ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހްމަދު އީސައާ ގުޅޭގޮތުން ފުލުހުންނަށް ހުށަހަޅާފައިވާ ގެވެށި އަނިޔާގެ މައްސަލަ ކުރިއަށް ނުގެންދިއުމަށް އޭނާގެ ފަރާތުން އަނިޔާ ލިބުނު ކަމަށް ބުނާ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމް ފުލުސް އޮފީހުގައި އެދިފައިވަނީ އެ ދެމީހުންގެ ދަރިފުޅަށްޓަކައި ކަމަށް އަސްރާ ބުނެފިއެވެ.
އަސްރާއާ އީސަގެ ދަރިފުޅު ލޫތުގެ ފޮޓޯއަކާއެކު ކުރި ޕޯސްޓެއްގައި އަސްރާ ބުނީ، އޭނާގެ ދަރިފުޅަށްޓަކައި ކޮންމެ ފަދަ ގުރުބާނީއެއް ވެސް ވެދާނެ ކަމަށެވެ.
ފުލުހުންވެސް ވަނީ، ގެވެށި އަނިޔާގެ މައްސަލައާ ގުޅިގެން އަނިޔާ ލިބުނު ކަމަށް ތުހުމަތު ކުރާ ފަރާތުން އެ މައްސަލަ ކުރިއަށް ގެންދަން ބޭނުން ނުވާކަމަށް ބުނެ އިއްޔެ ސިޓީއެއް ފޮނުވާފައިވާ ކަމަށް ބުނެފައެވެ.
މެންބަރު އީސައާ ގުޅޭ ގޮތުން ގެވެށި އަނިޔާގެ މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވަނީ މިމަހުގެ 19 ވަނަ ދުވަހުއެވެ. އެ މައްސަލަ ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ އަސްރާގެ އަވައްޓެރިއެއް ކަމަށް ވަނީ ބުނެފައެވެ. މައްސަލައާ ގުޅިގެން އަސްރާ ވަނީ ފެމެލީ އެންޑް ޗިލްޑްރަން ޕްރޮޓެކްޝަން ޔުނިޓަށް ގޮސް ބަޔާން ވެސް ދީފައެވެ.
މިކަމާ ގުޅިގެން ފުލުހުންނަށް ބަޔާން ދިނުމަށްފަހު އަސްރާ އޭނާގެ ފޭސްބުކް އެކައުންޓް މެދުވެރިކޮށް ބުނީ އެ ދުވަހަކީ އޭނާ އާއި ތުއްތު ދަރިފުޅަށް ވަރަށް އުނދަގޫ ދުވަހެއް ކަމަށެވެ. ނަމަވެސް ދެމައިން މިހާރު ތިބީ ހެޔޮ ހާލުގައި ކަމަށާއި އެއީ ދުވަހަކުވެސް ދިމާވެދާނެ ކަމަށް އުއްމީދު ކުރި ކަމެއް ނޫން ކަމަށެވެ.
އެ މައްސަލައާ ގުޅިގެން އީސަ މިހާތަނަށް އެއްޗެއް ވިދާޅުވެފައި ނުވާއިރު އޭނާގެ ދޮށީ ފިރިހެން ދަރި ވަނީ އީސާގެ ދިފާއުގައި ވާހަކަދައްކައިފައެވެ.
ޚަބަރު
ޚަބަރު
ޚަބަރު