މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) ގެ ދާއިރާތަކުގެ އިންތިހާބު 2021ގެ ވޯޓުލުން ސެޕްޓެމްބަރު 25 ގައި ބާއްވާ ގޮތަށް ނިންމައިފިއެވެ.
އެމްޑީޕީން މިއަދު ބުނީ، އެ އިންތިހާބުގައި ވާދަކުރެވޭނީ އިންތިހާބުގައި ވާދަކުރުމަށް ހުށަހަޅަންޖެހޭ އެންމެހައި ލިޔެކިޔުން މިމަހުގެ 8 ވަނަ ދުވަހުގެ ރޭ މެންދަމު 12:00 ގެ ކުރިން ހުށަހަޅާފައިވާ ފަރާތްތަކުގެ ތެރެއިން އެ ޕާޓީގެ ގައުމީ ހިންގާ ކޮމިޓީން ކަނޑައަޅާފައިވާ ޝަރުތުތައް ހަމަވާ ފަރާތްތަކަށް ކަމަށެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބު ބާއްވަން ކުރިން ތާވަލުކޮށްފައި އޮތީ މިމަމުގެ 29 ވަނަ ދުވަހަށެވެ. އެ އިންތިހާބު ފަސްކުރީ މި ހާލަތުގައި އިންތިހާބު ބޭއްވުން ރަނގަޅުކަމަށް ނުފެންނާތީ ކަމަށް އެމްޑީޕީން ބުންޏެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވާ މީހުންގެ އަދަދަކީ ޖުމްލަ 93،354 މީހުންނެވެ.
އިންތިހާބުގައި އެމްޑީޕީގެ ޖުމުލަ 455 މަގާމަކަށް މީހުން އިންތިހާބު ކުރާނެއެވެ. އޭގެ ތެރޭގައި ހިމެނެނީ ދާއިރާތަކުގެ ރައީސުންނާއި ނާއިބު ރައީސުންނާއި ދާއިރާތަކުގެ ސެކްރެޓަރީންނާއި ސެކްރެޓަރީގެ ނައިބުންނާއި މީޑިއާ ސެކްރެޓަރީންނާއި ޕްރޮވިންސްތަކުގެ ރައީސުންނާއި ނާއިބު ރައީސުންނެވެ.
އިންތިހާބުގައި ވޯޓު ލެވޭނީ މިދިޔަ މަހުގެ 18 ވަނަ ދުވަހާ ހަމައަށް ޕާޓީގައި ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް އެކަނި ކަމަށް މީގެ ކުރިން އެމްޑީޕީން ވަނީ ބުނެފައެވެ.
އެމްޑީޕީގެ ގައުމީ މަޖިލިސް އެކުލެވިގެންވަނީ 147 މެންބަރުންގެ މައްޗަށެވެ. އެ މަޖިލީހަކީ އެމްޑީޕީގެ އެންމެ ފަހުގެ ނިންމުންތައް ނިންމާ މަޖިލީހެވެ.
އެންމެ ފަހުން އެމްޑީޕީން އެ ޕާޓީގެ ގައުމީ މަޖިލީހަށް މެންބަރުން އިންތިހާބުކޮށްފައިވަނީ 2016 ވަނަ އަހަރުގެ މާޗު މަހުގެ 11 ވަނަ ދުވަހުއެވެ. އެމްޑީޕީގެ ގައުމީ މަޖިލީހަށް މެންބަރުން އިންތިހާބު ކުރަނީ ފަސް އަހަރުގެ ދައުރަކަށެވެ.
ޚަބަރު
ޚަބަރު
ޚަބަރު