ފިޝަރީޒް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަނަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދޭން ގާނޫނީ ހުރަހެއް ނެތްކަމަށް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ރައްޔިތުންގެ މަޖިލީހަށް ލަފާ ދީފިއެވެ.
ލީގަލް ކައުންސެލް ޓު ދަ ޕްރެޒިޑެންޓް، އަހުމަދު އަބްދުﷲ އަފީފް، ރައްޔިތުންގެ މަޖިލީހަށް މިގޮތަށް ލަފާ އެރުވީ، ފިޝަރީޒް މިނިސްޓަރު ކަމަށް އައްޔަން ކުރައްވާފައިވާ ކުރީގެ އެންވަޔަރަންމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަންގެ ނަމުގައި އަމިއްލަ ކުންފުންޏެއްގައި ހިއްސާ އޮތުމުން އޭނާއަށް ރުހުން ދިނުމުގެ މައްސަލައަށް ގޮތެއް ނިންމުން ފަސްކުރުމަށް ރައްޔިތުންގެ މަޖިލިހުގެ ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީން ނިންމުމަށްފަހު އެކަމުގެ ލަފާއަކަށް އެދި އެ ކޮމިޓީން ރައީސް އޮފީހަށް ހުށަހެޅުމާ ގުޅިގެންނެވެ.
ޑރ. ހުސެއިންއަށް ރުހުން ދިނުމުގެ މައްސަލަ މިދިޔަ އަންގާރަ ދުވަހު އެ ކޮމިޓީގައި ކުރިއަށްދިޔަ އިރު، ޑރ. ހުސެއިންގެ ނަމުގައި ކުންފުންޏެއްގެ ހިއްސާ އޮތް މައްސަލައިގައި މެންބަރުންގެ މެދުގައި ހިޔާލު ތަފާތުވުންތަކެއް އުފެދުނެވެ.
ބައެއް މެންބަރުން ވިދާޅުވީ، ކުންފުންޏެއްގައި ހިއްސާ އޮތުމަކީ ވަޔަފާރިކުރުން ނޫން ކަަމަށެވެ. އެހެންކަމުން ޑރ. ހުސެއިންއަށް ރުހުން ދިނުމާ މެދު ކޮމިޓީއަށް ގޮތެއް ނިންމެން ޖެހޭނެ ކަމަށެވެ.
ކޮމިޓީގެ މުގައްރިރު މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު ފަލާހު ވިދާޅުވީ، ޑރ. ހުސެއިން އަކީ އަމިއްލަ ކުންފުންޏެއްގައި ފައުންޑިން ޝެއާ ހޯލްޑަރެއް ކަމަށް ބަޔާންކޮށްފައިވަނީ އިކޮނޮމިކް މިނިސްޓްރީން ފޮނުވާފައިވާ ލިޔެކިޔުންތަކުގައި ކަމަށެވެ.
އެކަމާ ގުޅިގެން ފުވައްމުލައް މެދު ދާއިރާގެ މެމްބަރު ހުސެއިން މުހައްމަދު ދީދީ ވިދާޅުވީ ކުންފުންޏެއްގައި ހިއްސާ އޮތުމަކީ ވިޔަފާރިއެއްގައި އަމަލީ ގޮތުން ބައިވެރިވުން ކަމުގައި ނުބެލެވޭ ކަމަށެވެ. މީގެ އިތުރުން ޑރ. ހުސެއިންގެ ހުވާކުރުން ރައީސް އޮފީހުން ކުރިއަށް ގެންގޮސްފައިވަނީ އެކަން ގާނޫނުއަސާސީއާ ހިލާފުނުވާތީ ކަމަށް ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
ނަމަވެސް މަނަދޫ ދާއިރާގެ މެމްބަރު އަހުމަދު ހާރޫނާއި، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގު އެކަމުގައި ހުސެއިން މުހައްމަދު ދީދީގެ ވާހަކައަށް ދެކޮޅު ހެއްދެވިއެވެ.
އެގޮތުން މީގެ ކުރިން ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ގާސިމް އިބްރާހީމް، ފިނޭންސް މިނިސްޓަރުކަމުގެ ހުވައިކުރެއްވީ އޭނާ ހިއްސާވާ ހުރިހާ ކުންފުންޏެއްގެ ހިއްސާ ދޫކޮށްލެއްވުމަށްފަހުގައި ކަމަށްވެސް ވިދާޅުވިއެވެ.
އެ ހިޔާލު ތަފާތުވުންތަކާ ގުޅިގެން، ޓޫރިޒަމް މިނިސްޓަރު ޑރ. އަބުދުﷲ މައުސޫމު ހުވައިކުރެއްވުމުގައި ދިމާވި މައްސަލަވެސް ކޮމިޓީގެ މުގައްރިރު، މެންބަރުންގެ ސަމާލުކަމަށް ގެންނެވިއެވެ.
ޑދ. މައުސޫމު މަގާމުގެ ހުވައި ކުރެއްވުމަށްފަހު ރުހުން ހޯއްދެވުމަށް މަޖިލީހަށް ފޮނުވުމުން، އެ މައްސަލަ ދިރާސާ ކުރުމުގެ ތެރޭގައި ކުންފުންޏެއްގެ ހިއްސާދާރެއްގެ ގޮތުގައި ޑރ. މައުސޫމު އިންނެވި ކަމަށް އިކޮނޮމިކް މިނިސްޓްރީން ދިން މައުލުމާތާ ގުޅިގެން، ޑރ. މައުސޫމު މަގާމުން އިސްތިއުފާދެއްވިއެވެ. އަލުން މަގާމަށް ޑރ. މައުސޫމު އައްޔަން ކުރެއްވީ، އެ ކުންފުނީގެ ހިއްސާދާރުކަމުން ވަކިވެވަޑައިގަތުމުންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު