ހަމަޖެހުމުގެ ނޭވައެއް ނުލެވިގެން އުޅެނިކޮށް އާލިމްގެ ފޯނެއް އަންނަން ފެށިއެވެ. އަހަރެން ފޯނު ނަގާފައި ކަންފަތާ ކައިރިކޮށްލިއިރު އެހެންފަހަރުތަކާ ހިލާފަށް ހިތުގައި ބިރުވެރިކަމެއް ނެތެވެ.

"ވަޓްސް ރޯންގް އާލިމް" އަހަރެންނަށް ބުނެވުނެވެ. އާލިމް އެދުނީ މާމަމެން ގޮވައިގެން ވީ އެންމެ އަވަހަކަށް ހޮސްޕިޓަލަށް އައުމަށެވެ.

ރޭގައި ގެއަށް އައި ގޮތަށް ނިދުނީ ބޭރަށް ދިޔަ ހެދުމާ އެކުގައި ކަންވެސް އަހަރެން ހަނދާނެއްނެތެވެ. އެނދުން ފުންމައިލި ގޮތަށް ދުއްވައިގަނެވުނީ ކޮޓަރިން ބޭރަށެވެ. އަޅައިގެން ހުރި ކަޅު ކުލައިގެ ބޮޑު ބުރުގަލުން ބައެއް ވަނީ ނެއްޓިފައެވެ.

"މާމާ،" މާމަ ކޮޓަރި ދޮރުމައްޗައް ހުއްޓުނު ވަގުތު އެއީ މާމަ ދޮރުހުޅުވި ވަގުތެވެ.

"އާލިމް ގުޅައިފި"

"ތިހެން ހުރެތަ ދަނީ. ކޮޓަރިއަށް ގޮސް ރީއްޗަށް ފެންވަރައިގެން އާދޭ. މާޖިދާވެސް އަވަހޭ ތެޅިގަތްއިރު" މާމަ ބުނެލިއެވެ. އެއްޗެއް ބުނަން އުޅެފައިވެސް މާމަ ކުރިމަތީގައި އަހަރެން ކެތްތެރިކަން ކުޑަވެފައިވާ މިންވަރު ދައްކަން ބޭނުން ނުވިއެވެ. އެހެންކަމުން މަޑުމަޑުން ހިނގާލާފައި ގޮސް ވަނީ ކޮޓަރިއަށެވެ.

ތައްޔާރުވެގެން ނިކުތްތަނާ މާމަ ގޮވާލައިފިއެވެ. މޭޒު މަތީގައި ސައި ތައްޔާރުކޮށްފައި ހުންނާނެ ވާހަކަ ބުނެލިއެވެ. ކާހިތްނުވެފައި ހުއްޓަސް އަހަރެން މޭޒު ކައިރީގައި އިށީނީމެވެ. އޭރު މަންމަ ލަސްލަހުން ރޮއްޓެއްގައި ކޮއްޓަން އިނެވެ.

"އާލިމް ގުޅި މާމައަށްވެސް. ވިއާނަށް މާބޮޑު ބަދަލެއް ނާދޭ. ފަތިހު ޑޮކްޓަރުން ބުނި ކަމަށްވަނީ" މާމަ ވާހަކަދެއްކިއެވެ.

"ކީކޭ ބުނީ؟" މާމަގެ އަނގައިގެ ތެރޭގައި އެއްބައި އޮށްވައި އަހަރެންނަށް އެހުނެވެ.

"އިއްޔެގަވެސް ބުނި ގޮތަށް" މާމަ ބުންޏެވެ. އަހަރެންނަށް ނަފްސަށް ހިމޭންކަމެއް ވެރިވިއެވެ. ދެރަވެ ކަރު އެލުވައިލަން ޖެހުނެވެ. ހިތާ ދެކޮޅަށް ތަށީގެ ތެރެއަށް މާމަ ލައިދިން ރޮށީގައި ހިފީމެވެ.

"ކާޅު ގުޔެއް ގައެއް ނޫނޭ ތި ހިފަނީ" މާމަ ބުންޏެވެ. މާމަ އެހެން އެބުނީ ކީއްވެގެންކަން އަހަރެންނަށް އިނގެއެވެ. ރޮށި ކޮޅުގައި ހިފައިގެން އަހަރެންނަށް އިނދެވުނީ ދެ އިނގިލި ކުރިންނެވެ. ހިތާ ދެކޮޅަށް މަޖުބޫރުވެފައި އިން މީހަކު ފަދައިންނެވެ.

"އެއްވެސް ކަމެއް ގޯހެއްނުވާނެ. އިންޝާﷲ" މަންމަ ބުނެލިއެވެ.

