ފަލަސްތީނުގެ މުސްލިމުންނާ ދެކޮޅަށް އިސްރާއީލުގެ ޔަހޫދީން ހިންގަމުން އަންނަ ލާއިންސާނީ އަމަލުތަކާ ގުޅިގެން ހާލުގައި ޖެހިފައިވާ ފަލަސްތީނުގެ އަހުންނާއި އުހުތުންނަށް އެހީވުމުގެ ފަންޑް ރައިސިން ހަރަކާތުގައި އެވިޑް ކޮލެޖް ސްޓޫޑަންޓް ޔޫނިއަންއިން ބައިވެރިވެއްޖެއެވެ.

މިއީ ދިވެހިރާއްޖޭގެ ގައުމީ ޔުނިވަސިޓީގެ ދަރިވަރުންގެ ޔޫނިއަން (އެމްއެންޔޫއެސްޔޫ) އަދި މާސީ އިސްވެ އޮވެ، ރާއްޖޭގެ ޔުނިވަސިޓީތަކާއި އަދި ކޮލެޖް ތަކުގެ ދަރިވަރުން ގުޅިގެން ހިންގާ ހަރަކާތެކެވެ. މާސީ ޖަމިއްޔާ އަކީ މިފަދަ އިންސާނީ އަދި އިޖުތިމާއީ މައްސަލަތަކަށް އެހީތެރިވުމަށް ފަންޑް ރެއިޒް ކުރާ، ނޮން ޕްރޮފިޓް، ދިވެހި ޖަމިއްޔާއެކެވެ.

މި ހަރަކާތުގައި މިހާތަނަށް އެވިޑް ކޮލެޖް ގެ އިތުރުން، މޯލްޑިވްސް ނޭޝަނަލް ޔުނިވަސިޓީ (އެމްއެންޔޫ)، އިސްލާމިކް ޔުނިވަސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް)، ވިލާ ކޮލެޖް، ކްލިކް ކޮލެޖް، ސައިރެކްސް ކޮލެޖް، މެޕްސް ކޮލެޖް، އެމްއައި ކޮލެޖުން ވަނީ ބައިވެރިވެފަ އެވެ. އަދި ކުރިޔަށް އޮތްތަނުގައި އިތުރު ކޮލެޖުތަކުން ބައިވެރިވާނެ ކަމަށް ހަރަކާތް އިންތިޒާމް ކުރާ ފަރާތުން ވަނީ ބުނެފައެވެ.

އެވިޑު ކޮލެޖުން ބުނީ މިހަރަކާތުން ލިބޭ ފައިސާ މާސީއާ ހަވާލުކުރުމަށް ނިންމާފައިވާ ކަމަށާއި، އަދި އެ ފައިސާ މާސީ މެދުވެރިކޮށް އިންޓަނޭޝަނަލް އެއިޑް ކެމްޕެއިން (އައިއޭސީ) މެދުވެރިކޮށް ފަލަސްތީނުގެ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް ނިންމާފައިވާ ކަމަށެވެ.

އެގޮތުން ކުރިޔަށް ގެންދިޔުމަށް ހަމަޖެހިފައިވާ ހަރަކާތްތަކުގެ ތެރޭގައި ޓީޝާޓް ވިއްކުމާއި، މާސްކު ވިއްކުމުގެ އިތުރުން އެޗްޕީއޭގެ ހުއްދަ ލިބޭ މިންވަރަކުން މިސްކިތްތައް ކައިރީ ފަންޑު ފޮށި ބަހައްޓަން ނިންމާފައިވާ ކަމަށް އެވިޑު ކޮލެޖުން ވަނީ ބުނެފަ އެވެ.

އެވިޑް ކޮލެޖުގެ ދަރިވަރުންގެ ކައުންސިލްގެ ރައީސް، އިބްރާހިމް އިމްލާގު ވިދާޅުވީ، ޣާޒާ ހަނގުރާމައާ ބެހޭ އެންމެ ފަހުގެ މައުލޫމާތު މި ހަރަކާތްތަކުގެ ތެތެއިން ދިނުމަށް ޕެނަލް ޑިސްކަޝަންތަކެއް ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ.

މި އިވެންޓްގައި ފަންޑް ފޮށީގެ އިތުރުން ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށްވެސް އެހީވެވޭނެ ކަމަށް އެ ކޮލެޖުން ބުންޏެވެ.

އެހީވާން ބޭނުންވާ ފަރާތްތަކުން :7770000048136 (ރުފިޔާ އެކައުންޓް – ބީއެމްއެލް)

7770000048137 (ޑޮލަރު އެކައުންޓް ބީއެމްއެލް) އެކަަުންޓްތައް މެދުވެރިކޮށް ފައިސާ ފޮނުވޭނެ އެވެ.