އިސްލާމީ ތާރީޚު

ޔޫސުފު ބިން ތާޝްފީން 94

އަބްދުﷲ ފާރޫގް ހަސަން

(22 މެއިގެ އަދަދާ ގުޅޭ)

أميـر يـوسف ތެދުވެވަޑައިގެން قـاضى أبـو جـعـفـر އާ މުސާފަޙާ ކުރައްވަމުން ވިދާޅުވިއެވެ. "އަޅުގަނޑުމެން ދެން ބައްދަލުވާއިރު މުލޫކުއްޠަވާއިފުން ތެދުމަގަށް ރުޖޫޢަވެވަޑައިގެންފައިވުން އެދިވަޑައިގެން ކަލޭގެފާނު ދުޢާ ނުކުރައްވަނީ ކީއްވެގެންތޯ؟"

قـاضى أبـو جـعـفـر ޖަވާބު ދެއްވިއެވެ. "އަޅުގަނޑު މިހާރު މުސްކުޅިވެއްޖެ. މުސްތަޙީލު ކަންކަމަށް އެދި ދުޢާކުރާހައި ހިތްވަރެއް މިހާރަކު އަޅުގަނޑުގެ ކިބަޔަކު ނެތް."

މުލޫކުއްޠަވާއިފުންގެ ބޭފަވާތެރިކަމާއި މުޖާހިދުންގެ ފަތަޙަ

أميـر يـوسف ގެ އަމުރުފުޅު އައުމާއެކު سعد بــن عبـدالمـنعــم ވަނީ ޙިޞްނުއްލައިޠުގެ އެންމެފަހުގެ ޙަމަލައިގައި ބައިވެރިވުމަށްޓަކައި އެއްހާސް އަސްވާރުން ފޮނުއްވައިފައެވެ. ބާކީތިބި ފަސްސަތޭކަ ސިފައިންގެ ތެރެއިން ކިއްލާގައި ބައިތިއްބަވައިފައިވަނީ ސާޅީސް އަސްވާރުންނެވެ. ބާކީ ތިބި ސިފައިން ވަނީ ކުދިކުދި ވިލިވިއްޔަށް ބައްސަވައިފައި ކޯރުގެ އައްސޭރީގެ ޗެކްޕޮއިންޓުތަކަށް ފޮނުއްވައިފައެވެ. އެހައި ސަރާސަރު ދިގު ސަރަޙައްދެއް ބަލަހައްޓަން އެހައި މަދު އަދަދެއްގެ ސިފައިން އެއްގޮތަކަށްވެސް ނުފުދެއެވެ. އެހެންކަމުން سعد ވަނީ ދުރު ސަރަޙައްދުތައް ބަލަހައްޓަން އެތަންތާނގެ މުސްލިމު ވަޒަންވެރީންގެ ޚިދުމަތް ހޯއްދަވައިފައެވެ. އެމީހުން ފަރުވާކުޑަކުރިޔަ ނުދެއްވައި އަބަދުވެސް ހުސިޔާރުކަމުގައި ބައިތިއްބެވުމަށްޓަކައި سعد ކޮންމެ ދުވަހަކުވެސް އެތައް އެތައް ކޯހަކަށް ދަތުރު ކުރައްވައެވެ. سعد އޭނާ ހުންނަވާ ކިއްލާގެ އިރުމަތީ ސަރަޙައްދަށް ވަޑައިގެންނެވި ދުވަހެކެވެ. އެދުވަހުވެސް އޭނާ އެތައް ކޯހަކަށް ދަތުރު ކުރެއްވިއެވެ. ވަރަށްގިނަ އަވަށްއަވަށުގައި ބުރުޖެއްސެވިއެވެ. އެތަންތާނގެ ދަނޑުވެރީންނާއި ގޮވީންނަށް އެބައިމީހުންގެ ވާޖިބު ހަނދާންކޮށްދެއްވުމަށްފަހު ކިއްލާއަށް އެނބުރިވަޑައިގެންނެވީ ރޭދެބައިވާން ކައިރިވެފައިހުއްޓައެވެ. އޭރު އޭނާ ހުންނެވީ ވަރަށްބޮޑަށް ވަރުބަލިފުޅުވެފައެވެ. ميـمــونـة އޭނާގެ އާދަފުޅުގެމަތީން سعد ގެ އިންތިޒާރުގައި ހޭފުޅުލައްވައި އިންނެވިއެވެ.