"އެވާހަކައެއްނު މިހުރިހާއިރު ތި ދެމައިންނަށް އަހަރެން ބުނެދޭން މަސައްކަތް މިކުރަނީ. ދުނިޔޭގެ ހަޔާތަކީ އިމްތިހާނެއް. ދިމާވާ އެއްވެސް ކަމަކާ ހެދި ތިމާމެންގެ ހިތުގައިވާ އުންމީދުގެ ހުޅުކޮޅު ނިވާލާކަށް ނުވާނެ. އަމުދުން ﷲ ތަޢާލާގެ ރަހްމަތުން އުންމީދު ކަނޑާލާކަށް ނުވާނެ" މާމަ ވާހަކަދެއްކިއެވެ. ހިތުގައި ނުތަނަވަސްކަމެއް ވިޔަސް މޫނުމައްޗަށް ހަމަޖެހުން ގެނެސްގެން ހިތްވަރާއެކު ގޮހޮރުގައި ކާއެތިކޮޅެއް ޖެއްސޭތީ އަހަރެން މަސައްކަތްކުރީމެވެ.

"ހިނގާ ދާން" ސައިބޮއެ ނިމި މޭޒުމަތި ސާފުކޮށްލާފައި މާމަ ބުނެލިއެވެ. ހިނގައިގަތްތަނާ މާމަ ގޮވައިލިއެވެ.

"އެކޮޅަށް ގޮސް ހަނދާންކުރާތި ކޮންމެ ކަހަލަ ހަބަރެއް ލިބުނު ކަމުގައި ވިޔަސް ހަޅެއްނުލަވާތި. ދެލޯ މަރާލާފައި މިންވަރު ކުރެއްވިގޮތަށް ރުހޭތި. ތިމާމެން ލިބިފައިވާ އެއްޗެއް އަތުން ބީވެގެން ދިޔުންވެސް އެއީ އެކަލާނގެ ދެއްވާ ނިޢުމަތެއް" މާމަ ހަނދާންކޮށްދިނެވެ.

***

ހޮސްޕިޓަލް ދޮރުމައްޗަށް ކާރު މަޑުކޮށްލުމާއެކު އެންމެ ކުރިން ފޭބީ އަހަރެންނެވެ. ފަރިތަކަމާއެކު ހިނގާލާފައި ގޮސް އަހަރެން މަޑުކޮށްލީ އައިސީޔޫ ދޮރު މައްޗަށެވެ. ގޮނޑީގައި ތިބި އާލިމަށާ ރީޝަމްއަށް އަހަރެން ފެނުނީ ދޮރުމަތީގައި ހުއްޓައެވެ. ވަގުތުން ރީޝަމް އައިސް އަހަރެން ކައިރީގައި ހުއްޓިއްޖެއެވެ.

"އާއިލާ މީހުންނަށް އަދިވެސް ވަދެވޭ ގޮތަށްތަ އޮތީ" މާމަ އެހިއެވެ. އާލިމް ބޯޖަހައިލިއެވެ. ބެލްޖަހާލާފައި މަޑުކޮށްލައިގެން ހުއްޓާ އެތެރެއިން ނަރުހެއް ނިކުތެވެ. އާލިމް ވާހަކައެއް ދައްކާފައި މާމައަށް ބަލައިލިއެވެ. މާމަ ހިނގައިގަތުމުން އަހަރެން މާމަ ހުއްޓުވީމެވެ.

"މިއަދު އަޅުގަނޑު ވިއާން ކައިރިއަށް އެންމެ ކުރިން ވަދެލަން ބޭނުން" އަހަރެން ބުނީމެވެ. މާމަގެ ތުންފަތަށް ހިނިތުންވުމެއް ވެރިވިއެވެ. ކުރިއަށް ހިނގައިގަތްތަނާ މާމަ އަހަރެންގެ ބުރަކަށީގައި ފިރުމައިލިއެވެ.

އެތެރެއަށް އެޅި ފުރަތަމަ ފިޔަވަޅާއެކު އަހަރެންގެ ބޮލަށް އެނބުރުން އަރައިގެން ދިޔައެވެ. ހުރިހާ ދިމާލަކުން އިވެމުންދިޔަ 'ބީޕް' އަޑުތަކާއެކު އަހަރެންނަށް އުނދަގުވިއެވެ. އެހުރިހާ މީހުންގެ ތެރެއިން ވިއާން އޮތް އެނދު ހޯދަން އަހަރެންނަށް އުނދަގު ނުވިއެވެ. ވިއާން އޮތް އެނދު ކައިރީގައި ހުއްޓުމާއެކު އަހަރެންނަށް ރޮވިއްޖެއެވެ. ކަރުނަތައް ހިފަހައްޓަން ކިތަންމެ މަސައްކަތެއް ކުރި ނަމަވެސް ދެލޮލަށް ވިއާން ފެނުމާއެކު ހިތްވަރު އެލިއްޖެއެވެ. ވިއާންގެ ހަށިގަނޑަށް ގުޅާފައިވާ ކޮންމެ ހޮޅިއެއްގެ ކޮޅު އަހަރެންގެ ހިތް ތޮރުފާލާފައިވާ ކަހަލައެވެ. ތުރުތުރު އަޅަމުން ދިޔަ އަތުން އަހަރެންނަށް ވިއާންގެ އަތްތިލައިގައި ހިފަހައްޓައިލެވުނެވެ. އިސްތަށިކޮޅުގައި ފިރުމާލާފައި އަތްތިލައަށް ފިތާލީމެވެ.

"ވިއާން..." ތުރުތުރު އަޅަމުން ދިޔަ އަހަރެންގެ ދެތުންފަތް ދޭތެރެއިން މަޑުމަޑުން ވިއާންގެ ނަން ބޭރުވެގެން ދިޔައެވެ.

"އަހަރެމެންގެ ކައިވެނި އަދި ނުކުރެވޭ. އެކަން އިނގޭ ދޯ. ފައިޓްކުރޭ. ފަހު ވަގުތާ ޖެހެންދެން ފައިޓްކުރޭ. ﷲ އިރާދަފުޅުކުރެއްވިއްޔާ އަދި އަހަރެމެން ދެމީހުން ކައިވެނީގެ މަތިވެރި ގުޅުމުން ގުޅޭނަން. މިދުނިޔޭގައި ނުވެއްޖިއްޔާ އެދުނިޔޭގައިވެސް" އަހަރެން ބުނީމެވެ. ނަރުސް ކުއްޖެއް އައިސް ހުއްޓުމުން އަހަރެން އެތަނުން ނިކުންނަންވީ ވަގުތު ޖެހުނީކަން އިނގުނެވެ. އެވަގުތު އަހަރެން ވިއާންގެ ކަންފަތްދަށަށް ގުދުވެލާފައި ޝަހާދަތުގެ ދެ ކަލިމަ ކިޔައިލީމެވެ.

ބޭރަށް ނިކުތްއިރު އެންމެ ކައިރިން ފެންނަން ހުރީ މާމައެވެ. ވަގުތުން އަހަރެންނަށް މާމަގެ ގައިގައި ބައްދައިގަނެވިއްޖެއެވެ. އަހަރެން ރޮމުންދިޔަ ވަރަކަށް މާމަ އަހަރެންގެ ބުރަކަށީގައި ފިރުމަމުން ދިޔައެވެ. އަހަރެން ހިތްހަމަޖެހޭ ވަރަކަށް ރޯން ދޫކޮށްލައިގެން ހުރި ކަހަލައެވެ.

"ހުރިހާ މީހުންނަކީ ހިތްވަރުގަދަ މީހުންނެއްނޫން. ކާކަށް ކެތްވާނީ ތިމާ ލޯބިވާ މީހަކު މަރަށް ތެޅޭ މަންޒަރު ބަލަން. އަދި ޑޮކްޓަރުން އުންމީދު ކަނޑައިިލި ވާހަކަ ބުނީމަ ކާކަށް ހުރެވޭނީ ހިތްހަމަޖެހިގެން" ގޮނޑިބަރީގައި އިން އަންހެނަކު މާމައަށް ބުންޏެވެ. އެމީހާއަށް ރައްދު ދިނުން މުހިންމު ކަމަކަށް މާމައަށް ނުވިއެވެ.

"އެތާ އެތެރޭގައި އެ އޮތީ މިދުނިޔޭގައި ހުރި ހަމައެކަނި އަހަރެން މާމަ ދަރިފުޅު. އެދަރިފުޅު ބޮޑުކޮށް މީހަކަށް ހަދަން އަހަރެންގެ މި ދެއަތުން ކުރި މަސައްކަތް ދެނެވޮޑިގެންވާނީ އެހެން ފަރާތަކުން. ބައެއްގެ މިޔަ ތޫނު ހަންޖަރު ތަކެއްގެ ޝިކާރައަކަށްވެ ދިރިއުޅުމާ މަރާ މެދު ހަނގުރާމަކުރަމުން އެކުއްޖާ އެދަނީ. އަހަރެންގެ މޭގެ ތެރޭގައިވެސް ހިތެއްވޭ. އެ ހިތަށް އަސަރުވެސް ކުރޭ. އެހެން އޮންނަ މަންޒަރު ފެންނަ ކޮންމެ ފަހަރަކު އަހަރެންގެ ލަގޮނޑިއަށްވެސް ބާރުކުރޭ. އެކަމަކު އަހަރެންނަށް އިނގޭ އެދަރިފުޅު މިދިނުޔެއަށް އައީ އެއްވެސް އިންސާނެއްގެ ބާރުގައި ނޫންކަން. މިދުނިޔެމަތީގައި އެސޮރު މީހަކަށް ހެދީ އަހަރެންގެ މޮޅު ކަމަކުން ނޫންކަން. އެކުއްޖާއަށް ލިބުނު ހެޔޮ ތަރުބިއްޔަތަކީ އަހަރެންގެ މަސައްކަތް ވިޔަސް އެކަމަށް ހެއްދެވިފަރާތުން މެދުވެރިޔަކަށް އަހަރެން ހެދީ. އިންސާނުންނަށް ދަރިން ދެއްވަނީ އެފަރާތުން. އެހެންވީމަ އެކަލާނގެ ދެއްވި އަމާނާތެއް ގެންދަވަންވީމަ ގެންދަވާނެ. އެކަމަކަށް އަހަރެމެން އިންސާނުންނަށް ކުރެވޭނެ އެއްވެސް ކަމެއް ނޯންނާނެ. އަހަރެންގެ އުމުރުގެ ބާކީ އޮތް ދުވަސްތަކުގައި އެކުއްޖާ އަހަރެންނާއެކު އުފާވެރި ހަޔާތެއް ހޭދަކުރަން އިރާދައިގައި އޮތްނަމަ ހަމަ ޔަގީން މިދުނިޔެއަށް އެކުއްޖާ ލޯ ހުޅުވާނެކަން. އެއީ ޝައްކެއްވެސް އޮތް ކަމެއްނޫން. ހަމަ އެގޮތަށް އަހަރެންގެ އުމުރުގެ ބާކީ މިއޮތް ދުވަސްތަކުގައި އަހަރެންނާއެކު އެސޮރު އުޅެން ލިޔުއްވާފައި ނެތްނަމަ އެސޮރު އެކަލާނގެ ހަޟްރަތަށް ގެންދަވާނެ. އެއި ހަގީގަތަކީ. ކޮންމެ ގޮތަކަށް ޑޮކްޓަރުންގެ ހަބަރު އަޔަސް އަހަރެމެން ޖެހޭނީ އެކަން ގަބޫލުކުރަން. އެންމެ ރަނގަޅަށް ކަންތައްތައް ހިންމަވައިދެއްވުމަށް އެދި އަހަރެމެން އަޅުންނަށް ދެއަތް އުފުލާ ދުޢާ ކުރެވިދާނެ. މުއުމިނު އަޅާގެ އެންމެ ބާރުގަދަ ހަތިޔާރަކީ ހުޝޫއަތްތެރިކަމާ މަޑުމޮޅިކަމާއެކު ދެއަތް އުފުލައިގެން އިނދެ އެކަލާނގެއަށް ކުރެވޭ ދުއާ" ބަސްއުކި މީހާއަށް ކުރިމަތިލައިގެން އިނދެ މަޑުމައިތިރިކަމާއެކު މާމަ ވާހަކަދެއްކިއެވެ. އެތަނުން އެއްވެސް މީހަކު މާމަގެ ބަސްތަކާ ވިއްދާފައި އެއްޗެއް ނުބުނެއެވެ. ތަނަށް ވެރިވެގެން ދިޔައީ ހަމަހިމޭންކަމެވެ.

ގަޑިއަކަށްފަހު ގަޑިއެއް ފާއިތުވަމުން ދިޔައެވެ. މެންދުރުގެ ވަގުތުތައް ފަހަނައަޅާ އަސުރުން ތިރިވެއްޖެއެވެ. މިސްކިތުން ނިކުތްގޮތަށް މަންމަ ބޭރަށް ދާން ބޭނުންވެގެން އެވާހަކަ ބުނެލިއެވެ.

"ކޮންތާކަށް" އަހަރެންނަށް އެހުނެވެ.

"މަންމަ ހުރި ގެއަށް" މަންމަ ބުނެލިއެވެ.

"ޒިޔާން ގުޅާވަރުން. މަންމަ ދާން ބޭނުން. މިއީ ޒިޔާން ކައިރިއަށް މަންމަ ދާ ފަހުފަހަރު. މަންމަ ނިންމަންޖެހޭ ނިންމުންތަކެއް އެބަހުރި. ﷲ އިރާދަކުރެއްވިއްޔާ ވަރަށް އަވަހަށް އެނބުރި އަންނާނަން" މަންމަ ބުނެލިއެވެ.

"މަންމައަށް އިނގޭނެތަ އެކަނި ދާން" އަހަރެން އެހީމެވެ.

"ޓެކްސީއަށް އިނގޭނެއްނު ދާން" މަންމަ ބުނެލިއެވެ.

އަހަރެމެންނަށް އައިސީޔޫ ކައިރިއަށް އާދެވުނުތާ މާގިނައިރެއް ނުވަނީސް ވިއާންގެ ބެލެނެވެރިޔަކަށް ގޮވާލައިފިއެވެ. އާލިމް އަހަރެންނަށް ބަލައިލިއެވެ. އަހަރެން ހިނިތުންވުމެއް ދިނުމާއެކު ދޮރާ ދިމާލަށް އާލިމް ހިނގައިގަނެއްޖެއެވެ.

ބޭރަށް ނިކުމެ ހުރި ޑޮކްޓަރު އާލިމާ ވާހަކަތަކެއް ދެއްކިއެވެ. އަހަރެން ތެދުވެގެން ދާން ހިނގައިގަތުމުން މާމަ އެދުނީ މަޑުކުރުމަށެވެ. އާލިމްގެ ފުރަގަސް ހުރިއިރު އަހަރެމެންނަށް ކުރިމަތިލައިގެން ހުރީ ޑޮކްޓަރެވެ. އެހެންކަމުން ޑޮކްޓަރުގެ މޫނުމައްޗަށް އަރައި ފައިބަމުންދާ ހުރިހާ ކުލަވަރުތަކެއް ވަރަށް ސާފުކޮށް އަހަރެންނަށް ފެނުނެވެ. ދަމުން ހީލާފައި އާލިމްގެ ކޮނޑުގައި ޑޮކްޓަރު ޖަހައިލިއެވެ. އަދި ހިތްވަރުކުރާށޭ ބުނާ ކަހަލަ ގޮތަކަށް ބޯޖަހައިލިއެވެ.

