ގެވެށީ އަނިޔާގެ މައްސަލައެއް ހުށަހެޅުމާ ގުޅިގެން، ރައްޔިތުންގެ މަޖިލީހުގެ އިޖުތިމާއި ކޮމިޓީގެ މުގައްރިރު ކަމުން ކެނދިކުޅުދޫ ދާއިރާގެ މެންބަރު އަހުމަދު އީސަ ވަކި ކުރަން މަސައްކަތް ކުރީ ގޯސްކޮށް ކަމަށް ވިދާޅުވެ، މައްސަލަ ބަލައި ދިނުމަށް އީސަ އެ މައްސަލަ ކޮމިޓީއަށް މިއަދު ހުށަހަޅުއްވައިފިއެވެ.

އީސަގެ ކުރީގެ އަނބިކަނބަލުން އަސްރާ ނަސީމަށް، އޭނާ އަނިޔާކުރި ކަމަށް ތުހުމަތުކޮށް އެ މައްސަލަ ފުލުހަށް ހުށަހެޅުމާ ގުޅިގެން، އިޖުތިމާއީ ކޮމިޓީގެ މުގައްރިރުކަމުން ވަކި ކުރަން ކުރި މަސައްކަތްތަކަށްފަހު، މިއަދު ބޭއްވި އެ ކޮމިޓީގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އީސަ ވިދާޅުވީ، މަޖިލީހުގެ ކޮންމެ މެންބަރަކީ ސިޔާސީ މީހެއް ކަމަށާއި، ކޮންމެ ފަދަ ހާލަތެއްގައިވެސް މެންބަރަކަށް ތުހުމަތެއް ކޮށްފާނެ ކަމަށެވެ.

އެގޮތަށް އުފުލާ ތުހުމަތުގެ ކުޑަބޮޑުމިނުގެ ޒިންމާ އުފުލަން ޖެހޭ މިންވަރަކީ ކޮބައިކަން ދެނެގަތުމަށް، އެ މެންބަރަކު ނިސްބަތްވާ ކޮމިޓީން މަސައްކަތެއް ނުކޮށް އެ މެންބަރަކާ ދޭތެރޭ ފިޔަވަޅު އަޅަން މަސައްކަތް ކުރުމަކީ ގަބޫލު ކުރެވޭނެ ކަމެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މުސްތަގުބަލުގައިވެސް އެފަދަ ކަމެއް ހިނގައިފިނަަމަ، ކުރެވޭ ތުހުމަތުތަކާ ގުޅިގެން ޖަވާބުދާރީ ވުމަށް އެ މެންބަރަކަށް ފުރުސަތު ދޭން ޖެހޭނެ ކަމަށްވެސް ވިދާޅުވިއެވެ.

އީސަ މުގައްރިރު ކަމުން ވަކި ކުރަން އެ ކޮމިޓީގެ ނައިބު މުގައްރިރު އިސްވެ ހުންނަވައިގެން މަސައްކަތް ކުރެއްވި ނަމަވެސް އެކަމަށްޓަކައި ބޭއްވި ކޮމެޓީ ބައްދަލުވުމަށް އެކަށީގެންވާ އަދަދަށް މެންބަރުން ހާޒިރު ނުވެގެން އެކަން ވާ ގޮތް ވަނީ ނުވެފައެވެ.

އެންމެ ފަހުން އީސަ އަމިއްލައަށް މުގައްރިރުކަމުގެ މަގާމުން ވަނީ އިސްތިއުފާ ދެއްވައިފައެވެ.

އީސަގެ އިސްތިއުފާއަށްފަހު މިއަދު ބޭއްވި ކޮމިޓީ ބައްދަލުވުމުގައި އެ ކޮމިޓީގެ މުގައްރިރު ކަމަށް އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝިފާއު ވަނީ އިންތިހާބު ކޮށްފައެވެ.

އީސަ އިތުރަށް ވިދާޅުވީ، ކޮންމެ މީހަކަށްވެސް ދިފާއުގައި މަސައްކަތް ކުރުގެ ހައްގަކީ ގާނޫނުއަސާސީން ދީފައިވާ ހައްގެއް ކަމަށެވެ.

ވަކި މަގުސަދަކަށް ޓަކައި، އެ ހައްގަށް ނުފޫޒު ފޯރުވައިގެން އެ ހައްގުން މަހުރޫމު ކޮށްފައި މަޖިލިސް މެންބަރުންނާ ދޭތެރޭ، ފިޔަވަޅު އަޅަން މަޖިލީހުގެ އެކިއެކި ގުނަވަންތަކުން މަސައްކަތް ކުރުމަކީ އެ މުއައްސަސާގެ ޒިންމާދާރު ކަމާމެދު ރައްޔިތުން ސުވާލު އުފައްދާނެ ކަމެއް ކަމަށްވެސް އީސަ ވިދާޅުވިއެވެ.

އީސަ ވިދާޅުވީ ކޮމިޓީގެ މުގައްރިރުކަމުން އޭނަ ވަކިކުރަން މަސައްކަތް ކުރި ދުވަހު ކަން ހިނގައިދިޔަ ގޮތާ މެދު، ކޮމިޓީގެ މެންބަރުންނާމެދު ރައްޔިތުންގެ މެދުގައި އޮޅުން އަރައި ސުވާލުތައް ކޮށް، ބޮޑެތި ބަދުނާމު ތަކެއް ވެފައިވާ ކަމަށެވެ.

އެހެންކަމުން އެކަން ހިނގައިދިޔަ ގޮތް ކޮމިޓީން ބަލައި އެކަން ހިނގައިދިޔަ ގޮތް ރައްޔިތުންނަށް ސާފުކޮށްދިނުމަށް ކޮމެޓީން ބަޔާނެއް ނެރުމަށް ހުށަހަޅުއްވާ ކަމަށް އީސަ ވިދާޅުވިއެވެ.