(24 މެއިގެ އަދަދާ ގުޅޭ)
سعد އިޝާރަތްކޮށްލެއްވުމާއެކު ސިފައިން ޤައިދީންގެ ދެމީހުން ކޮޓަރިޔަކާ ދިމާޔަށް ގެންގޮސްފިއެވެ. ކޮޓަރީގެ ދޮރާ ހަމަޔަށް ވަޑައިގެންނެވޭއިރަށް زيـاد ހަޅޭއްލަވަން ފައްޓަވައިފިއެވެ. "އަޅުގަނޑު އެއްވެސް ކުށެއް ނުކުރަން. އަޅުގަނޑަކީ އިޝްބީލިއްޔާގެ ރަސްގެފާނުގެ މުވައްޒަފެއް. އަޅުގަނޑުގެ އަޑު މި ކިއްލާގެ ހަތަރުފާރުން ބޭރަށް ނުނިކުންނާނެކަމަށް ހީފުޅުނުކުރައްވާތި! މިހާރު އަޅުގަނޑުގެ އެކުވެރީންކުރެ ބައެއް ބޭފުޅުންނަށް ޙިޞްނުއްލައިޠަށް ވަޑައިގެންނެވިދާނެ. سلطـان معـتـمـد އަށް އަޅުގަނޑުގެ ޚަބަރު އެނގިވަޑައިގެންނެވުމުން ހިމޭނަކުން ނުހުންނަވާނެ. އަޅުގަނޑުގެ ބަދަލުގައި އެއަވަށުގެ އެންމެން މަރުއްވާނެ! އަޅުގަނޑުގެ ޤާތިލަކީ ކަލާކަން އެނގިވަޑައިގެންފިނަމަ ދުވަހަކުވެސް މާފެއް ނުކުރައްވާނެ. سلطـان معـتـمـد އަށް أميـر يـوسف ގެ އަރިހުގައި ވިދާޅުވާން ޖެހިވަޑައިގަންނަވަނީ ހަމައެންމެ ޖުމުލައެއް. އަޅުގަނޑަކީ ކުށެއްނެތް މީހެކޭ."
سعد އޭނާ ކޮޓަރީގެ ތެރެޔަށް ކޮއްޕައިލައްވަމުން ސިފައިންނަށް އަމުރުކުރެއްވިއެވެ. "މީނާ އާލަތާ ގުޅައިލާ!"
ސިފައިން زيـاد ގެ ހަތަރެސްފައިންޕުޅުގައި ކަސްތޮޅު އަޅައިފައި ތަޅުންގަނޑުމަތީގައި ޖަހައިފައިހުރި ވަރުގަދަ މޮހޮރުތަކުގައި ހަރުކޮށްފައި އެ އާލަތުގެ މަތީގައި އުއްޑުން ބޭއްވުމަށްފަހު އާލަތުގެ ސަކަޔަކަތަކާ އޭނާގެ ހަތަރެސްފައި ގުޅައިލައިފިއެވެ. سعد އަކީ ސީދާ ޙަމަލަ ދެއްވުމަށާއި ސީދާ ޙަމަލަޔާ ކުރިމަތިލައްވަން އާދަކުރައްވައިފައިވާ ބޭފުޅެކެވެ. މިކަމަކީ އެއްގޮތަކަށްވެސް އޭނާއަށް ކުރައްވަން ފަސޭހަފުޅުކަމެއް ނޫނެވެ.
سعد ކަންބޮޑުވެވަޑައިގެން ކޮޓަރީގެ ދޮރުމަތީގައި ހުންނެވިއެވެ. އޭނާ ހުންނެވީ زيـاد ގެ ހަޅޭކުގެ އަޑު އައްސަވާށެވެ. އޭނާގެ ޒަމީރު އޭނާގެ އަރިހުގައި ދަންނަވަމުން ގެންދެއެވެ. "މީނާގެ ކުށެއް ނެތްކަމުގައިވާނަމަ.....!"
ސިފައިންގެ މީހެއް ބޭރަށް ނުކުމެއްޖެއެވެ. އޭނާ ދެންނެވިއެވެ. "އަޅުގަނޑުމެން މިތިބީ ކަލާގެ އަމުރުފުޅުގެ އިންތިޒާރުގައި!"
"އަހަރެން ހަމަ މިހާރު އެބައަންނަން." سعد އެހެން ވިދާޅުވެފައި އޭނާގެ ނާއިބާ ދިމާޔަށް އެނބުރިވަޑައިގެންފިއެވެ. "ކަލާ ރަނގަޅު ހަތަރު އަސް ތައްޔާރުކުރައްވާ! އަޅުގަނޑު ހަމަ މިހާރު أميـر ގެ އަރިހަށް ދާންޖެހުމަކީ އެކަށީގެންވާ ކަމެއް." سعد އެހެން ވިދާޅުވެފައި ހިނދުކޮޅަކު މަޑުކޮށްލެއްވުމަށްފަހު އެކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. زيـاد އަށް އޭނާ ފެނިވަޑައިގެންނެވުމާއެކު ހަޅޭލެވުން ހުއްޓައިލައްވައިފިއެވެ.
سعد އިޝާރަތްކޮށްލެއްވުމުން ސިފައިންގެ މީހެއް ސަރަކަ އަނބުރާން ފަށައިފިއެވެ. ފުރޮޅުތައް މަޑުމަޑުން ހަރަކާތްކުރާން ފެށުމާއެކު ހިކިފައިހުރި ލަކުޑި ފުރޮޅުތަކުން މުރުމުރުގޮވާ އަޑު އިވޭންފަށައިފިއެވެ.
"ދޫކޮށްލައްވާ! އަޅުގަނޑު ދޫކޮށްލައްވާ!"
سعد ވިދާޅުވިއެވެ. "زيـاد! ކަލެޔަށް އަދި ކިރިޔާ ތިޔަ އިވުނީ ހިކި ލަކުޑިތަކުން ގޮވާ މުރުމުރުގެ އަޑު. ދެން އެއަޑު އިވޭންފަށާނީ ކަލޭގެ ކަށިތަކުން. އަދިވެސް ވަގުތު އެބައޮތް. ކަލޭ ބޭނުންކަމުގައިވާނަމަ ކަލޭގެ ފުރާނަ ސަލާމަތްކުރެވިދާނެ. އެހެންނޫނީ އަހަރެން ދެކަންފަތުގައި އަތްއަޅައިފާނަން. އޭރަކުން ކަލޭ ލަވާ ހަޅޭކަކުން އަހަންނަކަށް އަސަރެއް ނުކުރާނެ."
سعد ދެންހުރި ޤައިދީއާ ދިމާޔަށް ވިދާޅުވިއެވެ. "ދެން ޖެހޭނީ ކަލެޔާ! ކަލޭގެ ދޮގުހަދާ ވާހަކަ ކަލޭގެ މޫނުމަތީގައި ލިޔެވިފައި އެބަހުރި!"
ޤައިދީ ތުރުތުރުއަޅައިގަތެވެ. އޭނާ ހަޅޭއްލަވައިގަތެވެ. "އަޅުގަނޑު އައީ ބަލަންސިއްޔާއިން އަޅުގަނޑުގެ އެއްވެސް ކުށެއްނެތް."
"ކަލޭ ތިޔަ އައީ ކޮންތަނަކުންކަން އިރުކޮޅަކުން އެނގިދާނެ!"
زيـاد ލިބިވަޑައިގަންނަވާ ވޭނުގެ ސަބަބުން ކުކުރައިވަޑައިގަންނަވަމުން ވިދާޅުވިއެވެ. "އަޅުގަނޑު ދޫކޮށްލައްވާ— އަޅުގަނޑު— އަޅުގަނޑު އެއްވެސްކަމެއް ނުކުރަން— އަޅުގަނޑަކީ ވަރަށް އާދައިގެ ނޯކަރެއް. އަޅުގަނޑު ހަމައެކަނި ރަސްގެފާނުގެ އަމުރުފުޅަކަށް ޢަމަލުކުރި. އަޅުގަނޑު ދޫކޮށްލައްވާ! އަޅުގަނޑު ހުރިހައި ވާހަކަތަކެއް ކިޔައިދޭން މިހިރީ ތައްޔާރަށް."
سعد އިޝާރާތްކޮށްލެއްވުމުން ސިފައިން ސަރަކަ ނުއަތަށް އަނބުރައިލައިފިއެވެ. އާލަތް ކުޑަކޮށް ދޫވެއްޖެއެވެ.
سعد ވިދާޅުވިއެވެ. "އަވަސްކުރޭ! މިއީ ކަލެޔަށް ލިބޭނެ އެންމެފަހު ފުރުސަތު!"
"ކަލާ އަޅުގަނޑު ޤަތުލު ނުކުރައްވަން ވަޢުދުވެވަޑައިގަންނަވަމުތޯ؟" زيـاد އާދޭހުގެ ރާގުގައި ވިދާޅުވިއެވެ.
"އަހަރެން ކަލެޔަކަށް އެއްވެސް ވަޢުދެއް ނުވާނަން!"
"ކަލާގެ ޚިޔާލުފުޅަށްވެސް ނުގެންނެވޭވަރުގެ ނުރައްކަލެއްގެ ވާހަކަ އަޅުގަނޑު ދަންނަވައިފާނަން!"
سعد އެއްޗެކޭ ވިދާޅުވާން އުޅުއްވަނިކޮށް އޭނާގެ ނާއިބު ދުވެވަޑައިގެންފައި އެކޮޓަރިޔަށް ވެދެވަޑައިގެންފިއެވެ. އޭނާއާއެކު ބޭރުމީހެއް ހުއްޓެވެ. ކޮމާންޑަރުގެ ނާއިބު ވިދާޅުވިއެވެ. "މިއީ އެއަވަށުގެ ވެރިޔާ. ޤަތުލުވިމީހާ ފާސްކުރުމުން ވަނީ ވަރަށް މުހިންމު ލިޔުމެއް ފެނިފައި."
سعد ވިދާޅުވިއެވެ. "ކޮބައިތޯ އެލިޔުން؟"
އަވަށުވެރިޔާ އޭނާގެ ޖީބުން ކަރުދާސްގަނޑެއް ނަގައިފައި سعد ގެ އަތްޕުޅަށް އަރުވައިފިއެވެ. އޭނާ ދެންނެވިއެވެ. "އަވަށުގެ ރިޟާކާރުން މިދެމީހުން ގޮވައިގެން ކަލާގެ އަރިހަށް އައުމުން އަޅުގަނޑުގެ ހިތަށް އަރައިފި. މިދެމީހުން ފާސްކުރަންވާނެއޭ. އަޅުގަނޑު ޒަޚަމުވެފައިހުރި މީހާ ފާސްކުރުމުން އޭނާގެ އަތަކުން އިޢުތިރާޟުކުރެވޭފަދަ އެއްވެސް އެއްޗެއް ނުފެނުނު. ދެން އަޅުގަނޑު ހިތަށްއެރީ ޤަތުލުވެފައިއޮތް މީހާވެސް ފާސްކުރާނަމޭ. މިކަރުދާސްގަނޑު ފެނުނީ އޭނާގެ ޖީބުން. އަޅުގަނޑު މިލިޔުން ކިޔައިލައިފައި ހިތަށްއެރީ އަވަހަށް ކަލާގެ އަރިހަށް ދާންވީއޭ. އަޅުގަނޑު ވިސްނިން ސީދާ أميـر يـوسف ގެ އަރިހަށް ދާންވެސް. އެކަމަކު އަޅުގަނޑުގެ ހިތަށްއެރި ފަހަރެއްގައި އެމަނިކުފާނުގެ އަރިހަކަށް އަޅުގަނޑަކަށް ނުދެވޭނެޔޭ."
سعد އަވަށުވެރިޔާގެ ވާހަކަތަކަށް ޝައުޤުވެރިކަމެއް ނުބަހައްޓަވައެވެ. އެލިޔުން ހިއްޕަވައިގެން ދަންމަރުގެ ކައިރިޔަށް ވަޑައިގެން ނުހަނު ފަރުވާތެރިކަމާއެކު އެލިޔުން ވިދާޅުވާން ފައްޓަވައިފިއެވެ. އެލިޔުން ވިދާޅުވާން ފެއްޓެވުމާއެކު އޭނާގެ މޫނުފުޅުގެ ކުލަކޮޅު ދިޔައީ ބަދަލުވަމުންނެވެ. އެއީ ޤަޞްޠިލާގެ ރަސްގެފާނު އަލްފާންސޫ (ހަޔެއް) ސޮއިކުރައްވައިފައިވާ ޤަރާރެކެވެ. އޭގައިވެއެވެ.
"އަޅުގަނޑާއި ލިޔޫނާއި، އަރުޣުވާނާއި އައްނަވާރާއި، އިސްޗޫރިޔާގެ ދަރަޖަ މަތިވެރި އަމީރުން. ބަލަންސިއްޔާގެ ސަރުކާރުގެ ޙިމާޔަތްތެރިޔާ ސިޑްގަންބިޠޫރުގެ ތާއީދާއެކު އިޢުލާނު ކުރަމުއެވެ. އަންދަލުސުގެ ރަސްރަސްކަލުން އަޅުގަނޑުމެންނާމެދު ރަޙުމަތްތެރިކަމާއި ހިތްޕުޅު ހެޔޮކަން ޢަމަލީގޮތުން ސާބިތުކޮށްދެއްވައިފިނަމަ އަޅުގަނޑުމެން ކުރިޔަށް އޮތްތާނގައި އެބޭފުޅުންގެ މިނިވަންކަމާއި މުސްތަޤިއްލު ކަމަކަށް ހުރަހެއް ނާޅާނޫއެވެ. އަޅުގަނޑުމެންނަށް އިޙުސާސުވާގޮތުގައި އެފުރިކާއިން އައިސްތިބި ބޭރުގެ ސިފައިން އަންދަލުސުގެ މުސްލިމުންގެ ރަޙުމަތްތެރިކަމުގެ ނިވަލުގައި ފޮރުވިގެންތިބެ އެއުޅެނީ އަންދަލުސުގެ މިނިވަންކަމަށް ޙަމަލަދޭށެވެ. އެބައިމީހުންނަށް އަންދަލުސުގައި ފައިތިލަ ސާބިތުކުރުމުގެ ފުރުސަތު ދެވިއްޖެކަމުގައިވާނަމަ މުސްލިމު ރަސްރަސްކަލުންގެ ރަސްރަސްކަން ވައްޓައިލުމަށްފަހު އެމީހުން މަސައްކަތްކުރާނީ އަޅުގަނޑުމެންގެ މިނިވަންކަމަށް ޙަމަލަދޭށެވެ. އެހެންކަމުން އަޅުގަނޑުމެން އެއްބަސްވަނީ އަޅުގަނޑުމެން އެއްބަޔަކު އަނެއްބަޔަކާ ކުރަމުން މިގެންދާ ހަނގުރާމަ އަބަދަށްޓަކައި ނިމުމަކަށް ގެނައުމުގެ ވަގުތު އަތުވެއްޖެކަމުގައެވެ. ބޭރުން އައިސްގެންއުޅޭ ޙަމަލަދޭ މީހުންގެ ކިބައިން ސަލާމަތްވާން މަސައްކަތްކުރާންވެއްޖެ ކަމުގައެވެ. އަޅުގަނޑުމެން ހުވައިކޮށްފައި އިޢުލާނުކުރަމުއެވެ. އަންދަލުސުގެ ރަސްރަސްކަލުން އެބޭފުޅުންގެ ޙައްޤު ރައްކާތެރިކުރައްވަން އެކަތިގަނޑަކަށް ވެވަޑައިގެން ތެދުވެވަޑައިގެންފިނަމަ އަޅުގަނޑާއި އަޅުގަނޑުގެ ހުރިހާ އެކުވެރީން އެބޭފުޅުންނަށް ފުރިހަމަޔަށް އެހީވެދޭނޫއެވެ. ރަޙުމަތްތެރިކަމުގެ މުޢާހަދާގެ ޝަރުޠުތައް އެކަށައެޅުމަށްޓަކައި އަޅުގަނޑުމެން މިތިބީ ސަރަޙައްދުގެ ކޮންމެވެސް ތަނެއްގައި އަންދަލުސުގެ ރަސްރަސްކަލުންނާ ބައްދަލުވާން ތައްޔާރަށެވެ. ޙިޞްނުއްލައިޠާ ބެހޭގޮތުން އަޅުގަނޑުމެންވަނީ ތިޔަބޭފުޅުންގެ މަންދޫބުން މެދުވެރިކޮށް އަޅުގަނޑުމެންގެ ހުށަހެޅުންތައް ހުށަހަޅައިފައެވެ."
سعد އެލިޔުން ވިދާޅުވުމަށްފަހު زيـاد އާ ދިމާޔަށް ބައްލަވައިލައްވައިފައި ވިދާޅުވިއެވެ. "މިހާރަކު އަހަރެންގެ ޚިޔާލަށް ނުގެނެވޭ ނުރައްކަލެއްގެ ވާހަކައެއް ކަލެޔަކަށް ނުބުނެވޭނެ. ކަލޭ އަހަރެންގެ ވަގުތު ނަގައިނުލާ. އަހަރެންގެ ހުރިހައި ސުވާލުތަކަކަށް ތެދުބަހުން ޖަވާބުދީފިނަމަ ކަލޭގެ ފުރާނަ ސަލާމަތްކޮށްދޭނެކަމަށް ވަޢުދުވާން އަހަރެން މިހިރީ ތައްޔާރަށް. ކަލޭ އަހަރެންގެ ގާތު ދޮގެއް ނަހަދާކަން ސާބިތުވަންދެން ކަލޭ ހުންނާނީ މިތާނގައި ބަންދުގައި އޭގެފަހުން ކަލޭގެ މައްސަލަ ހުށަހެޅޭނީ أميـر يـوسف ގެ އަރިހަށް."
