ކުނިތަކުގެ ތެރޭގައި އޮތް ފުޅިތޮށިތަކެއް ހެރި، ވެމްކޯ މުވައްޒަފެއްގެ އަތުގެ ނާރެއް ބުރިވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ ރޭގެ ވަގުތެއްގައެވެ. އަތަށް ފުޅިތޮށި ހެރި، ނާރެއް ބުރިވެފައިވަނީ އުމުރުން 24 އަހަރުގެ އަފްރާހް މޫސާއަށެވެ.
އޭނާގެ އަންހެނުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައި ވަނީ ކުނި ކޮތަޅުތަކުގެ ތެރޭގައި ހުރި ފުޅިތޮށިގަނޑަކުން އޭނާގެ ފިރިމީހާގެ އަތް ކަފައިގެން ގޮސް، އަތުގެ ނާރެއް ބުރިވެފައިވާ ކަމަށާއި އެކަމުގެ ސަބަބުން އޮޕަރޭޝަން ކުރަން ޖެހިފައިވާ ކަމަށެވެ.
އޭނާ ބުނީ އޮޕަރޭޝަންކޮށްގެން ބުރިވި ނާރު ނަގަން ޖެހިފައިވާ ކަމަށާއި އެނޫން ގޮތަކަށް އެތަން ފެހެން ނެތް ކަމަށެވެ.
އޭނާ ވަނީ ފަރުވާކުޑަކޮށް، ފުޅި ތޮށި ކަހަލަ އެއްޗެހިި ބެހެއްޓުމުގެ ސަބަބުން ނުރައްކަލާ ކުރިމަތިލާން ޖެހޭ ކަމަށްބުނެ ކަންބޮޑުވުން ފާޅުކޮށްފައެވެ. އަދި ވެމްކޯގެ މުވައްޒަފުންނަކީވެސް އިންސާނުންކަން ދަންނަ ޖެހޭ ކަމަށްވެސް ބުނެފައިވެއެވެ.
އެކަމާ ގުޅިގެން ވެމްކޯ އިން މިއަދު ނެރުނު ބަޔާނެއްގައި ވަނީ ރޭ 11:00 ގައި، މާލެ ސިޓީގެ ގެއަކުން ނެރިފައި ހުރި ޑަސްބިނެއްގައި ބެހެއްޓިފައި އޮތް ކުނި ކޮތަޅެއް ނެގުމުގައި ހަރަކާތްތެރިވި، ވެމްކޯގެ މުވައްޒަފު، އަފްރާހް މޫސާގެ ވާތު އަތަށް ތޫނު ބިއްލޫރި ފަދަ އެއްޗެއް ހެރި، އެ އަތުގެ ނާރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ކަމަށެވެ.
ވެމްކޯއިން ބުނީ މިއަދުގެ ނިޔަލަށް، މާލެ ސަރަހައްދުގައި މަސައްކަތްކުރާ ވެމްކޯގެ މުވައްޒަފުންނަށް މިފަދަ އިތުރު ތިން ހާދިސާއަކާ ކުރިމަތިލާން ޖެހި، އެކި ވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށެވެ.
"މުވައްޒަފުންގެ ރައްކާތެރިކަމަށްޓަކައި މި ކޯޕަރޭޝަނުން މިދަނީ މަސައްކަތުގައި މަސްއޫލުވެ އުޅޭ ކޮންމެ ފަރާތަކަށް ރައްކާތެރިކަމުގެ އަންގި، މާސްކް އަދި އެހެނިހެން އާލާތް ބަރާބަރަށް ފޯރުކޮށްދެމުން. ކަން މިހެންހުރުމާ އެކުވެސް ހިތާމައަކީ، ގިނަ އަދަދެއްގެ ކަސްޓަމަރުން މި ކޯޕަރޭޝަނުން އާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑަށް ބެލުމެއްނެތި ކުނި ބަންދު ކުރަމުންދިއުން. މީގެ ސަބަބުން، މިކޯޕަރޭޝަންގެ ވެށިފާރަވެރިންނަށް އެކި ކަހަލަ ހާނިއްކަ އާއި އަނިޔާ މެދުނުކެނޑި ލިބެމުންދޭ،" ވެމްކޯ އިން ބުންޏެވެ.
ވެމްކޯ އިން ބުނީ ގޭބިސީތަކުން ކުނި ނެގުމަށް އެ ކޯޕަރޭޝަނުން އާންމުކޮށްފައިވާ ކުނި ބަންދުކުރުމުގެ މިންގަނޑަށް ގިނަ ފަރާތްތަކުން އަމަލުނުކުރާ މައްސަލަ ވަނީ ގިނަ އަދަދަކަށް އިތުރުވެފައި ކަމަށެވެ.
އެގޮތުން ބިއްލޫރި އާއި ދަގަނޑު އަދި އެހެނިހެން ތޫނު އެއްޗެހި ރަނގަޅަށް ބަންދުނުކޮށް ނެރުމަކީ މިފަދަ ސީރިއަސް ޒަހަމްތަކަށް އެ ކޯޕަރޭޝަންގެ މުވައްޒަފުން ހުށަހެޅުމަށް އޮތް ފުރުސަތެއް ކަމަށްވެސް ވެމްކޯއިން ބުންޏެވެ.
ވީމާ މިފަދަ ހާދިސާތައް ތަކުރާރުވިޔަ ނުދިނުމަށް ކުނި ބަންދުކުރުމުގައި މިހާރަށް ވުރެ ބޮޑަށް ސަމާލުވުމަށް ވެމްކޯއިން ވަނީ އިލްތިމާސްކޮށްފައެވެ.
ޚަބަރު
ޚަބަރު