ގަތަރުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރު ކަމަށް ހ. ހިކިފިނިފެންމާގެ/ އުމަރު އަބްދުއްރައްޒާގު ހަމަޖެއްސުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދީފިއެވެ.

އުމަރު އަބްދުއްރައްޒާގަކީ އަވަށްޓެރި ސްރީލަންކާއަށް ރާއްޖެއިން ކަނޑައަޅުއްވާފައި ހުންނަވާ ސަފީރެވެ.

ގަތަރުގައި ހުންނަވާ ނޮން ރެސިޑެންޓް ސަފީރު ކަމަށް އުމަރު އަބްދުއްރައްޒާގު ހަމަޖެއްސުމަށްޓަކައި މަޖިލީހުގެ ރުހުން ހޯއްދެވުމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އޭނާގެ ނަން މަޖިލީހަށް ފޮނުވުމުން އެ ނަން ދިރާސާ ކުރުމަށްފަހު މަޖިލީހުގެ ކަމާބެހޭ ކޮމިޓީން އެ މައްސަލަ މަޖިލިސް ތަޅުމަށް ހުށަހެޅުމުން، މިއަދު ނެގި ވޯޓުގައި އުމަރު އަބްދުއްރައްޒާގަށް ރުހުން ދޭން ފާސްކުރީ ޖަލްސާގައި ތިއްބެވި 59 މެންބަރުންގެ ތެރެއިން 53 މެންބަރުން ވޯޓު ދެއްވައިގެންނެވެ.

ރާއްޖެއިން ގަތަރަށް ނޮން ރެސިޑެންޓް ސަފީރެއް އައްޔަން ކުރަން ސަރުކާރުން ނިންމީ، އެގައުމާއެކު އޮތް ސިޔާސީ ގުޅުން، ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބުދުލްގައްޔޫމުގެ ވެރިކަމުގައި ކަނޑާލާފައި ވަނިކޮށް، އެ ގުޅުން އަލުން ގާއިމުކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު މިއަހަރުގެ މާޗް މަހުގެ ތެރޭގައި ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ.