އިސްލާމީ ތާރީޚު

ޔޫސުފު ބިން ތާޝްފީން 96

އަބްދުﷲ ފާރޫގް ހަސަން

1

(27 މެއި ގެ އަދަދާ ގުޅޭ)

"އޭނާ ހުށަހަޅުއްވަނީ މުރާބިޠީންގެ ލަޝްކަރު އަންދަލުސުން ފޭބުމުން ޙިޞްނުއްލައިޠުން ސިފައިން ބާލުއްވަން. އެހެންކަމުން އަންދަލުސުގެ ރަސްރަސްކަލުންނަށް މުރާބިޠީންނާ ޙަމަލަ ދެއްވޭހައި ކުޅަދާނަފުޅުކަން ނެތްކަމުގައިވާނަމަ ނުވަތަ އެހެން ހައްދަވައިފިނަމަ އެބޭފުޅުންގެ ރައްޔިތުން ބަޣާވަތްކޮށްފާނެހެން ހީފުޅުވާނަމަ މުރާބިޠީނުން ޙިޞްނުއްލައިޠަށް އެންމެފަހުގެ ޙަމަލަދޭ ދުވަހު ހުރިހައި ރަސްރަސްކަލުން އެބޭފުޅުންގެ ލަޝްކަރުތައް ގޮވައިގެން ވަކިވެވަޑައިގަންނަވަން."

سعد އޭނާގެ ނާއިބާ ދިމާޔަށް އެނބުރިވަޑައިގެން ވިދާޅުވިއެވެ. "ހަމަމިހާރު އަޅުގަނޑު މިދަނީ أميـر ގެ އަރިހަށް. أميـر ވަނީ ހުކުރުދުވަހުގެ ފަތިހު ކިއްލާއަށް ޙަމަލަދެއްވަން ކަނޑައަޅުއްވައިފައި. މިހާރު އަޅުގަނޑު އުދުހިފައި ދިޔަކަމުގައިވިޔަސް ވަގުތު އޮއްވައި އެހިސާބަށް ފޯރާނެކަމުގެ އެއްވެސް އެކަށޭނަކަމެއް ނެތް. ޝެހެޒާދާ رشـيـد މިހާރުވާނީ އަލްފާންސޫގެ ހުށަހެޅުއްވުން އެބޭފުޅުންނަށް ދަންނަވައިފައި. އަޅުގަނޑަށް އެހިސާބަށް ފޯރާއިރު ހަނގުރާމަ އޮންނާނީ އޭގެ އެންމެފަހު މަރުޙަލާއަށް ގޮސްފައި. މުލޫކުއްޠަވާއިފުން ޣަދަރުވެރިވެވަޑައިގެން ހަނގުރާމަ ހިނގަމުންދަނިކޮށް ފަހަތަށް ޖެހިވަޑައިގެންފިނަމަ އަޅުގަނޑުމެންގެ ލަޝްކަރަށް ވަރަށް ނުރައްކާތެރި ޙާލަތަކާ ކުރިމަތިލާންޖެހޭނެ. ދުޝްމިނުންނަށް އެބައިމީހުންގެ ހުރިހައި ބާރެއް މައިދާނަށް ނެރެވޭނެ. ދުޝްމިނުންގެ ގެމަތަކެއް ކިއްލާގެ އުތުރުފަރާތުން ނުވަތަ އިރުމަތީފަރާތުން ބޭރަށްނުކުމެ އަޅުގަނޑުމެންގެ މުޢަސްކަރަށް ޙަމަލަދީފިނަމަ އަޅުގަނޑުމެންނަށް ވަރަށް ޢިބުރަތްތެރި ހަލާކަކާ ކުރިމަތިވާނެ. ކަލާ ހުރިހާ މަރުކަޒުތަކުގެ ސިފައިންނަށް އަންގަވާ ޙިޞްނުއްލައިޠުގެ މަޢުރިކާގައި ބައިވެރިވާން އެތަނަށް އަވަހަށްދާން. އެތަނަށް ވީހައިވެސް ގިނަ ސިފައިން ބޭނުންވާނެ. އަޅުގަނޑު މިގެންދަނީ އެންމެ ތިން އަސްވާރުން. ކިއްލާގައި ފާރަވެރީން މިހާރުވެސް ވަރަށް މަދު."

