނޑި ޒަޚަމުވުމުން އޭނާ ހިލައިގެ ނިވަލުގައި އޮށޯވެއްޖެއެވެ.

ޙަމަލަދޭ މީހުން އިރުކޮޅެއްވަންދެން އެއްވެސް ހަރަކާތެއް ނުކޮށް ތިއްބެވެ. سعد ގެ އަރިހުގައި އެހިމޭންކަމަކީ ކަނޑިތައް ކޭއްތޭ އަޑާއި ތީރުތަކުގެ ވައިކެފޭ އަޑަށްވުރެ މާބޮޑަށް ކެތްތެރިވެވަޑައިގަންނަވަން އުނދަގޫފުޅުވި ހަމަހިމޭންކަމެކެވެ. سعد ގެ ޒަޚަމުގެ ތަދުފުޅާއި ވޭންގަދަކަމުން ބައެއްފަހަރު ހިލައެއްގައި އިސްތަށިފުޅު އަޅުއްވައިގެން ބަންޑުން އޮށޯވެވަޑައިގަންނަވައެވެ. ކަނދުރާފުޅު އުފުއްލައިލައްވައި ވަށައިގެން ބައްލަވައިލައްވައެވެ. މޫނުފުޅުމައްޗަށް އަނދިރިވާން ފެށުމުން އަނެއްކާވެސް އޮށޯވެވަޑައިގަންނަވަނީއެވެ. މަރާ ދެކޮޅަށް ހަނގުރާމަކުރައްވަން އޭނާއަށް ހިތްވަރު ލިބިވަޑައިގަންނަވަނީ އެންމެ އުންމީދެއްގެ ސަބަބުންނެވެ. އޭނާގެ ބަލިކަށިވަމުންދާ ހިތްޕުޅުގެ ވިންދު ދަންނަވަމުން ގެންދެއެވެ.

"ޝައްކެއްނެތެވެ. ކިއްލާގެ ފާރަވެރީން އަހަރެމެންނާ އެހީވާން އަންނާނެއެވެ. އެމީހުން މިހާރު މިހިސާބާ މާދުރެއް ނުވާނެއެވެ. މިހާރު އެބައިމީހުން އެވެނި ކޯރަކާއި މިވެނި ފަރުބަދައެއް ހުރަސްކޮށްފާނެއެވެ. އިރާދަކުރެއްވިއްޔާ އަދިޔެއް އަހަރެން މަރުވުމުގެ ވަގުތެއް ނާދެއެވެ. އަހަރެން ދިރިހުންނާން ޖެހޭނެއެވެ. ޙިޞްނުއްލައިޠުގައި އިސްލާމީ ދިދަ ވިހުރުވޭތަން ދުށުމަށްޓަކައެވެ. ميـمــونـة އަށް ފަތަޙައިގެ އުފާވެރި ޚަބަރު ދެންނެވުމަށްޓަކައެވެ. ޤުރުޠުބާގައި އެތައް އަހަރަކުއްސުރެ ވީރާނާވެފައިހުރި އަހަރެންގެ އަމިއްލަ ގެ އަލުން އާބާދުކުރުމަށްޓަކައިވެސް އަހަރެން ދުނިޔޭގައި ހުންނާންޖެހެއެވެ. އަދިޔެއް އަހަރެންގެ ޙަޔާތުގެ މަޤުޞަދު ފުރިހަމައެއް ނުވެއެވެ. އަހަރެންގެ ހުވަފެންތަކުގެ ތަޢުބީރު އަހަންނަކަށް އަދިއެއް ނުފެނެއެވެ. އަހަރެންގެ އެންމެފަހު ވަގުތު ޖެހުނުކަމުގައިވިޔަސް އަހަރެންގެ އެންމެފަހުގެ ލޭތިކި އޮހޮރިގެންދާންދެންވެސް ޣަދަރުވެރި ދުޝްމިނުންނާ ކުރިމަތިލާނަން."

މިބާވަތުގެ ހިތްވަރުފުޅު އާލާކޮށްދޭ ޚިޔާލުފުޅުގެ ސަބަބުން ވަރުފުޅު ދެރަކަމާއި ނުހަނު ބޮޑަށް ކަރުފުޅު ހިއްކުމުގެ އިޙުސާސު އިރުކޮޅަކަށް ދުރުކޮށްދެއެވެ. سعد ކޮންމެވެސް މިންވަރަކަށް ޢަޒުމާއި ހިތްވަރުފުޅާއެކު ތެދުވެވަޑައިގެން އިށީނދެވަޑައިގަންނަވައެވެ.

