"މަންމަގެ ހިތަށް ހާދަ އަސަރެއްކުރެއޭ. އެންމެފަހުން.... އެންމެފަހުން މަންމަގެ އަތުން ދެ ދަރިންވެސް ބީވެގެން ދާނީ ކަންނޭނގެ" މޫނުމަތީގައި އަތް އަޅާފައި މަންމަ ރޯންފެށިއެވެ. އެ މަންޒަރު ބަލަން އަހަރެންނަށް އިނދެވުނީ ހިތްފަޅައިގެންދާ ހާލުގައެވެ.
"މަންމާ، ތިކަލަހަ ވާހަކަނުދައްކާ. ﷲ އިރާދަކުރެއްވިއްޔާ ހުރިހާކަމެއް ދާނީ ރަނގަޅަށް" އަހަރެން ބުނީމެވެ. މަންމަ ހިތްހަމަޖައްސައިދޭން އިތުރަށް ބުނާނެ އެއްޗެއް އަހަރެންނަށް ނޭނގުނެވެ. ރޮމުންދިޔަ މަންމަގެ އަތްތިލައިގައި ފިރުމަމުން އަހަރެން ދިޔައީ އެ މަންމަގެ ހިތަށް ތަސައްލީއެއް ދިނުމަށެވެ.
***
މުޅިން އާ ދުވަހެކެވެ. ފަތިސްނަމާދު ކޮށްނިމިގެން އަހަރެން ކޮޓަރިން ނިކުތްއިރު އެހެން ދުވަސްތަކާ ހިލާފަށް އަހަރެންގެ ހިތަށް ހަމަޖެހުން ލިބިފައި ވިއެވެ. ދުވަސް ފެށިގެން އައިރު އަހަރެންގެ ހިތުގައި ވީ އާ އުންމީދުތަކެކެވެ. އަހަރެންގެ ހިތް އިންތިޒާރު ކުރަމުން ދިޔައީ އެންމެ ވަގުތަކަށެވެ. އަމިއްލަ ފައި މައްޗަށް ކޮޅަށް ހުރެ ވިއާން އައިސް އަހަރެންގެ އަތުގައި ހިފާލާނެ އިރަކަށެވެ.
ބަދިގެއަށް ދިޔައިރު އެއްވެސް މީހަކު ފެންނަން ނެތެވެ. ހީވާގޮތުން ހިތަށް ލިބުނު ހަމަޖެހުމާއެކު މަންމަ އާ މާމަ އަދިވެސް އަރާމު ނިދީގެ ފޮނި މީރުކަން އިހުސާސް ކުރަމުން ދަނީއެވެ. ކޮފީތައްޓެއް ހިފައިގެން އަހަރެން މިސްރާބުޖެހީ ސިޓިންރޫމުން ނިކުމެވޭ ބެލްކަންޏަށެވެ. އޭރު ދުނިޔެ މައްޗަށް އަލިވާން ގާތްވެސް ނުވެއެވެ. ބިއްލޫރު ދޮރު ކަހާލާފައި ބޭރަށް ނިކުތުމާއެކު އަހަރެންގެ ހަށިގަނޑުގައި ބީހިލީ ފިނިފިނި ވައިރޯޅިއެކެވެ. ޖޯލީގައި އިށީންގޮތަށް އަހަރެންނަށް ދެފައި ނަގައި ގަޔާ ކައިރިކޮށްލެވުނެވެ. ކައިރީގައި ހުރި ކުޑަ މޭޒުމަތީގައި ކޮފީތަށި ބަހައްޓާފައި އަހަރެންނަށް ވަށައިގެންވި މާހައުލަށް ނަޒަރު ހިންގައިލެވުނެވެ. އެކި ހިސާބުތަކުން ފެންނަން ހުރި އުސް އިމާރަތްތަކުން ފާޅުވާން ހުރި އަލިކަން ނޫން އެހެން އެއްވެސް އަލިކަމެއް ނެތެވެ. ފުދޭވަރަކަށް ވައި ބާރެވެ. އެހެންކަމުން ވިއްސާރަވާން އުޅޭ ކަމުގެ ކުދި އިންޒާރުތައް ދުނިޔެއަށް ދެމުން ދިޔައެވެ. ކޮފީތަށި ނަގާފައި ބޯލި ފުރަތަމަ ކޯވަރާއެކު އަހަރެންގެ ހިތަށް އައިސް ވަނީ ވިއާނެވެ. ވިއާންގެ ފަރާތުން ލިބިފައި ހުރި ލޯބީގެ އެކި ހަދިޔާތަކެވެ.
