މަނޯޖް ބަޗްޕާއީގެ ފެމިލީ މޭން2 ނެރުން މަނާކުރުމުގެ އަމުރަކަށް ރާޖްޔަ ސަބާގެ މަޖިލިސް މެންބަރު ޔޫނިއަން އައި އެންޑް ބީ މިނިސްޓްރީގައި އެދިވަޑައިގެންފި އެވެ.

ފިލްމު މަނާ ކުރުމަށް މެންބަރަކު އެދިވަޑައިގެންފައި މި ވަނީ މަނޯޖް ބަޗްޕާއީ ވެބް ސީރީސް ފެމިލީ މޭންގެ ދެވަނަ ސީޒަން ނެރުމަށް ތައްޔާރުވަމުން އަންނަނިކޮށެވެ.

މަނޯޖް ބަޗްޕާއީ އަދި ސަމަންތާ އަކިނޭނީ ފެނިގެންދާ ވެބް ސީރީސް ފެމިލީ މޭން 2 ބެލުންތެރިންނާ ހަމައަށް ނާންނަނީސް ނެރުން މަނާ ކުރުމުގެ އަމުރަކަށް ރާޖްޔަ ސަބާގެ މަޖިލިސް މެންބަރު ވައިކޯ އެދިވަޑައިގެންފައި މިވަނީ އެ ސީރީސްގައި ތަމަޅައިން ޓެރަރިސްޓުންގެ ގޮތުގައި ދައްކާތީ ކަމަށް މެންބަރުގެ ޝަކުވާ ސިޓީގައި ވިދާޅުވެފައި ވެއެވެ.

ފެމިލީ މޭން 2 ގެ ޓްރެއިލާގައި ފެންނަ ގޮތުގައި ތަމަޅައިން ވަނީ ޕާކިސްތާނުގެ އައިއެސްއައި ޖަމާއަތާ ގުޅިފައި އެވެ. އޭގެ އިތުރުންވެސް ޓެމިލް އީލާމުން ވެފައިވާ ގުރުބާނީ މިސީރީސްގައި ގޯސްކޮށް ދައްކާފައިވާ ކަމަށް މެންބަރު ވިދާޅުވެ އެވެ.

އެސިޓީގައި އިތުރަށް ބުނީ ފެމިލީ މޭން 2 ނެރުން ހުއްޓާ ނުލައިފިނަމަ ޓެމިލްނާޑޫގެ ރައްޔިތުން މިކަމާ ދެކޮޅަށް ހަމަނުޖެހުން ހިންގުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ސަރުކާރަށް މިކަމުން ގޮންޖެހުންތަކާ ކުރިމަތިވެދާނެ ކަމަށެވެ. ފެމިލީ މޭން 2 ގެ ޓްރެއިލާ އާއްމުކުރުމާއެކު ތަމަޅައިން އަންނަނީ އެޝޯއާ ދެކޮޅު ހަރަކާތްތައް ކޮންމެވެސް ވަރަކަށް ޓުވިޓާގައިވެސް ހިންގަމުންނެވެ.

އަންނަ މަހު 4 ގައި އެމޭޒަން ވީޑިއޯގައި ނެރުމަށް ހަމަޖެހިފައިވާ ''ފެމިލީ މޭން 2'' ގެ ޓްރެއިލާ އާއްމުކުރުމާއެކު މިހާތަނަށް 40 މިލިއަން ވިއުސް ވަނީ ލިބިފަފައެވެ. މިދިޔަ އަހަރު ރިލީސް ކުރި ފެމިލީ މޭން އަކީ އިންޑިއާގެ އިތުރުން ދުނިޔޭގައި ވަރަށް ބޮޑު މަގުބޫލުކަމެއް ލިބިގެން ގޮސްފައިވާ ވެބް ސީރީސްއެކެވެ.