ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް އުމުރުން ދުވަސްވީ ބަލި މީހަކަށް އޭނާގެ އެހީތެރިޔާ އަނިޔާކުރި މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް މޯލްޑިވްސް (އެޗްއާރުސީއެމް) އިން ބަލަން ފަށައިފިއެވެ.
އެޗްއާރްސީއެމުން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި މިއަދު، ބަލިމީހަކަށް އޭނާގެ އެހީތެރިޔާ އަނިޔާކުރި މައްސަލަ ބަލަމުން އަންނަ ކަމަށެވެ. އަދި އެ މައްސަލަ ބެލުމުގައި ކަމާ ބެހޭ މުއައްސަސާތަކުން އަމަލުކޮށްފައިވާ ގޮތް ތަހުގީގު ކުރާނެ ކަމަށްވެސް ބުންޏެވެ.
ހުޅުމާލޭ މެޑިކަލް ފެސިލިޓީގައި އޮތް އުމުރުން ދުވަސްވީ ބަލި މީހާއަށް އޭނާގެ އެހީތެރިޔާ އަނިޔާ ކުރާ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެ ވީޑިއޯގައި ފެނިގެންދަނީ ބަލި މީހާގެ އެހީތެރިޔާ، ބަލި މީހާގެ މޫނު މަތީގައި ވަރަށް ބާރަށް ޖަހާ މަންޒަރެވެ. އަދި ޖެހުމުން ބަލި މީހާ ވަރަށް ބާރަށް ރޯ މަންޒަރުވެސް އެ ވީޑިއޯގައި ފެނިގެންދެއެވެ.
ބަލި މީހާ ރޯން ފެށުމުން، އޭނާގެ އެހީތެރިޔާ އެ ތަނުން ދުރަށް ޖެހޭ މަންޒަރުވެސް އެ ވީޑިއޯގައި ފެނިގެންދެއެވެ. މި ވީޑިއޯ ކޮށްފައިވަނީ އެ ވޯޑުގައި އޮތް ބަލި އެހެން މީހެއް ނުވަތަ އެމީހާ ކައިިރި ހުރި އެހީތެރިއެއް ކަމަށް ބެލެވެއެވެ.
އެ މައްސަލައާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހެއްގެ ގައިގައި، އޭނާގެ އާއިލާގެ ފަރާތުން ހަމަޖައްސާފައިވާ އެހީތެރިޔާ އަނިޔާކުރި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.
އެ މައްސަލައާ ގުޅިގެން 31 އަހަރުގެ ބަންގުލަދޭޝްގެ ރައްޔިތަކު ހައްޔަރުކޮށްފައިވާ ކަމަށެވެ. އެ މައްސަލަ މިއަދު ހަވީރު 4:30 ހާއިރު ހުށަހަޅާފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީން ކަމަށްވެސް ބުންޏެވެ.
އެ ވީޑިއޯއާ ގުޅިގެން ރައީީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީީހަކަށް އަނިޔާކޮށްފައިވަނީ އާއިލާގެ ފަރާތުން ހަމަޖައްސާފައި ހުރި މީހެއް ކަމަށެވެ.
އޭނާ ވިދާޅުވީ އެ ހާދިސާ ހިނގާދިޔަ ގޮތް އާއިލާއަށް މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މިވަގުތު ބަލި މީހާގެ ކަަންކަން ބަލަހައްޓަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ސިއްހީ އެހީތެރިން ކަމަށްވެސް ވިދާޅުވިއެވެ.
ޚަބަރު
ޚަބަރު
ޚަބަރު