"އަހަރެން މަލްއަށް ދޭން އެބައޮތް ހަދިޔާއެއް" އަހަރެންނަށް ހީވީ ވިއާންގެ އަޑު ކަންފަތްދަށުން އިވިލި ހެންނެވެ. އެއީ ކައިވެނިކުރަން ހަމަޖެހިފައި އޮތް ދުވަހު މެންދުރުފަހުގެ ވަގުތެއްގައި ވިއާން ބުނި އެއްޗެކެވެ. އެއީވެސް ވިއާންގެ ހަނދާނާ ގުޅިފައިވި އުފާވެރި ވަގުތުކޮޅެކެވެ. ވިއާންގެ ލޯބީގެ ބަސްތަކުން އަހަރެންގެ ހިތުގައި ކުޅެމުން އައި ލަވަތަކަށް އިތުރު ބޮޅެއް ލެވިގެން ދިޔަ ވަގުތުކޮޅެކެވެ. ކުރިމަތީގައި ނިއުޅުވެމުންދިޔަ ތަމްސީލެއް ފަދައިން އެމަންޒަރުތައް އަހަރެންގެ ލޯ މައްޗަށް ސިފަވާން ފެށިއެވެ.
"ކޮން ހަދިޔާއެއް؟" އަހަރެންނަށް އެހުނެވެ. ކައިވެނިކުރެވޭ ވަގުތު ވިއާން ލާން ހަމަޖެހިފައި އޮތް ގަމީސް އިސްތިރިކޮށްދޭން އެވަގުތު އަހަރެން ހުރި އެކޮޓަރި ތެރޭގައެވެ. އަހަރެންގެ ހަރަކާތްތަކަށް ބަލަހައްޓައިގެން އެނދުގައި އެއް އަރިއަކަށް ވިއާން އޮތެވެ.
"އެއީ ސަޕްރައިޒެއް" ވިއާން ބުންޏެވެ.
"ސަޕްރައިޒް... އެކަމަކު އެއީ ނުބުނެ ދޭ އެއްޗެއްނު" އަހަރެން ބުނީމެވެ.
"ކޯޗެއް ކަމެއް ނޭނގެންޏާ އެވާނީ ހަމަ ސަޕްރައިޒަކަށް" ވިއާން ބުންޏެވެ. އިސްތިރި ކުރި ގަމީސް ކޮނޑުގައި އަޅުވައިގެން ގޮސް އަލަމާރީގައި އަޅުވާފައި ފަހަތަށް އެނބުރިލި ވަގުތު އަހަރެން ޖެހުނީ އަހަރެންނާ ދާދި ކައިރީގައި ހުރި ވިއާންގެ މޭގައެވެ. ވިއާން ލައިގެން ހުރި އަޅިކުލަ އާ ހުދުކުލަ ހިމެނޭ ގޮޅިޖެހި ގަމީހުން ދުވި ހިތްގައިމު ސެންޓްވަސް އަހަރެންގެ ހިއްސުތަކާ ކުޅެލި ކަހަލައެވެ. އެހާގާތުން ވިއާންގެ ނަޒަރު އަހަރެންނަށް އަމާޒުވެފައި ހުރުމުން ލަދުވެސްގަތެވެ. އަހަރެންނަށް އެއްފަރާތަކަށްވެސް ނުޖެހެވޭ ގޮތަށް އަލަމާރީގެ ދެފަރާތުގައި ދެއަތް ވިއްދާ އެކުޑަ ޖާގައިގެ ތެރޭގައި ވިއާން އަހަރެން ބަންދުކޮށްލިއެވެ. ވިއާންގެ މޫނުވީ ނުރައްކާތެރި ދަރަޖައަކަށް އަހަރެންނާ ގާތްވެފައެވެ. ނުބަލަން ކިތަންމެ މަސައްކަތް ކުރި ނަމަވެސް ފަހު ވަގުތު ވިއާންގެ ދެލޮލުން ފާޅުވަމުން ދިޔަ ބަސްމޮށުންތެރިކަމެއް ލިބިފައި ނުވާ ޖަޒުބާތު ތެރޭގައި އަހަރެން ގައިދުވެއްޖެއެވެ. ހަތަރުކަޅި ހަމަވެގެން ދިޔަ ވަގުތު އަހަރެންގެ ހަތަރެސްފައި ފިނިވިއެވެ. ހިތްއަވަސްވެ ހިތުގައި ޖަހަމުންދިޔަ ވިންދުގެ އަޑު ކައިރީގައި ހުރި މީހާއަށް އިވޭވަރު ވިއެވެ.
"މަލް،.... މަލް އާ ދުރުގައި ހުންނަން އަހަރެންނަށް ހާދަ އުނދަގުލޭ" ވިއާން ބުނެލިއެވެ. ފާއިތުވަމުންދާ ކޮންމެ ސިކުންތަކާއެކު ވިއާން އަހަރެންގެ މޫނާ ގާތްވަމުން ދިޔައެވެ. އެހެންކަމުން ވިއާންގެ މޭމަތިން ހިތް ވީ ފަޅީގައި އަހަރެން އެއް އަތްތިލަ ޖައްސާ ހިފަހައްޓައިލީމެވެ.
"ވިއާން، ... އަހަރެން ހާސްއެބަވޭ" އަހަރެން ބުނީމެވެ. ހަގީގަތަށްވެސް ވިއާން އެހާ ކައިރީގައި ހުރުމުން ބުނެދޭން ނޭނގޭ އިހުސާސްތަކެއް އަހަރެންނަށް ކުރެވެމުން ދިޔައެވެ. އިނގޭ އެއްޗަކީ އެއީ މީގެކުރިން އަހަރެންނަށް ނުވާ ގޮތްތަކެއް ކަމެވެ.
"މަލް ކޮންކަމަކާ ހާސްވަނީ" ވިއާން ބުންޏެވެ. އޭނާގެ އަޑުގައިވެސްވީ އާދަޔާހިލާފު ގޮތެކެވެ.
"ވިއާން، މީހަކު އައިސްދާނެ. އެހެރީ ދޮރު ތަޅުވެސްނުލާ" އަހަރެން ބުނީމެވެ.
"މަލް، އަހަރެން ހުއްޓުވަބަލަ. ޕްލީޒް" ވިއާން ބުނެލިއެވެ. އަހަރެންގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. އަހަރެންގެ ތުންފަތާ ވިއާންގެ ދާދި ގާތްވެފައި ވަނިކޮށް އަހަރެން ވިއާންގެ އަނގަމަތީގައި އަތް އެޅީމެވެ. އަލަމާރީގެ ދެފަރާތުން ވިއާންގެ ދެއަތް ނެއްޓުނީ އެވަގުތުއެވެ.
"އަހަރެމެން ކައިރީގައި މާމަ ދެއްކި ވާހަކަތައް ހަނދާނުން ފޮހެލައިގެން ނުވާނެ. މިހުރިހާ ދުވަސްތަކުގައިވެސް ތިބީމެއްނު. އަހަރެމެންގެ ގުޅުމަކީ އެހާ މުޑުދާރު ގުޅުމެއްނޫން. އަހަރެމެންގެ ޒަވާޖީ ހަޔާތް ފަށަން އަހަރެން ބޭނުންވަނީ ސާފު ޠާހިރު ލޯތްބަކުން. އެ ގުޅުމުގައި ކައިވެނިން ބޭރުން އެއްވެސް ނުތާހިރު ކުންޏެއް ޖެހިފައި އޮންނަން އަހަރެން ބޭނުމެއްނޫން" އަހަރެން ވާހަކަދެއްކީމެވެ.
"ތެންކިޔު ލަވް. އެހާ ކެތްތެރިކަން ކުޑަވެގެން ދެން ނޫޅޭނަން" އަނގަމަތީގައި އޮތް އަހަރެންގެ އަތްތިލަ ނަގަމުން ވިއާން ބުންޏެވެ.
"އަހަރެންނަށް އިނގޭ އަހަރެންގެ ވިއާނަށް ވަރަށް ވިސްނޭކަން. ހަމަ ހޭގައި ހުރެގެން ފާފައަކަށް އަރައެއް ނުގަންނާނެކަން" އަހަރެން ބުނީމެވެ.
"ތިބުނީ ހަމަހޭގައި ނެތް ގަޑިއެއްގަ އަހަރެން ކިތަންމެ ބޮޑު ފާފައަކަށްވެސް އަރައިގަނެފާނޭތަ؟" ވިއާން ބުންޏެވެ.
"ވިއާނަށް އެކަންޏެއްނޫން. އެކަހަލަ ވަގުތެއްގައި ކިތަންމެ ޞާލިހު މީހެއްވެސް މަގުން ކައްސާލަފާނެ. ހަމަހޭވެރިކަން ލިބުނީމަ ފަހުން ދެރަވެސްވާނެ. އެކަމަކު ހާސްނުވޭ. ﷲ އިރާދަކުރެއްވިއްޔާ މި އަނބިމީހާ މިއަތުގައި މިހިފީ އެކަހަލަ ކޮންމެ ނުބައި ކަމަކުން ފިރިމީހާ ސަލާމަތްކުރަން" ވިއާން އަތުގައި ހިފަމުން އަހަރެން ބުނީމެވެ. އެހިނދު ވިއާން އަހަރެންގެ ދެއަތްތިލައިގައި ބޮސްދިނެވެ.
ކުއްލިއަކަށް އަހަރެން ސިހުނީ ފެން ތިއްކެއް އަހަރެންގެ މޫނުމަތީގައި ޖެހުމުންނެވެ. ހަމަ ބިމަށް އާދެވި ޖައްވަށް ނަޒަރު ހިންގައިލިއިރު ކަޅު ބޯ ވިލާތަކުން މުޅި ދުނިޔެ ބައްދަމުން އައެވެ. ކޮންމެވެސް ވަރަކަށް އަލިވެސް ވެއްޖެއެވެ. ދެއަތުން ހިފާލައިގެން ހުރި މަގުގައި ބާކީ ހުރި ކޮފީ ހުރި ފިނިވެފައެވެ. އެހެންކަމުން ތެދުވެގެން އަހަރެން ހިނގައިގަތީމެވެ.
