މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށްޓަކައި ތިމާވެއްޓާ ރަށްޓެހި ޓެކްނޯލޮޖީއަށް އިންވެސްޓް ކުރަން ޖެހޭ ކަމަށާއި، މި ބަދަލު ގެނެވޭނީ މިފަދަ ޓެކްނޯލޮޖީ ގާއިމުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުވެގެން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހް ވިދާޅުވެއްޖެ އެވެ.
ރައީސް ސޯލިހް މިހެން ވިދާޅުވެފައިވަނީ ތިމާވެށި ރައްކާތެރިކުރުމުގައި ކުދި ގައުމުތަކުގެ އަޑު އުފުލައިދިނުމަށާއި، ތަރައްގީ ވެފައިވާ
ގައުމުތަކުން ތިމާވެއްޓާ ގުޅޭ ގޮތުން ކަނޑައަޅާފައިވާ ލަނޑުދަނޑިތަކަށް ވާސިލުވޭތޯ ކަށަވަރު ކުރުމުގެ މަގުސަދުގައި، އިނގިރޭސިވިލާތުގެ ވަލީއަހުދު ހިޒް ރޯޔަލް ހައިނަސް ޕްރިންސް އޮފް ވޭލްސް ޗާލްސް ފިލިޕް އަތަ ޖޯޖްގެ އިސްނެންގެވުމަށް ވާޗުއަލްކޮށް ބޭއްވި އޭޝިއާ ސަރަހައްދުގެ ކޮމަންވެލްތު ގައުމުތަކުގެ އިސް ވެރިންގެ ވަށްމޭޒު ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މި ބައްދަލުވުމުގައި ރާއްޖޭގެ އިތުރުން ސިންގަޕޫރު، ބަންގްލަދޭޝް، މެލޭޝިޔާ، އަދި، ސްރީލަންކާގެ ރައީސުންނާއި ބޮޑުވަޒީރުން ވަނީ ބައިވެރިވެވަޑައިގެންފަ އެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ދުނިޔޭގެ ފިނި ހޫނުމިން 1.5 ޑިގްރީ ސެލްސިއަސްގައި ހިފެހެއްޓޭތޯ މަސައްކަތް ކޮށްދިނުމަށް ހުރިހާ ގައުމު ތަކަށް ގޮވާލައްވާފަ އެވެ.
މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށްޓަކައި ތިމާވެއްޓާ ރަށްޓެހި ޓެކްނޯލޮޖީއަށް އިންވެސްޓް ކުރަން ޖެހޭ ކަމަށާއި، މި ބަދަލު ގެނެވޭނީ މިފަދަ ޓެކްނޯލޮޖީ ގާއިމުކުރުމަށް ބޭނުންވާ މާލީ އެހީތެރިކަން ކަށަވަރުވެގެންކަމަށް ރައީސް ސޯލިހް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން އެމަނިކުފާނު ވަނީ އަންނަ ނޮވެމްބަރު މަހު ސްކޮޓްލަންޑްގެ ގްލަސްގޯ ގައި ބޭއްވުމަށް ރާވާފައިވާ ކޮޕް26 ސަމިޓްގައި މިކަމަށް ތާއީދު ކުރެއްވުމަށް ވަށް މޭޒުގެ ބައިވެރިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.
އެމަނިކުފާނު ވިދާޅުވިގޮތުގައި ކްލައިމެޓް ޕްލޭންގައިވާ ގޮތަށް މިކަމުގެ ހައްލަކީ ތިމާވެއްޓަށް ލިބޭ ގެއްލުން ކުޑަކުރުން އެކަނި ނޫންކަމަށާއި، ތިމާވެއްޓަށް އަންނަ ބަދަލުތަކާ އެއްވަރަށް ވިލުންވެރިކަން އިތުރުކޮށް، ތަރައްގީގެ މަޝްރޫއުތައް ހިންގުމުގައި ތިމާވެއްޓާ ރައްޓެހި ވަށްޓަފާޅިއެއް ގެންގުޅުން މުހިންމު ކަމަށެވެ.
