ހުޅުމާލޭ ކޮވިޑް ފެސިލިޓީގައި އޮތް އުމުރުން ދުވަސްވީ ބަލި މީހެއްގެ ގައިގައި އެހީތެރިޔަކަށް ހުރި މީހާ ޖެހުމުން ބަލި މީހާ އަޑުލައި ރޯ ވީޑިއޯއެއް އާންމުވެއްޖެއެވެ.
ސޯޝަލް މީޑިއާގައި އާންމުވެފައިވާ ވީޑިއޯގައި ފެނިގެންދަނީ ބަލި މީހާގެ އެހީތެރިޔާ، ބަލި މީހާގެ މޫނު މަތީގައި ވަރަށް ބާރަށް ޖަހާ މަންޒަރެވެ. އަދި ޖެހުމުން ބަލި މީހާ ވަރަށް ބާރަށް ރޯ މަންޒަރުވެސް އެ ވީޑިއޯގައި ފެނިގެންދެއެވެ.
ބަލި މީހާ ރޯން ފެށުމުން، އޭނާގެ އެހީތެރިޔާ އެ ތަނުން ދުރަށް ޖެހޭ މަންޒަރުވެސް އެ ވީޑިއޯގައި ފެނިގެންދެއެވެ. މި ވީޑިއޯ ކޮށްފައިވަނީ އެ ވޯޑުގައި އޮތް ބަލި އެހެން މީހެއް ނުވަތަ އެމީހާ ކައިިރި ހުރި އެހީތެރިއެއް ކަމަށް ބެލެވެއެވެ.
އެ ވީޑިއޯއާ ގުޅިގެން ރައީީސް އޮފީހުގެ ތަރުޖަމާން މަބްރޫކް އަބްދުލް އަޒީޒް ވިދާޅުވީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީީހަކަށް އަނިޔާކޮށްފައިވަނީ އާއިލާގެ ފަރާތުން ހަމަޖައްސާފައި ހުރި މީހެއް ކަމަށެވެ. އެއީ ބިދޭސީއެކެވެ.
އޭނާ ވިދާޅުވީ އެމީހާ މިހާރު އެތަނުން ދުރުކޮށް، މައްސަލަ ފުލުހުން ބަލަމުން އަންނަ ކަމަށެވެ. އަދި އެކަން އާއިލާއަށް މިހާރު ހިއްސާކޮށްފައިވާ ކަމަށެވެ. އަދި މިވަގުތު ބަލި މީހާގެ ކަަންކަން ބަލަހައްޓަނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގެ ސިއްހީ އެހީތެރިން ކަމަށްވެސް ވިދާޅުވިއެވެ.
މި މައްސަލައާ ގުޅިގެން ފުލުހުން ބުނީ ހުޅުމާލެ މެޑިކަލް ފެސިލިޓީގައި އޮތް ބަލި މީހެއްގެ ގައިގައި، އޭނާގެ އާއިލާގެ ފަރާތުން ހަމަޖައްސާފައިވާ އެހީތެރިޔާ އަނިޔާކުރި މައްސަލައެއް ތަހުގީގު ކުރަމުން އަންނަ ކަމަށެވެ. އެ މައްސަލައާ ގުޅިގެން 31 އަހަރުގެ ބަންގުލަދޭޝްގެ ރައްޔިތަކު ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
އެ މައްސަލަ މިއަދު ހަވީރު 4:30 ހާއިރު ހުށަހަޅާފައިވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީން ކަމަށްވެސް ފުލުހުން ބުންޏެވެ.
ޚަބަރު
ޚަބަރު
ޚަބަރު