"ކީކޭ ޑަކްޓަރު ބުނުއްވީ؟" އާލިމް އައުމާއެކު މާމަ އެހިއެވެ. އަހަރެންވެސް އިނީ އެސުވާލު ކުރަން ބޭނުންވެފައެވެ. އަހަރެންނަށް ވުރެ ކުރިން މާމަ އެހުމުން އަހަރެންނަށް ބަލައިލެވުނީ އާލިމްގެ މޫނަށެވެ. އަވަސް ޖަވާބަކަށް އެދޭ ފަދައިންނެވެ.

"ކަނާތްފަރާތަށް ދާއިރު ތިންވަނައަށް ޖެހޭނީ އެ ޑޮކްޓަރުގެ ކޮޓަރި. ޕޭޝަންޓްގެ އާއިލާ މެންބަރުންނާ ބައްދަލުކޮށް ވާހަކަދައްކަން ބޭނުންވާ ވާހަކަ ބުނި. ވަރަށް ގިނަ ކަންކަން އޮޅުންފިލުވައިދޭން އެބަޖެހެއޭ. އަހަރެން ބުނިން ޕޭޝަންޓްގެ މަންމަ މިވަގުތު މުހިންމު ކަމެއްގަ ބޭރަށް ނިކުމެލައިފިއޭ. އެހެން ބުނީމަ ބުނި އައިހާ އަވަހަކަށް ތިމަންނަ އާ ބައްދަލުކޮށްލަން އަންނާށޭ. މިރޭ އެގާރަ ޖަހަންދެން ތިމަންނަ ހޮސްޕިޓަލުގައި އުޅޭނަމޭ" އާލިމް އޮޅުންފިލުވައިދިނެވެ.

"އަނެއްކާ ކިހިނެއްވީބާ؟" އަހަރެންގެ ހިތް ބުނެލިއެވެ. ހިތްއަވަސްވެ ނޭވާލާންވެސް އުނދަގުވިއެވެ.

"ދެން އަހަރެން އެހިން އެއްވެސް ކަމެއް ގޯސްވީހޭ އަނެއްކާ" އިތުރަށް އާލިމް ބުނެލިއެވެ. ހަރަކާތް ހުއްޓިފައިވާ ބުދެއް ފަދައިން އަހަރެންނަށް އާލިމްގެ މޫނަށް ބެލެމުން ދިޔައެވެ.

"ބުނީ ނޫނެކޯ. އޮތް ވަރަށް ވުރެ ގޯހެއްނުވެއޯ ބުނީ. ދެން އިތުރަށް ކިޔައިދޭނަމޭ ބުނީ. ދުއާ ކުރާށޭ" އާލިމް ބުނެލިއެވެ. މާމަ ހެއްދެވިފަރާތަށް ޝުކުރުކޮށްލިއެވެ.

"ދަރިފުޅު ގުޅާބަލަ މާޖިދާ ވީ ކޮން ހިސާބެއްގަތޯ ބަލައިލަން" މާމަ އަހަރެންނަށް ބުންޏެވެ. ދަބަސް ތެރޭގައި އޮތް ފޯނު ނަގައިގެން އަހަރެން އެއްފަރާތަކަށް ޖެހުނީމެވެ. ފޯނު ރިންގުވާން ހަމަ ފެށުމާއެކު މަންމަ ފޯނު ނަގައިފިއެވެ.

***

ޑޮކްޓަރުގެ ކުރިމަތީގައި އަހަރެމެން މަޑުކޮށްލައިގެން ތިބީމެވެ. މޭޒު ކައިރީގައި ހުރި ގޮނޑީގައި އިށީނދެގެން ތިބީ މަންމަ އާ މާމައެވެ. އަހަރެންނާ ރީޝަމް އަދި އާލިމް ތިބީ ފަހަތުގައި ކޮޅަށެވެ.

"އަލްހަމްދުލިﷲ. ޕޭޝަންޓްގެ ހާލު މިހާރު ސްޓޭބަލް" ޑޮކްޓަރު ބުންޏެވެ. ހިތާހިތުން ހެއްދެވިފަރާތަށް ހަމްދުކޮށްލާފައި އަހަރެންނަށް ހަމަޖެހުމުގެ ނޭވައެއް ބޭރުކޮށްލެވުނެވެ.