ނާއިބު ކޮމާންޑަރ ވިދާޅުވިއެވެ. "މަގުމަތީގައި ވަރަށްބޮޑަށް ހުސިޔާރުވެވަޑައިގަންނަވާތި! މުލޫކުއްޠަވާއިފުންގެ ވަފުދުން ސަލާމަތްވެގެންދިޔަ މީހުން އެބައިމީހުންގެ އެކުވެރީން ހޯދަން މުލޫކުއްޠަވާއިފުންގެ ލަޝްކަރު ފޮނުވުމަކީ އެކަށީގެންވާ ކަމެއް. މި ލިޔުން ހޯދާން އެބައިމީހުން ނުފޮރުޅާ އެންމެ ގާކޮޅެއްވެސް ދޫކޮށެއް ނުލާނެ."

سعد ވިދާޅުވިއެވެ. "ފަހަރެއްގައި އަޅުގަނޑަށް މަގުމަތީން ނުރައްކަލަކާ ކުރިމަތިވެއްޖެނަމަ

މި ލިޔުން ހިފައިގެން ކަލާގެ އަރިހަށް މީހަކު އަންނާނެ. މި ކަރުދާސްކޮޅުގައި ލިޔެވިފައިމިވަނީ އަންދަލުސުގެ މުޅި ތަޤުދީރު أميـر ގެ އަރިހަށް މި ލިޔުން ފޮނުއްވުމަކީ ކަލާގެ މަސްއޫލިއްޔަތެއް. ޤައިދީންނާމެދު ފަރުވާތެރިވެވަޑައިގަންނަވާތި! މިކޮޅުން ސިފައިން ދާއިރު ސިފައިންގެ ހަވާލުގައި މިދެމީހުން ފޮނުއްވާތި!"

سعد ބޭރަށް ނުކުމެވަޑައިގެންނެވުމުން زيـاد ވަރަށް ބާރަށް ހަޅޭއްލަވައިގެންނެވިއެވެ. "އަދި ވަރަށް މުހިންމު ވާހަކައެއް ދަންނަވަން އަޅުގަނޑު ބޭނުން!"

سعد ފަހަތަށް އެނބުރިވަޑައިގަންނަވަމުން ވިދާޅުވިއެވެ. "އަވަހަށް ބުނޭ!"

"އަލްފާންސޫ އޮތީ ވިދާޅުވެފައި. މުލޫކުއްޠަވާއިފުން ވަކިފަރާތަކަށް ޖެހިވަޑައިނުގަންނަވާކަން އެނގިވަޑައިގެންފިނަމަ އޭނާ ހަތަރު ދުވަހުގެ ތެރޭގައި ފަނަރަހާސް ސިފައިންނާއިގެން ޙިޞްނުއްލައިޠަށް ވަޑައިގަންނަވާނެ. ބަލަންސިއްޔާގެ ދެކުނު އިރުމަތީ ސަރަޙައްދުގެ ފަރުބަދަތަކުގެ ސާޅީސް ކޯސް ދުރުގައި މިހާރުވެސް އެލަޝްކަރު ބަނޑަހަޖަހައިގެން އެބަތިބި!"

سعد ބޭރަށް ނުކުމެވަޑައިގެން المـــاس ގާތު ވިދާޅުވިއެވެ. "ބޮޑުބޭބޭ! މިހާރު މި ކިއްލާ މިވަނީ ވަރަށްބޮޑު ނުރައްކަލަކަށް ހުށަހެޅިފައި. ބޮޑުބޭބެ ميـمــونـة ގޮވައިގެން ޙިޞްނުއްލައިޠަށްދޭ! ހެނދުނު ބޭރުގެ ޗެކްޕޮއިންޓުތަކުގެ ސިފައިން ޙިޞްނުއްލައިޠަށް ދާއިރު ބޮޑުބޭބެވެސް އެމީހުނާއެކުގައި ދަތުރުކުރޭ!"

