މިދުވަސްވަރު ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައަކީ، ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށާއި މި ވިއްސާރައި ކުރިއަށް އޮތް ދެތިން ދުވަހުގެ ތެރޭގައި ކަނޑުތައް މަޑުވާނެ ކަމަށް ރާއްޖޭގެ މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އޮފީހުން ބުނެފިއެވެ.

މެޓް އޮފީހުގެ އޮފިޝަލަކު ''ވަން''އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައަކީ ކޮންމެ އަހަރަކުވެސް އާންމުކޮށް ކުރަމުންދާ ހުޅަނގު މޫސުމުގެ ވިއްސާރަ ކަމަށެވެ. އާންމުކޮށް މި ވިއްސާރަ ދެތިން މަހަށް ދެމިގެންދާ ކަމަށާއި ކުރިއަށް އޮތްތަނުގައި ވިއްސާރަ ނުވެހުނު ނަމަވެސް ކޮންމެސް ވަރަކަށް ވައި ހުންނާނެ ކަމަށް ވިދާޅުވިއެވެ.

މި ދުވަސްކޮޅު ވިއްސާރަ ވުމުގެ އިތުރުން ކަނޑުތައް ގަދަވި ނަމަވެސް ކުރިއަށް އޮތް ދެތިން ދުވަސް ތެރޭ އުޅަނދު ފަހަރުތަކަށް ކަނޑުމައްޗަށް ނުކުމެވޭ ވަރަށް ކަނޑުތައް މަޑުވާނެ ކަމަށްވެސް އޮފިޝަލު ވިދާޅުވިއެވެ.

މެޓު އޮފީހުން ކުރިއަށް އޮތް 24 ގަޑިއިރަށް މޫސުން ލަފާކޮށްފައިވާ ގޮތަށް ބަލާއިރު، ރާއްޖޭގެ އެކި ހިސާބަށް ކެރީގެ އަސަރުފޯރުމާއެކު ގުގުރުން އެކަށީގެންވެއެވެ.

ވައި ޖެހޭނެ ކަމަށް ލަފާކޮށްފައި ވަނީ، ހުޅަނގާއި ހުޅަނގުއުތުރުން، މެދުރާއްޖެތެރޭގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގަ އެވެ. އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 45 މޭލުގެ ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް ބުންޏެވެ.

މެޓް އޮފީހުން ބުނީ، ކަނޑުގެ ރާޅުގެ އުސްމިން ހަތަރު ފޫޓާއި ހަތް ފޫޓާ ދެމެދުގެ އުސްމިނަކަށް ހުންނާނެ ކަމަށާއި ދިޔަވަރު ބޮޑުވާ ގަޑިތަކުގައި ބައެއް ރަށްތަކަށް އުދައިގެ އަސަރުކުރުން އެކަށީގެންވާ ކަމަށެވެ. އެހެންކަމުން ހުރިހާ ފަރާތްތަކުން، ހާއްސަކޮށް ކަނޑުދަތުރު ކުރާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް އެ އޮފީހުން އެދެއެވެ.