***
ގައިދަށުން ފޯނު ވައިބްރޭޓްވާތީ އަހަރެންނަށް ހޭލެވުނެވެ. ގައިދަށުން ފޯނު ނެގުނީ ވަރަށް މަސައްކަތުންނެވެ. ބަލައިލިއިރު ގުޅަނީ ރީޝަމްއެވެ. ފޯނަށް ޖަވާބު ދިނުމުގެ ބަދަލުގައި އަހަރެންނަށް ބަލައިލެވުނީ ފޯނުގެ ޑިސްޕްލޭ މަތީގައި އިން ގަޑިއަށެވެ. ހެނދުނު ނުވައެއްޖަހައި ބޮޑުވެއްޖެއެވެ. އޭރު ކޮޓަރިއަށް ވަންގޮތަށް އެނދުގައި ޖައްސައިލެވުނުކަން އިނގުނެވެ. ފަހުން ވީގޮތެއް ނޭނގުނެވެ. ތެޅިގަނެފައި ވައިބްރޭޓްވަމުން ދިޔަ ފޯނު ނަގާފައި އަވަސް އަވަހަށް ކަންފަތުގައި ޖެހީމެވެ.
"ހާދަ ވިއްސާރައޭ. އާލިމް ބުނި ގެއިން އަދި އެކަކުވެސް ނާދެޔޯ" އަހަރެން 'ހެލޯ' އޭ ބުނުމާއެކު ރީޝަމް ވާހަކަދެއްކިއެވެ.
"އާނ. އަހަރެން ފަތިހު ހޭލައިގެން ބޭރަށް ނިކުތްއިރު އެކަކުވެސް ނުހޭލާ. ވާރޭ ވެހޭތީ އެނދުގައި އޮށޯތްތަނާ އަހަރެންނަށް ނިދުނީ. ރީޝަމް ނުދަންތަ؟" އަހަރެން އެހީމެވެ.
"ދެވޭތަ؟ ފަތިހު ވެހެންފެށި ވާރޭ އަދި ހުއްޓައެއްނުލާ. މިހާރު އެ އުޅެނީ މަގުތަކުން ފެން ހިނންދަން" ރީޝަމް ބުނެލިއެވެ.
"އަސްލުވެސްތަ؟" އަހަރެންނަށް އެހުނެވެ. އަހަރެން ކަންބޮޑުވީ ކުރަމުންދިޔަ ވިއްސާރައިގެ ސަބަބުން އަހަރެންނަށް ވިއާންގެ ގާތަށް ނުދެވިދާނެތީއެވެ.
ތައްޔާރުވެގެން އަހަރެންނަށް ކޮޓަރިން ނިކުމެވުނުއިރު ގަޑިން އެގާރަ ޖަހައިފިއެވެ. އެހުރިހާއިރު އެނދުގައި އަހަރެން އޮތީ ވާރޭ މައިތިރިވާނެ އިރަކަށް އިންތިޒާރުކުރާށެވެ. ކޮޓަރިން ނިކުތްތަނާ އެރުނީ ބޭރުން އައިސް ވަން މާމަގެ ކުރިމައްޗަށެވެ.
"އަދިވެސް އެއްކޮށް ހުއްޓައެއްނުލާ. އެކަމަކު ކޮންމެވެސް ވަރަކަށް ތުނިކޮށްލައިފި" ހިފައިގެން ހުރި ވާރޭ ކުޑަ ގެންގޮސް ބެލްކަނީގައި ހުރި ޖޯލިފަތީގެ ދަގަނޑުގައި އަޅުވައިލަމުން މާމަ ވާހަކަދެއްކިއެވެ.
"މާމަ ކޮންތާކުން ތިއައީ؟" އަހަރެން އެހީމެވެ. ކުޑަ ހިފައިގެން ބޭރުން އަޔަސް މާމަ ލައިގެން ހުރި ހައުސްކޯޓުގެ ތިރިން ހުރީ ކޮންމެވެސް ވަރަކަށް ތެމިފައެވެ.
"މިއައީ ފިހާރައިން. އާދޭ ސައިބޯން" އެހެން ބުނެފައި މާމަ ބަދިގެ އާ ދިމާލަށް ހިނގައިގަތެވެ. ފަހަތުން އަހަރެން ހިނގައިގަތީމެވެ. މޭޒު ކައިރީގައި އިށީނދެފައި ތައްޓަށް ކުޅި ރިހާކުރު އަޅާފައި ހުނިރޮއްޓެއް ނެގިތަނާ މަންމަ މަތިން ހަނދާންވެއްޖެއެވެ.
