އެހީތެރިޔާ އަނިޔާކުރުމުން އަނިޔާ ލިބުނު ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް އުމުރުން ދުވަސްވީ ބަލި މީހާއަށް އެހީތެރިކަން ފޯރުކޮށްދެމުން އަންނަ ކަމަށް ޖެންޑާ މިނިސްޓްރީން ބުނެފިއެވެ.

ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް އުމުރުން ދުވަސްވީ ބަލި މީހާއަށް އޭނާގެ އެހީތެރިޔާ އަނިޔާ ކުރާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯގައި ފެނިގެންދަނީ ބަލި މީހާގެ އެހީތެރިޔާ، ބަލި މީހާގެ މޫނު މަތީގައި ވަރަށް ބާރަށް ޖަހާ މަންޒަރެވެ. އަދި ޖެހުމުން ބަލި މީހާ ވަރަށް ބާރަށް ރޯ މަންޒަރުވެސް އެ ވީޑިއޯގައި ފެނިގެންދެއެވެ.

ބަލި މީހާ ރޯން ފެށުމުން، އޭނާގެ އެހީތެރިޔާ އެ ތަނުން ދުރަށް ޖެހޭ މަންޒަރުވެސް އެ ވީޑިއޯގައި ފެނިގެންދެއެވެ. މި ވީޑިއޯ ކޮށްފައިވަނީ އެ ވޯޑުގައި އޮތް ބަލި އެހެން މީހެއް ނުވަތަ އެމީހާ ކައިިރި ހުރި އެހީތެރިއެއް ކަމަށް ބެލެވެއެވެ.

ޖެންޑާ މިނިސްޓްރީން މިރޭ ބުނީ މިއަދު ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހަކާ މެދު ހިންގާފައިވާ އަނިޔާވެރި އަމަލު ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށެވެ.

"މި ހާދިސާއާ ގުޅިގެން މިނިސްޓްރީގެ ސޯޝަލް އެންގޭޖްމަންޓް ޓީމުން އަންނަނީ ބަލިމީހާއަށް އެހީތެރިކަން ފޯރުކޮށްދެމުން. އަދި މި މައްސަލައާ ގުޅިގެން ކަމާ ގުޅުންހުރި އިދާރާތަކާއެކު މިނިސްޓްރީން އަންނަނީ މަސައްކަތްކުރަމުން،" މިނިސްޓްރީން ބުންޏެވެ.

އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހެއްގެ ގައިގައި، އޭނާގެ އާއިލާގެ ފަރާތުން ހަމަޖައްސާފައިވާ އެހީތެރިޔާ އަނިޔާކުރި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން 31 އަހަރުގެ ބަންގުލަދޭޝްގެ ރައްޔިތަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

އެ ވީޑިއޯއާ ގުޅިގެން ރައީީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީީހަކަށް އަނިޔާކޮށްފައިވަނީ އާއިލާގެ ފަރާތުން ހަމަޖައްސާފައި ހުރި މީހެއް ކަމަށެވެ.

އޭނާ ވިދާޅުވީ އެ ހާދިސާ ހިނގައިދިޔަ ގޮތް އާއިލާއަށް މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މިވަގުތު ބަލި މީހާގެ ކަަންކަން ބަލަހައްޓަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ސިއްހީ އެހީތެރިން ކަމަށްވެސް ވިދާޅުވިއެވެ.