صـدّيـق ކުއްލިޔަކަށް އުތުރުފަރާތުގެ ފަރުބަދަޔަކަށް އިޝާރަތްކޮށްލައިފައި ދެންނެވިއެވެ. "މިދިމާޔަށް ބައްލަވާ! އެމީހުން އެބައާދޭ!"

سعد ބައްލަވައިލެއްވިއިރު ވަރަށް ބާރަށް އަސް ދުއްވަމުން އަންނަ އަސްވާރުންގެ ގެމައެއް ފަރުބަދައެއްގެމަތީން ފައިބައިގެން ވާދީއާ ދިމާޔަށް މިސުރާބުޖަހަމުންދާތީ ފެނިވަޑައިގެންފިއެވެ. އޭނާގެ މޫނުފުޅުމަތީން އުންމީދުގެ އަލިކަން ފާޅުވާން ފަށައިފިއެވެ. سعد ވިދާޅުވިއެވެ. صـدّيـق! އަހަރެމެން މި ޣަދަރުވެރި ފިނޑީންގެ އަތުން މަރުވެދިޔުމަކީ މާތް اللّـه އެދިވޮޑިގެންވާކަމެއް ނޫންކަން އެނގިއްޖެ. އެއަންނަނީ އަހަރެމެންގެ މީހުން. އެމީހުން އެއަންނަނީ މިދިމާޔަށް. އަހަންނަށް ޔަގީންވާ ގޮތުގައި އެމީހުންނަށް މި ޚާއިނުން ފެނިއްޖެ."

ކަނާތްފަރާތުން ތިރިޔަށް ހިލައެއް ވެއްޓުނު އަޑު އިވިއްޖެއެވެ. صـدّيـق ކުރިޔަށްޖެހިލައިފައި ބަލައިލުމަށްފަހު ހަޅޭއްލަވައިގަތެވެ. "ހުސިޔާރު! އެބައިމީހުން މިފަރާތުން ޙަމަލަދޭން އެބަތައްޔާރުވޭ!"