* * * * * * * * * * *

سعد އިރުކޮޅެއްގެފަހުން ގެންދެވީ ތިން ސަވާރުންނާއެކު ޙިޞްނުއްލައިޠާ ދިމާޔަށް ވަރަށްބާރަށް ދަތުރު ކުރައްވަމުންނެވެ. އޭނާ ދަތުރުކުރެއްވީ ފަރުބަދަތަކުގެތެރޭގެ އުނދަގޫ އަޑިގުޑަން މަގުތަކުންނެވެ. ރޭގަނޑުގެ އަނދިރިކަން ފަތިހުގެ ފަނޑު އަލިކަމަށް ބަދަލުވަނީއެވެ. މިހާރު އޭނާއަށް ވަނީ ދަތުރުކުރައްވަން ޖެހިވަޑައިގަންނަވާ މަގުގެ ގާތްގަނޑަކަށް ހަތަރުބައިކުޅަ އެއްބައި ކަޑައްތު ކުރެއްވިފައެވެ. سعد ދެފަރުބަދައެއްގެ ދޭތެރޭގެ ހަނި މަގަކުން ކުޑަކުޑަ ވާދީއަކަށް ފައިބައިވަޑައިގަންނަވަން ފައްޓަވައިފިއެވެ. سعد ކުއްލިޔަކަށް އޭނާގެ އަސް މަޑުކުރައްވައިފިއެވެ. އޭނާ ފަހަތްޕުޅަށް އެނބުރިވަޑައިގެން އޭނާގެ ބައިވެރީންގެ ގާތުގައި ވިދާޅުވިއެވެ. "ތިޔަބައިމީހުން ހުސިޔާރުވާތި! ކޯރުގެ ފާލަންމައްޗަކުން ފާރަވެރިޔަކު ނުފެނޭ! އަހަރެން އޮންނާނީ އަބަދުވެސް ފާލަންމަތީގައި ދެމީހަކު ފާރަޔަށް ތިބޭން އަންގައިފައި!"

سعد ގެ އެކުވެރިޔެއް ޖަވާބު ދިނެވެ. "މިހާރު ފަތިސްވަނީ. ފާރަވެރީން ޗެކްޕޮއިންޓަށް ދިޔައީކަމަށްވެސް ވެދާނެ."

އަނެކަކު ބުންޏެވެ. "މިދިމާޔަށް ބައްލަވާ! ތިން އަސްވާރަކު ގަސްތަކުގެ ތެރެއިން ނުކުމެގެން ވަރަށް ބާރަށް އަސް ދުއްވައިފައި ފާލަމާ ދިމާޔަށް އެބަދޭ."

سعد އަސް ދުއްވައިލައްވައިފިއެވެ. ނަމަވެސް އެބޭފުޅުން ފާލަމާ ތަންކޮޅެއް ދުރުގައި ތިއްބަވަނިކޮށް އެބޭފުޅުން މަގުމަތީގެ ޗެކްޕޮއިންޓުގެ ފާރަވެރީންކަމުގައި ހީފުޅުކުރެއްވި ސިފައިންގެ ތިންމީހުން ކުއްލިޔަކަށް ލޮންސި އުކުޅަށް މަހައިގެން އެބޭފުޅުންގެ ކުރިފުޅުމަތީގައި ހުއްޓިއްޖެއެވެ. سعد ކުއްލިޔަކަށް ވަރަށް ބާރަށް އަހުގެ ލަގަނަށް ދަންމަވައި އަސް މަޑުކުރައްވައިފިއެވެ. ވަރަށްބާރު އަޑުފުޅަކުން ވިދާޅުވިއެވެ. "ކީއްތަވެފައި ތިޔަތިބީ. އަހަރެންވެސް ނޭނގުނުތަ؟"
سعد އަށް ލިބިވަޑައިގެންނެވި ހައިރާންފުޅުކަން ފެނިފައި އޭނާގެ އެކުވެރިޔެއް އަވަސްއަވަހަށް ކުރިޔަށް ޖެހިލައިފައި ބަރުބަރީ ބަހުން ދެންނެވިއެވެ. "މިއީ އަޅުގަނޑުމެންގެ ލަޝްކަރުގެ ބައެއް ނޫން. ދުޝްމިނުން މިމަގުގައި ހުންނަ ޗެކްޕޯސްޓު ހިފީކަމުގައި ވެދާނެ. ކަލާ ރައްކާތެރިވެވަޑައިގަންނަވާ."

