ސަމޯއާގެ އެންމެ ފުރަތަމަ އަންހެން ބޮޑުވަޒީރުކަމަށް އިންތިހާބުވެވަޑައިގެންނެވި ފިއާމޭ ނައޫމީ މަތައާފާ ބޮޑުވަޒީރު ކަމުގެ ހުވާ ޓެންޓެންގައި ކުރައްވައިފިއެވެ.

ހޯމަ ދުވަހު ފިއާމޭ ބޮޑުވަޒީރުކަމުގެ ހުވާ ޓެންޓެއްގައި ކުރައްވާފައިވަނީ ބޮޑުވަޒީރު ކަމުގައި ކުރީން ހުންނެވި ބޭފުޅާ އެކަމަށް ހުރަސް އަޅުއްވައި ނައޫމީ ހުވާ ކުރެއްވުމަށް މަޖިލީހަށް ވެންނެވުމަށް ފުރުސަތު ނުދެއްވުމުންނެވެ.

ފިއާމޭގެ ފެއިތު އިން ވަން ޓްރޫ ގޯޑް (ފާސްޓް) ޕާޓީން ބުނެފައިވަނީ އޭޕްރީލް 9 ގެ އިންތިހާބަށްފަހު ގައުމުގެ ކަންކަން ދާންވީ މިސްރާބެއް ނޭނގި އޮތުމަށްފަހު މި ނިންމުމުގެ ސަބަބުން އެގައުމު ލޭ އޮހޮރުވައި ބަގާވާތަކަށް ނުގޮސް ސަލާމަތް ކުރެވިފައިވާ ކަމަށެވެ.

ސަމޯއާގައި މިހާތަނަށް މެދު ނުކެނޑި 40 އަހަރު ވެރިކަން ކުރަމުން އައި މައިޕާޓީ ހިއުމަން ރައިޓްސް ޕްރޮޓެކްޝަން ޕާޓީ (އެޗްއާރްޕީޕީ) ގެ އަތުން މި އިންތިހާބު ހަނި ގޮތަކަށް ފާސްޓް ޕާޓީން ވަނީ ކާމިޔާބު ކޮށްފައެވެ. ފާއިތުވި 20 އަހަރު ދުވަހު އެގައުމުގައި ބޮޑުވަޒީރުކަން ކުރަމުން އައިސްފައިވަނީ އެޗްއާރްޕީޕީއަށް ނިސްބަތްވެވަޑައިގަންނަވާ ޓިލާޕޭ ސަލީލީ މަލީލިގާއު އެވެ.

ފިއާމޭ ނައޫމީ މަތައާފާ އިންތިހާބު ކާމިޔާބު ކުރެއްވި ކަމަށް އެ ގައުމުގެ ސުޕްރީމް ކޯޓުންވެސް ނިންމައި، މިދިޔަ ހޯމަ ދުވަހު މަޖިލީހުގައި ބޮޑުވަޒީރުކަމުގެ ހުވާކުރައްވާ ގޮތަށް އޮތް ނަމަވެސް، ހޯމަ ދުވަހު މަތައާފާ މަޖިލީހަށް ވެންނެވުމަށް ސަރުކާރުގެ އަމުރަށް ސިފައިން ވަނީ ހުރަސް އަޅައިފައެވެ. ނިއުޒީލޭންޑުގެ ގައުމީ ރޭޑިއޯއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު ހުވައި ކުރައްވަން ހަމަޖައްސާފައި ވަނިކޮށް ކަންކަން ކުއްލިއަކަށް ބަދަލުވެގެން ދިޔައީ އާދިއްތަ ދުވަހު އެގައުމުގެ އިސް ވެރިޔާ ހެޑް އޮފް ސްޓޭޓު ޓެމިލިފާނޯ ވެލާޓޯ ސުލާވީ އެއްވެސް ސަބަބެއް ނުދައްކަވައި ހޯމަ ދުވަހުގެ މަޖިލިސް ބާތިލު ކުރައްވަން ނިންމެވުމުންނެވެ.

އެގައުމުގެ ސުޕްރީމު ކޯޓުން ވަނީ މަޖިލީސް ބާތިލު ކުރަން ސުލާވީ ނިންމެވި ނިންމެވުމަކީ ގާނޫނާ ފުށުއަރާ ކަމެއް ކަމަށް ބުނެފައެވެ. އެހެން ކަމުން ފިއާމޭ ވަނީ ހުވައިލައިދެއްވުމަށް އިސްކުރެއްވި ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ އެކީ މަޖިލީސްކުރާ ގެއަށް ހާޒިރުވެވަޑައިގެންފައެވެ. ނަމަވެސް މަޖިލީހުގައި ތަޅު އަޅުވައި އެތަނަށް ވަނުމަށް ވަނީ ހުރަސްއަޅާފައެވެ.