سعد ދެކަކޫފުޅު ޖައްސަވައިގެން ކުރިޔަށް ވަޑައިގަންނަވަމުން ބައްލަވައިލެއްވިއިރު ޙަމަލަދޭ މީހުން ހިލަތަކުގެ ބިއްދޮށުން ބިންމަތީގައި ބަނޑުޖައްސައިގެން ލޫދެމުން ފަރުބަދަމައްޗަށް އަރަމުން އާދެއެވެ. سعد އާއި صـدّيـق އާ ދެބޭފުޅުން ދުނިޖައްސަވައި ދެމީހަކު ޒަޚަމުކޮށްލެއްވުމުން ދެންތިބި މީހުން ހިލަތަކުގެ ނިވަލުގައި ފިލައިފިއެވެ. ޙަމަލަދޭ މީހުން އިރުކޮޅަކުން ކުއްލިޔަކަށް ކަނާތްފަރާތުންނާއި ވާތްފަރާތުންނާއި ކުރިމަތީން އެއްފަހަރާ މައްޗަށް އަރާންފަށައިފިއެވެ. سعد އާއި صـدّيـق އާ ދެބޭފުޅުންވެސް ތިންފަރާތަށް ޙަމަލަދެއްވޭފަދަ ތަނެއްގައި އިށީނދެވަޑައިގެންފިއެވެ. سعد ދުނިއުއްކަވަމުން ގެންދަވާއިރު ބައެއްފަހަރު ވާދީއާ ދިމާޔަށް ބައްލަވައިލައްވައެވެ. އަސްވާރުންގެ ގެމަ ކައިރިވަމުން އަންނާތީ އޭނާއަށް ހިތްވަރު ލިބިވަޑައިގަންނަވައެވެ. ކުއްލިޔަކަށް ހަތްމީހަކު ހިލަތަކުގެ ބިއްދޮށުން ނުކުމެ ފަރުބަދަމައްޗަށް ޙަމަލަދީފިއެވެ. سعد ދުނި ޖައްސަވައި އޭގެތެރެއިން ދެމީހަކު ތިރާކޮށްލެއްވިއެވެ. އެކަމަކު ތިންމީހަކު ފަރުބަދަމައްޗަށް އަރައިފިއެވެ. އެކަކު ކަނޑި ދަމައިގަނެގެން سعد އާ ޙަމަލަދޭން މަސައްކަތް ކުރިއެވެ. އެކަމަކު سعد ދޫކޮށްލެއްވި ތީރު ހެރުނީ އޭނާގެ މެޔަށެވެ. އެމީހާ ބިރުވެރި ހަޅޭކަކާއެކު ފަރުބަދަމަތީން ވެއްޓިއްޖެއެވެ. صـدّيـق ދުނިދަނޑި އެއްލައިލައިފައި ކަނޑި ދަމައިގެންފިއެވެ. އޭނާގެ ފަހަތުން އަންނަ ދެމީހުނާ ޙަމަލަދީފިއެވެ. صـدّيـق އެދެމީހުންގެ ކަންތައް ނިންމައިލާއިރަށް އަނެއްކާ ދެމީހަކު ކުރިމަތީން ފަރުބަދަމައްޗަށް އަރައިފިއެވެ. سعد ކުއްލިޔަކަށް ހިތްވަރުފުޅާއެކު ތެދުވެވަޑައިގެން އެދެމީހުންނާ ޙަމަލަ ދެއްވައިފިއެވެ. އޭގެތެރެއިން އެކަކު ފަހަތަށް ކޮއްޕަވަމުން ވަޑައިގެން ހިލަގަނޑުގެ ކަނަކަށް ގެންދަވައިފިއެވެ.
سعد ގެ ކަނޑިކޮޅުން ދޫކޮށްލެއްވި އެތިފަހަރު އެރީ އޭނާގެ ކޮނޑަށެވެ. އޭނާ ފަރުބަދަމަތީން ފަހަތަށް ވެއްޓިއްޖެއެވެ. ދެވަނަ މީހާ سعد ގެ ހަށިކޮޅަށް ކަނޑި އެތިފަހަރެއް އަރުވައިލިއެވެ. އެ އެތިފަހަރު سعد ގެ މުލައްދަނޑިފުޅުގައި ޒަޚަމެއް އުފެއްދުމަށްފަހު ތިރިޔަށް ސޮހިގެން ހިނގައްޖެއެވެ. ނަމަވެސް سعد ގެ އިސްތަށިފުޅު އަނބުރައިގަތުމުގެ ސަބަބުން ފަހަތަށްފަހަތަށް ވަޑައިގެން ހިލައެއްގެ މައްޗަށް ވެއްޓިވަޑައިގެންފިއެވެ. ޙަމަލަދިން މީހާ سعد ގެ ގައިކޮޅުގައި ދެވަނަ އެތިފަހަރެއް ޖަހަން މަސައްކަތްކުރިއެވެ. އެކަމަކު އޭރު صـدّيـق އޭނާ ޙަމަލަދިން މީހާ ޤަތުލުކޮށްލުމަށްފަހު ވިދުވަރެއްފަދަ ހަލުވިކަމާއެކު މިފަރާތަށް ސަމާލުކަން ދީފިއެވެ. ދެމީހުން ކަނޑި އެތިއެތިފަހަރު ބަދަލުކުރާން ފަށައިފިއެވެ. އެކަމަކު ބަސްބުނާހައި ކުޑައިރުކޮޅެއްގެ ތެރޭގައި صـدّيـق އޭނާގެ ކަނޑި އެމީހާގެ މެޔަށް ކޮއްޕައިލައިފިއެވެ. ޙަމަލަދޭ މީހުންކުރެ ބާކީތިބި މީހުން މައްޗަށް އެރުމުގެ ބަދަލުގައި ހަޅޭއްފަޅޭއްލަވަމުން ތިރިޔަށް ފައިބާން ފަށައިފިއެވެ. އޭގެތެރެއިން ކޮންމެވެސް މީހެއް ވަރަށް ބާރަށް ހަޅޭއްލަވައިގަތެވެ. "ބަރުބަރީން އަތުވެއްޖެ! އަވަހަށް ފިލަމާ ހިނގާ! ފިލަމާ ހިނގާ!"

(ނުނިމޭ)