އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ބޮރިސް ޖޯންސަން ކައިވެނި ބައްލަވައިގެންފިއެވެ.
ބޮރިން ޖޯންސަން، ލޯބީގެ ގޮތުން ގުޅިވަޑައިގެން އުޅުއްވި ކެރީ ސިމަަންސްއާ ކައިވެނި ބައްލަވައިގެންފައިވަނީ އިއްޔެގެ ވަގުތެއްގައި ކަމަށް ރިޕޯޓުތައް ބުނެއެވެ.
އުމުރުންފުޅުން 53 އަހަރުގެ ބޮރިސް ޖޯންސަން އާއި އުމުރުން 33 އަހަރުގެ ކެރީ ސިމަންސް ކެތޮލިކް ވެސްޓްމިންސްޓާ ކެތީޑްރަލްގައި އިއްޔެ ކައިވެނި ބައްލަވައިގެންފައިވަނީ ވަރަށް މަދު ބައެއްގެ ހާޒިރުގައެވެ.
ބޮރިސް އަކީ 1822 ވަނަ އަހަރަށްފަހު އިނގިރޭސި ބޮޑުވަޒީރުކަމުގައި ހުންނަވައިގެން ކައިވެނި ބައްލަވައިގެންނެނެވި ދެވަނަ ބޭފުޅާއެވެ. މީގެ ކުރިން ލޯޑް ލިވަޕޫލް ވަނީ 1822 މަގާމުގައި ހުންނަވައިގެން ކައިވެނި ބައްލަވައިގެންފައެވެ.
ބޮރިސް ޖޯންސަން އަދި ކެރީ ސިމަންސް 2019 ވަނަ އަހަރުގެ ޑިސެމްބަރުގައި އެންގޭޖްވެވަޑައިގަތުމަށްފަހު މީގެ ހަފުތާއެއް ކުރިން ގާތް ބޭފުޅުންނަށް ވަނީ 2022 ވަނަ އަހަރުގެ ޖުލައި 30 ވަނަ ދުވަސް ކައިވެނީގެ ހަފުލާއަށް ވަގުތު ހުސްކޮށްދޭން އެދިވަޑައިގެންފައެވެ.
އަންނަ އަހަރުގެ ޖުލައި 30 ވަނަ ދުވަހަށް އެބޭފުޅުންގެ ކައިވެންޏަށް ހުސްކުރަން އެދިވަޑައިގެންފައިވީ ނަމަވެސް، ހަބަރުތައް ބުނާގޮތުގައި ބޮރިސް އަދި ކެރީގެ ކައިވެނީގެ ކަންކަން މީގެ ހަމަސް ދުވަސްކުރިން ދިޔައީ ރާވަމުންނެވެ.
ކޮވިޑު ކޮންޓްރޯލުކުރުމުގެ ގޮތުން އިނގިރޭސިވިލާތުގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތަކުގެ ތެރޭގައި އެއްފަހަރާ 30 މީހުންނަށް ވުރެ ގިނަ ނުވެވޭގޮތަށް ބައްދަލުވުންތައް ބޭއްވުން ވަނީ މަނާކޮށްފައެވެ.
ބޮރިސް ޖޯންސަން އަންނަ ހަފުތާގައި ޖީ-17 ގެ ބައްދަލުވުމަށް ވަޑައިގަތުމަށް ނިންމިފައިވާތީ، މި ދެބޭފުޅުން ހަނީމޫނަށް ވަޑައިގަންނަވާނެ ކަމަކަށް ނުބެލެވެއެވެ.
މިއީ ބޮރިސް ޖޯންސަންގެ ތިންވަނަ ކައިވެނިފުޅެވެ. އުމުރުފުޅުން 23 އަހަރުގައި އެލެގްރާ މޮސްޓީން އޯވެންއާ 1987 ވަނަ އަހަރު ކުރެއްވި ކައިވެނި ވަނީ 1993 ވަނަ އަހަރު ރޫޅިފައެވެ. އަދި އެ އަހަރު މަރީނާ ވީލާއާ ކައިވެނި ބައްލަވައިގެން ލާރާ ލެޓިސް (26އ)، މައިލޯ އާތާ (24އ)، ކޭރާ ޕީޗަސް (22އ) އަދި ތިއޮޑޯ އެޕޯލޯ (20އ) ވަނީ ލިބިވަޑައިގެންނެވެ. 2018 ވަނަ އަހަރު އެ ކައިވެނި ރޫޅިފައިވާ އިރު، 2019 ވަނަ އަހަރު ބޮރިސް ޖޯންސަން ވަނީ ބޮޑުވަޒީރުކަމާ ހަވާލުވެވަޑައިގެން ޑައުނިން ސްޓްރީޓަށް ބަދަލުވެވަޑައިގެންފައެވެ.
ބޮރިސް އަދި ކެރީ ސިމަންސްގެ ގުޅުމަށް އެއް އަހަރުގެ ވިލްފްރެޑް ވަނީ ލިބިވަޑައިގެންފައެވެ. މީގެ އިތުރުން ވެސް ކައިވެނީގެ ބޭރުން ޖޯންސަން އާއި ހެލެން މަކިންޓަޔާގެ ގުޅުމަށް ވަނީ ސްޓެފެނީ މަކިންޓަޔާ ލިބިވަޑައިގެންފައެވެ.
ދުނިޔެ
ދުނިޔެ
ދުނިޔެ
ދުނިޔެ