"އިއްޔެގަ ހީވި ހަމަ ދެންމެ ދެންމެ ފުރާނަ ދަނީއޭ. ވަރަށް ގަދައަށް ހުންވެސް ހުރި. ބީޕީވެސް ހުރީ މަތީގަ. އެކަމަކު މިހާރު ހުރިހާކަމެއް ރަނގަޅު. ރޭގައި ދަންވަރު އަޅުގަނޑުމެން ޕޭޝަންޓް ވަރަށް ގާތުން މޮނީޓަރ ކުރިން. ސިކުނޑީގެ ހަރަކާތްތައް ވަރަށް ރަނގަޅު. ކަޅިވެސް ބަރާބަރަށް މޫވްކުރޭ މިހާރު. ލަންގްސް ގަ ހުރި އިންފެކްޝަނަށް މިދަނީ އެންޓިބަޔޮޓިކް ދެމުން. ހަށިގަނޑުގައި ހުރި ޒަހަމްތައް ހީލްވަމުން އަންނަނީ. ފަޔަށް ލިބިފައި ހުރި ފުން ޒަހަމް އަޅުގަނޑުމެން އުންމީދު ކުރަނީ ރަނގަޅުވާނެ ކަމަށް. މިއަދު ހެނދުނު ކަށީގެ ޑޮކްޓަރާ އޮޕަރޭޝަން ޑޮކްޓަރުންނާއެކު ކުޑަ ބައްދަލުވުމެއް ކުރިއަށްދިޔަ. އެ ބައްދަލުވުމުގައި އަޅުގަނޑުމެން ނިންމީ ފައި ބުރިނުކުރަން. ސަބަބަކީ ޕޭޝަންޓް ހެއަރާތަނުން އޭނާގެ އެއްފައި ނެތްކަން އިނގިއްޖިއްޔާ ޝޮކަކަށް ހިނގައިދާނެ. އެހެންވީމަ އެގޮތަށް ނިންމީ. އަޅުގަނޑުމެން އިއްޔެގަ އުންމީދު ކޮށްގެން ތިއްބަސް ޕޭޝަންޓްގެ ހާލު ރަނގަޅުވަމުން އަންނާތީ ވަރަށް ބޮޑު އުންމީދެއް އެބައޮތް. މިއީ ޑޮކްޓަރުންގެ ކުޅަދާނަކަމެއް ނޫންކަން ހަމަ ޔަގީން. މިއީ ޕޭޝަންޓްއަށްޓަކައި ބަޔަކު ކުރަމުންދާ ހެޔޮ ދުއާގެ ނަތީޖާ" ހިނިތުންވުމަކާއެކު ޑޮކްޓަރު ވާހަކަދައްކަމުން ދިޔައެވެ. އަހަރެންގެ ދެލޮލުން އުފާވެރިކަމުގެ ކަރުނައެއް ފައިބައިގެން ދިޔައެވެ. ހިތުގައި ހެއްދެވިފަރާތަށްޓަކައި އޮތް ލޯބި ފުންވެގެން ދިޔައެވެ. މާމަގެ ހެޔޮ ބަސްތައް ހަނދާންވެގެން ދިޔައެވެ.

"ހީވަނީ ކުރިއަށް މިއޮތް ދެ ދުވަސްތެރޭގައި ޕޭޝަންޓް ހޭއަރާނެހެން. އޭގެފަހުން އަދި ބަލަންޖެހޭ ބެލުންތައް ބަލާފައި ވޯޑަކަށް ބަދަލުކުރަން ވިސްނާނީ" ޑޮކްޓަރު ބުންޏެވެ.

ޑޮކްޓަރުގެ ކޮޓަރިން ނިކުތުމުގެ ކުރިން މާމަ ޝުކުރުގެ ސަޖިދައެއް ޖެހިއެވެ. ކޮންމެ މީހެއްގެ ލޮލުން ވެއްޓެނީ އުފާވެރިކަމުގެ ކަރުނައެކެވެ. އަހަރެންގެ ތުންފަތްމަތީގައިވީ ހިނިތުންވުމެކެވެ. ޑޮކްޓަރު އެ ހަބަރު ދިނުމާއެކު ވަގުތުން ވިއާން ދެކެން ބޭނުންވިއެވެ. ހިތުތެރޭގައި އުފެދިފައިވާ ގިލަންވެރިކަން ފިލައިގެން ގޮސް މުޅި ހިތް ސާފުވެއްޖެއެވެ. ކުރިއަށް ވުރެ ފަސޭހައިން ނޭވާ ލެވޭހެންވެސް މިހާރު ހީވެއެވެ.

"މާމަ ބުނީމެއްނު ޑޮކްޓަރުން އުންމީދު ކަނޑާލިޔަސް އެކަލާނގެ ރަހްމަތުން އުންމީދު ކަނޑާނުލާށޭ. އެހެން މާމަ ބުނީ ކީއްވެގެންކަން މިހާރު އިނގިއްޖެނު" މާމަ ބުނެލިއެވެ.

"އެހެންވީމަ ހިނގާ ހުރިހާ މީހުން މިސްކިތަށް" މާމަ ބުނެލިއެވެ.

***

ގަޑިން އެގާރަ ޖެހުމުން އަހަރެން ގެއަށް އައިރު ހިތަށް ހަމަޖެހުން ލިބިފައިވިއެވެ. ހިތުގައި އެއްވެސް ޝައްކެއް ވަހުމެއްނެތެވެ. ވިއާންގެ މައްޗަށް އެކަލާނގެ ހެޔޮ ރަހްމަތްފުޅު މިންވަރު ކުރައްވާނެކަމަށް އަހަރެންގެ ހިތުގައި އޮތް އުންމީދު ބޮޑުވިއެވެ. އެކަލާނގެ އީ އެއްވެސް އަޅަކަށް ދެރަގޮތެއް މިންވަރު ނުކުރައްވާނެ، އެކަލާނގެ އަޅުތަކުންނަށް އެންމެ އޯގާވަންތަ ޢަދުލުވެރި އިލާހެވެ.