"މަންމަ ކޮބާ؟" އަހަރެން އެހީމެވެ.
"ސައި ބުއިފަހުން ކޮންއިރެއް؟ ރޭ ހަތަރުދަމު ހޭލާ އޮވެގެން ވިސްނާ ފިކުރުކުރީ. ނިދިއިރު ހެނދުނު ހައެއްޖަހައި ބޮޑުވެއްޖެ. މިހާރު ވެއްޖެ ކޮޓަރީގަ" މާމަ ވާހަކަދެއްކިއެވެ.
"މާމަ ސައިބޮއެފިންތަ؟" އަހަރެން އެހީމެވެ.
"އާނ މާމަ ނިންމައިފިން. އެސޮރުގެ ހަބަރެއްވިތަ؟" މާމަ އެހިއެވެ.
"އަދި ނުވޭ. ދާން މިދަނީ" އަހަރެން ބުނީމެވެ.
***
ހޮސްޕިޓަލް ދޮރުމައްޗަށް މަޑުކޮށްލި ކާރުން އަހަރެން ފޭބި ވަގުތު ފަހަތުން މީހަކު ގޮވައިލި އަޑު އިވުނެވެ. އެނބުރުނުއިރު ފަހަތުގައި ހުރީ ޝާހިދެވެ. އަހަރެން ހީލިޔަސް ޝާހިދުގެ މޫނުމަތީގައިވީ ހާސްކަމެވެ.
"އަހަރެންނަށް ރޭގައި އިނގުނީ މާމަ ބުނީމަ" ޝާހިދު ބުންޏެވެ. ހޮސްޕިޓަލަށް ވަންނަން ހިނގައިގަތީ ދެމީހުން އެކީގައެވެ.
"މިހާރު ކިހިނެއްތަ؟ މަލް ކީއްވެ ކުރިން ނުބުނީ؟" ޝާހިދު ޝަކުވާކޮށްލިއެވެ.
"މީހަކު ކައިރީގައި އެއްޗެއް ކިޔޭނެ ފަދަ ހާލަތެއްގައެއް ނޫން ހުރީ. ރޭގައި ހިތަށް ހަމަޖެހުމެއް ލިބުނީ" އަހަރެން ބުނީމެވެ.
"ހާދަ ދެރައޭ. އަހަރެން ރަށުން ބޭރުގައި ހުރީމަ އެވަގުތަށް ނާދެވުނީ. ކައިވެނީގެ މަޖިލީހުގައިވެސް ވީޑިޔޯކޯލް ހަދައިގެން ބައިވެރިވާގޮތަށް ވިއްޓު އާ ވާހަކަދައްކައިގެން ހުރީ. އެބަޔަކު އަދިވެސް ނުހޯދޭތަ؟" ޝާހިދު އެހިއެވެ.
"ހައްޔަރުކޮށްފި. ގޭ މީހުންގެ ބަޔާންވެސް ނަގައިފި" އަހަރެން ބުނީމެވެ.
"އެމީހުން ކީއްވެ ކުރި ކަމެއް އެއީ؟" ޝާހިދު އެހިއެވެ. އައިސީޔޫ އާ ދިމާލަށް ދެމީހުން ހިންގާފައި ދިޔައީ އާދައިގެ ހިނގުމެއްގައެވެ.
"އަދިވެސް މުގުލުގަ ހުރި މީހާ ހުރީ މިނިވަންކޮށް" އަހަރެން ބުނީމެވެ.
"އެއީ ކާކު؟" ޝާހިދު އެހިއެވެ.
"އަހަރެންގެ އެކްސް ހަޒްބެންޑް" އަހަރެން ބުނީމެވެ. އެވަގުތު ޝާހިދަށް ހައިރާންކަމެއް ލިބިގެން ދިޔައެވެ. އޭނާގެ ފިޔަވަޅުތައް މަޑުޖެހިލި ގޮތުންވެސް އަހަރެންނަށް އެކަން އިނގުނެވެ.
"ހަމަ ތެދެއްތަ ތިބުނީ؟" ޝާހިދު އެހިއެވެ.
"ހޫމް. އަދި އިނގޭތަ އެންމެ ޝޮކިންގ ނިއުސްއަކީ ކޮބާާ ކަން. އެއީ ވިއާންގެ އެއްބަނޑު ކޮއްކޮ. ވިއާންގެ މަންމަވެސް މިހާރު ގެއަށް އަތުވެއްޖެ" އަހަރެން ބުނީމެވެ.
"އެބަހުރި ދޯ ވަރަށް އިނގެންޖެހޭ ކަންކަން. ފަހުން ކިޔައިދޭނަން" އޭރު އަހަރެމެންގެ މަންޒިލަށް އާދެވިއްޖެއެވެ. ގޮނޑީގައި ފޯނާ ކުޅެން އިން އާލިމް އަހަރެން ފެނުމާއެކު އައިސް ހުއްޓިއްޖެއެވެ.
