މިއަދު ސޯޝަލް މީޑިއާގައި އެންމެ ގަދައަށް ދައުރުވާ ވީޑިއޯއަކީ ގައުމީ ދިފާއީ ބާރުގެ ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އަބްދުالله ޝަމާލު, ސިފައިންގެ ބައެއް ޖެނެރަލުންނާއެކު ލަވަ ވިދާޅުވެ ކަރޯކޭ ކުރައްވަމުން ގެންދަވާ ވީޑިއޯއެކެވެ. އެ ވީޑިއޯއާއެކު ބައެއް މީހުންގެ ފާޑުކިޔުން ވަނީ އަމާޒުވެފައެވެ. އެއް ބަޔަކު މާނަ ކުރީ ސިފައިން އެލާޓުގައި ތިބި އިރު, އެ މުއައްސަސާގެ އިސްވެރިން މަޖާ ނަގަމުންދަނީ ކަމަށެވެ. އަނެއް ބަޔަކު ބުނަނީ ގައުމުގެ ހާލަތު މިގޮތުގައި އޮއްވައި ސިފައިންގެ އިސްވެރިންގެ ފަރާތުން ސީރިއަސްކަން ނުފެންނަ ކަމަށެވެ.
މިއީ އާންމު މީހަކަށް އާ ކަމެއް ނަމަވެސް އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު މޭޖާ އިބްރާހިމް އާޒިމް ވިދާޅުވި ގޮތުގައި, ސިފައިން އެލާޓުގައި ތިބޭއިރު ލިބޭ ހުސްވަގުތު ކޮޅުތަކުގައި ކަރޯކޭ ބޭއްވުމަކީ އާދައެކެވެ. އެއީ ސިފައިންގެ ތެރޭގައި ޒަމާނުއްސުރެ ހިނގާ ކެމެކެވެ.
މިކަމުގައި ފާޑުކިޔުންތަކެއް އަމާޒުވި ނަމަވެސް, ފާޑުކީ މީހުންނަށް ކުރިއެރުމެއް ނުލިބުނެވެ. މި ކަމަކީ ސިޔާސީ ކުރާން ޖެހޭ ކަމެއް ނޫން ކަމަށް ބުނެ އެފަދަ މީހުންނަށް ރައްދު ދިން މީހުން ގިނަ އެވެ. ހަރު ކުލައިގެ ގިނަ ބަޔަކު ބުނެފައިވަނީ މިއީ ސީރިއަސް ކުރާން ޖެހޭ ވަރުގެ ކަމެއް ނޫން ކަމަށާއި ހާލަތާ ގުޅުވައިގެން ކޮންމެ ކަމެއްގައި ސިޔާސީ މަންފާ ނަގަން ނުޖެހޭ ކަމަށެވެ. ސިޔާސީ ގޮތުން ފާހަގަ ކޮށްލެވޭ އަދި އިދިކޮޅު ފިކުރުގެ ބައެއް ބޭފުޅުންވެސް ނުކުންނެވީ ޝަމާލުގެ ދިފާއުގައެވެ.
އޭގެން އެއް ބޭފުޅަކީ ކުރީގެ ބަންޑާރަ ނައިބު އައިޝަތު އާޒިމާ ޝަކޫރެވެ. އޭނާ ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ, ސީނިއާ އޮފިސަރުންނާއެކު ޝަމާލު ލަވަ ވިދާޅުވުމަކީ އޭނާގެ ވަޒީފާއަށް ނުވަތަ އޮފީހުގައި ކުރުން މަނާ ކަމެއް ނޫން ކަމަށެވެ. އަދި ސިފައިން އެލާޓަށް ގެނެސް, ރޭގަނޑު ގެއަށް ނުދެވި ތިބޭ އިރު, ސީނިއާ އޮފިސަރުންނާއެކު ޗީފް ބައިވެރިވެވަޑައިގަތުމަކީ ގޯސް ކަމެއް ނޫން ކަމަށްވެސް ވިދާޅުވިއެވެ.