"މާމަމެން ހެދުން ބަދަލުކޮށްލައިގެން އާދޭ. އަޅުގަނޑު ކާއެއްޗެއް ތައްޔާރުކޮށްލާނަން" ގޭތެރެއަށް ވަންގޮތަށް ކޮނޑުގައި އޮތް ދަބަސް ސޯފާ މައްޗަށް އެއްލާފައި އަހަރެން ބުނީމެވެ. މާމަ އަހަރެންނަށް ބަލައިލާފައި ހީލިއިރު ބަހެއް ނުބުނެ މަންމަ ގޮސް ސޯފާގައި އިށީނދެއްޖެއެވެ.

"މާމައަށް އިނގޭ ދަރިފުޅު ތިހުރީ ވަރަށް އުފަލުންކަން. މިދިޔަ ދެތިން ރެ އާ މިރެ އާ ދަރިފުޅު ހާސްބައި ތަފާތު" އަހަރެންގެ ކޮނޑުގައި އަތް ބާއްވައިލަމުން މާމަ ވާހަކަދެއްކިއެވެ.

"އަޅުގަނޑު ވަރަށް އުފަލުން މިހުރީ. އަޅުގަނޑު ދެން އެއްވެސް ހިތާމައެއް ނުކުރާނަން. ދެރަގޮތަކަށް ކަމެއް ދިމާވިޔަސް ޝަކުވާއެއް ނުކުރާނަން. އަޅުގަނޑު ހިނގާނީ މާމަގެ ފިޔަވަޅުގެ މަތިން ފިޔަވަޅު އަޅަމުން" އަހަރެން ބުނީމެވެ. މާމަ ހިނގައިގަނެފައި ބަސްމަދުވެފައި އިން މަންމަ އަހަރެންނަށް ދައްކައިލިއެވެ.

"މާމަ އިތުރަށް ކާހިތެއްނެތް. އާލިމް ގެނެސްދިން ކުޅި ބޯކިބާކޮޅު ކާލީމަ ބަނޑު ފުރިފަ ހުރީ. މާމަ ބޭނުމީ ނިދާލަން" ކޮޓަރި އާ ހަމައަށް ގޮސްފައި އެނބުރިފައި މާމަ ބުނެލިއެވެ. އިތުރަށް މާމަ ހުއްޓުވާފައި މާމައަށް އެއްވެސް މަޖުބޫރުކަމެއް ދައްކަން އަހަރެން ބޭނުމެއްނުވިއެވެ. މި ދިޔަ ރޭތަކުގައި މާމަ ހަމަ ނިދި ނިދާފައެއް ނެތެވެ. ހިތަށް ތަސައްލީއެއް ލިބުމާއެކު މާމަ ބޭނުން އެވީ ސިކުނޑިއަށް ލުޔެއް ދިނުމަށެވެ. ހަމަޖެހުމުގެ ނޭވައެއް ދޫކޮށްލާފައި ބަދިގެ އާ ދިމާލަށް ހިނގައިގަތްތަނާ ސޯފާގައި އިން މަންމަ އަޅައިގަތެވެ. އަހަރެން ގޮސް މަންމަ ގާތުގައި އިށީނދެފައި ކޮނޑުގައި އަތް ޖައްސައިލީމެވެ. ސިހިފައި މަންމަ އަހަރެންނަށް ބަލައިލި ގޮތުން ހީވީ ބިރުވެރި ހުވަފެނަކުން ހޭލެވުނު ހެންނެވެ.

"މަންމާ، ކޮން ފިކުރެއްގަ" އަހަރެން އެހީމެވެ.

"ފިކުރުކުރެވޭނެތާ. ﷲ ގެ އިރާދަފުޅުން މިދުވަސް ވެސް މާޒީ އާ އެކުވެގެން ހިނގައިދާނެ" މަންމަ ބުނެލިއެވެ. ވިއާންގެ ހާލަތު ރަނގަޅުވަމުން އަންނަ ކަމަށް ޑޮކްޓަރުން ހަބަރު ދިނަސް އެ އުފާވެރިކަމެއް މަންމަގެ މޫނުމަތިން ނުފެނެއެވެ. އުނގުތެރޭގައި އޮތް އައްތިލަ އަނެއް އަތްތިލަ އާ މޮޑެމުން ދިޔައިރު މަންމަގެ މޫނުމަތިން ކަންބޮޑުވުމާއި މާޔޫސީ ކުލަވަރު ހާމަވަމުން ދިޔައެވެ.

"ޒިޔާނާ ބައްދަލުވިތަ؟" އަހަރެން އެހީމެވެ.

"އާނ. އަހަރެން މިއައީ އެ އިބިލީސް ކައިރީގައި ބުނެފަ އަހަރެންގެ ޒިޔާން ކިޔާ ދަރިއެއް ނުހުންނާނޭ. މަންމަގެ ހީކުރުން ހަމަ ރަނގަޅު. ވިއާނު ކޮށާލީ ހަމަ އޭނަ. މަންމަގެ ކުރިމަތީގައި އޭނަ އެކަމަށް އިއުތިރާފުވެއްޖެ" އަސަރާއެކު މަންމަ ވާހަކަދެއްކިއެވެ.

