ސަތާރަ އަހަރުގެ އަންހެން ކުއްޖެއް ބުލެކްމެއިލްކޮށް ރޭޕު ކުރާނެ ކަމުގެ އިންޒާރު ދޭ މީހެއްގެ މައްސަލައެއް ތަހުގީގު ކުރަމުންދާ ކަމަށާއި އެ މައްސަލަ ޕްރޮސިކިއުޓަރު ޖެނަރަލްގެ އޮފީހަށް ފޮނުވުމަށް ތައްޔާރުވަމުން އަންނަ ކަމަށް ފުލުހުން ބުނެފިއެވެ.

ލޯބީގެ ގޮތުން ގުޅިގެން އުޅުމަށްފަހު އެ ގުޅުން ނިމުމަކަށް ގެނައުމުން، 24 އަހަރުގެ ފިރިހެނަކު އޭނާ ކުރިން ގުޅިގެން އުޅުނު 18 އަހަރުން ދަށުގެ އަންހެން ކުއްޖާ ބުލެކްމެއިލްކޮށް ރޭޕު ކުރާނެ ކަމުގެ އިންޒާރު ދޭ މައްސަލައެއް ސޯޝަލް މީޑިއާއަށް ދޫކޮށްލާފައި ވަނީ އެ އަންހެން ކުއްޖޭގެ އާއިލާގެ ފަރާތެކެވެ.

އާއިލާ އިން އެ ވާހަކަ ހިއްސާ ކުރި މީހާ ބުނި ގޮތުގައި، މެދުކެނޑުމެއް ނެތި އެތައް ގޮތަކުން ބުލެކްމެއިލްކޮށް އިންޒާރު ދިނުމުގެ ސަބަބުން އަންހެން ކުއްޖާއަށް ނަފްސާނީ ގޮތުން އެތައް މައްސަލައެއް ވަނީ ދިމާވެފަ އެވެ. އަދި އެކަންތައް ހުއްޓުވުމަށް އެކަން ކުރަމުންދާ މީހާ އާއި އޭނާގެ ރައްޓެހިން މެދުވެރިކޮށްވެސް މަސައްކަތް ކުރި ކަމަށާއި އެވަރުންވެސް އެކަން ނުހުއްޓުމުން ފުލުހުންނަށް މައްސަލަ ހުށަހެޅި ކަމަށް ބުންޏެވެ.

އާއިލާ އިން ވާހަކަ ހިއްސާ ކުރި މީހާ އިތުރަށް ބުނީ، އަންހެން ކުއްޖާގެ ވާހަކަތައް ސޯޝަލް މީޑިއާއަށް ދޫކޮށްލަން ޖެހުނީ އިތުރު އެހެން ގޮތެއް ނެތުމުން ފުލުހުންނަށްވެސް އެކަންތައް ނުހުއްޓުވުމުން ކަމަށެވެ.

މާލޭގެ ގޭންގަކަށް ނިސްބަތްވާ ކަމަށް ބުނާ އެ މީހާ އިންޒާރު ދޭ އޯޑިއޯތަކެއްވެސް އާއިލާ އިން ވަނީ ސޯޝަލް މީޑިއާއަށް ދޫކޮށްލައިފައެވެ.

އެކަމާ ގުޅިގެން ފުލުހުން މިއަދު ބުނީ، 17 އަހަރުގެ އަންހެން ކުއްޖަކަށް ބިރުދައްކައި ބުލެކްމެއިލް ކުރާ މައްސަލައެއް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތިން ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ. އަދި އެ މައްސަލައިގެ ތަހުގީގުގައި ފޮރެންސިކް ހެއްކާއި ގަރީނާ ހޯދާފައިވާ ކަމަށާއި މައްސަލަ ޕީޖީއަށް ފޮނުވުމަށްޓަކައި ކުރަންޖެހޭ އެންމެ ފަހުގެެ މަސައްކަތްތައް ކުރަމުންދާ ކަމަށްވެސް ބުންޏެވެ.

"ކުއްޖާގެ ރައްކާތެރިކަން ކަށަވަރުކޮށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް އަޅަންޖެހޭ ފިޔަވަޅުތައް ވަނީ އަޅާފައި،" ފުލުހުންގެ މީޑިއާ އޮފިޝަލު ވިދާޅުވިއެވެ.