زيـاد ޖަވާބު ދެއްވިއެވެ. "އަޅުގަނޑު މިހިރީ ކަލާގެ ކޮންމެ ސުވާލަކަށްވެސް ޖަވާބު އަރުވަން ތައްޔާރަށް."
سعد ވިދާޅުވިއެވެ. "އެމީހެއްގެ އަތުން އަލްފާންސޫގެ ލިޔުން ފެނުނު މީހަކީ ކާކު؟"
"އެއީ ޝެހެޒާދާ رشـيـد ގެ ޚާއްޞަ މުޝީރު."
"ތިޔަބައިމީހުން އަލްފާންސޫއާ ބައްދަލުވީ ކޮންތަނެއްގައި؟"
"އަޅުގަނޑުމެން ބައްދަލުވީ ބަލަންސިއްޔާގެ ހުޅަނގު ސަރަޙައްދުގެ ކިއްލާއެއްގައި."
"ކަލެޔާއެކު މިހިރީ ކާކު؟"
"މިއީ މާލިޤާގެ ރަސްގެފާނުގެ މަންދޫބު."
"ތިޔަބައިމީހުންގެ ވަފުދުގެ ވެރިޔަކީ ކާކު؟"
"ޝެހެޒާދާ رشـيـد."
"އޭނާ ސަލާމަތްވެވަޑައިގެން ވަޑައިގެންނެވީތަ؟"
"އާދެ!"
"ރިޟާކާރުން އެ އަވަށުގައި ބަހައްޓައިފައިހުރި ޒަޚަމީއަކީ ކާކު؟"
"އެއީ ޣަރުނާޠާގެ ރަސްގެފާނުގެ މަންދޫބު."
"ތިޔަބައިމީހުންގެ ރޭވުމުގައި ބައިވެރިވަނީ ކޮންބައެއް؟"
"ގާތްގަނޑަކަށް ހުރިހައި ރަސްރަސްކަލުންވެސް މިކަމުގައި ބައިވެރިވެވަޑައިގަންނަވާ. ނަމަވެސް އަޅުގަނޑުމެން އަލްފާންސޫގެ އަރިހަށް ފޮނުއްވަން ފާސްކުރެއްވި މަޖްލިސްގައި އަލްމަރިއްޔާއާއި، މުރުސިއްޔާއާއި ބިޠުލިޔޫސުގެ ވެރީން ބައިވެރިވެވަޑައެއްނުގަންނަވާ. އެކަމަކު أميـر يـوسف މަލާމާތްކުރެއްވިފަހުން އެބޭފުޅުންވެސް ތިއްބެވީ ވަރަށްބޮޑަށް ނުރުހުންވެވަޑައިގެންފައި."
"ތިޔަބައިމީހުން އަލްފާންސޫގެ އަރިހަށް ދިޔައީ މުލޫކުއްޠަވާއިފުންގެ ފަރާތްޕުޅުން ރަޙުމަތްތެރިކަމުގެ ދަޢުވަތާއިގެންތަ؟"
"އާދެ!"
"ޙިޞްނުއްލައިޠާ ބެހޭގޮތުން އަލްފާންސޫގެ ހުށަހެޅުއްވުމަކީ ކޮބާ؟"
"އޭނާ ހުށަހަޅުއްވަނީ މުރާބިޠީންގެ ލަޝްކަރު އަންދަލުސުން ފޭބުމުން ޙިޞްނުއްލައިޠުން ސިފައިން ބާލުއްވަން. އެހެންކަމުން އަންދަލުސުގެ ރަސްރަސްކަލުންނަށް މުރާބިޠީންނާ ޙަމަލަ ދެއްވޭހައި ކުޅަދާނަފުޅުކަން ނެތްކަމުގައިވާނަމަ ނުވަތަ އެހެން ހައްދަވައިފިނަމަ އެބޭފުޅުންގެ ރައްޔިތުން ބަޣާވަތްކޮށްފާނެހެން ހީފުޅުވާނަމަ މުރާބިޠީނުން ޙިޞްނުއްލައިޠަށް އެންމެފަހުގެ ޙަމަލަދޭ ދުވަހު ހުރިހައި ރަސްރަސްކަލުން އެބޭފުޅުންގެ ލަޝްކަރުތައް ގޮވައިގެން ވަކިވެވަޑައިގަންނަވަން."
(ނުނިމޭ)
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު
އިސްލާމީ ތާރީޚު