"އިނގޭ. ރޭގައި އަޅުގަނޑަށް ގުޅި. ދެއްކި ވާހަކަތައް ރިކޯޑްކުރިން. ފުލުހުންނަށް މި އޯޑިޔޯ ކްލިޕް އިއްވާނަން. އިންޝާﷲ. މަންމަ ހާސްނުވޭ. ވަރަށް އަވަހަށް އޭނައަށް ހައްގު އަދަބު ލިބޭނެ" އަހަރެން ބުނީމެވެ.

"ވިއާނަށްފަހު މަންމައަށް ލިބުނު ދަރިއަކީ ޒިޔާން. އެކުއްޖާ މިދުނިޔެއަށް އުފަންވި ދުވަހު މަންމަ ހާދަ އުފަލެއްވިއޭ. ލަބީބުގެ ފަރާތުން އޯގާތެރިކަމެއް ލޯތްބެއް މަންމައަށް ނުލިބުނަސް މައެއްގެ ފަރާތުން ލިބެންވާ އެއްވެސް ލޯތްބެއް މަންމަ ޒިޔާނަށް އުނި ނުކުރަން. ޒިޔާން ގެންގުޅުނީ ވިއާނަށް ވުރެ ވެސް ލޯބިން. ބޮޑުވަމުން އައިރު ހެޔޮ ނުބައި ވަކި ކޮށްދިނިން. ޤުރުއާން ކިޔަވައިދިނިން. ތައުހީދަކީ ކޯޗެއްކަން ބުނެދިނިން. އިސްލާމްދީނަށް ހޭނުވިން. މަންމަގެ އިނގިލީ ކުރީގައި ހިފައިގެން ބިންމަތީގައި އެޅި އެންމެ ފުރަތަމަ ފިޔަވަޅުވެސް އެޅީ ސީދަލަށް. އެދުވަހު މަންމަ އަމިއްލަ ނަފްސަށް ފަހުރުވެރިވިން. އުންމީދުކުރިން ޒިޔާން ބޮޑުވާނީ އިސްލާމްދީނަށް ލޯބިކުރާ އީމާންތެރިކަން ވަރުގަދަަ ދަރިއެއްގެ ގޮތުގައޭ. މިދަރިފުޅު ދުވަހަކުވެސް ކަތި ފިޔަވަޅެއް ނާޅާނޭ. އެކަމަކު...." އެ ހިސާބަށް ބުނެފައި މަންމަގެ އަޑު ކުރެހިއްޖެއެވެ. ދެލޮލުންހޯސްލާފައި ކަރުނަތައް ފައިބައިގަނެއްޖެއެވެ.

"އެކަމަކު... މަންމަގެ ހިތަށް އަރައި އެ ނުބައި މަގު ޒިޔާން އިހްތިޔާރުކުރީ އެކުއްޖާ ތަރުބިއްޔަތު ކުރުމުގައި މަންމަގެ ފަރާތުން ކިހާ މިންވަރެއް އުނިވެގެންބާއޭ. ހާދަ މީހުންނެއް މަންމައަށް އިނގިލި ދިއްކުރާނޭ. އެއްވެސް އިންސާނަކަށް ހަގީގަތެއް ނޭނގޭނެ" އަތުގައި އޮތް ޓިޝޫ އިން ނޭފަތް ފޮޅާލަމުން މަންމަ ވާހަކަދެއްކިއެވެ.

"މަންމާ، އެކަމާ އެހާ ބޮޑަށް ނުވިސްނާ. ގައިން ލޭއޮހޮރުވައިގެން މައިން ދަރިންނަށް ދިން ރިވެތި ތަރުބިއްޔަތު ދަރިން ނުބައި މަގު އިހްތިޔާރުކުރުމުގެ ސަބަބެއް ކަމުގައި ވެގެންނުވާނެ. ބައެއްފަހަރު އަމިއްލައަށް ވެސް ނުބައި މަގު ދަރިން އިހްތިޔާރުކުރޭ. އެއީ މަންމަގެ މައްސަލައެއްނޫން. އެކަމުގަ މަންމަގެ އަމިއްލަ ނަފްސު ކުށްވެރި ނުކުރޭ" އަހަރެން ވާހަކަދެއްކީމެވެ. ލޯތްބާއެކު މަންމަގެ ކަރުނަތައް ފޮހެދިނީމެވެ.

"މަންމަގެ ހިތަށް ހާދަ އަސަރެއްކުރެއޭ. އެންމެފަހުން.... އެންމެފަހުން މަންމަގެ އަތުން ދެ ދަރިންވެސް ބީވެގެން ދާނީ ކަންނޭނގެ" މޫނުމަތީގައި އަތް އަޅާފައި މަންމަ ރޯންފެށިއެވެ. އެ މަންޒަރު ބަލަން އަހަރެންނަށް އިނދެވުނީ ހިތްފަޅައިގެންދާ ހާލުގައެވެ.

(ނުނިމޭ)