ނަމަވެސް ނުރަސްމީ ގަޑިއެއްގައި ސީނިއާ އޮފިސަރުންގެ ހަރަކާތްތައް ރެކޯޑު ކޮށް ސޯޝަލް މީޑިއާގައި ޕޯސްޓު ކުރުމަކީ މައްސަލައެއް ކަމަށް އާޒިމާ ވިދާޅުވިއެވެ. އަދި ސިޔާސީ ފިކުރުގެ އަޅުވެތިކަން ދޫކޮށްލުމަށް ވަނީ ގޮވާލައްވައިފައެވެ. އާޒިމާ ގޯސް ކުރެއްވީ އެ ވީޑިއޯ ކޮށް އާންމު ކުރި މީހާ އެވެ.
ރައީސް މުހައްމަދު ނަޝީދުގެ ނުރަސްމީ ޓުވިޓާ އެކައުންޓް "އެލެކްސް" އިން ވެސް މިކަމާ ގުޅޭ ގޮތުން ވަނީ ޓުވީޓެއް ކޮށްފަ އެވެ. އެ ޓުވީޓުގައި ބުނެފައި ވަނީ އެމްއެންޑީއެފްގެ އޮފިސަރުން އެބޭފުޅުންގެ އޮފް ގަޑީގައި ލަވަ ކިއުމަކީ މައްސަލައެއް ނޫން ކަމަށާއި އަސްލު އެއީ ރަނގަޅު ކަމެއް ކަމަށެވެ.
އާންމުކޮށް ލަވަ ވިދާޅުވާ ސަރުކާރުގެ ޒުވާނުންނާއި ކުޅިވަރާ ބެހޭ ވަޒީރު އަހުމަދު މަހުލޫފު ވިދާޅުވީ, ގައުމަށް ދިމާވާ ކުދިބޮޑު ކޮންމެ ކަމެއްގައި އެންމެ ބުރަ މަސައްކަތް ކުރާ އެއް ބަޔަކީ ސިފައިންނާއި ފުލުހުން ކަމަށާއި ކޮވިޑުން ސަލާމަތް ވުމަށްވެސް އެބޭފުޅުން ވަމުން އަންނަނީ ބޮޑު ގުރުބާނީއެއް ކަމަށެވެ. އެހެން ކަމުން ބޯ ހަމަޖައްސާލަން މަޖާކޮށް ސަކަރާތް ޖަހާލުން މުހިންމު ކަމަށް ވިދާޅުވިއެވެ. އަދި ވިދާޅުވީ ޗީފްގެ ލަވަވެސް ހަމަ ސަޅި ކަމަށެވެ.
ޝަމާލުގެ ދިފާއުގައި ބައެއް މިޔުޒީޝަނުން ވެސް ވާހަކަދެއްކިއެވެ. ޒުވާން ގިޓަަރިސްޓް އަދި ލަވަކިޔުންތެރިޔާ މޫޝަން މުބާރިކް ބުނި ގޮތުގައި, އެއީ ކުށެއް ނޫނެވެ. އަދި ޗީފަކީ ސިފައިންގެ ކޮޕްސް ބޭންޑުގެ ކުރީގެ ލީޑް ލަވަކިޔުންތެރިޔާގެ އިތުރުން ގިޓަރިސްޓެއް ކަމަށާއި އޭނާއާއެކު ލަވަ ކިޔަން ބޭނުންވާ ކަމަށްވެސް ބުންޏެވެ.
ޝަމާލުގެ އެ ވީޑިއޯއާއެކު ގިނަ ބަޔަކު އަންނަނީ އެމީހުން ލަވަކިޔާ ކަރޯކޭ ޖައްސާ ވީޑިއޯތައްވެސް ސޯޝަލް މީޑިއާގައި ހިއްސާ ކުރަމުންނެވެ.
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް
ލުއި ރިޕޯޓް