ފާސްޓް ޕާޓީން ވަނީ އެއީ ބަގާވާތެއް ކަމަށް ބުނެފައެވެ. އަދި ހަމަ އެދުވަހު ފާސްޓް ޕާޓީން ވަނީ ޓެންޓެއްގައި ހުވާކުރުމުގެ ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައެވެ. ހޯމަ ދުވަހަކީ އެގައުމުގެ ގާނޫނު ބުނާ ގޮތުން އާ މަޖިލީހެއް އެކުލަވައިލުމަށް ކަނޑައެޅިފައިވާ އެންމެ ފަހުގެ ތާރީހެވެ.

މި ރަސްމިއްޔާތު ކުރިއަށް ގެންގޮސްފައިވާތީ ބޮޑުވަޒީރުކަމުގައި ހުންނެވި މަލީލިގާއު ވަނީ އެއީ ސައްހަ މަޖިލީހަކަށް ނުވާނެ ކަމަށް ވިދާޅުވެފަ އެވެ. އޭނާ ވިދާޅުފައިވާ ގޮތުގައި މަޖިލީސް ޖަލްސާތައް އިންތިޒާމު ކުރުމާއި ހުވާލައިދިނުމުގެ ކަންކަމަކީ ހަމައެކަނި ހެޑް އޮފް ސްޓޭޓުގެ އަމުރަށް ކުރެވޭނެ ކަންތައްތައް ކަމަށާއި އެހެން ކަމުން އެއިން އެއްވެސް ކަމަކީ ގަވާއިދާ އެއްގޮތަށް ކޮށްފައިވާ ކަންތައްތަކެއް ނޫންކަމަށް ވިދާޅުވި އެވެ.

ސަމޯއާ ވަނީ ބަގާވާތެއް ހިންގުމުގެ ތުންފަތްމަތީގައެވެ. ލޭއޮހޮރުވުމެއް ހިނގާފައި ނުވިނަމަވެސް، އެޗްއާރްޕީޕީން އަންނަނީ ޑިމޮކުރަސީގެ އުސޫލުތަކަށާއި ސުޕްރީމް ކޯޓުގެ އަމުރުތަކަށް ބޯލެނބުމަށް އިންކާރުކުރަމުންނެވެ.

ވެރިކަމަށް އަންނާނެ ޕާޓީއެއް ކަނޑައެޅުމުގެ މައްސަލަ ގޮސް ގުޅެނީ ޖެންޑާ ކޯޓާއެވެ. އެންމެ ފުރަތަމަ އިންތިހާބުގެ ނަތީޖާތައް ދެއްކީ ދެޕާޓީންވެސް ހަމަހަމައަށް މަޖިލީހުގެ 25 ގޮނޑި ކާމިޔާބު ކުރި ކަމަށެވެ. އެހެންކަމުން އެންމެ ފަހުގެ ގޮނޑި އަމިއްލަ ކެންޑިޑޭޓަށް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމިއެވެ. ނަމަވެސް އެ ކެންޑިޑޭޓު ފާސްޓު ޕާޓީއާ ގުޅުމަށް ނިންމުމުން ފާސްޓް ޕާޓީއަށް ވަނީ 26 ގޮނޑި ކާމިޔާބު ވެފައެވެ. އިލެކްޝަންސް ކޮމިޝަނުން ޖެންޑާ ކޯޓާގެ ދަށުން އަނެއްކާ އެޗްއާރްޕީޕީއަށް ގޮނޑިއެއް ދިނުމުން ނަތީޖާ ވަނީ އަނެއްކާވެސް 26-26 އިން އެއްވަރުވެފައެވެ.