ދުވާލު ހަތަރުދަމުގެ މަސައްކަތްޕުޅުގެ ސަބަބުން سعد ހުންނެވީ ކުރީންވެސް ދެންނެވި ފަދައިން ނުހަނުބޮޑަށް ވަރުބަލިފުޅުވެފައެވެ. އެހެންކަމުން އޭނާ ފަރީއްކުޅުއްވައި ނިމިވަޑައިގެންނެވުމާއެކު އޮށޯވެވަޑައިގެން އަވަހާރަފުޅު ލައްޕަވައިފިއެވެ. ގަޑިޔެއްހައިއިރުވީތަނާ ميـمــونـة އޭނާގެ ގައިކޮޅުގައި ހިއްޕަވައި ފުރޮޅުއްވައި ގަދަ އަވަހާރަފުޅުން ހޭފުޅުލައްވުވައިފިއެވެ. ميـمــونـة ވިދާޅުވިއެވެ. "المـــاس ބޭރުގައިހުރެ އެބަދަންނަވާ!"

سعد ތެދުވެވަޑައިގެން ބޭރަށް ނުކުމެވަޑައިގެންފިއެވެ. المـــاس ފެންޑާގައި ހުއްޓެވެ. "المـــاس ބޭބޭ ކީއްތަވީ؟" سعد ލޯފުޅު އުނގުޅުއްވަމުން ސުވާލު ކުރެއްވިއެވެ.

"ދަރިފުޅުގެ އަވަހާރަފުޅު ހަލާކުކޮށްލެވުނީ ދަރިފުޅުގެ ނާއިބު ކޮމާންޑަރ މާބޮޑަށް ބާރު އަޅުއްވާތީ! ކޮންމެވެސް އަވަށެއްގެ ރިޟާކާރުން ދެމީހަކު އަތުލައިގަނެގެން ގެނެސްފި. އެބައިމީހުން އުޅުނީ ކޯރު ހުރަސްކޮށްފައި ޙިޞްނުއްލައިޠާ ދިމާޔަށް ދާން. އަވަށުގެ މީހުން އެބައިމީހުން ހުއްޓުވުމުން ބުނީ އެބައިމީހުންނަކީ ބަލަންސިއްޔާގެ މީހުންގެ ފަރިޔާދު ހިފައިގެން أميـر يـوسف ގެ އަރިހަށް ދާބަޔަކުކަމުގައި. ޖަވާބުގައި ފާރަވެރީން ބުނީ އެއްވެސްބަޔަކަށް ރޭގަނޑު ކޯރު ހުރަސްކުރުމުގެ ހުއްދަ ނުދެވޭނެކަމަށް. އެހެންކަމުން އެމީހުން އަވަށުގެ ވެރިޔާގެ އަރިހަށްދާން. އެމީހުން ބުނެފި. ތިމަންމެންވެސް މިތިބީ ރޭގަނޑު ހޭދަކޮށްލަން ބައެއްގެ މެހުމާންދާރީއަށް ބޭނުންވެފައި ކަމުގައި. ފާރަވެރީން އެއީ ތެދެއްކަމުގައި ހީކޮށްގެން އެމީހުން އަވަށާ ދިމާޔަށް ގެންގޮސްފި. އެއީ އެގާރަ މީހެއް. ފާރަވެރީންނަށް ހެދުނު ގޯހަކީ އެއީ މުސްލިމުންކަމުގައި ހީކޮށް އެމީހުން އަތަކުން ހަތިޔާރެއް ނާތުލާ. އަސްމައްޗަކުންވެސް ނުބާލާ. އެމީހުން އަވަށަށްދާންދިޔަ މަގުމަތީގައި މުޅީންވެސް ދެއްކީ ބަލަންސިއްޔާގެ މީހުންނަށް ގަންބީޠޫރުގެ ފަރާތުން ލިބެމުންދާ އަނިޔާގެ ވާހަކަ. އެހެންކަމުން ފާރަވެރީންގެ ހިތްތަކުން އެމީހުނާމެދު ޝައްކު ފިލައިފި. އަވަށާ ކައިރިޔަށް ދެވުމުން ފާރަވެރީން އެމީހުނާމެދު ހިތްހަމަޖައްސައިލައިގެން އެއްބަޔަކު އެނބުރި ޗެކްޕޮއިންޓަށް ހިނގައްޖެ. އެމީހުން ދިޔުމާއެކު އެޖަމާޢަތުގެ މީހުން ދެންތިބި ފާރަވެރީންނާ ޙަމަލަދީފި. ފާރަވެރީންގެ ބަޔަކު ޒަޚަމުކޮށްލައިފައި ފިލަން ދުއްވައިގެންފި. ފާރަވެރީން ރޮއި ހަޅޭއްލަވާ އަޑު އިވުމުން އަވަށުގެ މީހުން ނުކުމެ އެޖަމާޢަތުގެ މީހުން ފަހައިގެންފި. ތިންމީހަކު ވަށައިލައިގެން ހައްޔަރުކޮށްފި. ދެންތިބި މީހުން ފިލައިގެން ހިނގައްޖެ. އެމީހުންކުރެ އެކަކު ޤަތުލުވި. އަތުލައިގެނެވުނު މީހުންގެ ތެރެއިންވެސް އެކަކު ވަނީ ޒަޚަމުވެފައި. ފާރަވެރީން އައީ ޒަޚަމުވި މީހާ އަވަށުވެރިގޭގައި ބަހައްޓައިފައި އަނެއް ދެމީހުން ގޮވައިގެން. އެދެމީހުން އެކަކާވެސް ވާހަކައެއް ނުދައްކާ. އެމީހުން ބުނަނީ ތިމަންމެން ވާހަކަ ދައްކާނީ ތިޔަބައިމީހުންގެ ކޮމާންޑަރާ އެކަންޏޭ. އެމީހުން ލައިގެންތިބި ހެދުމުން އެނގޭގޮތުގައި އެއީ މަތީފެންވަރުގެ ބައެއް."

سعد ސުވާލުކުރެއްވިއެވެ. "އެމީހުން ފާސްކުރެވުނުތަ؟"

"އާދެ. އެކަމަކު އިޢުތިރާޟުކުރެވޭފަދަ ނުވަތަ އެމީހުން ކުށްވެރިކުރެވޭފަދަ އެއްޗެއް ނުފެނޭ."

"އާދޭ އަހަންނާއެކު!"

سعد އަވަސްއަވަހަށް ތިރިޔަށް ފައިބައިވަޑައިގެން ކިއްލާގެ އަނެއްކޮޅަށް ވަޑައިގެންފިއެވެ. ކިއްލާގެ ފާރަވެރީންނާއި އަވަށުގެ ބައެއްމީހުން ދެމީހަކު ވަށައިލައިގެން ތިއްބެވެ. سعد ވަޑައިގަންނަވާތަން ފެނުމުން އެމީހުން އެއްފަރާތަކަށް ޖެހިލައިފިއެވެ.

ބަރުބަރީ އޮފިސަރެއް سعد އަރިހުގައި ދެންނެވިއެވެ. "ކަލާ ހުންނެވީ ވަރަށްބޮޑަށް ވަރުބަލިފުޅު ވެފައިކަންވެސް އެނގޭ. އެކަމަކު މިމައްސަލައަކީ ކަލާއަށް އުނދަގޫފުޅު ކުރާންޖެހޭކަހަލަ މައްސަލައެއް!"

"ވަރަށް ރަނގަޅަށް ތިޔަ ހެދީ."

އަވަށުގެ މީހެއް ކުރިޔަށް ޖެހިލައިފައި ހާދިސާގެ ތަފުސީލުތައް سعد އަށް ދަންނަވައިދޭން އުޅުނެވެ. ނަމަވެސް سعد އޭނާގެ ވާހަކަ މެދުކަނޑުއްވައިލައްވައިފައި ވިދާޅުވިއެވެ. "އަޅުގަނޑު ތިޔަވާހަކަ އަޑުއަހައިފިން— ތިޔަބޭކަލުން ވާޖިބު އަދާކުރައްވައިފީމު. ތިޔަބޭކަލުންނަކީ އަޅުގަނޑުމެންގެ މިރޭގެ މެހުމާނުން."

سعد ޤައިދީންނާ ދިމާޔަށް އެނބުރިވަޑައިގެންފިއެވެ. ސިފައިންގެ މީހެއް ދަންމަރެއް ހިފައިގެން سعد ގެ ކަނާތްޕުޅު ފަރާތުގައި ހުއްޓެވެ. سعد ވިދާޅުވިއެވެ. "ތިޔަބައިމީހުންގެ ދިފާޢުގައި އެއްޗެކޭ ބުނަން ބޭނުންތަ؟"

ޤައިދީންގެ ތެރެއިން އެކެއް އިސްއުފުލައިލައިފައި ބުންޏެވެ. "އަޅުގަނޑުމެން ލައްކަ ވާހަކަ ދައްކާން އެބަހުރި. އަޅުގަނޑުމެންނަކީ ދުޝްމިނުންގެ ޖާސޫސުންނެއް ނޫންކަމުގެ ފުރިހަމަ ހެކި އަޅުގަނޑުމެންގެ އަތުގައި އެބަހުރި. އަޅުގަނޑުމެންނާ ބެހޭގޮތުން سلطـان معـتـمـد ގެ ހެކިބަސް ފުދޭކަމުގައި ކަލާ ދެކެވަޑައިގަންނަވާކަމުގައިވާނަމަ އަޅުގަނޑުމެން އެމަނިކުފާނުގެ އަރިހަށް ފޮނުއްވާ."

"ވަރަށް ވަރުގަދަ ހެތްކެއް ތިޔަ ހުށަހެޅީ. އެކަމަކު އެންމެކުރީން ކަލެޔަށްޖެހޭނީ سلطـان معـتـمـد އާ ބަލަންސިއްޔާއާ އޮތީ ކޮންގުޅުމެއްކަން ސާބިތުކޮށްދޭން!"

ޤައިދީ ކަންބޮޑުވެފައި ޖަވާބު ދިނެވެ. "އަޅުގަނޑު ދިޔައީ ގަންބީޠޫރުގެ ތައްޔާރީތަކުގެ މަޢުލޫމާތު ހޯދަން سلطـان معـتـمـد އަންގަވައިގެން."

"އެގާރަ މީހުން ގޮވައިގެން؟"

"ނޫން. މިއީ ބަލަންސިއްޔާއިން އަޅުގަނޑާ އެކުގައި އައިމީހުން. އެމީހުންނަކީ أميـر يـوسف ގެ އަރިހަށްދާ ވަފުދެއް. ކޯރު ހުރަސްކުރުމަށްފަހު އަޅުގަނޑުމެންނަށް އަވަށުގެ ރިޟާކާރުންނާމެދު ޝައްކުވީ. އެއީ އަޅުގަނޑުމެން ފޭރޭންއުޅޭ ބައެކޭ ހީކުރެވުނީ."

"ޑާކޫންދެކެ ބިރުގަންނަ މީހުން ރޭގަނޑަކު ދަތުރެއް ނުކުރާނެ!"

"އަޅުގަނޑު ކަލާއާ ބަހުސެއް ނުކުރާނަން. އަޅުގަނޑުމެންނާމެދު ޝައްކު ކުރައްވަންޏާ سلطـان معـتـمـد ގެ އަރިހަށް ފޮނުއްވާ!"

"سلطـان معـتـمـد މިދުވަސްކޮޅު އުޅުއްވަނީ ވަރަށް އަވަދިނެތި." سعد އެހެން ވިދާޅުވެފައި ސިފައިންގެ މީހާގެ އަތުން ދަންމަރު އަތުލައްވައިގެން ކުރިޔަށް ޖެހިވަޑައިގެން ޤައިދީގެ މޫނަށް އަލިކޮށްލައްވައިފިއެވެ. ސިކުންތުކޮޅެއްހައި އިރުގެ ތެރޭގައި އޭނާގެ ދަގަނޑު އަތްޕުޅު އޮތީ ޤައިދީގެ ކަރުގައެވެ."

"އަހަންނާ ދިމާޔަށް ބަލާލަބަލަ!" سعد އެހެން ވިދާޅުވުމުން ޤައިދީ سعد އާ ދިމާޔަށް ބަލާންފަށައިފިއެވެ. އޭނާގެ މޫނު ރީނދޫވެއްޖެއެވެ. ބަސް ހުއްޓިއްޖެއެވެ.

سعد ވިދާޅުވިއެވެ. "زيـاد! ކަލެޔަކީ އަބަދުވެސް ފިނޑިޔެއް. ކަލޭ އަހަރެންގެ ވަގުތު ނަގައިނުލާ. ކަލޭ ވާހަކައެއް ނުދައްކާނުތަ؟"