"އާލިމް، މިއީ ޝާހިދު އިނގޭ. ހަމަ ފެމެލީ ކުއްޖެކޭ ހީކޮށްލީމަ އޯކާވާނެ" އަހަރެން ބުނީމެވެ. އަދި ޝާހިދަށް އާލިމަކީ ކާކު ކަން ބުނެދިނީމެވެ. އެވަގުތު އާލިމް އާ ޝާހިދު އެކަކު އަނެކަކާ ސަލާމްކޮށްލިއެވެ.
"ފަހުން ހަބަރެއްވިތަ؟" އަހަރެން އެހީމެވެ. އެވަގުތު އާލިމްގެ ތުންފަތް މަތީގައި ހިނިތުންވުމެއް ދުވެލި މަންޒަރު އަހަރެންނަށް ފެނުނެވެ. އެ ހިނިތުންވުން އަހަރެންގެ ހިތަށް ހަމަޖެހުން ގެނެސްދިނެވެ.
"ރޭގަ ދަންވަރުން ފެށިގެން ވަރަށް ބޮޑަށް އިމްޕްރޫވް ވަމުންނޯ އަންނަނީ" އާލިމް ބުންޏެވެ.
"އަލްހަމްދުލިﷲ" އަހަރެންނަށް ބުނެވުނެވެ.
"ހޭއަރައިފިތަ؟" ކެތްތެރިކަން ކުޑަވެފައި އަހަރެންނަށް އެހުނެވެ.
"ރޭގަ ދަންވަރު ހޭއަރަން އުޅުނޯ. އެކަމަކު ޑޮކްޓަރު ބުނީ ވަގުތުން ނިދާ އިންޖެކްޝަނެކޭ ދިނީ. އެއީ އޭނަ އެއްކޮށް ހޭއަރައިފިއްޔާ ވަރަށް ވޭން ލިބޭނޭ އެހުރިހާ ހޮޅިތަކާއެކު. އަނެއްހެން ބުނަންޏާ މިހާރު ހޭއަރާފަޔޯ އޮތީ" ފަހުގެ ތާރީހެއްގައި ދުވަހަކުވެސް އަހަރެންނަށް އެއަށް ވުރެ އުފާވެރި ހަބަރެއް ނުލިބެއެވެ. ހިތަށް ލިބުނު ހިތްހަމަޖެހުމުގެ އަސަރުތައް ވެރިވިީ އަހަރެންގެ ދެލޮލަށެވެ. ދެލޮލުން ކަރުނަތައް ފައިބައިގަތެވެ. އެންމެ އޯގާވަންތަ އިލާހު ހަނދުމަވެގެން ދިޔައިރު އަހަރެންނަށް އެކަލާނގެއަށް ހަމްދު ކުރެވިއްޖެއެވެ. ވަގުތުން އަހަރެން ބޭނުންވީ އެހަބަރު މާމަ އާ މަންމައަށް ދޭށެވެ. އެހެންކަމުން ފޯނުކޮށްފައި އެވާހަކަތައް ކިޔައިދިނީމެވެ.
***
ޖެހިގެން އައީ ހަފްތާ ބަންދުގެ ދެ ދުވަހެވެ. ހުކުރު ދުވަހަށް ވުމާއެކު އަހަރެން ގޭގައި ތަންކޮޅެއް ގިނައިރު މަޑުކުރީމެވެ. މެންދުރު ކައި ނިނުމުގޮތަށް މަންމަ ބޭނުންވީ ހޮސްޕިޓަލަށް ދާށެވެ. ވިއާނަށް ދީފައިވަނީ އެންމެފަހު އިންޖެކްޝަންކަމަށް ރޭގައި ޑޮކްޓަރުން ވަނީ ބުނެފައެވެ. އެހެންކަމުން މިއަދު އޭނާ ހޭއެރުމުގެ ކުރިން ވެންޓިލޭޓަރުން ނަގާނެކަމަށް ޑޮކްޓަރުން ވަނީ ބުނެފައެވެ. އަހަރެން ބޭނުންވަނީ އެވަގުތަށް ހޮސްޕިޓަލަށްދާށެވެ. އެވަގުތުކޮޅަށްޓަކައި އަހަރެންގެ ހިތްވަނީ އަވަސްވެފައެވެ. ދޮވެފައި ހުރި ހެދުންތައް ހިފައިގެން އަހަރެން ނިކުތީ ސިޓިންރޫމުން ނިކުމެވެން ހުރި ބެލްކަންޏަށެވެ. ވަގުތަކީ އަސުރުނަމާދު ވަގުތެވެ. ގޭގައި ހުރީ އަހަރެން އެކަންޏެވެ. ހެދުންތައް ހަރުގައި އަޅުވާފައި އަހަރެން ބެލްކަނީގައި އިރުކަޅުކު މަޑުކޮށްލައިގެން ހުރީމެވެ. ފާއިތުވެދިޔަ ތިންދުވަހު ކުރި ވިއްސާރައިގެ އަސަރު އަދި އެއްކޮށް ފިލައިގެން ނުދެއެވެ. މިހާރުވެސް އުޑުމަތި އޮތީ ބަނަކޮށެވެ. ޖައްވުގައި ވަނީ ތެތްފިނި ކަމެކެވެ. ގޭ ކައިރިއަށް މަޑުކޮށްލި ސައިކަލުން ފޭބި އަންހެންކުއްޖާ ފެނުމާއެކު އަހަރެންނަށް ހެވިއްޖެއެވެ. އަންގައިވެސްނުލާ ރީޝަމް އައުމުން އަހަރެން ހައިރާންވިއެވެ.