ސަމޯއާގެ ގާނޫނު ބުނާގޮތުން 10 ޕަސެންޓު ނުވަތަ މަޖިލީހުގެ 51 ޕަސެންޓް ގޮނޑިން 5 ގޮނޑިއަކީ އަންހެނުންނަށް ނިސްބަތްވާން ޖެހޭނެ ގޮނޑިތަކެވެ. އެ އަދަދު ހަމަ ނުވާ ނަމަ އެންމެ މަތީން ވޯޓު ލިބި ނާކާމިޔާބުވާ ކެންޑިޑޭޓަށް އެ ފުރުސަތު ދެވޭނެއެވެ. އޭޕްރީލް 9 ގައި ބޭއްވި އިންތިހާބުން އަންހެނުންނަށް މަޖިލީހުގެ 5 ގޮނޑި ކަށަވަރު ވެފައިވީ ނަމަވެސް އެއީ މަޖިލީހުގެ 9.8 ޕަސެންޓް ގޮނޑި ކަމަށް ފަހުން ބަދަލު ގެނެވުނު ގާނޫނުގައި ބުނެފައެވެ. މިމަހުގެ ކުރީކޮޅު ސުޕްރީމު ކޯޓުން ވަނީ ފާސްޓް ޕާޓީއަށް އާ ސަރުކާރެއް އުފެއްދުމުގެ މަގު ތަނަވަސްކޮށްދިނުމުގެ ގޮތުން ކޮމިޝަންގެ ނިންމުމަށް ބަދަލު ގެނެސް މަޖިލީހަށް ގޮނޑިއެއް އިތުރު ކޮށްފައެވެ.

ޕެސިފިކުގެ ތާރީހު ދިރާސާ ކުރާ އޮސްޓްރޭލިއާގެ ގައުމީ ލައިބްރަރީއަށް ނިސްބަތްވާ ޕެޓްރީޝިއާ އޯ ބްރޭން ބުނާގޮތުގައި މަލިލިގާއު އޭނާގެ ބާރުގެ ބޭނުން ކުރެވެން އޮތް ގޮތަކަށް ކުރައްވައިގެން ވެރިކަމުގައި ދެމިހުންނެވުމަށް މަސައްކަތް ކުރައްވާނެ ކަމަށް ލަފާ ކުރެވެއެވެ. ޑިމޮކްރަސީގެ ހަމަތަކާ އެއްގޮތަށް ބޯލަނބައި ތަބާވާން މަލީލިގާއު އަށް އެނގިވަޑައި ނުގަންނަވާ ކަމަށާއި އޭނާ އެވަނީ ޕެސިފިކް ލީޑަރުންގެ ނަމަށްވެސް ހުތުރުވާ ގޮތަށް އަމަލުކުރައްވާފައި ކަމަށް ޕެޓްރީޝިއާ ވަނީ ބުނެފައެވެ. އަދި ސަމޯއާއަށް މިނިވަންކަން ލިބުމަށްފަހު އައްޔަންވި އެންމެ ފުރަަތަމަ ބޮޑުވަޒީރު ކަމަށްވާ ފިޔާމޭ ނައޫމީ މަތައާފާގެ ބައްޕާފުޅު، ފާސްޓް ޕާޓީގެ މަތައާފާ ކަންތައް ކުރެއްވި ގޮތާވެސް މުޅީން އިދިކޮޅަށް މަލީލިގާއު ކަންތައް ކުރައްވާފައިވާ ކަން އޭނާ ވަނީ ފާހަގަކޮށްފައެވެ.

ޕެޓްރީޝިއާ އިތުރަށް ބުނެފައިވާ ގޮތުގައި ޑިމޮކްރަސީ ނެގެހެއްޓުމުގައި އެސަރަހައްދަށް ނިސްބަތްވާ ގައުމުތައް ކަމަށްވާ އޮސްޓްރޭލިއާ އަދި ނިއުޒީލެންޑު ފަދަ ގައުމުތަކަށްވެސް މިކަމުގައި މުހިއްމު ރޯލެއް ކުޅެވެން ވާނެއެވެ.

އޮސްޓްރޭލިއާގެ ބޮޑުވަޒީރު މެރީސް ޕެއިން އަދި ނިއުޒީލެންޑުގެ ހާރިޖީ ވަޒީރު ނަނައިޔާ މަހުޓާ ވަނީ ސަމޯއާއިން ގާނޫނާއި ގަވާއިދުތަކާ ޑިމޮކްރަސީގެ ހަމަތަކަށް ދެފަރާތުންވެސް އިހުތިރާމު ކުރުމަށް ގޮވާލައިފައެވެ.

މީގެ އިތުރުން އެސަރަހައްދަށް ނިސްބަތްވާ ގައުމެއް ކަމަށްވާ މެކްރޮނީޝީއާ އިން ވަނީ ސަމޯއާގެ ބޮޑުވަޒީރަކީ ފިއާމޭ ނައޫމީ މަތައާފާކަމަށް ގަބޫލުކުރާކަން އިއުލާނު ކޮށްފައެވެ.