سعد އެބޭފުޅުންނަށް ހުރަސްއެޅި މީހުނާ މުޚާޠަބުކުރައްވައި ވިދާޅުވިއެވެ. "ތިޔަބައިމީހުންނަކަށް އަހަރެމެންނެއް ނުހުއްޓުވޭނެ!"

ސިފައިންގެ މީހެއް ޖަވާބު ދިނެވެ. "އަހަރެމެންގެ ކޮމާންޑަރު ވަޑައިނުގަންނަވާހައި ހިނދަކު މިމަގު ބަންދުވާނެ!"

"ތިޔަބައިމީހުންގެ ކޮމާންޑަރަކީ ކާކުތަ؟"

"އަހަރެމެންނަކަށް ތިޔަ ސުވާލުގެ ޖަވާބެއް ނުދެވޭނެ."

سعد ކޮންމެވެސް އެއްޗެކޭ ވިދާޅުވާން އުޅުއްވިއެވެ. އެވަގުތު އޭނާއަށް ލަކުޑި ފާލަންމަތީގައިހުރި ލޭގެ ނިޝާންތައް ފެނިވަޑައިގެންފިއެވެ. އޭނާ އަވަސްއަވަހަށް އޭނާގެ ޖީބުފުޅުގައިއޮތް ކަރުދާސްގަނޑު ނަންގަވައިފައި ސަވާރެއްގެ އަތަށް ދެއްވައިފައި ވިދާޅުވިއެވެ. "ކަލޭ އަވަހަށް އެނބުރި ކިއްލާއަށްދޭ. ހީވަނީ އަހަރެމެން ދަތުރުކުރާ މަގުގައި ދަލެއް ފަތުރައިލެވިއްޖެހެން. ކިއްލާއަށް ދެވުނުހައި އަވަހަކަށް ކޮމާންޑަރުގެ ނާއިބާ މިލިޔުން ހަވާލުކުރޭ!"

سعد އާއި އޭނާގެ އެކުވެރީންނަށް ހުރަސްއެޅި ސިފައިންގެ ތެރެއިން އެކެއް އޭނާގެ އަސް ކުރިޔަށްޖައްސައިލައިފައި ސުވާލުކުރިއެވެ. "އެއީ ކޯއްޗެއްތަ؟"