ރާއްޖޭގެ އިގްތިސޯދުގެ ނާރެހަކީ ކަނޑުފަޅާ ނުހަނު ބޮޑަށް ގުޅިފައިވާ އެއްޗެއް ކަން ފާހަގަ ކުރައްވައި އެމަނިކުފާނު ވިދާޅުވީ، ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ރައްކާތެރިކޮށް ބަދަލުވަމުންދާ މޫސުމަށް ދިރިއުޅުމުގެ ހުރިހާކަމެއް ހޭނުމުގެ މުހިންމުކަމަށާއި، ރާއްޖެ ފަދަ ނާޒުކު ގައުމަކުން އަލުން އިގްތިސޯދު އާރާސްތުކުރުމުގައި ދެމެހެއްޓެނިވި ވިލުންވެރި ގޮތްތަކެއް ހިޔާރުކުން މުހިންމުކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެ ތަރައްގީކުރުމުގައި ތިމާވެއްޓާ ރައްޓެހި ފެހި މިސްރާބަކަށް ގެންދިޔުމަށް މަސައްކަތް ކުރާ ކަމުގައި ވިދާޅުވެފަ އެވެ. އެގޮތުން، ރާއްޖެއިން ކްލައިމެޓް އިމަޖަންސީ ގާނޫނެއް އެކުލަވާލައި އެ ގާނޫނު ތަސްދީގު ކޮށްފައިވާ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ގާނޫނަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ދިވެހިންނާއި ދިވެހިރާއްޖެ ރައްކާތެރިކޮށް ހިމާޔަތްކުރުމަށްޓަކައި ތަންފީޒުކުރަންޖެހޭ ސިޔާސަތުތައް އެކުލަވައިލުމުގެ ގޮތުން އުފެއްދި ގާނޫނެކެވެ. މި ގާނޫނުގައިވާ ގޮތުން 2030 ވަނަ އަހަރުގެ ނިޔަލަށް ރާއްޖެ ކާބަން ނިއުޓްރަލް ގައުމަކަށް ހެދުމަށް ވަނީ ލަނޑުދަނޑިއެއް ކަނޑައަޅާފައެވެ.
މީގެ އިތުރުން ރައީސުލްޖުމްހޫރިއްޔާ ވަނީ ރާއްޖެއާއި ބްލޫ ޕްރޮސްޕެރިޓީ ކޯލިޝަނާއެކު ކުރަމުން އަންނަ ކަނޑުފަޅުގެ ދިރާސާ އަދި މެރިޓައިމް ސްޕެޝަލް ޕްލޭންގެ މަސައްކަތުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. އަދި، އެމަނިކުފާނު ވަނީ ރާއްޖޭގެ ކަނޑުތަކުގައި ހާއްސަ ސަރަހައްދުތަކެއް ކަނޑައަޅައި ހިމާޔަތްކުރެވިފައިވާ ކަމުގައި ވިދާޅުވެފަ އެވެ.
އިއްޔެ ބޭއްވި މި ބައްދަލުވުމާއެކު ނިމިގެން އެދިޔައީ ހިޒް ރޯޔަލް ހައިނަސް ޕްރިންސް ޗާލްސް އިސްނަންގަވައިގެން ސިލްސިލާކޮށް ކުރިޔަށްގެންދެވި ސަރަހައްދީ ކޮމަންވެލްތު ލީޑަރުންގެ ވަށްމޭޒު ބައްދަލުވުމުގެ އެންމެ ފަހު ބައްދަލުވުމެވެ. މި ބައްދަލުވުންތަކުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކޮށްފައިވަނީ އިގްތިސޯދު އާރާސްތުކުރުމާއި، މޫސުމަށް އަންނަ ބަދަލުތަކާއި، ދެމެހެއްޓެނިވި ގޮތެއްގައި އިންވެސްޓްކުރެވޭނެ ގޮތްތަކާ ބެހޭ ގޮތުންނެވެ. މި ބައްދަލުވުންތަކުގެ ސަބަބުން ކޮޕް26 ސަމިޓަށް ތައްޔާރުވުމުގައި ކޮމަންވެލްތު ގައުމުތަކުން ގުޅިގެން ނިންމުންތައް ނިންމުމަށް އެހީތެރިވެދެއެވެ.
މި ބައްދަލުވުންތައް އިންތިޒާމުކޮށްފައި ވަނީ ކޮމަންވެލްތްގެ ކުރީގެ ޗެއާ އަދި މިހާރު ޗެއާ ގެ ހައިސިއްޔަތުން އިނގިރޭސިވިލާތުގެ ސަރުކާރާއި ރުވާންޑާގެ ސަރުކާރުން ގުޅިގެންނެވެ.
ޚަބަރު
ޚަބަރު
ޚަބަރު