އެތެރެއަށް ވަދެގެން ދިޔަ ގޮތަށް އަހަރެން ވަނީ ބަދިގެއަށެވެ. ފެން ހޫނުކުރާ ޖަގު ޖައްސާލާފައި އަހަރެން ތައްޔާރުވެލީ ރީޝަމް އާއެކު ހަވީރުގެ ސަޔަށެވެ. މާގިނައިރު ނުވަނީސް ދޮރު ބެލްއަޅާ އަޑު އިވެން ފަށައިފިއެވެ. އަހަރެން ގޮސް ދޮރުހުުވިއިރި ކުރިމަތީގައި ހުރި ރީޝަމްއެވެ.
"ކޮން ދަތުރެއް މިގަޑީގަ" އަހަރެން އެހީމެވެ. ލުއިލުއިކޮށް ހީލާފައި ރީޝަމް ކުރި ކަމަކުން އަހަރެން ހައިރާންވިއެވެ. ދޮރުލެއްޕިގޮތަށް ލޮކް ކުރިއެވެ. އެވަރުން ނުވެގެން ދޮރުފަތުގެ މަތީގައި އިން ވަރުގަދަ ތަންޑުވެސް އެޅުވިއެވެ.
"މަންޖެގެ ބޮޑީގާޑަށް ވާން މިއައީ" ރީޝަމް ބުންޏެވެ.
"ނޭނގުނު" އަހަރެން ބުނީމެވެ. އަހަރެން ގޮސް ބަދިގެއަށް ވަންއިރު ފަހަތުގައި ރީޝަމް ހުއްޓެވެ.
"އަހަރެން މިގެއަށް ފޮނުވީ މާޖިދާއްތަ. ބުނީ އެމީހުން މިއަދު ހޮސްޕިޓަލުން ނިކުތްއިރު ދޮރުމަތީގައި ޕާޓޭ ހުއްޓޭ. މަލްއަށް ފާރަލަނީ ކަންނޭނގެއޭ" ރީޝަމް ބުންޏެވެ. މިފަހަރު ރީޝަމް އެހެން ބުނުމުން އަހަރެން ޖެހިލުމެއްނުވިއެވެ. އައީ ނުލަފާ ރުޅިއެކެވެ. ވަގުތުން ޒިޔާންގެ ކުރިމައްޗަށް އަރާފައި މޫނުމަތީގައި ލޭކޮށާލަން ބޭނުންވިއެވެ. އަހަރެން މިއީ ކުރީގެ މަލްހާއެއް ނޫންކަން އަންގައިދޭން ބޭނުންވިއެވެ.
"ހިނގާ ދާން ހޮސްޕިޓަލަށް" ވިސްނުމަކަށް ގެއްލިފައި ހުއްޓާ ރީޝަމް އަހަރެން އަތުގައި ހިފައި ތަޅުވައިގަތެވެ.
"ސައިބޮއެގެން ދާނީ. އަދި ވަގުތު އެބައޮތެއްނު" އަހަރެން ބުނީމެވެ.
"އައި މަގުމަތީގައި އާލިމް ލައްވާ ތަނަކުން ހެދިކާވެސް ގަނެގެން މިއައީ. އަންނަނިކޮށްވެސް މާމަ ބުންޏޭ ދެކުދިން ސައިބޮއެގެން އަންނައްޗޭ. ނަމާދުކޮށްފިންތަ؟" ރީޝަމް އެހިއެވެ. އަދި އަޅައިގެން ހުރި ބޮޑު ދަބަސް ތެރެއިން ހެދިކާ ކޮތަޅު ނަގައިގެން ހިނގައިގަތީ ދަބަސް މޭޒު މަތީގައި ބާއްވާފައެވެ. ހަރުގަނޑުން ނެގި ތައްޓެއް ހިފައިގެން އައިސް ގެނައި ހެދިކާތައް ތައްޓަށް އަޅާފައި ރީޝަމް ގޮނޑީގައި އިށީނދެއްޖެއެވެ.
