ކޮވިޑަށް ފަރުވާ ދޭ ތަންތަނުގެ ތެރެއިން ހުޅުމާލެ މެޑިކަލް ފެސިލިޓީގައި ހުރި ދަތިތައް ބަލައި އެކަންތައްތައް ހައްލު ކުރަން ސަރުކާރަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ބަހުސް ފަށައިފިއެވެ.

އޮންލައިން ކޮށް ކުރިއަށް ގެންދާ މިއަދުގެ ޖަލްސާއަށް މި މައްސަަލަ ހުށަހެޅުއްވީ ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމެވެ.

މަޖިލިސް ޖަލްސާއަށް މި މައްސަލަ ހުށަހަޅުއްވަމުން ޝިޔާމު ވިދާޅުވީ، ކޮވިޑު ޖެހިގެން ރާއްޖޭން މަރުވި މީހުންގެ އަދަދު ބޮޑު ތަނުން އިތުރުވެފައިވާ އިރު ފާއިތުވި ދެ ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިޔާވި މީހުންގެ ތެރެއިން ގިނަ މީހުންނަކީ ހުޅުމާލެ ފެސިލިޓީގައި ފަރުވާދެމުން ދަނިކޮށް މަރުވި މީހުން ކަމަށެވެ.

ޝިޔާމު ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ފޮނުވި ދުވަހާ ހަމައަށް ފާއިތުވި 22 ދުވަހުގެ ތެރޭގައި ކޮވިޑުގައި 50 އަށްވުރެ ގިނަ މީހުން ރާއްޖޭން މަރުވެފައިވާތީ އާއި ކުރިއާ ހިލާފަށް އެ ބަލީގައި މިހާރު މަރުވާ މީހުންގެ ތެރޭގައި ނިސްބަތުން އުމުރުން ހަގު މީހުން ހިމެނޭތީ ކަންބޮޑު ވާ ކަމަށެވެ.

މަދު ވަސީލަތްތަކާއި ޑޮކްޓަރުންނާއި ނަރުހުންނާއި އިސް ސަފުގައި މަސައްކަތް ކުރާ ފަރާތްތަކުން ކުރާ މަސައްކަތް ޝުކުރުވެރިކަމާއެކު ބަލައިގަންނަކަން ފާހަގަކުރައްވައި ޝިޔާމު ވިދާޅުވީ، އެ ފެސިލިޓީގައި ހުރި ދަތިތައް ހައްލު ކުރުމަށް ސަރުކާރަށް އެޅެން ހުރި ފިޔަވަޅުތައް ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމެޓީން ދިރާސާކޮށް އަަވަސް ފިޔަވަޅުތަކެއް އަޅަން ސަރުކާރަށް ގޮވާލާ ކަމަށެވެ.