ރާއްޖޭގެ އިގުތިސޯދު އަވަހަށް ހަމަޔަކަށް އެޅުވުމަށް އެންމެން ގުޅިގެން ކޮވިޑު ނަންބަރުތައް ތިރިކޮށްދެއްވުމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އިލްތިމާސްކުރައްވައިފައެވެ.
ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ފިނޭންސް މިނިސްޓަރު އަމީރު ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދީ ހާލަތު ހަމައަކަށް އެޅުވުމަށް އެންމެ މުހިންމު އެއް ކަމަކީ، ކޮވިޑުގެ ނަންބަރުތައް މަދުކުރުން ކަމަށެވެ.
"އެންމެ މުހިންމު ކަމަކީ ކޮވިޑަށް ފައްސިވާ ކޭސްތަކުގެ އަދަދު ދަށްވުން. ދަށްވެގެން ނޫނީ އަޅުގަނޑުމެންގެ ލައިވްލިހުޑް ވެސް އަޅުގަނޑުމެންނަށް ސަލާމަތެއް ނުކުރެވޭނެކަން ފާހަގަކުރަން،" މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު ވިދާޅުވީ، ރާއްޖޭގެ ކޮވިޑްގެ ހާލަތު ގޯސްވަމުންދާތީ ރާއްޖެ އަންނަ ފަތުރުވެރިންގެ އަދަދު މަދުވަމުންދާ ކަމަށާއި އެކަމުގެ ސަބަބުން ދައުލަތުގެ އާމްދަނީ މަދުވާނެ ކަމަށެވެ.
ނަމަވެސް މީގެ ކުރިން އަންދާޒާކުރި ވަރަށް ވުރެ ގިނައިން މިއަހަރު ރާއްޖެއަށް ފަތުރުވެރިން އަންނާނެ ކަމަށް މިހާރު ލަފާކުރެވޭ ކަމަށް ވިދާޅުވިއެވެ. އެގޮތުން މިއަހަރު ރާއްޖެއަށް އެއް މިލިއަނާއި 1.5 މިލިއަނާއި ދެމެދުގެ އަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާނެ ކަމަށް ބެލެވޭ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި ފަހަކަށް އައިސް ރާއްޖޭގެ ކޮވިޑްގެ ހާލަތު ވަނީ ވަރަށް ބޮޑަށް ގޯސްވެފައެވެ. އެގޮތުން ދުވަހު ނަންބަރު 1،500 އިން މައްޗަށް އަރާފައިވާ އިރު، ކޮވިޑް ކޮންޓްރޯލް ކުރުމަށް ވަނީ ގިނަ ފިޔަވަޅުތަކެއް އަޅައިފައެވެ. އެގޮތުން މާލެ ސަރަހައްދުގައި 16 ގަޑިއިރުގެ ކާފިއުއެއް ހިންގަމުން އަންނަ އިރު، އެހެން ގަޑިތަކުގައިވެސް ހުއްދައާއެކުގައި ނޫނީ ބޭރަށް ނުކުތުން ވަނީ މަނާކޮށްފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު
ޚަބަރު