ކޮންމެ ސުވާލަކީ ޖަވާބުދޭންޖެހޭ ސުވާލެއް ނޫން. سعد އެހެން ވިދާޅުވުމާއެކު ވިދުވަރެއްހައި ހަލުވިކޮށް ކަނޑިކޮޅު އުރައިން ދަންމަވައިގެންފިއެވެ. އޭނާ އަސް ދުއްވައިލެއްވިއެވެ. އެސްފިޔަ ޖަހައިލާހައި ކުޑައިރުކޮޅެއްގެ ތެރޭގައި އެ ސިފައިންގެ މީހާގެ ލޮންސި ބުރިވެގެން އެއްބުރި ބިންމައްޗަށް ވެއްޓިއްޖެއެވެ.
سعد ކަނޑިކޮޅުގެ ދެވަނަ އެތިފަހަރުން އެ ސިފައިންގެ މީހާ ޤަތުލުކުރައްވައިފިއެވެ. އޭރު سعد އޭނާގެ ބައިވެރީންކުރެ އެނބުރިދާން އެންގެވި މީހާ އޭނާގެ އަސް އަނބުރައިލައިފައި އަސް ދުއްވައިލައިފިއެވެ. ދެންތިބި ދެސަވާރުން ކުރިޔަށްއަރައި ފާރަވެރީންނާ ޙަމަލަދީފިއެވެ. ހަނގުރާމަ ހިނގަމުންދަނިކޮށް ފާލަންކައިރީގެ ބޯގަސްތަކުގެ ތެރެއިން ތީރުތަކެއް އަތުވެއްޖެއެވެ. އެއްތީރު ދިޔައީ سعد ގެ ކަނދުރާފުޅުގައި ކިރިޔާ ނުޖެހިއެވެ. އަނެއްތީރު އައިސް ހެރުނީ سعد ގެ އަރިކަށިފުޅަށެވެ. سعد ގެ އެކުވެރިޔެއް ފާރަވެރީންކުރެ އެކެއްގެ މެޔަށް ލޮންސި ޖަހައިފިއެވެ. އޭނާ އަސްމަތީން ކޮއްޕައި ކޯރުގެ ތެރެޔަށް ވައްޓައިލައިފިއެވެ. ތިންވަނަޔަށްހުރި ސަވާރު سعد ގެ ކަނޑިކޮޅުން ޒަޚަމުކޮށްލެއްވުމުން ގަސްތަކާ ދިމާޔަށް އަސް ދުއްވައިފައި ހިނގައްޖެއެވެ. އެހައިތަނުން އައި ތީރެއް سعد ގެ އެކުވެރިޔަކު ޒަޚަމު ކޮށްލައިފިއެވެ. ފާލަން ހުރަސްކުރައްވަނިކޮށް އައި ތީރެއް ހެރުނީ سعد ގެ ކުޑަކަޅުވާފުޅަށެވެ.

سعد އާއި އޭނާގެ އެކުވެރިޔާ ކޯރެއް ހުރަސްކުރެއްވުމަށްފަހު އުސްފަރުބަދަޔަކަށް އަރައިވަޑައިގަންނަވާން ފައްޓަވައިފިއެވެ. سعد ގެ ކުޑަކަޅުވާފުޅުގައިހުރި ޒަޚަމު އެހައި ފުނެއް ނޫނެވެ.
سعد އަސްމަތީގައި ފަރުބަދަޔަށް އަރައިވަޑައިގަންނަވަމުން އެތީރު ލުއްސަވައިލައްވައިފިއެވެ. އެކަމަކު އަރިކަށިފުޅަށް ހެރިފައިހުރި ތީރު ލުއްސަވައިލެއްވިއިރު އޭނާގެ މޫނުފުޅުމައްޗަށް އިރުކޮޅަކަށް އަނދިރިވިއެވެ. ނަމަވެސް
سعد އޭނާގެ އަހުގެ ދުވެލި މަޑުވިޔަކަ ނުދެއްވައެވެ. އޭނާ އަރިކަށިފުޅުން ލުއްސައިލެއްވި ތީރު އެއްލައިލެއްވުމުގެ ބަދަލުގައި އޭނާގެ ތުރުކަހަށް ލައްވައިފިއެވެ.

