ދައުލަތުގެ މުދާ ވިއްކަން ޖެހޭ ފަދަ ހާލަތެއްގެ ބިރެއް މިވަގުތަކު އަދި ނެތް ކަމަށް ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

ހެލްތު އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ، ދައުލަތުގެ ހަރުމުދާ ވިއްކައިގެން ދައުލަތަށް އާމްދަނީ ހޯދަން ޖެހުމުގެ ބިރެއް ރާއްޖެއަށް އަދި ނެތް ކަމަށެވެ. އެގޮތުން ރާއްޖޭގެ އިގުތިސޯދު ހިންގަން ބޭނުންވާ ވަރަށް ފައިނޭންސް ލިބޭނެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ވިދާޅުވިއެވެ.

ދަރުމަވަންތަ ހޮސްޕިޓަލް ރަހުނުކޮށް ނެގި ލޯނަށް އަލިއަޅުވައިލައްވަމުން މިނިސްޓަރު ވިދާޅުވީ، އެ ލޯނު ނުދެއްކިއްޖެ ހާލަތެއްގައިވެސް އެ ހޮސްޕިޓަލުގެ އޯނާޝިޕަށް އެއްވެސް ބަދަލެއް ނާންނާނެ ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން ލޯނު ހޯދުމަށް ބޭރުގެ ފައިނޭންސިއަލް އިންސިޓިއުޓްތަކާއެކު މަޝްވަރާ ކުރަމުން އަންނަ ކަމަށާއި ލޯނު އެހީ ހޯދުމުގައި މާ ބޮޑު ދަތިތަކެއް ކުރިމަތި ނުވާ ކަމަށެވެ. ސަބަބެއް ކަމުގައި މިނިސްޓަރު ވިދާޅުވީ، ރާއްޖެއިން ކާމިޔާބުކަމާއެކު ބޭރުގެ މާކެޓުގައި ޓްރެޝަރީ ބޮންޑެއް ވިއްކައިފައި ވުމެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، ރާއްޖޭގެ އިގުތިސޯދީ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށާއި ދައުލަތުގެ އާމްދަނީވެސް އިތުރުވަމުން އަންނަ ކަމަށެވެ.