سعد، زيـاد ގެ ކަރުފުޅަށް ވަރަށް ބާރަށް ފިއްތަވައިލެއްވިއެވެ. زيـاد ގެ ދެލޯފުޅު ހީވީ ބޭރަށް ނުކުމެއްޖެހެންނެވެ. سعد އަނެއްކާވެސް އޭނާގެ އަތްޕުޅު ދޫކޮށްލައްވައިފައި ވިދާޅުވިއެވެ. "ހީވަނީ ކަލޭ މިހާރު ލައްކަ ހަރުވެއްޖެހެން. އެކަމަކު އިންސާނީ ބުއްދިވަނީ ތިޔަކަހަލަ މީހުންގެ ހިތާއި ދުލާ ދެމެދު ގުޅުން އުފެއްދުމަށްޓަކައި އަޖައިބުވެ ހައިރާންވާފަދަ އީޖާދުތަކެއް ކޮށްފައި. މި ކިއްލާގެ ކޮޓަރިއެއްގައި އެބާވަތުގެ އާލަތެއް އެބަހުރި. އެ އާލަތް ފެންނައިރަށް ކަލޭ ގުރައެއްހެން މޮށޭންފަށައިފާނޫ. ހީވާގޮތުން އެއީ ކަލޭ ކަހަލަ ކޮންމެވެސް ބުއްދިވެރިޔެއްގެ އީޖާދެއް. އަހަރެމެން މިކިއްލާ ހިފުމަށްފަހު އެ އާލަތަކީ ބޭނުމެއްނެތް އެއްޗެއްކަމުގައި ހީކޮށް އަންދައިލަންވެސް ހިތަށްއެރި. އެކަމަކު ފަހުން ހިތަށް އަރައިފި. އެ އާލަތުގެ އުފެއްދުންތެރިޔާގެ ނަސްލުގެ ބޭފުޅަކުވެސް މިތަނަށް ވަޑައިގެންފާނެއޭ. މިއަދު ކަލޭ އަތުވެއްޖައީމު. މިހައިތަނަށް ކަލޭ ވާނީ ކުށެއްނެތް އެތައްބަޔަކު އެކަހަލަ އާލަތުގައި ތިއްބައިފައި. އަހަރެން ކަލޭގެ ގާތުގައި ބުނާކަށެއް ނުޖެހޭނެ. މުޖުރިމުން ލައްވައި ބަސްމޮއްޓުވަން އެއީ މިވެނިހައި ބޭނުންތެރި އާލަތެކޭއެއް."

سعد އިޝާރަތްކޮށްލެއްވުމާއެކު ސިފައިން ޤައިދީންގެ ދެމީހުން ކޮޓަރިޔަކާ ދިމާޔަށް ގެންގޮސްފިއެވެ. ކޮޓަރީގެ ދޮރާ ހަމަޔަށް ވަޑައިގެންނެވޭއިރަށް زيـاد ހަޅޭއްލަވަން ފައްޓަވައިފިއެވެ. "އަޅުގަނޑު އެއްވެސް ކުށެއް ނުކުރަން. އަޅުގަނޑަކީ އިޝްބީލިއްޔާގެ ރަސްގެފާނުގެ މުވައްޒަފެއް. އަޅުގަނޑުގެ އަޑު މި ކިއްލާގެ ހަތަރުފާރުން ބޭރަށް ނުނިކުންނާނެކަމަށް ހީފުޅުނުކުރައްވާތި! މިހާރު އަޅުގަނޑުގެ އެކުވެރީންކުރެ ބައެއް ބޭފުޅުންނަށް ޙިޞްނުއްލައިޠަށް ވަޑައިގެންނެވިދާނެ. سلطـان معـتـمـد އަށް އަޅުގަނޑުގެ ޚަބަރު އެނގިވަޑައިގެންނެވުމުން ހިމޭނަކުން ނުހުންނަވާނެ. އަޅުގަނޑުގެ ބަދަލުގައި އެއަވަށުގެ އެންމެން މަރުއްވާނެ! އަޅުގަނޑުގެ ޤާތިލަކީ ކަލާކަން އެނގިވަޑައިގެންފިނަމަ ދުވަހަކުވެސް މާފެއް ނުކުރައްވާނެ. سلطـان معـتـمـد އަށް أميـر يـوسف ގެ އަރިހުގައި ވިދާޅުވާން ޖެހިވަޑައިގަންނަވަނީ ހަމައެންމެ ޖުމުލައެއް. އަޅުގަނޑަކީ ކުށެއްނެތް މީހެކޭ."

سعد އޭނާ ކޮޓަރީގެ ތެރެޔަށް ކޮއްޕައިލައްވަމުން ސިފައިންނަށް އަމުރުކުރެއްވިއެވެ. "މީނާ އާލަތާ ގުޅައިލާ!"

(ނުނިމޭ)