ދަތި އުނދަގޫ މަގުތަކުންލައްވައިފައި ފަރުބަދައިގެ އަނެއްފަރާތަށް ވަޑައިގެންނެވުމުން އެބޭފުޅުންގެ ކުރިފުޅުމަތީގައިއޮތީ ވަރަށް ތަނަވަސް ވާދީއެކެވެ. އެވާދީގައިހުރި މުރާބިޠީންގެ އަސްކަރީ ޗެކްޕޮއިންޓަކީ سعد އަށާއި އޭނާގެ އެކުވެރީންނަށް ދަތުރުފުޅުގެ ކުރިޔަށްހުރި މަރުޙަލާތައް ކަޑައްތު ކުރައްވަން ބޭނުންފުޅުވާ ތާޒާ އަސް ލިބިވަޑައިގަންނަވާނެކަމަށް އުންމީދުކުރެއްވޭ މަރުކަޒެވެ. ނަމަވެސް އެމަރުކަޒާ މޭލެއްހައި ހިސާބަށް ކައިރިޔަށް ވަޑައިގެންނެވުނުތަނާ ފެނިވަޑައިގެންނެވީ އަސްވާރުންގެ ބަޔަކު އެމަރުކަޒުން ނުކުމެގެން ފަރުބަދަޔާ ދިމާޔަށް އަންނަ ތަނެވެ. سعد މާޔޫސްކަމާއެކު އޭނާގެ އެކުވެރީންނާ ދިމާޔަށް ބައްލަވައިލެއްވިއެވެ. އޭނާ ވިދާޅުވިއެވެ. "އަހަރެމެން މިމަގު ދޫކޮށްލައިފައި ޖަންގައްޔަށް މިސުރާބު ޖަހާންވީ. އެބައިމީހުން އަހަރެމެން ވަށައިލުމުގެ ކުރީން އަހަރެމެންނަށް ޖަންގައްޔަށް ނުވަދެވިއްޖެނަމަ އަހަރެމެންނަށް ސަލާމަތްވެވުމުގެ އުންމީދު ވަރަށްކުޑަ."

سعد ގެ އެކުވެރީންކުރެ އެކެއް ސަމާލުވެލައިފައި ބުންޏެވެ. "އަޑުއައްސަވަބައްލަވާ! ފަހަތުން ބަޔަކު އެބައާދޭ!"

سعد އަސް މަޑުކޮށްލައްވައިފިއެވެ. ފަހަތުން އަންނަ ދެއަހެއްގެ ދުވެލީގެ އަޑު އައްސަވާން ފައްޓަވައިފިއެވެ. "އެއީ ފާލަމަށް ވެރިވި މީހުންގެ ބައިވެރީން. އެމީހުން ކުރިއަރައިގެން ދިޔުމަކީ އަހަރެމެންނަށް ކުރިމަތިވާނެ ނުރައްކަލެއް. ތިޔަބައިމީހުން ވާތްފަރާތުން ފަރުބަދަމަތީން ފައިބައިފައި ޖަންގައްޔަށް ވަދޭ! އަހަރެން އެމީހުން ހުއްޓުވާނަން!"

سعد ގެ އެކުވެރީން ދެންނެވިއެވެ. "ކަލާ ތިޔަހުންނެވީ ޒަޚަމުވެވަޑައިގެންފައި. ކަލާ ދޫކޮށްލައިފައެއް އަޅުގަނޑުމެންނަކަށް ނުދެވޭނެ."

سعد ވިދާޅުވިއެވެ. "މިއީ އަހަރެންގެ އަމުރު. އަހަރެން ފަހަތުގައި ހުންނާން ބޭނުންވަނީ އެހެންވެ."

سعد ވަލުހިނގާ މަގުގެ އެއްފަރާތަކަށް އަރައިވަޑައިގެން ގަސްތަކެއްގެ ތެރޭގައި ހުއްޓިވަޑައިގެންފިއެވެ. އޭނާއަށް ޙަމަލަދެއްވޭ ހިސާބަށް ދެސަވާރުން ކައިރިޔަށް އައުމާއެކު އޭނާ ތީރެއް ދޫކޮށްލައްވައިފިއެވެ. އެތީރު ހެރުނީ އެންމެ ކުރިޔަށްއިން ސަވާރުގެ މެޔަށެވެ. އޭނާ މަރުވެގެން ވެއްޓުމާއެކު އަނެކަކު އަވަސްއަވަހަށް އަސް އަނބުރައިލައިފައި ފިލައިގެންދާން މަސައްކަތް ކުރިއެވެ. ނަމަވެސް
سعد ދޫކޮށްލެއްވި ދެވަނަ ތީރު ހެރުނީ އޭނާގެ އުނަގަނޑަށެވެ. އޭނާ ފިލައިގެންދާން އަސް ދުއްވަނިކޮށް އަސްމަތީން ވެއްޓިއްޖެއެވެ.

(ނުނިމޭ)