"އެކްސައިޓެއްނުވޭތަ؟" ރީޝަމް އެހިއެވެ. ދެ ކަޅުސައިތަށި ހިފައިގެން އައިސް އިށީނދެފައި ހިނިތުންވުމަކާއެކު އަހަރެން ރީޝަމްއަށް ބަލައިލާފައި ހީލެވުނެވެ.
"ވަރަށް ވަރަށް ބޮޑަށް. ހިތަށްއަރަނީ އަހަރެން ފެނުމުން ވިއާން ރިއެކްޓް ކުރާނީ ކިހިނެއްބާއޭ" އަހަރެން ބުނީމެވެ.
"ރަނގަޅުވާނެ. މަގޭ މިތަނަށް އަންނަނިކޮށް ޑޮކްޓަރު ބޭރަށް ނިކުމެފައި އެންމެން ކައިރީގައި ބުނި ހޮޅިތައް ނައްޓައިފީމޭ. އެކަމަކު އަދި އޮތީ ނިދާފައޭ. ހޭލެވުނީމަ އަންގާނަމޭ. ހުރިހާ މީހުން ކުއްލިއަކަށް ފެނުނީމަ ފަހަރެއްގަ ޝޮކެއް ލިބިދާނޭ. އެހެންވީމަ އެކަމަށް ވިސްނައިގެން ހުންނާށޭ. ދެން އެއްވެސް މީހަކު ހިނގާދިޔަ އެއްވެސް ކަމެއްގެ ވާހަކަ އޭނަ ކައިރީގައި ނުދައްކައްޗޭ. ކުރިން ވިއާން ބަސްކިޔަންދެން އެކައްޗެއްވެސް ނުކިޔައްޗޭ" ރީޝަމް ވާހަކަދެއްކިއެވެ.
"މާތްﷲ ގެ ހެޔޮ މިންވަރުފުޅުން އެއްވެސް ކަމެއް ގޯހެއްނުވި. އެހާ ބޮޑު ކަމަކުން އެންމެ ހަފްތާއެއްގެ ތެރޭގައި އަހަރެންގެ ވިއާން ރިކަވަރ ވަމުން އެ އަންނަނީ. އެހެންވީމަ ދެންވެސް ކަންތައްވާނީ ރަނގަޅަށް" އަހަރެން ބުނީމެވެ.
"ދެން އަވަސްކުރަން އުޅޭ" ރީޝަމް ބުންޏެވެ.
އަހަރެމެން ދެ އަންހެންކުދީން ގޭ ދޮރުމަތީގައި މަޑުކޮށްލައިގެން ތިބީ ޓެކްސީ އަންނަންދެކަށެވެ. މަގުމަތީގައި ޒިޔާން ހުރި ހަނދާނެއް އަހަރެން ނެތެވެ. އެއަށްވުރެ ބޮަޑަށް އަހަރެން ހުރީ ވިއާން ދެކިލާހިތްވެފައެވެ. ކުއްލިއަކަށް އަހަރެންނަށް ކައިރީގައި ހުރި ރީޝަމްގެ މޫނަށް ބަލައިލެވުނީ އަހަރެންގެ އަތުގައި ވަރަށް ބާރަށް ހިފުމުންނެވެ. ދެން އަހަރެންނަށް ބަލައިލެވުނީ ރީޝަމް ބަލަހައްޓައިގެން ހުރި ދިމާލަށެވެ. އޭރު މީހާއަށް ވުރެ ބޮޑު ޓީޝާޓެއް ލައިގެން ހުރި ޒިޔާން އަހަރެންގެ ކުރިމަތީގައި ހުއްޓެނީއެވެ. އަހަރެންގެ ފައިން ފެށިގެން ބޮލާ ހަމައަށް ބަލައިލާފައި ހީލައިފިއެވެ.
"ގޯޖަސް. ބުރުގާ އެޅީމަ ހާދަ ހާދަ ލޯތްބޭ" ޒިޔާން ބުނެލިއެވެ. މަގަށް މަޑުކުރި ޓެކްސީ ފެނުމާއެކު އަހަރެމެން އެދިމާލަށް ހިނގައިގަތީމެވެ. ޒިޔާނާ ބަހުގެ ހަމަލާ ބަދަލުކުރަން ހުންނަން އަހަރެންނަށް ވަގުތެއް ނެތެވެ. އަހަރެންގެ ލޯބި މިހާރު އަހަރެންނަށް އިންތިޒާރު ކުރާނެއެވެ. އެހެންނަމަވެސް އަހަރެންނަށް ކުރިއަށް ނުދެވުނެވެ. ޒިޔާން އަހަރެންގެ އަތުގައި ބާރަކަށް ހިފަހައްޓައިފިއެވެ.
(ނުނިމޭ)
ވާހަކަ
ވާހަކަ