ހދ. ކުޅުދުއްފުށީގައި މޫނު ނިވާކޮށްގެން ތިބި ބަޔަކު، ގަދަ ކަމުން ކާރަކަށް އަރުވައިގެން ގޮސް އަނިޔާ ކުރި މީހާގެ ބޮލުގެ ނާށިގަނޑު ފަޅައިގެން ގޮސް ސިކުނޑިއަށް ލޭ އެޅިފައިވާ ކަމަށް ކުޅުދުއްފުށީ ހޮސްޕިޓަލުން ބުނެފި އެވެ.
ފުލުހުން މިއަދު ބުނީ ކުޅުދުއްފުށީގައި މޫނު ނިވާ ކޮށްގެން ތިބި ބަޔަކު 29 އަހަރުގެ ދިވެހި ފިރިހެނަކު ކާރަކަށް އަރުވައިގެން ގޮސް އަނިޔާ ކޮށްފައިވާ ކަމަށެވެ. މިކަމުގެ ރިޕޯޓު ރޭ 8:48ގައި ލިބިފައިވާ ކަމަށްވެސް ބުންޏެވެ.
އަނިޔާ ލިބުނު މީހާ އަށް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނައިރު އިތުރު ފަރުވާއަށް މާލެ ގެނައުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. އަދި މި މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށްވެސް ވަނީ ބުނެފަ އެވެ.
މިކަމާ ގުޅިގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގެ މެނޭޖަރު އަހުމަދު ދާއޫދު "ވަން" އަށް މިއަދު ވިދާޅުވީ ރޭ 9:50ހާއިރު އެ ހޮސްޕިޓަލަށް ވަރަށް ބޮޑަށް އަނިޔާވެގެން މީހަކު ގެންދިޔަ ކަމަށެވެ.
އޭނާގެ ބޮލުގެ ވައަތް ފަޅީން ނާށިގަނޑު ފަޅައިގެން ގޮސް ސިކުުނޑިއަށް ލޭ އެޅިފައިވާ ކަމަށެވެ. އަދި އިތުރުފަރުވާއަށް މާލެ ފޮނުވައިލުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ދާއޫދު ވިދާޅުވި އެވެ.
ދާއޫދު ވިދާޅުވީ ރޭ އޭނާގެ ހާލު ސީރިއަސް ނަމަވެސް މިހާރު ކޮންމެވެސް ވަރަކަށް ރަނގަޅު ކަމަށެވެ.